މާފުށީގައި ދިރިއުޅެމުން އަންނަ އާސިމް ވަހީދު (ޗިން)

ލިވިން

އާސިމް އަބަދުވެސް ހަމަޖެހިފައި، ސިއްރަކީ ނަފުސަށް ކުރާ އިތުބާރު

މޫދު ކުޅިވަރުތަކުގެ ތަޖުރިބާކާރުގެ ޓިކްޓޮކް ވީޑިއޯތައް ވައިރަލް. އޭނާގެ ވާހަކަ ދެއްކުން ސާދާ، އެ ސިފަތައް މީހުންނަށް ވަރަށް ކަމުދޭ
12 ޖުލައި 2024
1

މީގެ އަހަރެއްހާ ދުވަސް ކުރިން މާފުއްޓަށް ކުރި ދަތުރެއްގައި އާސިމް ވަހީދު (ޗިން)އާ އެރަށުގެ ގޮނޑުދޮށުން ބައްދަލުވި އެވެ. އެ ދުވަހު ވެސް އޭނާ ބުނީ ދުނިޔެއަށް 'މޯލްޑިވްސް' ނޭނގުނަސް '#މާފުށި' އެނގޭނެ ކަމަށެވެ. އޭރުވެސް އެއީ ތަފާތު މީހެއް ކަމަށް ހީކުރެވުނެވެ.  

މާފުށީގައި ހުންނަ ވައިޓް ބީޗް ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ އާސިމްއަކީ މި ދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ވައިރަލްވަމުން އަންނަ އެކެކެވެ. 

ވައިޓް ބީޗް ވޯޓާ ސްޕޯޓްސް އާއި މޫދާ ދޯޅު ދިރިއުޅުން ޕްރޮމޯޓް ކުރަން އޭނާ ހެދި ޓިކްޓޮކްއަކާ އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ވީޑިއޯގައި އޭނާ ބުނެލަ އެވެ: "ހެލޯ ވޯލްޑް. ޓުޑޭ އިޒް އަ ނައިސް ޑޭ. ޑައިމަންޑް ސްކައި. ވޯޓާ ބުލޫ...ބިލީވް މީ، ސެންސް މޭކް...."

އެއްބަޔަކު މާފުއްޓަށް ގޮސް އޭނާއާ އެކު ސެލްފީ ނަގަނީ އެވެ. ވީޑިއޯގައި އޭނާ ބުނާ ކަހަލަ ކޫލް މީހަކަށް ވުމަށެވެ.

@moodhuparee Believe me, sense make 🤙🏾@ynotchinchon ♬ diamond sky water blue - Nadha 🌺

އާސިމްގެ ވީޑިއޯތައް ވައިރަލްވަނީ ދޫފަރިތަކަމާ އެކު އިނގިރޭސި ބަހުން ރާއްޖެ ސިފަކޮށްލާ ގޮތުގެ ސަބަބުންނެވެ. ވާހަކަ ދެއްކުމުގައި ކުށް ހުއްޓަސް އެކަމަކަށް އޭނާގެ ސަމާލުކަމެއް ނުދެ އެވެ.

އާސިމް ދުނިޔެ ދެކެނީ އުފާވެރި ލޮލަކުންނެވެ. ގުދުރަތީ މާހައުލާއި، މާފުށީގައި އޭނާ ކުރާ މަސައްކަތާ މެދު އަބަދުވެސް ޕޮޒިޓިވް އެވެ.

އާސިމް ބުނާ ގޮތުގައި ވައިޓް ބީޗް ވޯޓާ ސްޕޯޓްސްގައި އޭނާއަކީ 'އޯލް އިން ވަން' އެވެ. ޖެހުނު ހުރިހާ މަސައްކަތެއް ކުރާ މީހެކެވެ.

އޭނާއަކީ އަސްލު މާލޭ މީހެކެވެ. މާފުށީގައި ދިރިއުޅޭތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އާސިމް ވަޒީފާގެ ޒިންމާއަކީ މާފުއްޓަށް ދާ ފަތުރުވެރިންނާއި އެހެން ވެސް މީހުންނަށް މޫދާއި މޫދު ކުޅިވަރަށް ހިތްޖައްސައި، މޫދު ކުޅިވަރުތަކަށް މަގު ފަހިކޮށްދިނުމެވެ.

އެންމެ ކުރިއްސުރެ ވެސް މޫދާ ރައްޓެހި އާސިމް ބުނާ ގޮތުގައި މާފުށީގެ އިތުރުން ގުޅި، ގުރައިދޫގައި ވެސް މޫދު ކުޅިވަރުތަކުގައި ކުރިންސުރެ އޭނާ އައީ ބައިވެރިވަމުންނެވެ. 

އެއީ ސާފް ބޯޑް ފަދަ އެއްޗެހި މިހާރުހާ ފަސޭހައިން ގަންނަން ލިބޭ ދުވަސްވަރެއް ނޫނެވެ. ރަށްރަށުގައި މި ކަންކަން އެފަދަ ކުޅިވަރުތައް ކުރިއަށް ގެންދަން ކިތަންމެ ބޭނުންވިޔަސް ގިނަ މީހުންނަށް ބޯޑެއް ނުލިބެ އެވެ. އެހެންވެ އެ ރަށްރަށުގައި ސާފްކޮށް އުޅުނު މީހުންނަށް ބޯޑު ދީ ހަދަނީ އާސިމްމެންނެވެ.

އާސިމް ގަބޫލުކުރާ ގޮތުގައި އޭނާގެ މަސައްކަތަކީ އެ ދާއިރާއިން މީހުން ވެސް ބިނާކުރުމެވެ. އޭނާ ނަގާ ވީޑިއޯކޮޅެއް ވައިރަލްވުމަށް ވުރެ ބޮޑަށް އޭނާ އެހީތެރިވި މީހުން އެ ދާއިރާގައި ރަނގަޅު ބަޔަކަށް ވެގެން އުޅޭ ތަން ފެނުމުން މާ ބޮޑަށް އުފާވެ އެވެ. 

"ޝީޝާއަކުން ނުދޭނެ ސައިކަލެއް ހިލެޔަކު. އެކަމަކު އަހަރެމެން މި ދެނީ ސާފް ބޯޑު އެކަން ކުރާ ހިތްވާ މީހުންނަށް. މިހާރު އެކުދިންތައް ބޮޑުވެ ބޮޑެތި ތުނބުޅި ލާފައި ތިބި މީހުންނަށް ވެފައި އެތިބީ،" އާސިމް ބުންޏެވެ.

މޫދާ ދޯޅު އާސިމް (ޗިން) ސާފް ބޯޑްތަކެއްގެ ކައިރީ އިށީނދެލައިގެން

އޭނާ އިޝާރާތް އެ ކުރީ މޫދު ކުޅިވަރުގެ ތެރެއިން މީހާގެ އަމިއްލަ ނަފްސަށް ލިބޭ އިތުބާރާއި ޔަގީން ކަމަށެވެ. އެމީހުން މިހާރު ރާޅަށް ނުދިޔަސް ދިރިއުޅުމަށް މި ކުޅިވަރުގެ ސަބަބުން ހެޔޮ އަސަރެއް ވަނީ ކޮށްފަ އެވެ.

އާސިމް އޭނާގެ އިނގިރޭސި ރާގުގައި ބުނެލި އެވެ.

"ސޯ ވީ އާ ދަ ބިލްޑާސް." 

އުމުރުން 42 އަހަރުގެ އާސިމް ވަނީ ހަޔާތުގައި އެހެން ތަޖުރިބާތަކެއް ވެސް ކޮށްފަ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް އޭނާ ހޭދަކުރި އެވެ. އެ އަނދިރިކަމަކީ ހަޔާތުގެ އެއް ބާބެވެ. އެކަން މިހާރު ނިމިއްޖެ އެވެ.

އާސިމްގެ ކިބައިން ފެންނަ އުފާވެރިކަމާއި ފޮޒިޓިވް ރޫހާ މެދު ބުނަނީ މީހާ މާޔޫސްވެ މޮޅިނުވެ ހުރެވެނީ އަބަދުވެސް ތިމާއަށް ވާނެ ކަން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުން ކަމަށެވެ.

"ވީ އާ ހިއުމަންސް. ވީ ނީޑް ޓު ބިލީވް އިން ލައިފް އެންޑް ލިވް އިޓް. ބިލީވް މީ، ސެންސް މޭކް،" އޭނާ ބުންޏެވެ.

ކޮމެންޓް (1)

މީމަ

12 ޖުލައި 2024
އީމާން މިހާރު ތިގެނެސްދޭ ގިނަ ލިޔުންތައް އެއްވެސް ވަރަކަށް ކަމަކުނުދޭ. ގިނައިން ތިގެނެސްދެނީ ޓިކްޓޮކުން ފެންނަ ކޮންމެވެސް ފަރާތެއް. އީމާންއަކީ މޮޅެތި، ތަފާތު ލިޔުންތައް ގެނެސްދިން ހުނަރުވެރިއެއް. އެފަދަ މޮޅު ލިޔުމަކަށް އިންތިޒާރުކުރަން.
8 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް