ވޮލީބޯޅަ

ޖޫޒަން: ފުރަތަމަ ވޮލީ ކުޅެން ހިތަށް ވެސް ނާރާ، އެކަމަކު ދެން އުފެދުނީ ވޮލީގެ ގަދަ ތަރިއެއް

އޭ ލެވެލްގެ ކިޔެވުން ފެށެންދެން ގޭގައި ކަމެއް ނެތި ހުއްޓާ މައިންބަފައިންގެ ހިތްވަރުން ވޮލީ ކޯޓަށް ނުކުތް ފާތުމަތު ޖޫޒަން ޒަރީއަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަންހެން ސެޓަރު
24 ސެޕްޓެމްބަރު 2024
3

އެރޭ ފަތިސް ވީއިރު ވެސް އޭނާއަކަށް ނުނިދުނެވެ.

ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ވޮލީބޯޅައިގެ އެ ފައިނަލް މެޗުން ރާއްޖެ ބަލިވުމުގެ ސަބަބާ މެދު ވިސްނަވިސްނާ އޮވެވުނީ އެވެ. އޭނާއަށް ވެސް އެ ސަބަބެއް ނޭނގުނެވެ. އަމިއްލަ ނަފުސަށް އޮތް ޔަގީންކަމަކީ، އޭނާގެ އިތުރުން ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކު ވެސް އެވަރަށް މަސައްކަތްކުރި ކަމެވެ. ކޯޗުން ވެސް އެ މީހުންގެ ޒިންމާ ނެގި ކަމެވެ.

ނަމަވެސް ދިވެހިންގެ ކުރިމަތީގައި، އެ ވަރުގަދަ މެޗުން، ކިރިގިސްތާން އަތުން 3-2 ސެޓުން ބަލިވީ ކީއްވެގެން ހެއްޔެވެ؟

އެ ސުވާލުގެ ޖަވާބު ފާތުމަތު ޖޫޒަން ޒަރީއަކަށް ނެތެވެ. އެކަމަކު ޔަގީނުން ވެސް އޭނާ ވަނީ އެއީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން ދިވެހިންނަށް ސާބިތުކޮށްދީފަ އެވެ. އުމުރުން 29 އަހަރުގެ ސެޓަރުގެ ފޮޅުވުން ރީއްޗެވެ. ރާއްޖޭ ޓީމުގެ އެޓޭކަރުންނަށް އެ ބޯޅަތައް ސެޓްކޮށްލަދިންލެއް މޮޅެވެ.

"ޖޫޒް ވަރުގެ ސެޓަރެއް އަންހެން ވޮލީގައި ރާއްޖެ ނުދެކޭކަން ޔަގީން،" ވޮލީގެ ތަޖުރިބާކާރަކު، އެ މެޗަށް ފަހު، އަޅުގަނޑާ ވާހަކަ ދައްކަމުން ބުންޏެވެ.

"އެއީ ވަރަށް ހިތްވަރު ގަދަ ކުޅުންތެރިއެއް. އެއްގޮތަކަށް ވެސް ސަމާސާއެއް ނޫން."

ފުވައްމުލަކުން އުފަންވި ތަރިއެއް

ވޮލީ ކޯޓުގައި ސެޓަރަކީ އެންމެ ވަރުގަދަ ތަނބެވެ. މެޗެއްގެ ހަމަލާތައް ބިނާވަނީ  ކުޅުންތެރިންނަށް އޭނާ ދިއްކޮށްލާ ބޯޅަތަކަށެވެ. އެ ހުނަރު ހުރި ކުޅުންތެރިޔަކަށް ޖޫޒަން ވެދާނެއޭ، އޭނާގެ ޕްރައިމަރީ އާއި ސެކަންޑަރީ ތައުލީމުގެ ދުވަސްވަރު، އެއްވެސް މީހަކު ހިއެއްނުކުރާނެ އެވެ. ތިން ބެއިން ހިމެނޭ އާއިލާއެއްގެ މި ދަރިވަރު ފުވައްމުލަކުގައި އޭރު މަޝްހޫވެފައި އޮތީ އެތުލެޓިކްސް އާއި ނެޓްބޯޅައިގަ އެވެ.

ޖޫޒަން އޭނާގެ ބައްޕަ ހަސަން ޒަރީރު އާއި މަންމަ ހަނީފާ އަބްދުﷲއާ އެކު

ޖޫޒަންގެ ސްކޫލް ބައިވެރިވި އެތުލެޓިކްސް އާއި ނެޓްބޯޅައިގެ މުބާރާތްތަކުގައި އޭނާއަކީ އެންމެ ވިދުން ގަދަ އެއް ތަރި އެވެ. ދުވުމުގައި 100 އާއި 200 މީޓަރު އަދި ދިގު ފުންމުމުގައި މެޑެލް ނުލިބި ނުދެ އެވެ. ނެޓްބޯޅާގައި އޭނާ ކުޅުނު ކޮންމެ މުބާރާތެއްގައި ހެންް ޗެމްޕިއަންކަމާ ހަމައަށް ނުގޮސް ދަތުރު ނުނިމެ އެވެ.

"ޖޫޒް އެއްވެސް އިރެއްގައި ކުރާ ހިތްވާ ކަމެއް ނޫން ދުވުމަކީ. [ރަނގަޅަށް] ދުވާތީ ގެންދަނީ. ނެޓްބޯޅަ ކުޅޭ ހިތްވެފައި ހުންނަނީ. ޖޫޒް ނެޓްބޯޅަ މުބާރާތެއް ކުޅެފިއްޔާ ތަށި ނުލިބި [ނުދޭ]،" ސްކޫލް ދައުރުގެ ހަނދާންތައް އާކުރަމުން ޖޫޒަން ބުންޏެވެ.

ފުވައްމުލަކު ސްކޫލްގައި އުޅުނު އިރު ކުޅިވަރުން ޖޫޒަން އިނާމު ހޯދަނީ

އޯ ލެވެލް ނިމުމާ އެކު އޭ ލެވެލް ފެށެންދެން އޭރު ލިބޭ ދިގު ޗުއްޓީގައި އޭނާ އެއްވެސް ކަމެއް ނެތިފައި ގޭގައި ހުރީ އެވެ. އެކަމަކު މަންމަ ހަނީފާ އަބްދުﷲ އާއި ބައްޕަ ހަސަން ޒަރީރުގެ އިތުރުން ގޭ އެންމެން ކަހަލަ ގޮތަކަށް އޭނާގެ ކިބައިން އެދުނީ ވޮލީ ކުޅެން ނުކުންނާށެވެ. ގޭދޮށުގައި އަވަށުގެ ވެލި ކޯޓު އޮވެ އެވެ. ދުވާލުގެ އެކި އިރު، އަންހެނުންނާއި ފިރިހެނުންގެ ވޮލީ ކުޅުން ގަވާއިދުން ކުރިއަށް ދެ އެވެ.

އެކަމަކު އޭގެ ކުރިން ވޮލީ ކުޅުމަކީ ޖޫޒަންގެ ޝައުގެއް ނޫނެވެ. ވޮލީ ކުޅުންތެރިޔަކަށް ވުމުގެ އެއްވެސް އުމީދެއް ވެސް ނެތެވެ.

"ގޭ އެންމެން ވެސް ވޮލީ ކުޅޭތީ ހިތަށްއަރާނެތާ ޖޫއަށް ވެސް ކުޅެވިދާނެއޭ. ބޭބެ ވެސް، ބައްޕަ ވެސް، މަންމަ ވެސް ކިޔާނެ ހިނގާށޭ ދެން ގޭގައި ނުހުރެ ކުޅެން ދާން. [އެހެންވެ] ދެން ދާން ފެށީ،" ޖޫޒަން ބުންޏެވެ.

ފުވައްމުލަކުގައި ބޭއްވި ރަށު މުބާރާތެއް ކާމިޔާބުކޮށް ޖޫޒަން އާއި ޓީމު އުފާ ފާޅުކުރަނީ

ފުރަތަމަ ވެސް އޭނާއާ ދިމާވީ ފުވައްމުލަކުގައި މުބާރާތެއް ބާއްވަން އުޅުނު ދުވަސްވަރަކާ އެވެ. އެހެންކަމުން އެ މުބާރާތަށް އޭނާ ވެސް ޕްރެކްޓިސް ފެށި އެވެ. އެއީ ޖޫޒަންގެ ވޮލީގެ ހުނަރު އުފަންވުމެވެ. އެ މުބާރާތް ބަލަން އޭރުގެ އަންހެން ގައުމީ ޓީމުގެ ކޯޗު އިބްރާހިމް ޖަލީލް (ޖައްލަ) ފުވައްމުލަކަށް ދިޔަ އެވެ. އޭނާގެ ލޮލުގައި ޖޫޒަން އަޅައިގަތެވެ.

ގައުމީ ޓީމުގެ ފުރަތަމަ ދަތުރާ އެކު ހުސްވީ މުޅިން ވޮލީއަށް

ސައުތު ކޮރެޔާގައި 2014ގައި އޮތް އޭޝިއަން ގޭމްސްއަށް ގައުމީ ޓީމު ދިޔައީ ތައްޔާރުވަމުންނެވެ. އެ ޓީމުގައި ޖޫޒަން ހިމެނި އެވެ. ޗައިނާ އާއި ތައިވާނާއި ހޮންކޮންގް އަދި ކަޒަކަސްތާންއާ ދެކޮޅަށް ރާއްޖެ ކުޅުނު ހުރިހާ މެޗެއް ސީދާ ތިން ސެޓުން ބަލިވީ އެވެ. އެއީ ޖޫޒަންގެ ފެށުމެވެ. އޭރު އޭނާ ކުޅެމުން އައީ އެޓޭކަރަކަށެވެ. ނަމަވެސް ސެޓަރެއްގެ ހުންނަން ޖެހޭ ސިފަތައް އޭނާގެ ކިބައިން އިބްރާހިމް ޖަލީލަށް ފެނުނެވެ. 

ޗައިނާއާ ދެކޮޅަށް 24 ސެޕްޓެމްބަރު 2014ގައި ކުޅުނު މެޗުގައި ރާއްޖޭގެ ސެޓަރަށް ހަމަޖެހިގެން ކުޅެވޭ ގޮތް ނުވުމާ އެކު، އިރުކޮޅަކަށް ޖޫޒަން އެރުވި އެވެ. އެއީ ގައުމީ ޓީމުގެ ރަސްމީ މެޗެއްގައި ކޯޓަށް އޭނާ ނުކުތް ފުރަތަމަ ފަހަރެވެ.

ވޮލީ ކޯޓުގައި ޖޫޒަންއަކި އެހެން ކުޅުންތެރިންނަށް ވެސް ހިތްވަރެއް

"ޖޫޒް ފާސްޓްވީމާ ޖައްލަ ކޯޗު ބުނީ އަަރާބަލާށޭ. ރީތި ބޯޅައެއް ސެޓް ނުވިޔަސް އަންޑަ ހޭންޑުން އުސްކޮށްލާށޭ،" ޖޫޒަން ބުންޏެވެ.

އޭރު ސެޓަރެއްގެ "ޓްރޭނިންއެއް ނުހަދަން. ދެތިން ޕޮއިންޓް [ގެއްލުމާ އެކު] ޖޫޒް މާ ބޮޑަށް ހާސްވީމާ ބޭލީ."

އެ މުބާރާތަށް ފަހު ރާއްޖޭގައި ނެގި 23 އަހަރުން ދަށުގެ އަންހެން ޓީމުގައި އޭނާ ހިމެނި އެވެ. އެހާ ހިސާބުން އެޓޭކަރެއްގެ ބަދަލުގައި ސެޓަރަަކަށް ހާއްސަވެ، ތަމްރީންތައް ފެށި އެވެ.

ޖޫޒަންއަކީ ކުޅިވަރުގެ ވިސްނުން ހުރި ޒުވާނެކެވެ. އޭނާގެ ސިކުނޑީގައި އެނބުރުނު އެއް ހިޔާލަކީ ގައުމީ ޓީމުގެ ފުރަތަމަ ހަ ކުޅުންތެރިންގެ ތެރެއަށް ވަދެވެން އޮތް އެންމެ ފަސޭހަ އެއް މަގަކީ ވެސް ސެޓަރަކަށް ކުޅުން ކަމެވެ.

"ޖައްލަ ކޯޗު އަސްލު ޖޫޒް ސެޓަރަކަށް ބަދަލުކުރީ. ކޮށްގެން ދެން ޓްރޭނިންތައް އެންމެ ބޭސިކުން ފަށައިގެން [ހެދީ]،" ޖޫޒަން ބުންޏެވެ.

"އޭރު ދެން ޑްރީމްއަކީ ސްޓާޓިންގައި ކުޅުން. ދެން ހިތަށްއެރީ ސެޓަރަކަށޭ ފަސޭހައިން ދެމިގަނެވޭތީ ސްޓާޓިން ސިކްސްއަށް."

އޭގެ ފަހުން މިހާރު 10 އަހަރު ވީ އެވެ. އޭނާ ކަޓުވާފައި ގައުމީ ޓީމުގެ ސެޓަރުގެ މަގާމަށް އެރޭ ވަރުގެ އެހެން ކުޅުންތެރިޔަކު އަދި ނުއުފުދެ އެވެ.

ޖޫޒަންގެ ވޮލީގެ ހަޔާތުގައި އޮތީ މުޅިން ވެސް ކާމިޔާބީ އެވެ. ރާއްޖޭގައި އޭނާ ކުޅުނު ހުރިހާ މުބާރާތެއްގެ ތަށި ވަނީ ހޯދައިފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ މުބާރާތްތަކަށް އޭނާ ގެންދެ އެވެ. އޭނާ ނެތިއްޖެ ނަމަ 'ޓީމު ހަމަނުވާކަމު'ގެ އިހުސާސް ބައެއް ކޯޗުންނަށް ކުރެވެ އެވެ.

ނުވެ އޮތީ ގައުމީ ޖާޒީގައި ރަން މެޑެލް އެޅުން

މި މަހު 11 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރު ފުރާލާފައި އޮތީ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އަންެހެނުންގެ މުބާރާތުގެ ފައިނަލް މެޗު ބަލަން ވަން މީހުންތަކުންނެވެ. ކިރިގިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ކުޅުމާއި ދެއްކި ހުނަރާއި ކުރި ހިތްވަރަށް އޮތީ ސާބަހާއި ތައުރީފެވެ. އެކަމަކު 3-2 ސެޓުން ބަލިވުމުން ޗެމްޕިއަންކަން ލިބޭ ގޮތެއް ނުވި އެވެ.

އެރޭގެ ނިދިން ޖޫޒަން މަހުރޫމްވީ އެ ވިސްނުންތަކާ ހެދި އެވެ.

"މޮޅުވާށޭ ދިޔައީ. ހަމަ ހިތު އަޑިން ގަބޫލުކުރީމޭ ގެރެންޓީއޭ، ލާހިކެއް ނޫނޭ ތިން ސެޓުން ބަލިކޮށްލާފައި މި ފަސްގަނޑުގައި ދާކަށް. އެ ޗެލެންޖް ކުރިން އެމީހުންނާ،" ލީގު ބުރުގައި ކުޅުނު މެޗުގައި ކިރިގިސްތާން އަތުން 3-0 ސެޓުން ރާއްޖެ ބަލިވެފައި އޮތް އޮތުމަށް އިޝާރާތްކޮށް ޖޫޒަން ކިޔައިދިނެވެ.

ޖޫޒަން ވޮލީގެ ތަމްރީންތަކެއްގައި: ގައުމީ ޓީމަށް ކުޅެމުން އަންނަތާ 10 އަހަރު ވެއްޖެ

"ދިޔައިރު ވެސް ހިތަށްއަރުވައިގެން ހުރީ ފަހެއްޗަށް [ފަސް ސެޓް] ދުއްވާލެވިއްޖެއްޔާ  އިންޝާﷲ، ދެން އަހަރެމެންނަށް މޮޅުވެވޭނޭ. އެ އަޒުމުގައި ދިޔައީ."

އެކަމަކު ވީ އެހެންނެއް ނޫނެވެ. ފަހު ސެޓްގައި ކިރިގިސްތާން އަތުވާ ގޮތެއް ނުވި އެވެ.

މީގެ ފަސް އަހަރު ކުރިން، 2019ގައި، ނޭޕާލުގައި އޮތް މުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔައީ ސެމީ ފައިނަލްގައި ކިރިގިސްތާން ބަލިކޮށްފަ އެވެ. އެއީ ޖޫޒަންގެ ވޮލީގެ ހަޔާތުގެ އެންމެ އުސް އަލިކަމަށް މިހާރު ވެސް އޭނާ ގަބޫލުކުރެ އެވެ.

"އަސްލު ކިރިގިސްތާން އޭރު ވެސް ވަރަށް މޮޅު. އެ މީހުން އަންޑައެސްޓިމޭޓްކޮށްލީ. ވަރަށް އީޒީ މެޗެއް ކަމަށް ހީކޮށް ވަރަށް ގަޔަށް ދޫކޮށް ކުޅެން ފެށީ،" ޖޫޒަން ބުންޏެވެ.

"އެހެންވީމާ ރާއްޖެ ޓީމު ފޯމަކަށް އެޅުނީއެޅުނީމާ އެމީހުންނަށް އުނދަގުވީ ހުއްޓުވަން."

ރާއްޖޭގައި އޮތް މުބާރާތުގެ ފައިނަލަށް ނުކުތް އިރު އެ މެޗުގެ ތަޖުރިބާ ޖޫޒަންއަށް ވަރަށް މުހިންމުވި އެވެ. ނަމަވެސް ފަހު ސެޓްގައި ކިރިގިސްތާން މާ ބޮޑަށް ދެމިގަތުމުން ފެނުނު ޕޮއިންޓްގެ ތަފާތު ފަހު ވަގުތު ކުޑަކުރެވޭ ގޮތް ނުވެ ނިމުނީ 15-9 އިންނެވެ.

"އަދިވެސް ހިތަށްއަރާ އަތު ތެރޭގައި އޮތް [ތައްޓެކޭ]. [އެކަން ނުވީ] ނަސީބު ހެއްޔޭ. ވާވަރަށް މަސައްކަތްނުކުރެވުނީ ހެއްޔޭ. އެކަހަލަ އެއްޗެހި ހިތަށްއަރަނީ،" ޖޫޒަން ބުންޏެވެ.

މާލޭގައި މި މަހު ބޭއްވި ކާވާގެ އަންެހެނުންގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު މެޗެއްގެ ތެރޭގައި އުފާ ފާޅުކުރަނީ. ނަންބަރު 11 އަކީ ޖޫޒަން --ފޮޓޯ/ވޮލީބޯލް އެސޯސިއޭޝަން

"ކޮން އެއްޗެއްހޭ އަހަރެމެންގެ މަދުވީ. ކޯޓު މަތީގައި ނޫނީ ކޯޓުން ބޭރުގައި. ކޮންމެވެސް ކަމެއް ވެގެންދޯ އަސްލު މޮޅުނުވާނީ. ހިތަށްއަރަނީ ކޮން ކަމެއް ބާވައޭ އަހަރެމެންނަށް މިސްވަނީ. އެންމެ ބޭނުންވާ ގަޑީގައި ހިފާލަން ނޫނީ މޮޅުވާން ކޮން ކަމެއް ބާވައޭ މިސްވަނީ."

އެ މެޗުގެ ބަލިވުން ޖޫޒަންއަށް ހިތި ނާކާމިޔާބީއަކަށް ވަނީ މިހާތަނަށް އޭނާއަށް ފުރިހަމަނުކުރެވި އޮތް ހަމައެކަނި ހުވަފެނަކީ ގައުމީ ޖާޒީގައި ރަން މެޑެލް ހޯދުން ކަމަށް ވުމުންނެވެ. ކާވާ މުބާރާތުގައި ދެ ފަހަރަށް ފައިނަލްގައި ކުޅެފި އެވެ. ނަމަވެސް އެ އުއްމީދު އޮތީ އަދިވެސް ހުވަފެނެއްގެ ގޮތުގަ އެވެ.

"އިތުރު އެއްޗެއް ޖޫޒް ނޯންނާނެ [ވޮލީގައި] ހޯދާކަށެއް. އެއީ މާލޭގައި ޗެމްޕިއަންކަން ނުނަގާ މުބާރާތެއް ނޯންނާނެ. ހަމައެކަނި ވޮލީގެ ކެރިއަރުގައި މަދުވަނީ އިންޓަނޭޝަނަލް ގޯލްޑެއް އެކަނި،" ޖޫޒަން ބުންޏެވެ.

"ދިހަ އަހަރު ކުޅުނު އިރު ހަމައެކަނި ނުވާ ކަަމަކަށް އޮތީ ގައުމީ ޖާޒީގައި ގޯލްޑް މެޑެލް އަޅާލުން."

'މީނާއަކަށް މިކަމެއް ނުވާނޭ' ގޮވަންދެން ކުޅުން ކުރިއަށް ގެންދާނެ

'ދައުރު'ގެ ސްޓޫޑިއޯގައި، ކެމެރާ ކުރިމަތީގައި އިނދެ އޭނާގެ ކުޅިވަރުގެ ހަޔާތާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުން އެނގެނީ ޖޫޒަންއަކީ ހަގީގަތުގައި ވެސް އާދައިގެ ކުޅުންތެރިއެއް ނޫން ކަމެވެ. ކުޅުމުގެ ހުނަރު އެކަންޏެއް ނޫނެވެ. އޭނާގެ ކުޅިވަރުގެ އަޒުމް ވެސް އެހާމެ ވަރުގަދަ އެވެ.

ޖޫޒަންއަށް ރާއްޖޭގައި ނުލިބޭ ކާމިޔާބީއެއް ނެތް

ޖޫޒަން ހުރީ ކުޅުމާ ދުރަށް ދާ ހިޔާލެއްގަައެއް ނޫނެވެ. އެ ފައިނަލަކީ ހަޔާތުގެ ހިތާމަވެރި އެއް ތަޖުރިބާ އެވެ. އެކަމަކު އެ ތަޖުރިބާއިން އޭނާގެ އަޒުމް ވަރުގަދަ ވުން ނޫން އެހެން ކަމެއް ނުވި އެވެ.

އޭނާގެ 10 އަހަރުގެ ވޮލީ ކެރިއަރުގައި ފެނުނު އެންމެ މުހިންމު އެއް ތަފާތަކީ އަންހެން ވޮލީ އެހެން ލެވެލްއަކަށް ގެންދިއުމެވެ. އެއީ ފުރަތަމަ ދުވަހު އޭނާ ކަނޑައެޅި އެއް އަޒުމެވެ. އޭރު އަންހެން ވޮލީ އޮތް ފެންވަރުން އެހެން ލެވެލްއަކަށް ގެންދިއުމުގެ އުއްމީދު ފުރިހަމަކުރެވިއްޖެކަން، ދިވެހިންގެ ކުރިމަތީގައި ކުޅުނު ކާވާގެ ފައިނަލް މެޗުން އެކަނި ވެސް ސާބިތުވެ އެވެ.

އެކަމަކު އޭގެ މާނައަކީ ކުޅުން ހުއްޓާލުމެއް ނޫނެވެ. އޭގެ ބަދަލުގައި ޖޫޒަންގެ އޮތީ ކުޅުން ކުރިއަށް ގެންދިއުމުގެ ނިޔަތެވެ.

"ޖުޒްއަކީ ވަރަށް ސްޕޯޓްސް މީހެއް. ޖޫޒްއަށް ހީވަނީ ޖޫޒް ކުޅުން ހުއްޓާލާނީ މަތީގައި ތިބޭ ސަޕޯޓަރުން، 'އާނ ދެން މީނާ ބާލާށޭ، ދެން ހެޔޮނުވާނޭ، މީނާ ލައިގެން ނުވިއެއް ނޫންހޭ، މީނާއަކަށް ނުވާނޭ، އެއަށް ވުރެ މާ މުސްކުޅިވެއްޖޭ' އެކަހަލަ ކޮމެންޓެއް އަންނަ ހިސާބުން މިކަމާ ދުރުވެވޭނީ،" ޖޫޒަން ބުންޏެވެ.

"އެހެން ނޫނީ ހީވަނީ ކުޅޭނެހެން."

މައިންބަފައިންނާ މުޅި އާއިލާއަކީ އޭނާގެ ހިތްވަރެވެ. ފިރިމީހާއަކީ މިހާރު އެންމެ މުހިންމު އެއް އެހީތެރިޔާ އެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ސެޓަރު ޖޫޒަން 'ދައުރު'އަށް އިންޓަވިއު ދެނީ

ދެން ވެސް ގައުމީ އަންހެން ވޮލީ ޓީމު ވާދަކުރާ ނަމަ ކޯޓުގައި ހުންނާނެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކަށް ވާނީ ޖޫޒަން އެވެ. އޭނާގެ ފެންވަރާއި ހުނަރާއި ކުޅިވަރުގެ ވިސްނުންތެރިކަމަށް ބަލާއިރު ފުރަތަމަ ހަޔަކުން އޭނާ ކަޓުވާލެވޭނެ އެހެން ސެޓަރެއް އަދި ނުފެނެ އެވެ.

"ޖޫޒަންގެ ހިތްވަރު ހަމަ ވަރަށް މުހިންމު ގައުމީ ޓީމަށް. އެއީ ޓީމު ކުޅުވާ މީހަކީ އަސްލު،" ކުރިން ވާހަކަ ދެއްކި ވޮލީގެ ތަޖުރިބާކާރު ބުންޏެވެ.

ކުޅުމާ ވަކިވުމުގެ ވިސްނުން ޖޫޒަން ނުގެންގުޅުމުގެ މާނައަކީ އެ ތަޖުރިބާކާރާއި ކޯޗުންނާއި ގައުމީ ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް ހިތްވަރެކެވެ. އޭނާގެ މުހިންމުކަން އެހާ ވެސް ބޮޑެވެ.

ކޮމެންޓް (3)

profile-image-placeholder

ސިދާން

28 ސެޕްޓެމްބަރު 2024
މޮޅު ނުވީ ހަމައެކަނި ނަސީބު އެހީ ނުވީމައެއް ނޫން. ޓީމެއްގެ ގޮތުގައި އިނދިކޮޅު ޓީމަށްވުރެ މޮޅަށް ނުކުޅެވުނީމައެވެ. ކޮންމެ ކުޅިވަރެއް ކުޅުނަސް މިޙަޤީޤަތް ޤަބޫލުކޮށް އެފެންވަރަށް ކުޅެވިއްޖެއްޔާ އިރާދަ ކުރެއްވިއްޔާ އިނދިކޮޅު ޓީމް ބަލިކޮށް ކާމިޔާބު ކުރެވޭނެ.

ގެންޒޯ

24 ސެޕްޓެމްބަރު 2024
މީ ހަމަ ގޯޓް. އައި ލަވް ދިސް ޕްލެޔަރ ހުވާ..

މުރާސިލު

24 ސެޕްޓެމްބަރު 2024
ޖައްލަކޯޗަށް ޖޫ ދެއްކި މީހެއްވެސް ހުންނާނެތާ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް