އައިންތު ހަމީދު ބީއެމްއެލްގެ އެހީއާ އެކު އުދުހި ގެންފި
މީގެ ދެ މަހެއްހާ ދުވަސްކުރި އެވެ. އެސްއެމްއީ ހަބުގައި ކާތަކެތި ވިއްކާ ކިއޯސްކުތައް ހުންނަ ފްލޯގައި ދިގު ކިއުއެއް ދަމާލާފައި އޮތެވެ. އެއީ ޕޭސްޓްެރީ ޝެފް އައިންތު ހަމީދުގެ 'މޯލްޑިވިއަން ޕެޓިސިއާ' އިން ވިއްކާ ވައިރަލް ދުބާއީ ޗޮކްލެޓް ގަންނަން ޖަމާވެފައި އޮތް މީހުންނެވެ. އެ ޗޮކްލެޓް އާންމުންގެ މެދުގައި މަގުބޫލުވި ދުވަސްވަރު، ރާއްޖޭގައި އައިންތު ހަމީދު ތައްޔާރުކުރާ އެ ޗޮކްލެޓް ގަންނަން މީހުން ކިޔު ހެދުން އޮތީ އާންމު ކަމަކަށް ވެފަ އެވެ. އޭނާ އެ ޗޮކްލެޓް ތައްޔާރުކުރުމުން އެ ރަހަ ގިނަ މީހުންނަށް ކަމުދިޔައީ އެވެ.
މޯލްޑިވިއަން ޕެޓިސިއާގެ ނަމުގައި އިންސްޓަގުރާމުގައި އައިންތު ހަމީދު ހިންގާ ޕޭޖުން ދިވެހި އެތައް ބަޔަކަށް މީރު ފޮނި ކާތަކެތި ފޯރުކޮށްދޭތާ 12 އަހަރެއްހާ ދުވަހަށް ފަހު އޭނާ މިހާރު ތައްޔާރުވަމުން އެ އަންނަނީ އޭނާގެ މަސައްކަތުގެ މުޅިން އާ ބާބެއް ފަށާށެވެ.
'މޯލްޑިވިއަން ޕެޓިސިއާ' ގެ ނަމުގައި އަމިއްލަ ބޭކަރީއެއް ހުޅުވަން އޭނާ މިހާރު އެ ހުރީ ހުރިހާ ކަމެއް ހަމަޖައްސައި ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެއީ ގައުމީ ބޭންކު، ބީއެމްއެލްގެ އެހީތެރިކަމާ އެކު އެވެ.
ބީއެމްއެލްއިން އަލަށް ފަށާ ވިޔަފާރިތަކަށް 500،000ރ.ގެ ހިލޭ އެހީ ދޭ ޕްރޮގްރާމަށް އައިންތު ހަމީދު ލީ ޕްރޮޕޯސަލް ހޮވި އޭނާ ދެކެމުން އައި ބޭކަރީގެ ހުވަފެން މިހާރު އެ ވަނީ ހަގީގަތަކަށް ވެފަ އެވެ.
"ބޭކަރީއެއް ހުޅުވުމަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. ބީއެމްއެލްގެ ގްރާންޓުން މިކަން ފަށައިގަންނަން ބޮޑު އެހީއަކަށްވީ. އަނެއްކާ މިކަހަލަ ވިޔަފާރިއެއް ފަށާއިރު ނޭނގޭ ވަރަށް ގިނަ ކަންކަން ބީއެމްއެލްގެ މި ޕްރޮގްރާމްގެ ތެރެއިން ލިބުނު. ބޭންކު ސައިޑުން ކުރަން ޖެހޭ ކަންކަން ފަސޭހަވި. އަނެއްކާ ވިޔަފާރިއެއް ފަށަން ލިބެން ޖެހޭ ވަރަށް ގިނަ މައުލޫމާތާއި ލަފާ ބޭންކުގެ ފަރާތުން އެބަލިބޭ،" އައިންތު ހަމީދު ބުންޏެވެ.
ބީއެމްއެލްގެ އެ ގްރާންޓް ޕްރޮގްރާމް ރާވާފައި ވަނީ ފައިސާ ދިނުމުގެ އިތުރަށް ވިޔަފާރިއެއް ފަށައި ކުރިއަރުވަން ބޭނުންވާނޭ ފަންނީ ލަފާ ވެސް ހޮވޭ ފަރާތަކަށް ފޯރުކޮށްދޭ ގޮތަށެވެ. އަދި އެ ވިޔަފާރި ފަށަން ފަންނީ ގޮތުން މަގުފަހިކޮށްދޭން ޖެހޭ ކަންކަން ބޭންކުގެ ފަރާތުން ފަސޭހަ އިންތިޒާމެއްގެ ތެރެއިން ހަމަޖައްސައިދެ އެވެ.
މޯލްޑިވިއަން ޕެޓިސިއާ ބޭކަރީގެ ދޮރު އާންމުންނަށް ރަސްމީކޮށް ހުޅުވާލަން އޭނާ މިހާރު ނިންމާފައި ވަނީ އަންނަ ޑިސެމްބަރު 1އިން ފެށިގެންނެވެ. ނަމަވެސް ރަސްމީކޮށް ބޭކަރީ ހުޅުވުމުގެ ކުރިން އެ ބޭކަރީން އުފައްދާ ތަކެތީގެ ރަހަ ދައްކާލުމަށް ހާއްސަ ޕޮޕަޕް އިވެންޓްތަކެއް ބޭކަރީގައި ދަނީ ބާއްވަމުންނެވެ.
"ރަސްމީކޮށް ހުޅުވާނީ ޑިސެމްބަރު 1ގައި. އޭގެ ކުރިން ޕޮޕަޕް އިވެންޓްތައް މި ބާއްވަނީ. ދުރާލާ އިންސްޓަގުރާމްގައި އަޅުގަނޑުމެން ޕޮޕަޕް އޮންނަ ޑޭޓް އިއުލާން ކުރާނަން،" އައިންތު ހަމީދު ބުންޏެވެ.
އަޒުމެއް އޮތިއްޔާ ހާސިލްވާނެ
ސްކޫލް ނިއްމާލުމަށް ފަހު އައިންތު ހަމީދު ބޭނުންވީ އެކައުންޓެންޓަކަށް ވާށެވެ. ޕޭސްޓްރީ ޝެފަކަށް ވުމަކީ އޭނާގެ ފުރަތަމަ ދެކުނު ހުވަފެނެއް ނޫނެވެ. އެހެންވެ، ވަޒީފާއެއް އަދާކުރަމުން އެކައުންޓިންގެ ދާއިރާއިން ކިޔަވަން އޭނާ ޔުނިވަސިޓީއަށް ވެސް ދާން ފެށި އެވެ. އަދި ކޭކު އަޅަން ފެށީ ހޮބީއެއްގެ ގޮތުން ހުސްވަގުތުގަ އެވެ. އަދި އެ ކޭކު ވިއްކަން އޭނާ ފޭސްބުކާއި އިންސްޓަގުރާމުގައި ޕޭޖެއް ވެސް ފަހުން ހެދީ އެވެ.
"އެ ހިސާބުން ދެން ބޭކިން ދާއިރާއަށް ޝައުގުވެރިވާން ފެށީ. ދެން ފަހުން ބޭކިން ކޯހެއް ވެސް ހެދީ. އެއަށް ފަހު ދެން އެކައުންޓިން ކިޔެވުން ވެސް ހުއްޓާލީ. އެއަށް ފަހު ޕްރޮފެޝަނަލް ކަލަނަރީ ކޯހެއް ވެސް ބޭރުން ވެސް އަޅުގަނޑު ފުރިހަމަކުރީ،" އައިންތު ހަމީދު ބުންޏެވެ.
އެއަށް ފަހު އެނބުރި ރާއްޖެ އައިސް އޭނާ ވަނީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގައި ވެސް ޕޭސްޓްރީ ޝެފެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން ކޮންރެޑް މޯލްޑިވްސް، ވޮލްޑޯފް އެސްޓޯރިއާ އަދި ރިޒް ކާލްޓަންގައި ޕޭސްޓްރީ ޝެފަކަށް މަސައްކަތް ކުރި އެވެ.
އައިންތު ހަމީދު ބުނީ ރިޒް ކާލްޓަންގައި ހުރި ވަޒީފާ ދޫކޮށް އޭނާ މިހާރު އެހުރީ ބޭކަރީގެ މަސައްކަތަށް އެކީ ހުސްވެގެން ކަމަށެވެ. އޭނާ ބޭނުން ވަނީ އޭނާގެ ކެރިއަރުގައި އަލަށް މި އަޅާ ބޮޑު ފިޔަވަޅު ކާމިޔާބުކުރަން ހުރިހާ ވަގުތަކާއި ހަކަތައެއް ހުސްކުރާށެވެ.
"މިއީ އަޅުގަނޑުގެ މަސައްކަތުގައި ފަށާ އާ ސްޓެޕެއް. އެހެންވެ މިކަމަށް ހުރިހާ ވަގުތެއް ހުސްކުރަން މިކަން ސަކްސެސް ކުރަން ހަމަ މިކަމަށް މި ހުސްވީ،" ރިސޯޓް ވަޒީފާ ދޫކޮށްލި ސަބަބު ކިޔައިދެމުން އައިންތު ހަމީދު ބުންޏެވެ.
އެލާޖީ ހުންނަ މީހުންނަށް ފޮނި ކާތަކެތި
ބޭކަރީއެއް ހުޅުވި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން އައިންތު ހަމީދު ދެއްކީ އޭނާގެ ހިތުގައި އޮތް ބޮޑު އަޒުމެއްގެ ވާހަކަ އެވެ. އޭނާ ބުނި ގޮތުގައި އެކި ކަހަލަ ކާބޯތަކެއްޗަށް އެލާޖީ ހުންނަ މީހުން ރާއްޖޭގައި މިހާރު އަންނަނީ ނިސްބަތުން ގިނަވަމުންނެވެ. އެކަހަލަ މީހުންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި ބާޒާރުގައި ލިބެނީ ވަރަށް އަގު ބޮޑުކޮށެވެ. އެހެންވެ، އޭނާ ބޭނުން ވަނީ އެލާޖީ ހުންނަ މީހުންނަށް ވެސް ކެވޭ ކަހަލަ ފޮނިކާތަކެތި އަތްފޯރާ އަގުގައި ފޯރުކޮށްދޭށެވެ.
"އަމިއްލަ އާއިލާގައި ވެސް އެބައުޅޭ ގްލޫޓަން އެލާޖީ، ލެކްޓޯ އިންޓޮލިރެންޓް ކަހަލަ އެލާޖީ ހުންނަ މީހުން. އެކަހަލަ މީހުންނަށް ވެސް ހަމަ ރަހަމީރު ޕޭސްޓްރީ، ފޮނި އެއްޗިހި ފޯރުކޮށްދިނުމަކީ މި ބޭކަރީން ކުރާނެ ކަމެއް. ގަނެވޭ އަގުގައި ފޯރުކޮށްދޭން މަސައްކަތް ކުރާނީ،" އައިންތު ހަމީދު ބުންޏެވެ.
ކޮންޓެމިނޭޓް ނުވާނޭ ގޮތަށް، ފުޑް އެލާޖީ ހުންނަ މީހުންނަށް ހާއްސަ ކާބޯތަކެތި ހެދުމަކީ އޭނާ ދަސްކޮށް އަދި ލިބިހުރި ހުނަރެކެވެ. އޭނާގެ މޯލްޑިވިއަން ޕެޓިސިއާ ބޭކަރީ ވެސް ތައްޔާރުކޮށްފައި ހުރީ އެފަދަ ކާތަކެތި ހެދޭ ގޮތަށެވެ. އަދި އެކަމަށް ބޭނުންވާ ސާމާނާއި އާލާތްތައް ވެސް އޭނާ ގެނެސް ވަނީ މިހާރު ތައްޔާރުވެފަ އެވެ.
"ކްރޮސް ކޮންޓެމިނޭޓް ނުވާ ގޮތަށް އެކަން ކުރެވޭނެ. މިހާރު ވެސް ރިކުއެސްޓަށް ގްލޫޓަން ފްރީ ބްރެޑާ އެއްޗިހި އެބަ ކަސްޓަމަރުންނަށް ތައްޔާރުކޮށްދެން،" އައިންތު ހަމީދު ބުންޏެވެ.
ދެން އޮތީ މާ ބޮޑު ހުވަފެނެއް ހަގީގަތަކަށް ހެދުން
ބޭކަރީ ހުޅުވުމުގެ ހުވަފެން ގާތްގަނޑަކަށް މިހާރު ހަގީގަތަކަށް ވެފައިވާއިރު އައިންތު ހަމީދު މިހާރު ހުރީ އޭނާގެ ކެރިއަރުގައި އާ ހަރުފަތަކަށް ދާން ހުވަފެން ދެކިގެންނެވެ. އެއީ އޭނާގެ މަސައްކަތް އެހެން މީހުންނަށް އުގަންނައިދިނުމަށް ޕޭސްޓްރީ ސްކޫލެއް ހުޅުވުމުގެ މަސައްކަތެވެ.
އެއީ އޭނާ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނެވެ. އެ ހުވަފެން ވެސް ހަގީގަތަކަށް ހަދަން ގަދައަޅައި މަސައްކަތް ކުރަން އޭނާ ހުރީ ތައްޔާރަށެވެ.
"އަޅުގަނޑު މިހާރު ބޭނުން ވަނީ ޕޭސްޓްރީގެ ކަންކަން ކިޔަވައިދޭ ސްކޫލެއް ރާއްޖޭގައި ހުޅުވަން،" އައިންތު ހަމީދު ބުންޏެވެ.
ކޮމެންޓް