'ދުފި'އަކީ އިސްމާއިލް މަޒްހަމް އާއި ސުލްވާނާ ޝިހާބު އުފެއްދި ބްރޭންޑެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ލިވިން

ދުފި: މި ދެމަފިރިން ދިވެހިންގެ ދުފުމުގެ އާދައަށް ހެޔޮ ބަދަލެއް

އިސްމާއިލް މަޒްހަމް އާއި ސުލްވާނާ ޝިހާބު މީގެ 4 އަހަރު ކުރިން އުފެއްދި ބްރޭންޑްގެ ދުފާތަކެތީގައި ފޯއް، ހީރާޕައްނާ އަދި ދުންފަތް ފަދަ ސިއްހަތަށް ގެއްލުންހުރި ބާވަތްތަކެއް ނުހިމެނޭ

ހަޔާތުގެ ބައިވެރިޔާ އަކީ ތިމާގެ ބިޒްނަސް ޕާޓްނަރުކަމަަށް ހަދައި ކާމިޔާބު ވިޔަފާރިއެއް ހިންގިދާނެ ހެއްޔެވެ؟ އިސްމާއިލް މަޒްހަމް އާއި ސުލްވާނާ ޝިހާބު ބުނާނީ އާނއެކޭ އެވެ.

މި ދެމަފިރިންގެ ކައިވެންޏަށް 10 އަހަރުވެ، ދަރިފުޅަށް 7 އަހަރެވެ. ދެމަފިރިން އެކީގައި ބިސްމި ކިޔާފައި ފެށި ވިޔަފާރިއަށް ހަތަރު އަހަރެވެ.

އަމިއްލަ ވިޔަފާރިއެއް ކުރުމަށް ބޭނުންވެފައި ތިބި މަޒްހަމް އާއި ސުލްވާނާ ކޮވިޑް-19ގައި ފެށީ ދުފާ އެއްޗެހި ވިއްކުމަށެވެ. އެކަމަކު ތަފާތު ގޮތަކަށެވެ.

ދިވެހިންގެ ތެރޭގައި އޮންނަ ދުފުމުގެ އާދަ އަށް ހެޔޮ ބަދަލެއް ގެނައުމަށް ދެ މީހުން އުފެއްދީ ހަނާކުރި ދުފާތަކެއްޗެވެ. އެކަމަކު އޭގައި ފޯއް ނުހިމެނެ އެވެ. ހިމެނެނީ މުރަނަކޮށް ފޮނި ރަހަ ލައްވާފައި ހުންނަ ފޮނިތޮއްޓާއި ކާފޫރުތޮޅި އާއި ކަރަންފޫ އަދި ރާނބާފަތެވެ.

'ދުފި'ގެ ނަމުގައި ބާޒަރަށް ނެރޭ މި އުފެއްދުމުގައި ހިމެނެނީ ފޮނިތޮށި، ކާފޫރުތޮޅި، ކަރަންފޫ އަދި ރާނބާފަތް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މި ދެމަފިރިން މި އުފެއްދުމަށް 'ދުފި'ގެ ނަންދީ ބްރޭންޑްކޮށް، ފެންވަރު ރަނގަޅު ދަޅުގައި އަދި އެއްްފަހަރު ބޭނުންކުރެވޭ މިންވަރަށް ކަރުދާސް އުރައިގައި ބަންދުކޮށް ސުޕަމާކެޓްތަކުގެ ހަރުތަކާ ހިސާބަށް ވަނީ ގެންގޮސްފަ އެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ 'ދުފި' ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް 'ދުފި' ދަޅު ލިބެން ހުރެ އެވެ. ރާއްޖެއިން ބޭރަށް ވެސް މީހުން މި އުފެއްދުން ގެންދެ އެވެ.

ސުލްވާނާ ބުނި ގޮތުގައި 'ދުފި'ގެ ހިޔާލު އުފެދުނީ އޭނާގެ ފިރިމީހާގެ ފަރާތުންނެވެ. މަޒްހަމް އަކީ ވަރަށް ގަދައަށް ދުފާ މީހެކެވެ. އެކަމަކު އޭނާ ހުރީ މި އާދައާ ދުރުވާން ބޭނުންވެފަ އެވެ. އަދި ކޮވިޑް-19ގެ ތެރޭ ދުފުމަށް ފޮނިތޮށި، ކާފޫރުތޮޅި އަދި ކަަރަންފޫ ބޭނުން ކުރަން ފެށި އެވެ. މި ތަކެތި ފަސޭހައިން ކެވޭ ގޮތަށް ކުދިކޮށްދީ ތައްޔާރު ކުރުމަށް ސުލްވާނާ ގާތު މަޒްހަމް އެދެ އެވެ. އަދި ސުލްވާނާ އެކަމަށް ނިސްބަތްކޮށް ސަމާސާކޮށްލުމަށް "ދުއްޕެއް ތައްޔާރު ކުރަންވީ ދޯ؟"އޭ އަހާލަ އެވެ.

'ދުފި' ބްރޭންޑަށް މިހާރު ހަތަރު އަހަރު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކޮވިޑް-19 ގައި ވަޒީފާއަށް ނުގޮސް، ގޭގައި ބަންދުވެފައި ތިބި ތިބުމުގައި މި ގޮތަށް ދުފަން ބޭނުންވެފައި ތިބި އެހެން މީހުން ވެސް ތިބޭނެކަން މަޒްހަމް އަށް ވިސްނުނެވެ. މިއީ އެ މީހުންގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް މަރުހަލާ އެވެ. އެއާއެކު، އާދައިގެ ފުޅިތަކެއްގައި ރަހުމަތްތެރިންނާއި ތިމާގެ މީހުންނަށް 'ދުފި' ގެންގޮސް ދީ އެ މީހުންގެ ކޮމެންޓްތައް އަޑުއަހައި ރަހަ ހެޔޮވަރު ކުރީ އެވެ. އެއީ މި ބްރޭންޑްގެ ފެށުމެވެ.

ކޮވިޑް-19ގައި ގޭގައި ތާށިވެފައި ތިބި ގިނަ ބަޔަކު އައީ ކާބޯތަކެތީގެ ބާވަތްތައް އުފައްދައި ވިއްކަމުންނެވެ. އެކަމަކު 'ދުފި'ގެ ތަފާތަކަށްވީ ކޮވިޑް-19 ނިމި އޮފީސްތައް ހުޅުވި، އަނބުރާ މަސައްކަތަށް ނުކުންނަން ޖެހުނަސް މި ދެމަފިރިން އެ މީހުންގެ މި މަސައްކަތް ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. 

ދުފުން ހުއްޓާލަން ބޭނުންވެފައިވާ މީހުންނަށް މި އުފެއްދުމުގެ ސަބަބުން އެކަން ކުރަން ހިތްވަރެއް ލިބުނު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސުލްވާނާ އާއި މަޒްހަމް އަމިއްލަ ވިޔަފާރިއައިގެން ކުރިއަށް ދިޔައީ އެވެ. ޕްރޮޑަކްޓްގެ ފެންވަރު ރަނގަޅުކޮށް، ޕެކޭޖިން ފުރިހަމަކޮށް ބްރޭންޑް ވަރުގަދަ ކުރީ އެވެ. ޒަމާނުއްސުރެ ދުފުމަށް ދެވިހިފާފައިވާ ދިވެހިންގެ ތެރެއިން ބައެއް މީހުންނަށް 'ދުފި' ވީ މި އާދައާ ދުރުވާން ލިބުނު ފުރުސަތަކަށެވެ. މިފަދަ ބާވަތެއް ބާޒާރުގައި ލިބެން ހުރުން ވީ ބޮޑު ލުއިފަސޭހައަކަށެވެ.

މި މަސައްކަތް ފެށުމުގެ ކުރިން ވެސް މަޒްހަމް އާއި ސުލްވާނާއަކީ އެކުގައި މަސައްކަތް ކުރަމުން އައި ދެ މީހުންނެވެ. ނަމަވެސް، އުރީދޫގައި މަޒްހަމް މާކެޓިންގައި އަދި ސުލްވާނާ ސޭލްސްގައި އުޅުނު އެ ބާބު މިހާރު ނިމިއްޖެ އެވެ. ދެމަފިރިން ދެން ކުރިއަށް ދާން ނިންމީ އަމިއްލަ މަސައްކަތާއި އަމިއްލަ ވިޔަަފާރީގަ އެވެ.

މަޒްހަމް 'ދުފި'އާ ގުޅޭގޮތުން 'ދައުރު'އާ ވާހަކަދައްކަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މަޒްހަމް ބުނި ގޮތުގަައި 'ދުފި' އަށް އޭނާގެ އިތުބާރު އޮތެވެ. އެހެންކަމުން ދުފި ނެރެން ފެށިތާ އަހަރެއް ފަހުން ވަޒީފާ ދޫކޮށްލައި މި މަސައްކަތް އެންމެ ފުރިހަމައަށް ކުރުމަށް އަމާޒު ހިފި އެވެ.

ބޮޑު ކުންފުންޏެއްގެ ވަޒީފާ ދޫކޮށްލައި އަމިއްލަ މަސައްކަތެއް ފަށައިގެން ނަފާ ހޯދަން ފައިނެގުމަކީ ރިސްކުތަކެއް ހުރި ކަމަކަށް ވިޔަސް، އޭނާ އެގޮތަށް އެކަން ކުރަން ބޭނުންވީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބޭނުމުގަ އެވެ. އަަދި އަނބިމީހާ ބިޒްނަސް ޕާޓްނަރުގެ ގޮތުގައި އޭނާއާ އެކު ހުރެގެން މި މަސައްކަތުގައި ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.

ސުލްވާނާ ބުނި ގޮތުގައި މިފަދަ އުފެއްދުމެއް ވިއްކާ އިރު ގޮންޖެހުންތަކާ ވެސް ދިމާވެ އެވެ. ސަބަބަކީ ފޯއް ނުލާ ދުފާއެއްޗެއްގެ ގޮތުގައި 'ދުފި' ބަލައިގަތުމަށް ބައެއް މީހުންނަށް ދަތިވާތީ އެވެ.

"ހިތްހަމަނުޖެހުމުގެ ކޯލްތައް އަޅުގަނޑަށް ފަށައިގަތް އިރު ލިބޭ. ބުނޭ ދެން މި ދަޅަށް ފޯއް އެޅީމަޔޭ ދުފާއެއްޗަކަށް ބަދަލުވާނީ. ފޯއް ނުލަންޏާ ދެން ނުގަންނާމޭ،" ސުލްވާނާ ބުންޏެވެ.

ނަމަވެސް، މި ދެމަފިރިންގެ އަމާޒުގައި އޮތީ ދިވެހިންގެ ދުފުމުގެ އާދައިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ބަލިތަކުން ދުރުކޮށްދިނުމުގެ ނިޔަތެވެ. 'ދުފި' ދުފުމުގައި އެއްވެސް ވަރަކަށް ފޯއް، ހީރާޕައްނާ އަދި ދުންފަތް އެކުލެވިގެނެއް ނުވެ އެވެ.

ސުލްވާނާ 'ދުފި'އާ ގުޅޭގޮތުން 'ދައުރު'އާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

'ދުފި'ގައި ފޮނި ރަހަ ލައްވާފައި ހުންނަނީ ސްވީޓްނާ ބޭނުންކޮށްގެންނެވެ. ހަކުރުބަލި ހުންނަ މީހުންނަށް ހާއްސަކޮށް ސްވިޓްނާ ނާޅާ އަދި ފޮނިތޮށި އެކަނި ބޭނުންވާ މީހުންނަށް އެގޮތަށް ވެސް 'ދުފި' ތައްޔާރުކޮށްދެ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއިން ބައެއް ޑޮކްޓަރުންނާއި އެ ނޫން ވެސް ބައެއް މީހުންގެ ފަރާތުން މި އުފެއްދުމަށް ތަރުހީބާއި ހިތްވަރުގެ ބަސްތައް ލިބިފައިވާ ކަމަށް ސުލްވާނާ އާއި މަޒްހަމް ބުންޏެވެ. 

"އައިޖީއެމްއެޗް އަށް ދުފި ގެންގޮސް، އާއްމުކޮށް ދުފާ އުޅޭ މުވައްޒަފުންނަށް ހަދިޔާކޮށްފައި އެބަހުރި. މަގުސަދަކީ ފޯކާއި ސުޕާރީ ކެއުމުގެ ބަދަލުގައި އެ މީހުންނަށް ސިއްހަތަށް ގެއްލުން ނުވާ އެއްޗެއް އިހްތިޔާރު ކުރުމަށް ހިތްވަރު ދިނުން،" ސުލްވާނާ ބުންޏެވެ.

"އަދި ދަތުގެ ޑޮކްޓަރަކު ވިދާޅުވި، 'ދުފި'ގައި ބޭނުން ކުރާ ސްވީޓްނާ އަކީ ދަތުގެ އެނޭމަލް އަށް ގެއްލުންނުވާ އެއްޗެކޭ."

'ދުފި' އަށް ގިނަ ބައެއްގެ ތައުރީފު ލިބޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސުލްވާނާ ބުނިގޮތުގައި ވިޔަފާރިއެއްގެ ގޮތުގައި ކުރާ މި މަސައްކަތުގައި އެ މީހުންނަށް ފައިދާ ބޮޑީ ވެސް ފޯއް ހިމަނައިގެން އުފައްދައިފި ނަމަ އެވެ. ބާޒާރުގައި ފޮނިތޮށި، ކާފޫރުތޮޅި އަދި ކަރަންފޫ ފޯކަށް ވުރެ އަގުބޮޑެވެ. އެެހެންކަމުން ދުފާއެއްޗެހި އޭގެ އަސްލު ގޮތުގައި ވިއްކައިފި ނަމަ، ލިބޭނެ ފައިދާ ވެސް ބޮޑުވާނެ އެވެ. އެކަމަކު މިއީ އެ މީހުން ބޭނުންވާ ގޮތެއް ނޫނެވެ.

ފޯއް ލައިގެން ދުފަން އާދަވެފައި ތިބޭ މީހުން 'ދުފި'ގެ ސަބަބުން ފޯއް ކެއުން ހުއްޓާލުމަކީ މި ދެމަފިރިންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސުލްވާނާ ބުނިގޮތުގައި 'ދުފި'އާ އެކު އޭނާ އަށް ދަސްވި ފިލާވަޅުތައް ވެސް ގިނަ އެވެ. 'ދުފި'ގައި ފޯއް ނުހުންނާތީ މީހުން ކުރާ ޝަކުވާ އޭނާ ހަމައެކަނި އަޑުއަހަނީ އެވެ.  ނުރުހުމުގެ ބަސްތަކަށް ރައްދުދޭކަށް ބޭނުމެއް ނުވެ އެވެ. 

"ބައެއް މީހުން ވަރަށް ރުޅިއައިސްފައި ވެސް ވާހަކަ ދައްކާ ހަދާނެ،" ސުލްވާނާ އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި މީގެ އިތުރުން ދިމާވާ އަނެއް ގޮންޖެހުމަކީ 'ދުފި'ގެ ނަމުގައި ފޯއް ހިމަނައިގެން ބައެއް ފަރާތްތަކުން ބާޒާރަށް ޕްރޮޑަކްޓްތައް ނެރުމެވެ.

"އެގޮތަށް މަސައްކަތް ކުރާ ފަރާތްތަކާ އަޅުގަނޑުމެން ވާހަކަ ދައްކަން. 'ދުފި' މި ބަހަކީ ރަދީފުގައި އޮންނަ ބަހެއް ނޫން. އަޅުގަނޑުމެން ހަދައިގެން ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުން ކުރާ އެއްޗެއް. އެހެންވީމާ އެ ނަމުގައި އެހެން ބަޔަކު ވިޔަފާރި ކުރުން ބަލައެއް ނުގަނެވޭ،" ސުލްވާނާ ބުންޏެވެ.

ސުލްވާނާ ބުނި ގޮތުގައި މި ވިޔަފާރި ދެމިއޮތުމުގެ އެއް ސިއްރަކީ ބްރޭންޑްގެ ކޮލިޓީ ހިފެހެއްޓުމެވެ. އެކަމަށްޓަކައި ފަތިހު ފަތިސް ނަމާދަށް ފަހު އޭނާ މަސައްކަތް ފަށައިގަނެ އެވެ. އަމިއްލަ އަށް މަސައްކަތް ކުރުމުން ކޮލިޓީއަށް އެއްވެސް ކަހަލަ ހީނަރުކަމެއް ނާންނާނެތީ އެވެ.

"އެހީތެރިވާން އެއް މުވައްޒަފު ގެންގުޅެން. އެކަމަކު އަޅުގަނޑުގެ ސީދާ ބެލުމުގެ ދަށުން އޭނާ މަސައްކަތް ކުރާނީ. ހަނާކުރުމުގެ ހުރިހާ މަސައްކަތެއް އެއީ އަޅުގަނޑު ކުރާ ކަންކަން،" ސުލްވާނާ ބުންޏެވެ.

އަމިއްލަ ގެއިން ފެށި ވިޔަފާރިއަށް ޑިމާންޑް ބޮޑުވެ ގޭގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިއުމުން އެހެން ތަނެއްގައި ހަނާކުރުމުގެ މަސައްކަތް އޭނާ ކުރަނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ މައްޗަށެވެ.

ސުލްވާނާ ބުނިގޮތުގައި ކުރާހިތުން ކުރާ މި މަސައްކަތް ކުރިއަށް ގެންދަނީ ދުރާލާ ރާވައި އިންތިޒާމްތައް ހަމަޖައްސައިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދެމަފިރިން ބުނިގޮތުގައި މި ވިޔަފާރީގައި އެންމެ ކުރިންސުރެ ވެސް އެސްއޯޕީތަކެއް ހަދައި ކަންކަން ކުރާނެ ވަކި އިންތިޒާމްތަކެއް ހަމަޖައްސައި އަދި މަސައްކަތް ދުރާލާ ރާވައިގެން ކުރާތީ، މިހާރު އެއީ މާ ބޮޑު ކަމެއް ހެނެއް ހީނުވެ އެވެ. ބޮޑެތި އޯޑަރުތަކާއި ހާއްސަ އޯޑަރުތަކަށް 'ދުފި' ތައްޔާރުކޮށްދިނުމަށް ގޮންޖެހުމެއް ނެތެވެ.

ކުރާހިތުން ކުރާ މި މަސައްކަތުގައި އެ ދެމަފިރިންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަރަށް ދުވަސްވަންދެން ފޯއް ލައިގެން ދުފުމުގެ އާދަ ހަރުލާފައިވާ މީހުން މި ނުރަނގަޅު އާދައާ ދުރު ކުރެވުމެވެ.

"ވަރަށް ގިނަ ދުވަސްވަންދެން ފޯއް ލައިގެން ދުފާ މީހުން އެބަ ގުޅާފައި ބުނޭ މިހާރު ނުދުފަމޭ އެއްގޮތަކަށް ވެސް، ދުފާ ހިތްވީމާ 'ދުފި'އޭ ކަނީ. އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސުލްވާނާ ބުންޏެވެ.

'ދުފި'ގެ އެކި ސައިޒްތައް ދައްކާލަން ބަހައްޓާފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ވިޔަފާރި ކުރިއަށް ގެންދިއުމުގައި ދެ މީހުންގެ މެދުގައި މަޝްވަރާ އޮވެ އެވެ. ވިޔަފާރީގައި ބައެއް ފަހަރު އަންނަ ހިޔާލުތަފާތުވުންތަކާއި އަރާރުމެއް ނެތެވެ. 

"ދުވަހަކުވެސް ކަމެއްގައި އެއްބަސްނުވެވި ރުޅިވާ ހިސާބަކަށް ނުދޭ،" ސުލްވާނާ ހިނިތުންވުމާ އެކު އޭނާގެ ސިޓިންރޫމްގައި އިށީނދެ އިނދެ ބުންޏެވެ. ކަންކަމުގައި އަބަދުވެސް އިހްތިޔާރު ކުރަނީ ޕްރޮޑަކްޓަށާއި ވިޔަފާރިއަށް އެންމެ ފައިދާހުރި ގޮތެވެ. އެއްބަސް ނުވެވޭ ކަންކަމުގައި ވެސް، ދެބަސްވާން އެއްބަސްވަނީ އެވެ.

'ދުފި'ގެ ވިޔަފާރި ކުރިއަށް ދިއުމުގައި ގޮންޖެހުންތަކެއް ހުއްޓަސް މި ދެމަފިރިން އަމިއްލަ މަސައްކަތާ މެދު ފަހުރުވެރިވޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރާއްޖޭގައި އެންމެ ގަދައަށް ދުފާ މީހުން އުޅޭ ކަމަށް ބުނާ އަދި އެކަމަށް މަޝްހޫރު ދެ ރަށް ކަމަށްވާ ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރުގައި އެ މީހުންގެ މި އުފެއްދުން ވިއްކަން ހުރެ އަދި އެއަށް ޑިމާންޑެއް އޮތުމަކީ ލިބޭ ފަހުރެއް ކަމަށް މި ދެމަފިރިން ބުންޏެވެ.

މަޒްހަމް އާއި ސުލްވާނާ މި ވިޔަފާރިއާ މެދު ކުރާ އުއްމީދު ބޮޑެވެ. 'ދުފި' ރާއްޖެއިން ބޭރަށް ތައާރަފު ކުރުމަކީ ދެމަފިރިންގެ ހުވަފެނެކެވެ. ދުފުމަކީ ހަމައެކަނި ދިވެހިންގެ އާދައެއް ނޫނެވެ. އެހެންކަމުން މެދު އިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް މި އުފެއްދުން ގެންދިއުން އެއީ އެ މީހުންގެ އަމާޒެކެވެ.

ކޮމެންޓް (6)

ރީޝާ

8 ޖުލައި 2024
ނަޓްސް ނުލާ ދުފާ 20 ވަރަކަށް ފްރެންޑް އަހަރެންނަށް އިނގޭ. ދިސް އިސް އަ ޕޮސިޓިވް މޫވްމަންޓް. ކޮންގްރެޓް ޓު ދަ ކަޕްލް! ކީޕް އިޓް އަޕް! 👏
1 0

ހަސަންފުޅުގެ ހުސެންފުޅުގެ ބާގިރުގެ އަބްދުﷲ ޖާބިރު

2 ޖުލައި 2024
ާތިޔަކަށް ދުފާ އެެއްޗެކޭ ނުކިޔޭނެ. މާދަން މަސް ނުލައި ފެނަށް ލޮނު އަޅާފަ ކައްކާފަ މިއީ ގަރުދިޔައޭ ބުނީމަ އެވީ ގަބޫލުކުރަން؟
17 13

ރިފާއު

8 ޖުލައި 2024
@ހަސަންފުޅުގެ ހުސެންފުޅުގެ ބާގިރުގެ އަބްދުﷲ ޖާބިރު މަށަށްވެސް މިހާރު ގަބޫލު ކުރެވޭ އެބަ ފޯއް ނުލައި ދުފޭނެކަން.
2 0

ފޯއް ފޮތި

2 ޖުލައި 2024
ތީކީ ދުފާ އެެއްޗެެއް ނޫން
11 14

ޑޮކްޓަރު

8 ޖުލައި 2024
@ފޯއް ފޮތި ރާއްޖޭގަ ވަރަށް ގިނަމީހުން މިހާރު ފޯއް ނުލާ ދުފާ. ހޭލުން ތެރިކަން އެބަ އިތުރުވޭ. ތިޔަ ދެމަފިރިންނަށް ސާބަހާއި ޝުކުރު!
1 0

މީމަ

2 ޖުލައި 2024
'ދުފި' މިބަސް ރަދީފުގައި ނެތްނަމަވެސް، މިބަހަކީ 'ދުފުން' އިން އުފައްދާފައިވާ ބަހެއްކަމަށް ވަރަށްބޮޑަށް ގަބޫލުކުރެވެއެވެ. ބޭޭނުމަކީ ދުފުމާއި ގުޅުވައިލުމެވެ. ނަމަވެސް ދިވެހިންގެ އާދަކާދަ ހުންނަގޮތުން ފޯއް ނުލައި ދުފުމަކަށް ވާނެގޮތެއް ނުވިސްނުނެވެ. އަދި ބުނެލަމެވެ. އީމާންކޮއްކޮއަކީ ހުނަރުވެރިއެކެވެ. އެކަން ލޮލުންދެކި ތަޖުރިބާވެސް ކުރެވިއްޖެއެވެ. ތި ހުނަރުވެރިކަމާމެދު ޝައްކެއްނުކުރަމެވެ. ނަމަވެސް ތިގެނެސްދޭ ބައެއް ލިޔުންތަކުގައި މާ ގިނައިން އިގިރޭސިބަސް ބޭނުންކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. ލިޔުން ތި ގެނެސްދެނީ، މެދު އިރުމައްޗާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަކަށް ނޫނެވެ. ދިވެހިންނަށެވެ. އީމާންކޮއްކޮގެ ހުރިހާ ލިޔުމެއް ބަރާބަރަށް ކިޔާމިީހެއްގެ ހައިސިއްޔަތުން މިވާހަކަވެސް ބުނެލީއެވެ. ޝުކުރިއްޔާ
10 8

އިތުރު އާޓިކަލް

އިތުރު އާޓިކަލް