ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ހުސެން ނަސީމް އޭނާގެ ދަށުން މަސައްކަތްކުރި ބަޔަކަށް ކަންކަން ކިޔައިދެއްވަނީ
ހުސެއިން ނަސީމް: ކުޅިވަރު އިންތިޒާމްތަކުގެ ފަހަތުގައި ހުރި އަލި ގަދަ ތަރިއެއް
އޭނާއަކީ ކުޅިވަރުގެ ތަރިއެއް ނޫނެވެ. ކުޅިވަރުގެ ބޭރުން ގިނަ ބަޔަކަށް އޭނާ ނޭނގިދާނެ އެވެ. އެކަމަކު މިދިއަ ހޯމަދުވަހު އަޅުގަނޑުމެންނާ ވަކިވި ހުސެއިން ނަސީމަކީ ކުޅިވަރުގެ އިންތިޒާމްތަކުގެ ފަހަތުގައި ހުންނެވި ގައުމީ ހިދުމަތްތެރިއެކެވެ. އާންމުންނަށް ނޭނގޭ ގައުމީ ތަރިއެކެވެ.
އުމުރުން 56 އަހަރުގައި ހުސެއިންގެ ކުއްލި ވަކިވުމަކީ ދިވެހި ކުޅިވަރުގެ އިސް އެތައް ބަޔަކަށް ކުއްލި ހިތާމައެއްމެ އެވެ. އޭނާގެ ހިދުމަތުގެ އަގުވަޒަންނުކުރާ އޮފިޝަލަކު ނެތެވެ.
"އަހަރެން ކުޅިވަރުގެ ތެރެއަށް ވަން އިރު އަބަދުވެސް ފެންނާނީ ހުސެއިން ނަސީމް. މުބާރާތްތައް އިންތިޒާމްކުރިޔަސް، ގަލޮޅު ދަނޑުގެ ކަމެއްގައި ވިޔަސް، އޭނާ ހުންނާނެ ކުރީގައި،" އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވި އެވެ.
ކުޅިވަރުގެ ރަސްމީ އިދާރާގައި ހުސެއިން ހިދުމަތް ފެއްޓެވީ 1987ގަ އެވެ. އެއީ ހޯމް މިނިސްޓްރީގެ ދަށުގައި އޮންނަ ސްޕޯޓްސް ޑިވިޒަނުން ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތައް އިންތިޒާމްކުރި ދުވަސްވަރެވެ. ރާއްޖޭގައި ކުޅިވަރުގެ އެސޯސިއޭޝަންތައް އުފައްދާފައި އޮތަސް އޭރު ގައުމީ މުބާރާތްތައް ރާވާ ހިންގުމުގެ ހުރިހާ ޒިންމާއެއް ނެގީ ސްޕޯޓްސް ޑިވިޒަނުންނެވެ. އޭގެ އިތުރުން ގަލޮޅު ދަނޑުގެ ހުރިހާ ކަމެއް ބެލެެހެއްޓީ ވެސް އެ ބައިންނެވެ.
އުމުރުން އެންމެ 19 އަހަރުގައި ހުސެއިންގެ ގައުމީ ހިދުމަތް ފެއްޓެވީ އެހާ ހިސާބުންނެވެ. ސްޕޯޓްސް ޑިވިޒަނުގެ ހިންގުންތެރިންގެ ތެރެއަށް އޭނާ ވެންނެވި ގޮތަށް، މިދިއަ ހޯމަދުވަހު އަވަހާރަވަންދެން ވެސް ހުންނެވީ ކުޅިވަރުގެ ހިދުމަތުގަ އެވެ.
ބޭރުގައި ރާއްޖެ ތަމްސީލްކުރި ފުރަތަމަ މެރެތަން ދުވުންތެރިޔާ އަދި ފަހުން އެތުލެޓިކްސް އެސޯސިއޭޝަން ހިންގެވުމުގައި ވެސް އުޅުއްވި ހުސެއިން ހަލީމް (ކުޑަހުސެއިން) ވިދާޅުވި ގޮތުގައި ރަސްމީ ވަޒީފާއެއް ނަމަވެސް ހުސެއިން ނަސީމްގެ އަގުހުރި ހިދުމަތްތައް ފެނުނީ "ހިލޭސާބަހަށް މަސައްކަތްކުރާ މީހެއް ފަދައިން"ނެވެ. މާނައަކީ ކޮންމެ ގަޑިއެއްގައި ވެސް އޭނާ މަސައްކަތުގައި އުޅުއްވާނެ ކަމެވެ.
"ވަރުބަލިވުމެއް ނެތި ދިވެހި ކުޅިވަރަށް ކޮށްދެއްވީ އެހާމެ ބޮޑު ހިދުމަތެކެވެ،" ހުސެއިން ނަސީމްއާ ބެހޭ ގޮތުން ހުސެއިން ލިއުއްވި އެވެ.
"ހުސައިން ނަސީމްއަކީ ކުޅިވަރު ވުޒާރާގައި 37 އަހަރަށް ވުރެ ގިނަ ދުވަހު ވަރަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާ އެކު އެހާމެ ހީވާގި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޤައުމީ ހިދުމަތްތެރިއެއް،" ކުރީގެ ކުޅިވަރު މިނިސްޓަރު އަދި ކުޅިވަރުގެ ވަރަށް ގިނަ ކަންކަން ވަރަށް ގާތުން ކުރިންސުރެ ވެސް ތަޖުރިބާކުރައްވާފައިވާ އަހުމަދު މަހުލޫފް، ފޭސްބުކްގައި ލިއުއްވި އެވެ.
މުންތަގިމް ވިދާޅުވި ގޮތުގައި ސްޕޯޓްސް ޑިވިޒަނުން މުބާރާތްތައް އިންތިޒާމްކުރި އިރު ހުސެއިންއާ ވަރަށް ކައިރިން މަސައްކަތްކުރެއްވި އެވެ. އޭނާގެ ފަރާތުން ފެނުނީ އިހުލާސްތެރިކަމާއި ކަންކަން ރަނގަޅަށް ނިންމެވުމުގެ ސިފަކަމަށް ވިދާޅުވި އެވެ.
"ކަމެއް ނުކޮށް ދޫކޮށްލާފައެއް ނުހުންނާނެ. އޭނާގެ ޒިންމާ އޭނާ ހަމަ ރަނގަޅަށް އަދާކުރާނެ،" މުންތަގިމް ވިދާޅުވި އެވެ.
ހުސެއިން އަވަހާރަވިިއިރު ހުންނެވީ ސްޕޯޓްސް މިނިސްޓްރިގެ ސީނިއަ އެޑްމިނިސްޓްރޭޓަރުގެ މަގާމުގަ އެވެ. އޭނާގެ މައިގަނޑު ޒިންމާއަކީ ގަލޮޅު ދަނޑުގެ ކަންކަން ބެލެހެއްޓެވުމެވެ. އޭގެ ކުރިން ގަލޮޅު ދަނޑާއި ކުޅިވަރުގެ އެކިވެނި ބެލެހެއްޓުން ވެސް އޮތީ އޭނާގެ ދަށުގަ އެވެ.
"މިއީ ދިވެހި ކުޅިވަރަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް،" ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރިން ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި މުހައްމަދު ރިޔާޒު، އޭނާގެ ފޭސްބުކްގައި، ލިއުއްވި އެވެ.
ބައެއް ހިދުމަތްތެރިންނަކީ އާންމުންނަށް އެނގޭ ނަންނަމެއް ނޫނެވެ. އެފަދަ ހިދުމަތްތެރިން އުޅޭނީ ފަރުދާގެ ފުރަގަހުގަ އެވެ. އެކަމަކު އެމީހުންނާ ނުލައި ވަރަށް ގިނަ ކަންކަން ހުންނާނީ ރަނގަޅަށް ނުކުރެވި އެވެ. ހުސެއިން ނަސީމް ލާން ޖެހޭނީ އެ ލިސްޓަށެވެ.
"އެއްވެސް ޝަކުވާއެއް ނޯންނާނެ އެވެ. އަބަދުވެސް ހުންނާނީ ހިނިތުންވުމުގަ އެވެ. ކުޑަޔަސް ބޮޑަސް އެ މަސައްކަތެއް ކުރާނީ އެންމެ ރަނގަޅަށެވެ. އެއްވެސް ޝަކުވާއެއް ނޯވެ އެވެ،" ހުސެއިން ހަލީމް ވިދާޅުވި އެވެ.
އެފަދަ ހިދުމަތްތެރިން މި ޒަމާނުގައި ހޯދާނީ ކިހިނަކުން ހެއްޔެވެ؟ އެހެންކަމުން ކުޅިވަރުގެ ހިންގުންތެރިންނަށް ބުނެވެން އޮތީ 'ދެވަނަ ހުސެއިން ނަސީމެއް' ނުލިބޭނެ ކަމެވެ.