ފުޓްބޯޅަ

އީތަންގެ ވާހަކަތަކުން އެ ގެނެސްދެނީ ރަން ޖީލެއްގެ އުފާވެރި އުއްމީދު

ފުޓްބޯޅައިގެ ފޯރީގައި ގޭގައި ކުޅެން ހަދައިގެން އެއްޗެހި ހަލާކުވާން ފެށުމުން ފޮނުވީ އެކަޑަމީއަކަށް. އެހާ ހިސާބުން އުފެދުނީ ފުޓްބޯޅައިގެ ރީތި ހުނަރުތައް ދައްކަމުން އަންނަ މި ކުޅުންތެރިޔާ
13 އޮކްޓޯބަރު 2024
1

މުހިންމު ނުކުތާތައް

ސްޕެއިންގެ ޓީމަކުން ލިބުނު ފުރުސަތުގައި އޭނާ އަންނަނީ އެ ގައުމުގައި 16 އަހަރުން ދަށުގެ މެޗުތައް ކުޅެމުން

މިހާރު ވެސް އަޒުމަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމާއި ދިވެހި ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންދިއުން

ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމަށް އަޅާލައިފި ނަމަ ކުރިއަށް އޮތް ފަހެއް ނުވަތަ 10 އަަހަރުގެ ތެރޭގައި ނަތީޖާ ނެރެވޭނެ

ހުސެއިން އިރުފާން ޒަކީ އާއި މަރިޔަމް ނާޒިމާއަށް ޖެހެނީ މޭޒުތަކާ އެއްޗެހި ދުރަށް ޖައްސަައި ޖާގަ ހަދައިދޭށެވެ. އެ މީހުންގެ ތިން އަހަރުގެ ދަރިފުޅު އީތަން އިބްރާހިމް ޒަކީއަށް ފުޓްބޯޅަ ކުޅެން އެ ޖާގަނުދީ ނުހިފެހެއްޓެ އެވެ. އެހެންކަމުން ކުޑަކުޑަ އީތަންއާ އެކު ދެމަފިރިން ވެސް ބައިވެރިވަނީ ގޭތެރޭގައި ފުޓްބޯޅަ ކުޅޭށެވެ.

އެ ވަރުގެ ކުޑަކުއްޖަކަށް، އޭނާގެ ޝައުގަށް ވުރެ، ގޭގެ އެއްވެސް އެއްޗެއް މުހިންމު ނުވާނެތާ އެވެ. ބޯޅައިން ޖެހި އެއްޗެއް ތެޅުނަސް އޭގެ އަގަކީ ކޮބައިކަމާ މެދު ވިސްނުމުގެ ބަދަލުގައި، އީތަންގެ ސިކުނޑީގައި އޮންނަނީ ނޭމާ އެވެ. ނޭމާ އާއި ފުޓްބޯޅަ އެވެ.

އީތަން ކުޑައިރު ބޯޅައާ އެކު
ކުޑައިރުގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު އީތަން އުފާ ފާޅުކުރަނީ

"އަސްލު ހީވަނީ ގޭތެރޭގައި ކުޅެކުޅެ ވަރަށް ބައިވަރު ތަންތަން ވެސް ހަލާކުވެފައި އޮންނާނެ [ހެން]،" އޭރުގެ ހަނދާންތައް އާކުރަމުން އީތަން ބުނެލި އެވެ.

"ވަރަށް ބައިވަރު އެއްޗެހިތަކެއް ހަލާކުވާތީ ކަންނޭނގެ އަސްލު މަންމަ އާއި ބައްޕަ ބޭނުންވީ [އެކަޑަމީއަކަށް ފޮނުވަން]."

ކުޑައިރުގެ އެ ފޯރިއަކީ އީތަންގެ ހިތުގައި އުފެދުނު ކުޑަ ވަގުތުކޮޅެއްގެ ލޯތްބެއް ނޫންކަން އެނގެން މާ ގިނަ ދުވަހެއް ނުނެގި އެވެ. ރާއްޖޭގެ ކުޅިވަރު ޝަހުސިއްޔަތެއް ކަމަށްވާ ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) ހިންގާ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)އަށް ގެންދިޔަ އެވެ. އުމުރުން ތިނެއް ބައި އަހަރުގައި އައި އެ ފެށުމާ އެކު ދައްކާލީ އެއީ ތަފާތު ކުއްޖެއްކަމުގެ ހެކިތަކެވެ. ބޯޅަ ގެންގުޅުމުގެ ހުނަރާއި ސްޕީޑާއި ވިސްނުން ވެސް ހުރީ އެހެން ގިނަ ކުދިންނަށް ވުރެ މާ މަތީގަ އެވެ.

މުބާރާތެއްގައި ލިބުނު ކާމިޔާބީގެ ތަށިތަކާ އެކު

މިއަދު އުމުރުން 15 އަހަރުގެ އީތަންއަކީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މިއަދު އޭނާ މައިގަނޑު ތަމްރީން ހަދަމުން އަންނަނީ ސްޕެއިންގަ އެވެ. މިއަދު އީތަން އެ ފެންނަނީ ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅައިގެ 'ރަން ޖީލު'ގެ އެންމެ އަލި ގަދަ އެއް ތަރިއަށް ވާނެ ފަދަ އުއްމީދީ ގޮތަކަށެވެ.

ސްޕޭންގައި ހުނަރު ފައްކާކުރުމުގައި

މިއަދު ވެސް އޭނާގެ ކުޑައިރުގެ ފުޓްބޯޅަ ވީޑިއޯތައް ފެންނަން އެބަ ހުއްޓެވެ. އެއިން ކޮންމެ ވީޑިއޯއަކުން ވެސް ހެކިވަނީ ފުޓްބޯޅައިގެ ތަފާތު ހުނަރެކެވެ. ތުއްތުއިރެކޭ އެއްގޮތަށް އޭނާގެ އެންމެ ބޮޑު އުފަލަކީ ފުޓްބޯޅައިން ކުރިއަށް ދިއުމެވެ.

ކޯޗުންގެ ނަސޭހަތްތަކާއި އަމަލީ ތަޖުރިބާއިން އީތަންއަށް ވިސްނެނީ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމެވެ. ނަމަވެސް ލޯތްބާ އެކު އެކަން ކޮށްފި ނަމަ ބުރައެއްގެ ގޮތުގައި ނުނެގި ކާމިޔާބީގެ ރާސްތާގައި ކުރިއަށް ދެވޭނެ ކަމެވެ.

ބޭރުގައި އޮތް މުބާރާތެއްގައި ބޭރު ޓީމަކަށް އީތަން ކުޅެނީ

އެ މަގުން އީތަން ހޯދަމުން އަންނަ ކުރިއެރުންތައް އޭނާ ދައްކަމުން އަންނަ ކުޅުމުން އެންމެންނަށް ވެސް ފާހަގަކުރެވޭނެ އެވެ. މިދިއަ އަހަރު އޮތް ސްކޫލްތަކުގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން އަޅުގަނޑު ދިޔައިމެވެ.

"އީތާން އިބްރާހިމް ޒަކީ، ޕެނެލްޓީ އޭރިޔާ ތެރެއިން ރެހެންދި ސްކޫލްގެ ދެ ކުޅުންތެރިޔަކަށް 'ވާނުވާ ނޭނގޭ' ކަހަލަ ގޮތަކަށް ފަހަތަށް ބޯޅަ ދަމާލައި، ދެމިގަނެ، ގޯލު ކުރިމައްޗަށް ދިން ޕާސް ފެނިފައި، "އޯ...ނޯ، ކިހިނެއް އެހެދީ" އޭ، ދަނޑުގައި އިން ޒުވާން ފިރިހެން ކުއްޖަކަށް ބުނެވުނެވެ.

އިހުތިޔާރުން ބޭރުގަ އެވެ. ފެނުނު ހުނަރު ތަފާތުވެގެން ލިބުނު ހައިރާންކަމުގަ އެވެ."

މިއީ އެ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން، 11 މާޗު 2023ގައި، އަޅުގަނޑު ލިއުނު ލިއުން ފެށި ހިސާބެވެ.

އިސްކަންދަރު ސްކޫލަށް ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު

އީތަންގެ ރީތި ކުޅުން ފެނިފައި ގިނަ މީހުން ހައިރާންވެ އެވެ. އެ ކުޅުން ތަރައްގީކޮށް ދުނިޔޭގެ ފެންވަރަށް ގެންދެވޭތޯ އޭނާ ކުރަމުން އަންނަ މަސައްކަތުގައި މިއަދު އެހުރީ ސްޕެއިންގެ ކްލަބަކުން ޖާގަ ހޯދައިގެންނެވެ. މިދިއަ ހަފުތާގައި 'ދައުރު'ގެ ސްޓޫޑިއޯގައި އިނދެ އަޅުގަނޑު ކުރި ސުވާލުތަކަށް އީތަން ދިން ޖަވާބުތަކުން މިހާތަނަށް އޭނާ ކުރި ދަތުރުގެ ހުލާސާއެއް ލިބުނެވެ.

"ކުޑައިރުއްސުރެ ކޮންމެ ކަމެއް ކުރާއިރު ވެސް ވަރަށް ކޮމްޕެޓިޓިވް މައިންޑް ސެޓެއް ގެންގުޅެނީ. އެންމެ ރަނގަޅަށް [އެކަން] ކުރެވޭތޯ ބަލަނީ،" އީތަން ބުންޏެވެ.

"އަބަދުވެސް އެންމެ މޮޅަށް ކުޅެވޭތޯ މައިންޑްގަައި ބައިންދައިގެން އޭރުއްސުރެ މިހާ ހިސާބަށް ވެސް ކުޅެމުން ދަނީ."

ބޭރުން ލިބޭ ފުރުސަތުތަކުގައި ކުޅެ އިތުރަށް ތަރައްގީވާން ހިތްވަރުކުރޭ

ކިތައްމެ ގިނަ ތަމްރީންތަކެއް ހަދަން ޖެހުނަސް އީތަންގެ ޝަކުވާއެއް ނެތެވެ. ޖިމްއަށް ގޮސް އިތުރު ކަސްރަތުތަކުގައި އުޅެން ޖެހުނަސް އޭނާ ފޫއްސެއް ނުވެ އެވެ. މޮޅު ކުޅުންތެރިޔަކަށް ވާން ކުރަން ޖެހޭ މަސައްކަތް ބުރަހެން އޭނާއަށް ހީނުވަނީ އެއަށް ވުރެ ބޮޑަށް 'ފުޓްބޯޅަ ދެކެ ލޯބިވާތީ' އެވެ.

އެ ލޯބީގައި ތަފާތު ފުރުސަތުތަކަކީ ވަރަށް މުހިންމު ބައެކެވެ. އެކަމަށްޓަކައި ބޭރުގެ މުބާރާތްތަކަށް އީތަން ދެ އެވެ. ދުނިޔޭގެ ބޮޑެތި ކްލަބްތަކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެ އެވެ. އެގޮތުން ލިބުނު ފުރުސަތެއްގައި ސްޕެއިންގެ ދެވަނަ ޑިވިޒަންގެ ކްލަބެއް ކަމަށްވާ ހުއެސްކާގެ 18 އަހަރުން ދަށުގެ ޓީމާ މިދިއަ އަހަރު ގުޅުނެވެ.

މި މަހު 19ގައި ޗައިނާގައި ފަށާ 17 އަަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސީގެ މެޗުތައް ނިންމާފައި އީތަން މިސްރާބު ޖަހާނީ އަނެއްކާވެސް ސްޕެއިންއަށެވެ.

އީތަން ބޯޅައިގެ ހުނަރެއްގައި: ސްޕެއިންގެ ތަޖުރިބާ ވަރަށް ތަފާތު

އޭނާ ބުނި ގޮތުގައި ސްޕެއިންގައި ކުޅޭ ފުޓްބޯޅައިގެ އަވަސްކަމާއި ފިޓްނަސް އާއި ފުޓްބޯޅައާ މެދު އެ އުމުރުގެ ކުދިން ވިސްނާ ވިސްނުން އެނގުމުން ހައިރާންވި އެވެ.

"އެމީހުން ޕްރެކްޓިހުގައި ވެސް ކުޅޭނީ އެންމެ [ވަރުގަދައަށް]. އެންމެންގެ ވެސް ގޯލަކީ އެތާނގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަށް ވުން،" އީތަން ބުންޏެވެ.

ހެނދުނާއި ރޭގަނޑު ޕްރެކްޓިސް އޮވެ އެވެ. ހަފުތާއަކު ތިން ދުވަހު ޖިމް ހަދަ އެވެ. އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދެ އެވެ. ހަފުތާ ބަންދުގައި އޮންނަ މެޗުގައި ކުޅޭ ޓީމުގެ ކުޅުން ދިރާސާކުރަން ޖެހެ އެވެ. އެ މެޗަށް މީހާގެ މުޅި ވިސްނުން ދޫކޮށްލުމަކީ، އެ ތަމްރީންތަކުގެ ބައެކެވެ.

އަބަދުވެސް އީތަންގެ ވިސްނުން ހުންނަނީ ފުޓްބޯޅައިގެ ކުރިމަގަށް

މިއީ ރާއްޖޭގައި ފުޓްބޯޅައިގެ ތަމްރީންތައް ކުރިއަށް ގެންދާ ގޮތެއް ނޫނެވެ. އެހެންކަމުން އީތަންއަށް ސްޕެއިންގައި ދަސްވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރަށް ކުޅުންތެރިޔާ ތަރައްގީވާން ކުރަން ޖެހޭ މަސައްކަތެވެ.

"މާ ފަސޭހަ ކަމެއް ނޫން ފުޓްބޯޅަ ކުޅުމަކީ. ގޮސްފައި ކުޅުން އެކަންޏެއް ނޫން އޮންނަނީކީ. ވަރަށް ބައިވަރު އިތުރު ކަންކަން ހުރޭ،" އީތަން ބުންޏެވެ.

"އެކަމަކު އޭގެ ތެރެއަށް ހޭނުނީމާ [އަދި] ފުޓްބޯޅަ ދެކެ ލޯބިވާތީ މުޅި އެތި ފަސޭހަވޭ."

މިއީ ކުރިއަށް އޮތް 'ރަން ޖީލު'

މިދިއަ އަހަރު އޮތް ސާފްގެ 17 އަހަރުން ދަށުގެ މުބާރާތުގައި ބޫޓާންގެ މައްޗަށް 3-2 އިން ރާއްޖެ ކާމިޔާބު ހޯދި އެވެ. އެ މެޗުގައި ރާއްޖެ މޮޅުކޮށްދިން ލަނޑު ޖެހީ އީތަން އެވެ.

މިއީ މި ސަރަހައްދުގެ އެ އުމުރު ފުރާގައި މޮޅުނުވެ އެތައް އަހަރެއް ވުމަށް ފަހު ރާއްޖެއަށް ލިބުނު ފުރަތަމަ މޮޅެވެ.

މިދިއަ މަހު ބޫޓާންގައި އޮތް މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ އޮތީ މިދިއަ އަހަރާއި މި އަހަރު ވެސް ފައިނަލްގައި ކުޅުނު ބަންގްލަދޭޝް އާއި އިންޑިއާއާ އެއް ފަޅީގަ އެވެ. ބަންގްލަދޭޝްއާ 1-1 އިން އެއްވަރުކުރި އެވެ. އިންޑިއާ އަތުން 3-0އިން ބަލިވި ނަމަވެސް އެއީ މިދިއަ އަހަރުގެ ސެމީ ފައިނަލްގައި ފެނުނު 8-0 ބޮޑު ތަފާތަށް ވުރެ ރަނގަޅު ނަތީޖާއެކެވެ.

ގައުމީ ޓީމުގެ މެޗަކަށް ފަހު އީތަން ދަނޑުން ފައިބަނީ

އީތަންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އޭނާއަށް ރާއްޖޭގެ ޓީމުގެ ކުޅުންތެރިންގެ ފެންވަރާއި ކުރަމުން އަންނަ މަސައްކަތް އެނގެ އެވެ. އިންޑިއާ އާއި ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ލިބޭ މެޗު ތަޖުރިބާ ދިވެހި ކުޅުންތެރިންނަށް ހޯދައިދެވިއްޖެ ނަމަ ސަރަހައްދުގެ އެއްވަނައަށް ވެސް އަރާނެކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.

އީތަން ސިފަކުރި ގޮތުގައި މިއީ ކުރިއަށް އޮތް ދިވެހި ފުޓްބޯޅައިގެ 'ރަން ޖީލެ'ވެ. 

"ވަރަށް އުއްމީދުކުރަން މި ޖެނެރޭޝަން ރާއްޖޭގެ ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންދެވޭނެ ކަމަށް. [މިއީ] ވަރަށް، ވަރަަށް ސްޕެޝަލް ޖެނެރޭޝަންނެއް،" އީތަން ބުންޏެވެ.

އޭނާ އެހެން ބުނީ ސްކޫލް ޓީމާއި ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންނަށް ނިސްބަތްކޮށެވެ. އޭގެ އިތުރުން އޭނާއަށް ނުފެނުނު ނަމަވެސް، އެހެން ރަށްރަށުގައި 'މިއަށް ވުރެ މޮޅު ކުޅުންތެރިން' އުޅެދާނެ ކަމަށް ވެސް ގަބޫލުކުރެ އެވެ. އެހެންކަމުން އެ ކުޅުންތެރިން ވެސް ހިމަނައިގެން ކުރިއަށް ގެންދެވިއްޖެ ނަމަ ދިވެހި ފުޓްބޯޅައިގެ ކުރިމަގު އޮތީ، އީތަން ދެކޭ ގޮތުގައި، ވަރަށް އަލިކޮށެވެ.

މިދިއަ އަހަރުގެ ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރަށް ކުޅެނީ

"މި ކުޅުންތެރިންނަކީ ވަރަަށް ސްޕެޝަލް، ވަރަށް ޓެލެންޓެޑް، ވަރަށް ހާޑްވޯކިން ކުޅުންތެރިން. އެ މީހުންގެ ވެސް އަމާޒަކީ ރާއްޖޭގެ ފުޓްބޯޅަ ވީހާވެސް ރަނގަޅު ލެވެލްއަކަށް ގެންދެވޭނެ ގޮތެއް. އެއަށް އެންމެން ވެސް މަސައްކަތްކުރަނީ،" އީތަން ބުންޏެވެ.

"އަޅުގަނޑު ބުނަން އޮތް އެއްޗަކީ ހަމަ އަލަށް ނުކުންނަ ޖެނެރޭޝަނަށް އިތުބާރުކުރާށޭ. އަޅުގަަނޑު ދެކޭ ގޮތުގައި މި ޖެނެރޭޝަން ބަލަހައްޓައިގެން ގެންގުޅެފިއްޔާ ވަރަށް ރަނގަޅު ރިޒަލްޓްތަކެއް ފެނިގެންދާނެ ދެން އޮންނަ ފަސް އަހަރު، 10 އަހަރުގެ ތެރޭގައި."

އެންމެ މޮޅު ކުޅުންތެރިޔާއަށް ވުން

އީތަން އަބަދުވެސް ގަބޫލުކުރަނީ އޭނާއަކީ އެތަނެއްގައި ހުންނަ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. މިސާލަކަށް ޕްރެކްޓިހެއްގައި ބައިވެރިވިޔަސް، ޓީމަކަށް ކުޅުނަސް އޭނާގެ ވިސްނުން ހުންނަނީ އެގޮތަށެވެ. ބައެއް މީހުންނަށް އެ ވިސްނުން ކަމުނުދާނެ ކަމަށް އޭނާ ވެސް އެއްބަހެވެ. ނަމަވެސް ކުޑައިރުއްސުރެ ސިކުނޑީގައި އެނބުރޭ ވާދަވެރި ފޯރިގަނޑަކީ މިހާތަަނަށް ވެސް އޭނާއަށް ހޯދުނު ކުރިއެރުމުގެ މައިގަނޑު އެއް ސަބަބެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވުމަކީ އީތަންގެ އުއްމީދެވެ. އެކަމަކު އޭގެ ކުރިން އޭނާ ކާމިޔާބުކުރަން ބޭނުންވަނީ ސްޕެއިންގައި ހަދަމުން އަންނަ ތަމްރީންތަކާ އެކު ޔޫރަޕްގެ ލީގަކުން ފުރުސަތު ހޯދުމެވެ. ޕްރޮފެޝަނަލް ކުޅުންތެރިޔަކަށް ވުމެވެ.

މިދިއަ އަހަރުގެ ދިވެހި ޕްރިމިއަ ލީގުގައި ވެލެންސިއާއަށް ލަނޑު ޖަހައިދީ، އެ ލީގުގައި ލަނޑެއް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާއަށް ވި

"ފިއުޗާ ޕްރެޑިކްޓެއް ނުކުރެވޭނެ. އަބަދުވެސް ޖެހޭނީ ހޯޕްކުރަން އޭގެ ބެސްޓަށް. އަޅުގަނޑަށް ހީވާ ގޮތުގައި ކޮންމެ ދުވަހަކު އެކުރަން ޖެހޭ މަސައްކަތް ކުރެވިއްޖެއްޔާ ނިމޭއިރު އެ ބޭނުންވާ އެއްޗެއް ލިބޭނެ،" އީތަން ބުންޏެވެ.

އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމުގެ ހުވަފެނާއި ސާފްގެ އިތުރުން އޭޝިއާގައި ވެސް ރާއްޖެއަކީ ނަން ހިނގާ ފުޓްބޯޅައިގެ ބާރަކަށް ހެދުމުގެ އުއްމީދަކީ، އޭގެ ޒާތަށް ބަލާއިރު، 15 އަހަރުގެ ކުއްޖެއްގެ ކިބައިން ފެންނާނެ ވަރަށް ވެސް ހިތްވަރުގަދަ އަޒުމެކެވެ.

މި އަޒުމުގައި އޭނާގެ މަސައްކަތް ވަނީ ރަނގަޅަށް ތަރުތީބުކޮށްފަ އެވެ. މަންމަ އާއި ބައްޕަ އެތިބީ އޭނާގެ ފަހަތުގައި ވަރުގަދަ ތަނބުތަކެއްގެ ގޮތަށެވެ. އެ މީހުން އެވާ ގުރުބާނީގެ މަތިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަނދާނެއް ނުނެތެ އެވެ.

އީތަން 'ދައުރު' ސްޓޫޑިއޯގައި އިންޓަވިއު ދެނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"ބައްޕަ އާއި މަންމަ ނުލާ އަސްލު މީގެ އެއްވެސް ކަމެއް ނުވާނެ. އެމީހުންގެ ވަރަށް ބޮޑު ސަޕޯޓަކާއި ވަރަށް ބޮޑު ޓްރަސްޓާ އެއްކޮށް މިކަން މިކުރަނީ،" އީތަން ބުންޏެވެ.

"ހަމަ އެއާ އެއްކޮށް އެމީހުންގެ ވަރަށް ގިނަ ޓައިމް އާއި ވަރަށް ބައިވަރު ލާރި. ބޮޑަށް ޓައިމް އެމީހުން ވެސް އިންވެސްޓްކުރަނީ މިއަށް. އެހެެންވީމާ އޭގެ ކޮންމެވެސް އެއްޗެއް ބައްޕަ އާއި މަންމައަށް ދެވޭނެކަމުގެ އުއްމީދާ އެއްކޮށް މި މަސައްކަތްކުރަނީ."

އެކަން ހާސިލްވެއްޖެ ނަމަ އީތަން އާއި އޭނާއާ އެކު މިހާރު ކުޅެމުން އަންނަ ކުޅުންތެރިން ދިވެހިންނަށް ގެނެސްދޭނީ އުފަލުން ފުރިފައި އޮތް ދިވެހި ފުޓްބޯޅައިގެ އާ ޒަމާނެއް ކަމަށް ބަލަމާ ހިނގާށެވެ. 

ކޮމެންޓް (1)

ހައްޕު

13 އޮކްޓޯބަރު 2024
ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އޮތް ހުރަހެއް ސިޔާސީ މީހުން މީގެތެރެއަށް ވަދެ ގަޑުބަޑުކުރުން. މޫސައަށް މިކަން މާރަނގަޅަށް އެނގޭނެ. މިގަދަ ކުދިންގެ ކުރިމަގަށްޓަކައި ، ސިނގިރެޓު ނުބޯ ، ސިޔާސީ ނޫން މީހަކު އެފް.އޭ.އެމަށް ގެނައުމަށް މޫސަ މަސައްކަތް ކޮށްދީ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް