ޕޮޕްކޮރަލްގެ މެނޭޖިން ޕާޓްނަރު މުހައްމަދު މާހިން އާމިރު، އެ ބްރޭންޑްގެ އުފެއްދުންތަކާ އެކު

ދިވެހި ޕޮޕްކޯން ބްރޭންޑް ޕޮޕްކޮރަލްއަށް އޮއްސާލީ ދިވެހިންގެ ލޯބި

މީގެ ތިން މަސް ކުރިން އާންމުންގެ ކުރިމައްޗަށް އައި ދިވެހި ގޯމޭ ޕޮޕްކޯން ބްރޭންޑް، ޕޮޕްކޮރަލްއަކީ މެލޭޝިއާގައި ކިޔެވި ތިން ޒުވާނެއްގެ އަމިއްލަ ވިޔަފާރިއެއް
26 ސެޕްޓެމްބަރު 2024
1

މެލޭޝިއާގައި ކިޔަވަން އުޅުނު ދުވަސްވަރުގެ ފޮނި ހަނދާނެއް އާކުރާ ނަމަ އެތައް ބެޗެއްގެ އެންމެ ފޮނި ހަނދާނަކަށް ވާނީ ފިލްމު ބަލަން ތިއޭޓަރަށް ގޮސް ކާލާ މީރު ކެރެމަލް ޕޮޕްކޯނެވެ. ފިލްމެއް ނުބެލިޔަސް ޝޮޕިން ސެންޓަރުތަކުގެ ތިއޭޓަރު ހުންނަ ފްލޯއަށް އަރާ އިރަށް ކުޅުދިޔާކޮށްލަނީ މުޅިތަން އެއްވެސްކޮށްލާ ތާޒާ ކެރަމަލް ޕޮޕްކޯން އެވެ.

ކިޔަވާ ނިންމާފައި މާލެ އަންނަ އެތައް ޒުވާނުން މެލޭޝިއާގެ ހަނދާން އާކޮށްލާ އިރު އުނިވާނެ އެކައްޗަކީ މިއީ ކަމަށް ބުނެ އެވެ. ކުޑަ އެއްޗެކެވެ. އެކަމަކު ބޮޑު އުފަލަކާއި ގުޅިފައިވާ މީރު ރަހައެކެވެ.

މެލޭޝިއާގައި ކިޔެވި ތިން ޒުވާނަކު އެ ވިސްނުމުގައި މީގެ ތިން މަސް ކުރިން މާލޭގައި ފެށީ 'ޕޮޮޕްކޮރަލް" ނަމަކަށް ކިޔާ ވިޔަފާރިއެކެވެ.

އުމުރުން 26 އަހަރުގެ މުހައްމަދު މާހިން އާމިރު އާއި އައިޝަތު މާރިން އިސްމާއިލް އަދި 24 އަހަރުގެ އަލީ ހިޔާދު އަހުމަދަކީ މި ވިޔަފާރި ޕާޓްނާޝިޕެއްގެ ގޮތުގައި އުފެއްދި ތިން ޒުވާނުންނެވެ. މިއީ ޕޮޕްކޮރަލްގެ މެނޭޖިން ޕާޓްނަރާއި، ޗީފް މާކެޓިން އޮފިސަރު އަދި ޗީފް އޮޕަރޭޓިން އޮފިސަރެވެ.

ޕޮޕްކޮރަލް އިން އުފައްދާ ފޮނި ޕޮޕްކޯންތަކެއް

މަގުސަދަކަށް ވީ ރާއްޖޭގައި ގޯމޭކޮށް ޕޮޕްކޯން ހަދައިގެން ވިއްކުމެވެ. މާރިންގެ ޑިޒައިންގެ ހުނަރާ އެކު އެމީހުން ލޯންޗްކުރި މި ބްރޭންޑްގެ ދަށުން ތިން ފްލޭވާއަކަށް ޕޮޕްކޯން ހަދާފައި ވިއްކަން ފެށީ އެވެ. އެއީ:

  • ސިލްކީ ކެރަމަލް

  • ސިނަމަން ރޯލް

  • ބާތްޑޭ ކޭކް

މި ތިން ރަހަޔަށް ޕޮޮޕްކޯން ހަދައި ބަންދުކޮށް ބްރޭންޑެއްގެ ގޮތުގައި ނެރުނީ ރާއްޖޭގައި ފޮނިކުރި ޕޮޕްކޯނަށް ޑިމާންޑް އޮންނާނެ ކަން ވިސްނިގެންނެވެ.

ޕޮޕްކޮރަލްގެ ސިނަމަން ރޯލް ފްލޭވާގެ ޕޮޕްކޯން

 ޕޮޕްކޮރަލްގެ ފަރާތުން 'ދައުރު'އަށް އިންޓަވިއުދިނީ މާހިންް އެވެ.

އެންމެ ފުރަތަމަ ވެސް އެނގެން ބޭނުންވީ އެމީހުންގެ ފްލޭވާތަކުގެ ވާހަކަ އެވެ.

މާހިން ބުނިގޮތުގައި ހަމައެކަނި ކެރަމަލްގެ ބަދަލުގައި ސިނަމަން ރޯލް ފެލޭވާ ތައާރަފުކުރީ ދިވެހިންގެ ތެރޭގައި ފޮނިތޮށި އަޅައިގެން ތައްޔާރުކުރާ ފޮނި ކާނާއަށް އޮންނަ ޑިމާންޑް ބޮޑުވެ އެއީ މަގުބޫލު ރަހައަކަށް ވުމުންނެވެ.

ބާތްޑޭ ކޭކަކީ ވެނިލާ ބޭސްއަކަށް ސްޕްރިންކްލް އަޅައިގެން ތައްޔާރުކޮށްފައިވާ ފްލޭވާއެކެވެ. އުފަންދުވަހުގެ ކޭކެއް ފަދައިން މި ޕޮޕްކޯން ވެސް ހާއްސަކޮށްލުމެވެ. ގަދަ ކުލައެކެވެ. ފަން ލުކްއެކެވެ.

ޕޮޕްކޮރަލްގެ ބާތްޑޭ ކޭކް ފްލޭވާގެ ޕޮޕްކޯން

މިއީ މިހާރު ހުރި ފްލޭވާތަކެވެ. މީގެ އިތުރުން ދިވެހިންނަށް ކަމުދާނެ އިތުރު ރަހަތައް ހިމަނައިގެން ޕޮޕްކޯން ނެރުމަކީ އަމާޒެއް ކަމަށް މާހިން ބުންޏެވެ. 

މާކެޓްގައި ހުސް ޖާގައެއް ފެނިގެން ތިން ޒުވާނުންގެ މި ވިޔަފާރި ހިޔާލު ލިބުނު މައިގަނޑު ވަސީލަތަކީ މެލޭޝިއާގައި ކިޔަވަން ހޭދަކުރި ދުވަސްތަކުގެ ހަނދާނެވެ. 

މާހިން ބުނީ މެލޭޝިއާގެ ތިއޭޓަރުތަކާއި މޯލްތަކުގައި ވިއްކާ ޕޮޕްކޯނަށް ބިނާކޮށް އެއިން އިންސްޕިރޭޝަން ލިބިގެން އުފަންވި ބްރޭންޑެއް ކަމަށެވެ.

"ޕޮޕްކޯނަކީ ހަމައެކަނި ތިއޭޓަރުގައި ފިލްމް ބަލާއިރު ކާލާ އެއްޗަކަށް ވުރެ ބޮޑަށް އަަހަރެމެން ލޯބިކުރާ އެއްޗެއް. ނެޓްފްލިކްސް ބަލާ އިރު، ރައްޓެހިންނާއި ބައްދަލުކޮށް ދިމާވެ ހޯސްޓްކުރާ އިރު އަދި އެކަނި ވެސް ކާލަން ފައްކާ އެއްޗެއް،" މާހިން ބުންޏެވެ.

ކިޔަވާ ނިންމައިގެން މިދިޔަ އަހަރު މާލެ އައި އިރު އޭނާއަށް ފާހަގަކުރެވުނީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފުޅާއިރު ވެސް މިފަދަ އިވެންޓްތައް ފަޅުފިލުވާލަން ހަފާލަން މީރު އަދި ކޮލިޓީކޮށް ހަދާފައި ހުންނަ ޕޮޕްކޯން ލިބެން ނެތްކަމެވެ.

މިހެން ބުންޏަސް ފޮނި ރަހަ ހިމެނޭ ޕޮޕްކޯން ބްރޭންޑްތަކެއް ރާއްޖޭގައި ވެސް ވިއްކަ އެވެ. ނެތީ ދިވެހި ބްރޭންޑެކެވެ.

"ޕޮޕްކޮރަލްގެ އަނެއް ދެ ޕާޓްނަރުންނަަކީ ވެސް އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވެފައި އަދި އަހަންނެކޭ އެއްގޮތަށް ޕޮޮޕްކޯން ކަމުދާ ބައެއް. މި ހިޔާލު އެމީހުންނަށް ދިނީމާ އެމީހުން ވެސް މިކަމަށް ޝައުގުވެރިވެ ވިޔަފާރި ފެށީ،" މާހިން ބުންޏެވެ.

ދެން އޮތީ ބޮޑު ސުވާލެކެވެ. މިއީ މި ޒުވާނުންގެ ހަމަ ފުލްޓައިމްކޮށް ކުރާ މަސައްކަތެއް ހެއްޔެވެ؟ ނުވަތަ ކިޔަވާ ދުވަސްކޮޅު ތަފާތު ތަޖުރިބާއެއްކޮށް އާމްދަނީ ހޯދަން ފެށި ވިޔަފާރިއެއް ހެއްޔެވެ؟

ކުދި އެހެން ވިޔަފާރިތައް ހެން ހޮބީއެއްގެ ގޮތުގައި ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް ޕޮޕްކޮރަލްގެ ބާނީންގެ މެދުގައި މި ވިޔަފާރިއަށް އޮތް ސީރިއަސްކަން އެނގުނީ އެ ސުވާލުގެ ޖަވާބުންނެވެ.

މާހިން އޭނާގެ ޔުނިވާސިޓީ ތައުލީމް ހާސިލްކުރީ މެލޭޝިއާގެ މަޝްހޫރު ޓޭލާސް ޔުނިވާސިޓީ އިން ޓުއަރިޒަމް ދާއިރާއިންނެވެ. މާސްޓާސް ފުރިހަމަކުރީ ކޮމިއުނިކޭޝަން ދާއިރާއިންނެވެ.

މާރިން ކިޔެވީ އިވެންޓް މެނޭޖްމަންޓް އެވެ. އޭނާ މާސްޓާސް ފުރިހަމަކުރީ ކޮމިއުނިކޭޝަން އިންނެވެ. ހިޔާދު އޭނާގެ ޑިގްރީ ފުރިހަމަކުރީ ހޮސްޕިޓާލިޓީ ދާއިރާއިންނެވެ.

ހިޔާދު ޓްރެވެލް އެޖެންސީއެއްގައި ވަޒީފާ އަދާކުރަމުން އައިސް ޕޮޕްކޮރަލްގައި ފުލްޓައިމްކޮށް މަސައްކަތްކުރަން އެ ވަޒީފާ ވަނީ ދޫކޮށްލައިފަ އެވެ.

މާހިން އާއި މާރިންއަށް މެލޭޝިއާއިން ކިޔަވާ ނިމުމާ އެކު އެ ގައުމުން ވަޒީފާ ލިބުނެވެ. މާހިން އޭނާއަށް ލިބުނު ވަޒީފާ ދޫކޮށްލާފައި އެނބުރި މާލެ އައީ ވެސް ފުލްޓައިމްކޮށް ޕޮޕްކޮރަލްގައި މަސައްކަތްކުރުމުގެ ނިޔަތުގަ އެވެ.

މާރިން އަންނަނީ މެލޭޝިއާގައި ހުރެގެން ޕޮޕްކޮރަލްގެ މާކެޓިން މަސައްކަތް ކުރަމުންނެވެ. އޭނާގެ އެ ދާއިރާއަށް ދޯޅުކަން އެނގެނީ ޕޮޕްކޮރަލްގެ ބްރޭންޑް ލޯގޯތަކާއި ގެންގުޅެފައިވާ ކުލަތައް މީހުންގެ ލޮލުގައި އަޅައިގަންނާތީ އެވެ.

ޕޮޕްކޮރަލްގެ ލޯގޯ އާއި ބްރޭންޑް އައިޑެންޓިޓީ މާރިން އުފައްދާ ފަރުމާކޮށްފައިވާލެއް ފުރިހަމަ އެވެ. ރާއްޖޭގެ ނާޒުކު ފަރުތައް މަތިން ހަނދާން ވެސްވެ އެވެ. ރާއްޖެއަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި މި ބްރޭންޑް ފާހަގަކުރެވުނީ އެހެންވެ އެވެ. 

މާހިން ބުނީ ޕޮޮޕްކޮރަލްގެ ބްރޭންޑިންއާ ގުޅޭ ގޮތުން ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބޭ ކަމަށެވެ.

"މި ބްރޭންޑުން ރިފްލެކްޓްވޭ އަހަރެމެންގެ ވެލިއުސްތައް. ގޯމޭ ކޮލިޓީ ޕޮޕްކޯން އުފައްދާ ބަޔަކަށް ވެފައި އަހަރެމެން ބޭނުންވަނީ ސްޓޭންޑް އައުޓް ވާން. އަހަރެމެންގެ ޕޮޕްކޯންގެ ހައި ސްޓޭންޑަޑް ރަމްޒުކޮށްދޭން،" މާހިން ބުންޏެވެ.

"އަހަރެމެން އަމިއްލަ ކެރިއާ ގޯލްތައް ހާސިލްކުރަން މަސައްކަތްކުރި ކަމުގައި ވިޔަސް ތިން މީހުން ޕޮޕްކޮރަލްގެ މި މަސައްކަތް މި ކުރަނީ އެއްވަރަކަށް. މިއަށް ވުރެ ޓީމު ބޮޑަށް އޮޓޭމޭޓްކޮށް މަސައްކަތް ފުޅާކުރުން އެއީ މަގުސަދަކީ." 

އުފާވެރިކަމާއި މީރު ރަހައަކާ ގުޅިފައިވާ އަދި ކުޑަ ހިޔާލަކުން ތަރައްގީކުރި މި ވިޔަފާރިއަށް  ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް މިހާރު ލިބެ އެވެ.

"އަހަރެމެން އެކަންޏެއް ނޫން ރާއްޖޭގައި މީރު ގޯމޭ ޕޮޕްކޯނެއް ނެތިގެން މި އުޅުނީ. އަހަރެމެންނަށް ލިބޭ ޑިމާންޑާ އެއްވަރަށް ޕްރޮޑަކްޝަން ވެސް އިތުރުކުރަން ޖެހުނު،" މާހިން ބުންޏެވެ.

ވިޔަފާރި ކުރިއަރުވާ ފުޅާކުރަން އެމީހުން ހެދި ދިރާސާތަކުން ސާބިތުވެފައިވަނީ ދިވެހިންނަށް ވެސް އެންމެ މީރީ އެމީހުން އުފައްދާ ޕޮޕްކޯންގެ ތެރެއިން ސިލްކީ ކެރަމަލް ކަމެވެ.

މި ވިޔަފާރިއަށް އަދި މާ ގިނަ ދުވަސްތަކެއް ނުވިޔަސް މިކަމުގެ ސަބަބުން ގިނަ ފިލާވަޅުތަކަކާއި ގިނަ ކަންކަން ތިން ޒުވާނުންނަށް ވެސް ވަނީ ދަސްވެފަ އެވެ. 

އެގޮތުން ޕޮޕްކޯން ހަދާފައި ވިއްކުމަކީ ފަސޭހަ ކަމެއް ކަމަށް ހީވިޔަސް އެމީހުންގެ މި އުފެއްދުން ކޮލިޓީކޮށް ބޭނުންވާ ސްޓޭންޑަޑްގައި ވިއްކުން ފަސޭހަ ނޫން ކަމެވެ.

"މިއީ ހަމަ ލޯތްބާ އެކު ކުރާ މަސައްކަތެއް. އެކަމަށް އެހާ ބޮޑު ސަމާލުކަމެއް ވެސް ދީގެން،" މާހިން ބުންޏެވެ.

ޕޮޕްކޯން ހަދަން ފްލޭވާތައް ފައްކާކޮށް ރެސިޕީ ފުރިހަމަކުރަން ދެ މަހެއްހާ ދުވަސް ހޭދަވި އެވެ. ފްލޭވާޑް ޕޮޕްކޯން ހަދަން އެންމެ ފުރަތަމަ ޕޮޕްކޯން ތައްޔާރުކޮށް، ފްލޭވާތައް ވަަކި ޓެމްޕަރޭޗަރެއްގައި ކައްކާ، ޕޮޕްކޯންގައި ލުމަށް ފަހު ހިހޫކުރަން ޖެހެ އެވެ. 

އެކަމަކު ދެން ކުރިމަތިލާން ޖެހެނީ އެންމެ ބޮޑު ގޮންޖެހުމާ އެވެ. ސްޓޯރޭޖްގެ ކަންކަމެވެ.

"ވަރަށް ޑްރައި އަދި ކޫލް ތަނެއްގައި ސްޓޯކުރަން މި ޖެހެނީ. މާލެ މިއީ ހޫނު ގަދަ އަދި ވާރޭ ވެހޭ ތަނެއް. އެހެންވެ ސްޓޯރޭޖް މައްސަލަތަކާ ދިމާވޭ،" މާހިން ބުންޏެވެ.

މީގެ އިތުރުން ތާޒާކަން ނުގެއްލޭ ގޮތަށް އަދި ވަކަ ނުވާނޭހެން ޕެކްކުރަން ވެސް ޖެހުނީ ދަސްކުރާށެވެ.

"އަހަރެމެންގެ ބެސްޓް އެފަޓް ލައިގެން މަސައްކަތް ކުރިޔަސް، ޕޮޕްކޯންއަކީ ޓެމްޕަރޭޗާ އަދި ހިއުމިޑިޓީއަށް ސެންސިޓިވް އެއްޗެއް. މިކަން ވެގެން ދިޔައީ އަހަރެމެންނަށް ލާނިން ކާވް ތެރެއިން ހިމެނޭ ކަމަކަށް،" މާހިން ބުންޏެވެ.

އެހެން ވިޔަފާރިތައް ފަދައިން މި ކުޑަ ވިޔަފާރިއަށް ވެސް ކުރިމަތިވާ އެއް ގޮންޖެހުމަކީ، ސަޕްލައި ޗެއިންގައި ދިމާވާ މައްސަލަތަކެވެ. 

"ސަޕްލަޔަރު އަތުގައި ސްޓޮކްތައް ހުސްވެފައި ހުރެދާނެ އަންއެކްސްޕެކްޓެޑްކޮށް. މިކަމުގެ ސަބަބުން އަހަރެމެންގެ ޕްރޮޑަކްޝަނަށް އަސަރުކުރޭ،" މާހިން ބުންޏެވެ.

އެ ހުއްޓުން އަޔަނުދޭން ޕޮޕްކޮރަލްއިން ބައެއް އެއްޗެހި މިހާރު ބޭރުން ގެންނަނީ އަމިއްލައަށެވެ.

މި ތިން ޒުވާނުންގެ އިންސްޕިރޭޝަންއަކީ ކޮބާ ހެއްޔޭ ކިއުންތެރިންގެ ހިތަށްއަރާފާނެ އެވެ.

"އަހަރެމެން ތިން މީހުންނަކީ ވެސް އޮންޓޮޕްރީނިއަލް ސްޕިރިޓް ވަރުގަދަ ބައެއް. އަހަރެމެން ބޭނުންވަނީ ފައިނޭންޝަލް އިންޑިޕެންޑެންސް. އެހެން މީހަކަށް މަސައްކަތް ކުރުމަށް ވުރެ ބޮޑަށް އަމިއްލަ ވިޔަފާރިން ނަފާ ހޯދުން،" ތިން ޒުވާނުންގެ އެއްގޮތް ވިސްނުން މާހިން ކިޔައިދިނެވެ.

"އަހަރެމެންނަށް ވަރަށް ބޮޑު ހިތްވަރެއް އެއީ ދިވެހި ޒުވާނުން ކޮންމެ ދުވަހަކުހެން  މާކެޓްގައި ހުސް ޖާގައެއް ހޯދައި މީހުންގެ ޑިމާންޑް އާއި ކޭޓާކުރަން ތަފާތު ވިޔަފާރިތައް ފެށުން އެއީ ވެސް،" މާހިން ބުންޏެވެ.

ޕޮޕްކޮރަލްއިން މިފަހުން ވަނީ އެމީހުންގެ ފުރަތަމަ ޕޮޕް މާކެޓްގައި ބައިވެރިވެފަ އެވެ. ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓްގައި ބައިވެރިވުމަކީ ކަސްޓަމަރުންނާ ގާތުން ބައްދަލުކުރަން ލިބުނު ފުރުސަތެކެވެ. އޭގެ ފަހުން އާޓިފިޝަލް ބީޗްގައި ވެސް އެމީހުން ވަނީ ޕޮޕްއަޕްއެއް ބާއްވައިފަ އެވެ.

ޕޮޕްކޮރަލްއިން ބޭއްވި ޕޮޕްއަޕްއެއްގެ ތެރެއިން

މާހިން ބުނާ ގޮތުގައި އަދިވެސް ގަބޫލުކުރަން ދަތި އެއް ކަމަކީ ކަސްޓަމަރުންގެ ފަރާތުން އެމީހުންގެ ޕޮޕްކޯނަށް އޮއްސާލި ލޯތްބެވެ.

"ފުރަތަމަ ލޯންޗްކުރި ދުވަހު ވެސް ހުރިހާ އެއްޗެއް ވިކި ހުސްވެގެން ދިޔައީ. ވިޔަފާރިއެއް ފެށުމަކީ އޭގައި ރިސްކުތަކެއް އެކުލެވޭ ކަމެއް. އަހަރެމެން ތިން މީހުން ވެސް ބޮޑުވެގެން އައީ މެލޭޝިއާގައި. އެހެންވެ ރާއްޖޭގެ މާކެޓް ތަސައްވަރު ކުރަން ނޭނގުނު. ޕާފޯމް ކުރާނެ ގޮތް ބުނާކަށް ނޭނގުނު. އެހެންވެ ވަރަށް ބޮޑު ސަޕްރައިޒަކަށް ވީ މިކަން،" މާހިން ބުންޏެވެ.

ކުރިމަގަށް އޮތް ޕޮޕްކޮރަލްގެ އަމާޒަކީ އުފާވެރި ހުރިހާ ވަގުތެއްގައި ވެސް ދިވެހިންގެ ބައިވެރިޔަކަށް އެ ބްރޭންޑް ހެދުމެވެ.

"މޫވީ ނައިޓް، ބާތްޑޭ، ޕިކްނިކް މިހެން ގޮސް ކޮންމެ އުފާވެރި ވަގުތެއްގައި އަހަރެމެން ބޭނުންވަނީ ޕޮޕްކޮރަލް މަތިން މީހުން ހަނދާންކުރަން. އޭގެ ބައިވެރިޔަކަށް ޕޮޕްކޮރަލްގެ  ޕޮޕްކޯން ހެދުން،" މާހިން ބުންޏެވެ.

ކޮމެންޓް (1)

profile-image-placeholder

ހަމްދޫން

26 ސެޕްޓެމްބަރު 2024
މެލޭޝިޔާގެ މި މަޝްހޫރު ޕޮޕްކޯން ރަހަ ބެލުނުތާ ވަރަށް ދުވަސްވެއްޖެ. ރާއްޖޭގައިވެސް އެ ފެންވަރުގެ ޕޮޕްކޯން ތައްޔާރުކޮށް، އަދި ލިބެންހުންނަކަން އަދި މި އިނގުނީ. ލިޔުންތެރިޔާއަށް ޝުކުރިއްޔާ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް