އެމްއީއެސްގެ ސްކައުޓުން 1990ގައި ގދ. ގައްދު އާއި އެރަށު ފަޅުތެރޭގައި އޮންނަ ރޮދެވައްރެހާއާ ގުޅުވާލި ދަނޑި ބްރިޖް ކައިރީގައި ގައްދޫ މީހުން މަޑުކޮށްލައިގެން

ހަނދާނުގެ ތެރެއިން މި ބްރިޖް، މިއީ ދަރިވަރުންތަކެއްގެ ހިތްވަރު

މީގެ 33 އަހަރު ކުރިން އެމްއީއެސްގެ ހަތް ސްކައުޓަކު ހުވަދު އަތޮޅަށް ކުރި 'ސަދަން ޖާނީ'ގައި ގައްދު އާއި ފަޅުރަށަކާ ދެމެދު ދަނޑިން 800 މީޓަރުގެ ބްރިޖެއް ހެދި

މީގެ 33 އަހަރު ކުރިން، އޭރުގެ އެމްއީއެސްގެ އިސް ސްކައުޓް ލީޑަރުންތަކެއް ވަރަށް ބޮޑު ދަތުރަކަށް ނުކުތެވެ. އެ ދަތުރަށް ދިން ނަމަކީ 'ސަދަން ޖާނީ' އެވެ. ބޮޑު ޗުއްޓީގައި ހުވަދު އަތޮޅަށް ފެށި ދަތުރުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެންމެ ބޮޑު ބްރިޖު އެޅުމެވެ. 

މި ދިގު ދަތުރުގައި ހަތް ސްކައުޓުންނާއި އެ ކުދިންގެ ލީޑަރެއްގެ ގޮތުން ސްކައުޓް އެސޯސިއޭޝަނުން ފޮނުވި ސްކައުޓް އޮފިޝަލް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރި އެވެ. 

ދަނޑި އާއި ވާ ބޭނުންކޮށްގެން ހަދަން ރާވާފައި އޮތް ބްރިޖްގެ މަސައްކަތަށް އެނބުރުމުގެ ކުރިން މި ގްރޫޕް، ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށްހެން ޒިޔާރަތްކުރި އެވެ. ބޭނުމަކީ ސްކައުޓްގެ ހަރަކާތް ހިމެނޭ ރަށެއް ނަމަ، ސްކައުޓުންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.

އޭރު އެފަދަ ކަމެއްގައި ދަރިވަރުން ރަށްރަށަށް ދާއިރު އެޓޯލްސް މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ބޭނުންވެ އެވެ. އެ ހުއްދަ ރަސްމީ ސިޓީއެއްގެ ގޮތުގައި ލިބުމުގެ އިތުރުން އެއީ އެ ދަރިވަރުންނަށް ވަރަށް ބޮޑު އެހީއަކަށް ވެސް ވެ އެވެ.

"އެޓޯލްސް މިނިސްޓްރީން ދިން ސިޓީއަކީ ވަރަށް ބޮޑު ނަސީބެއް. ކޮންމެ ރަށަކުންހެން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރީ،" މި ދަތުރުގައި އެންމެ އިސްކޮށް ހުރި އެއް ސްކައުޓް ކަމަށްވާ މުހައްމަދު އިމްތިޔާޒު (އިންތި) ބުންޏެވެ.

އެމްއީއެސްގެ ސްކައުޓް ލީޑަރެއް ކަމަށްވާ މުހައްމަދު އިމްތިޔާޒު ސްކައުޓް ކޭމްޕެއްގައި

އެހެން ސްކައުޓެއް ކަމަށްވާ މުހައްމަދު އިބްރާހިމް (އެމްއައި) ބުނި ގޮތުގައި މުޅި ދަތުރަކީ މިހާރަށް ބެލި ނަމަވެސް ނަމޫނާއެކެވެ. އެއް ކަމަކީ ސްކައުޓް ގްރޫޕް އެކަނިމާއެކަނި، ކުޑަ ބޮއްކުރައެއްގައި، އެ ބޮޑު އަތޮޅުގެ ރަށްރަށަށް ކުރި ޒިޔާރަތްތަކެވެ. އޭނާގެ އުފަން ރަށް ގއ. ވިލިނގިއްޔަށް އެރީ ވެސް، ސްކައުޓްގެ ރަސްމީ ހަރަކާތެއްގެ ގޮތުގަ އެވެ. އެހެންކަމުން އެ ހަރަކާތްތަކުން ދުރުވެ، ނުވަތަ މަކަރެއް ހަދައިގެން ގްރޫޕުން ވަކިވެގެން ގޮސް ގެއަށް ވަނުމުގެ ހިޔާލެއް ނޯވެ އެވެ. އޭގެ ބަދަލުގައި އޭނާގެ އަމިއްލަ ގެއަށް، ސްކޫލް ބޮޑު ޗުއްޓީ ތެރޭގައި ޒިޔާރަތްކުރީ، ޖެހިގެން އޮތް އެހެން ރަށެއްގައި ކޭމްޕްކޮށްގެން ތިބި އިރު ލިބުނު ފުރުސަތެއްގަ އެވެ. 

"އަޅުގަނޑުމެން އެންމެން ވެސް އަސްލު އުޅުނީ ސްކައުޓްގެ ރަސްމީ ހަރަކާތެއްގައި. ދެން އަޅުގަނޑުމެންނަށް ދަސްވެފައި އޮންނަނީ އެ ކުރާ ކަމެއްގައި ރަނގަޅަށް އުޅެން،" ރާއްޖޭގެ މިނިވަންކަމުގެ ރިހި ޔޫބީލް އަހަރު، 1990ގައި ޓީވީއެމުން ތައްޔާރުކުރި ގައުމީ ބައެއް ލަވަތަކުގައި، ދަރިވަރެއްގެ ގޮތުން އެކްޓް ވެސް ކުރި މުހައްމަދު އިބްރާހިމް ބުންޏެވެ.

އެމްއީއެސްގެ ސްކައުޓް ލީޑަރުންތަކެއް ހަރަކާތެއްގެ ތެރޭގައި: ސްކައުޓަކީ ތައުލީމީ ދާއިރާގައި ކުރިން ވަރަށް މުހިންމު ބައެއް

އިމްތިޔާޒަކީ މުޅި މި ހަރަކާތުގެ އާރުކާޓީ އެވެ. އެހެން ސްކައުޓް ލީޑަރުން ނަމޫނާއަކަށް ވެސް ނަގަނީ އިމްތިޔާޒެވެ. އޭނާ ބުނި ގޮތުގައި އެ ދަތުރު ކުރީ ރާއްޖޭގެ ސްކައުޓުންގެ ބަޔަކު އޭގެ ކުރިން ނުހަދާ ވަރުގެ ބްރިޖެއް، އޭނާގެ ގްރޫޕަށް އެޅިދާނެކަމުގެ އުއްމީދު އޮވެގެންނެވެ.

"ސްކައުޓުން އޭގެ ކުރިން މާލޭގައި އެކަހަލަ ކުޑަކުޑަ ބްރިޖެއް ހެދި، އޭރުގެ ހިއްކި ބިމުގައި،" އިމްތިޔާޒު ބުންޏެވެ.

ދިވެހި ސްކައުޓުން 1989ގައި މިހާރުގެ ކަލާފާނު ސްކޫލް ކުރިމަތީގައި އޮތް ހުސް ބިމުގައި ހެދި ކުޑަ ބްރިޖެއް

އެއަށް ވުރެ ދިގު ބްރިޖެއް، ހަތް ސްކައުޓުންގެ މަސައްކަތުން ހެދުމަކީ ކުޑަ ކަމެއް ނޫނެވެ. މާލެއިން ފުރީ ބޭނުންވާނެ ލަކުޑި ކެނޑުމުގެ ހުއްދަ ރަސްމީ ގޮތުން ހޯދައިގެންނެވެ. އޭރު ވެސް ރަށްރަށުން ގަސް ކެނޑުން އޮންނަނީ ވަކި އުސޫލެއްގެ ތެރެއިންނެވެ.

ގައްދޫ ކައިރީގައި އޮތް ފަޅުރަށަކަށް ގޮސް، ބްރިޖަށް ބޭނުންވާނެ ދަނޑި އާއި ފަތި ހަދަން ބޭނުންވާނެ ގަހުގެ އެހެން ބައިތައް ކަނޑައިގެން، އެ އެއްޗެހި ވަކި ސައިޒްތަކަށް ބުރިކޮށް، މިހެން ގޮސް ހުރިހާ ކަމެއް ކުރީ، ހަތް ސްކައުޓުންނެވެ. އެކަމަކު ބްރިޖް ހަދަމުން ދިޔައިރު ގައްދޫ ސްކޫލްގެ ބައެއް ދަރިވަރުންނާއި ސްކައުޓުން ބައިވެރިވި އެވެ. 

"ގައްދޫގެ އެއްކޮޅުގައި ޓެންޓެއް ޖަހައިގެން އަޅުގަނޑުމެން އުޅުނީ،" އިމްތިޔާޒު ބުންޏެވެ.

ގައްދު އާއި ރޮދެވައްރެހާއާ ދެމެދު 800 ވަރަކަށް ފޫޓު ހުންނާނެ ކަމަށްވެ އެވެ. ބައެއް ހިސާބުތައް ފުންކަމުން ބްރިޖް ގެންދިޔައީ، ފުން ދިމާތަކުގައި އެއްވެސް ފައިކައްޓެއް ނުޖަހަ އެވެ.

 ގައްދު އާއި ރޮދެވައްހުރާއާ ގުޅާލި ބްރިޖް ހެދުމުގެ މަސައްކަތުގައި، އެމްއީއެސްގެ ހަތް ސްކައުޓުން ހަރަކާތްތެރިވަނީ 

ތާރީހީ ބްރިޖް ހެދި އެމްއީއެސްގެ ސްކައުޓް ގްރޫޕް

  • މުހައްމަދު އިމްތިޔާޒު (އިންތި)

  • މުހައްމަދު އިބްރާހިމް (އެމްއައި)

  • އަހުމަދު މަނިކު

  • މުހައްމަދު މައުސޫލް

  • އަހުމަދު މީޝާގު

  • އިބްރާހިމް ރަޝީދު

  • ހަސަން ޝަފީގް

ބްރިޖްގެ މައިގަނޑު އެއް ބަޔަކީ ދިގު ވަލެވެ. އެ ވާތައް ހޯދީ އޮޑިވެރިންގެ އަތުންނެވެ. ތަފާތު ވައްތަރަށް ގޮށް ޖެހުމަކީ ސްކައުޓުންގެ މުހިންމު އުކުޅެކެވެ. އިމްތިޔާޒުގެ ގްރޫޕްގައި ގާތްގަނޑަކަށް 50 ވައްތަރުގެ ގޮށް ޖަހަން އެނގޭ ސްކައުޓުން ހިމެނެ އެވެ. ބްރިޖް ވަރުގަދަކޮށް ހިފަހައްޓަން، އެކި ހިސާބުތަކަށް ބޭނުންވާ އެކި ކަހަލަ ގޮށް ޖަހާލަން އެ ދަރިވަރުންނަށް މާ ބޮޑު ކަމަކަށް ނުވި އެވެ.

ގައްދު އާއި ރޮދެވައްރެހާއާ ގުޅުވާލި ދަނޑި ބްރިޖް މަތިން މީހުން ހިނގާފައި ދަނީ: މިއީ އެހާ ތަނަށް ރާއްޖޭގައި ހެދި އެންމެ ބޮޑު ބްރިޖް

ބްރިޖް ހަދާ ނިމުމުން މުޅި ރަށަށް ލިބުނީ ހައިރާންކަމެވެ. އެއީ އޭގެ ކުރިން އެމީހުން ދުށް މަންޒަރެއް ނޫނެވެ. އެކަމަކު ރަށު ރައްޔިތުންނަށް އޭގެ ތަޖުރިބާކޮށްލަން ލިބުމުގެ ކުރިން 'ހަމަލާއެއް' އެރި އެވެ. ތިމާއަށް ނުކުރެވޭ ކަމެއް އެހެން ބަޔަކު ކުރަންޏާ އެ އުފެދޭ ހަސަދަވެރިކަމުގެ ތެރެއިންނެވެ.

"ބްރިޖް ހަދާ ނިންމާފައި، އަނެއް ދުވަހު ހޭލި އިރު ރަށުގެ ކޮޅުން އޮތީ ބްރިޖްގެ ވަލެއް ބުރިކޮށްލާފައި،" ގައްދުއަށް އުފަން އިމްތިޔާޒު ބުންޏެވެ.

"ދެން އަނެއްކާ ޖެހުނީ ބްރިޖްގެ އެ ހިސާބު ތެދުކޮށް، އެކަމައިގެން އުޅެން. އެކަން ވެސް ހަމަ ހިތްވަރުލާފައި ކުރީ. އެ ދުވަހު ބްރިޖް ބޭނުންކުރެވޭ ވަރަށް ނިންމާލިން."

މުހައްމަދު އިބްރާހިމް، ކ، އާއި މުހައްމަދު އިމްތިޔާޒު، ސިނަމާލެ ބްރިޖް ފެންނަ ހިސާބުގައި އިށީދެލައިގެން: މިފަދަ އަސްލު ބްރިޖެއް ރާއްޖެއިން ފެނިދާނެ ކަމަށް މީގެ 33 އަހަރު ކުރިން ދިވެހިންނަށް ގަބޫލެއްނުކުރެވޭނެ -- ދައުރު ފޮޓޯ/ހުސަައިން ސުނައިން

ސްކޫލް ނިންމައި ކަސްޓަމްސްއަށް ވަން ގޮތަށް އަދިވެސް އެތަނުގައި ވަޒީފާ އަދާކުރަމުން އަންނަ މުހައްމަދު އިބްރާހިމް ބުނީ އެ ދަތުރުގެ ތަޖުރިބާއަކީ މިއަދުގެ ދަރިވަރުންނަށް ވެސް ނަމޫނާއެއް ކަމަށެވެ.

"އަޅުގަނޑުމެން އެކަނި ކަހަލަ ގޮތަކަށް އެ ބޮޑު މަސައްކަތް ނިންމާލީ. ހިތްވަރު ދެރައެއް ނުކުރަން،" އޭނާ ބުންޏެވެ.

އިމްތިޔާޒު ބުނި ގޮތުގައި ބްރިޖަކީ ކޮބައިކަން އޭރު ގިނަ ދިވެހިންނަކަށް ނޭނގެ އެވެ. ދަނޑި ފަދަ އެއްޗެހިން ހެދި ނަމަވެސް އެއީ އޭރަށް ބަލާ ނަމަ އެތައް ބަޔަކު ހައިރާންވި މަސައްކަތެއް ކަމަށް، އޭނާ ގަބޫލުކުރެ އެވެ.

"މުޅި ރަށަށް އީދެއް އައިސްގެން އުޅޭހެން ހީވީ،" 33 އަހަރު ކުރީގެ ހަނދާންތައް އާކުރަމުން އޭނާ ބުންޏެވެ.

ބްރިޖް ބޭނުންކުރަން އާންމުންނަށް ހުޅުވާލި ދުވަސްތަކުގައި ރަށުގެ ވަރަށް ގިނަ ބަޔަކު އެއްކޮޅުން އަނެއް ކޮޅަށް ހިނގި އެވެ. ހަވީރު ވަގުތު އެ ހިސާބަށް ހުރިހާ އުމުރެއްގެ މީހުން އެއްވެ އެވެ.

އޭރު ސްކައުޓުންނަކީ ވަރަށް މުހިންމު ބައެކެވެ. ހާއްސަކޮށް މަޖީދިއްޔާ އާއި އެމްއީއެސްގެ ސްކައުޓުންގެ ހަރަކާތްތައް މަޝްހޫރެވެ. ސަރުކާރުން ބާއްވާ ބޮޑެތި ހަފުލާތަކުގެ އިންތިޒާމްތައް ބަލަހައްޓައިދިނެވެ. ގަލޮޅު ދަނޑު ފުރާލައި ވާދަކުރުންތަކުގައި ޓިކެޓް ކަނޑާށާއި އެހެން ކަންކަމުގައި އެހީތެރިވުމުގެ އިސް ރޯލު އަދާކުރީ ސްކައުޓުންނެވެ.

"އަޅުގަނޑުމެން ހުންނާނެ މިސާލަކަށް މީހެއްގެ އަތުގައި ފާސް ނެތީ، ނޫނީ ޓިކެޓް ނެތީމާ ވަރަށް ބޮޑެތި ބޭފުޅުން ނުވައްދާ ފޮނުވާ ވެސް ލާފައި،" އިމްތިޔާޒު ބުންޏެވެ.

"މީހެއްގެ މޫނަކަށް ބެލުމެއް ނޯންނާނެ، ޓިކެޓް ނޫނީ ފާސް ކަމަށް ވާ ނަމަ އެ ފާސް އޮންނަންވާނެ، އެ ދެއްކީމާ ވައްދާނީ."

އެކަމަކު ސަދަން ޖާނީގެ ބޮޑު ހަރަކާތަށް ރަސްމީ އެއްވެސް އަގުވަޒަންކުރުމެއް ނުލިބުނެވެ. ސްކައުޓުން ކާމިޔާބުކަމާ އެކު ނިންމާލާ ބޮޑެތި ކަންކަމަށް ހާއްސަ ބެޖެއް ނުވަތަ އެހެން ކޮންމެވެސް ގޮތަކަށް ނަމަވެސް ރަސްމީ ސިފައެއްގައި އޮންނަ ބަލައިގަތުން، މި ބްރިޖާއި އެ ދަތުރުގައި އެހެން ރަށްރަށަށް ޒިޔާރަތްކޮށްގެން ހިންގި ހަރަކާތްތަކަށް، ނުހޯދުނެވެ.

"އެކަމާ އަޅުގަނޑުމެން ވަރަށް ދެރަވޭ މިހާރު ވެސް،" މުހައްމަދު އިބްރާހިމް ބުންޏެވެ.

އިމްތިޔާޒު ބުނި ގޮތުގައި މިއަދާ ހަމައަށް ވެސް ދިވެހި ސްކައުޓުން އެ ފެންވަރުގެ މަސައްކަތެއް ކޮށްފައެއް ނޯންނާނެ އެވެ. ސްކައުޓް އެސޯސިއޭޝަނުން އެކަން ބަލައިނުގަތަސް އެއީ ހަތް ސްކައުޓުން، ރަސްމީ ލީޑަރެއްގެ ބެލުމުގެ ދަށުން ފުރިހަމަކުރި ކާމިޔާބު ދަތުރެއް ކަން އޭނާ ފާހަގަކުރި އެވެ.

މިހާރު ގައްދު އާއި ރޮދެވައްރެހާ ވަނީ ހިއްކައިގެން ގުޅާލައިފަ އެވެ. އެކަމަކު 33 އަހަރު ކުރީގެ އެ ހަނދާންތައް ފިލައިގެންނެއް ނުދެ އެވެ. އިމްތިޔާޒުގެ ގްރޫޕަށް އެއީ ސްކޫލް ދައުރުގެ އެންމެ ތަފާތު، އެންމެ ބޮޑު، އަދި އެންމެ ގަދަ ހިތްވަރެއް ވެސް ހިމެނުނު ތަޖުރިބާ އެވެ.

ކޮމެންޓް (2)

"ޑރ ހަސަން ހަމީދު" ގެ ލިއުއްވުމަކުން

17 މޭ 2023
"ކޯރެއް ނުވަތަ ފެންގަނޑެއް ނުވަތަ ކަނޑު ހުރަސްކޮށް އޭގެ މަތިން ދަތުރުކުރަން އޮންނަ ބިނާއަށް އަސްލު ކިޔާ ނަމަކީ "ފާލަން". މި ލަފުޒު ދިވެހިބަހަށް އައިސްފައިވަނީ މަޅަޔާލަމް ބަހުން ކަމަށް ލަފާކުރެވެއެވެ. މަޅަޔާލަމް ބަހާއި ސިންގަޅަބަހުން "ޕާލަން" ކިޔަނީ ބްރިޖަށެވެ. ދިވެހިބަހުގައި ޕަވިޔަނީގެ އަޑުތައް މީގެ 600 އަހަރު ކުރިން ފާފުގެ އަޑަށް ބަދަލުވިއިރު ޕާލަން ފާލަމަށް ވީއެވެ."
5 0

ސަމީރު

16 މޭ 2023
އެ ފާލަމުގައި ހިނގުމުގެ ޝަރަފު ލިބުނު! އެއީ ވަރަށް ބުރަ މަސައްކަތެއް!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް