މައުރޫފް ޒާކިރު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ހަޔާތެއް ހައްގުތަކުގެ ދިފާއުގައި؛ މިހާރު އަދި މާ ގަދަކޮށް

މަސައްކަތްތެރިންގެ ހައްގުގައި މައުރޫފް ޒާކިރު ފެއްޓެވި މަސައްކަތުން މިއަދު އެތައް ހައްގެއް ވަނީ ކަށަވަރުވެފައި. މިހާރު އޭނާއަކީ ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު

މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލާ ކޮންމެ ތަނެއްގާހެން އޭނާ ހުންނަނީ އެންމެ ކުރީގަ އެވެ. މަސައްކަތްތެރިންގެ ދުވަހު ބާއްވާ މޭޑޭ މުޒާހަރާ ރާއްޖޭގައި އިސްވެ އިންތިޒާމް ކުރުމުގައި އުޅޭ އެކަކީ އޭނާ އެވެ. މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ގޮތުން މިފަހުން ފާސްކުރި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު ފާސްކުރުމަށް އެންމެ ބޮޑަށް ބާރުއަޅައި އެ މަސައްކަތުގައި ވެސް އިސްކޮށް އުޅުނީ އޭނާ އެވެ. މިދިޔަ ހަފްތާ ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މާލޭ ފަޅުތެރޭ ކުރި އިހުތިޖާޖުގައި ވެސް، މަސްވެރިއަކަށް ނުވިޔަސް، އޭނާ ހުރީ ކުރީ ސަފުގައި މައިކު ހިފައިގެން ޝުއޫރު ފާޅުކުރުމުގަ އެވެ.

މި ފަހުން މޭޑޭގައި ބޭއްވި ހިނގާލުމުގައި މައުރޫފް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނައިން

މި ލިސްޓު ކިތަންމެ ދިގުކޮށް ވެސް ލިޔެވިދާނެ އެވެ. މިއީ، ރާއްޖޭގެ މަސައްކަތްތެރިންގެ ގިނަ ޖަމިއްޔާތައް ތަމްސީލްކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ ރައީސް މައުރޫފް ޒާކިރުގެ ވާހަކަ ފަށަން ޖެހޭ ހިސާބެވެ. މަސައްކަތްތެރިންގެ 'މަޓޭ' މަޝްހޫރުވެގެން އައީ ރިސޯޓް މަސައްކަތްތެރިންގެ ޖަމިއްޔާ ޓޫރިޒަމް އެމްޕްލޮއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ އެއް ބާނީ އަދި އެ ޖަމްއިއްޔާގެ ރައީސްގެ ގޮތުގަ އެވެ. އެ ދަތުރުގައި މިއަދު އޭނާ އަކީ ކެންދޫ ދާއިރާ ތަމްސީލް ކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރެވެ. 

"އިރާދަކުރެއްވިޔާ މި ފުރުސަތު ބޭނުން ކުރާނީ އަޅުގަނޑު ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގެ އިތުރަށް މަސައްކަތްތެރިންނާ ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން އެ މީހުންގެ އަޑު މަޖިލީހުގައި އިއްވުމަށް. އެ މީހުން ބޭނުންވާ ގާނޫނީ ބަދަލުތަކަށް ވަކާލާތުކުރުމުގައި،" މައުރޫފް ވިދާޅުވި އެވެ. 

އަލަށް ހަވާލުވި ޒިންމާއާ އެކު އޭނާ ހުންނެވީ މަސައްކަތްތެރިންގެ މަތިން ހަނދާން ނައްތާލައްވާ ގޮތަކަށް ނޫނެވެ. އެ މީހުންގެ ހައްގުތަކުގައި ކުރައްވާ މަސައްކަތް އާ ބާރަކާއި އާ ރޫހެއްގައި ކުރިއަށް ގެންދަވަން އަޒުމް ކަނޑައަޅުއްވައިގެންނެވެ. 

މަޖިލީހުގެ ބަހުސްތައް: ހައްގުތަކަށް ލޯހުޅުވުނު

ސްކޫލް ނިންމާލުމަށް ފަހު މައުރޫފްގެ އެންމެ ފުރަތަމަ މަންޒިލަކަށްވީ ފޯސީޒަންސް ރިސޯޓުގެ ފަރާތުން ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީން ކުރަން ބާއްވާ ހާއްސަ އެޕަރަންޓަޝިޕް ޕްރޮގްރާމެވެ. މައުރޫފް ވިދާޅުވި ގޮތުގައި އެއީ އޭރު ވަރަށް ވާދަވެރި އަދި ސްކޫލް ނިންމާ ވަރަށް ގިނަ ކުދިން ވަޒީފާއަކަށް ދާން ވަންނަން ބޭނުންވާ ޕްރޮގްރާމެކެވެ. ނަސީބު ރަނގަޅުކަމުން މައުރޫފްއަށް އެ ޕްރޮގުރާމުން ޖާގަ ލިބިވަޑައިގަތެވެ. 

ރީތ ރަށް ރިސޯޓުގައި މުވައްޒަފުންގެ ހައްގުގައި ކުރި އިހުތިޖާޖެއްގެ ތެރޭގައި މައުރޫފް (ފުރަތަމަ ބަރި ކަނާތުން ދެ ވަނައިގައި)

މައުރޫފް ގަބޫލުކުރައްވާ ގޮތުގައި އެއީ އުމުރުން އެންމެ 19 އަހަރުގައި އޭނާގެ ލޯ ވަރަށް ގިނަ ކަންކަމަށް ހުޅުވާލަދިން ފުރުސަތެކެވެ. ނޭނގޭ އެތައް އެއްޗެއް ދަސްވެ މީހާ ހޭލުންތެރިކޮށްލި އެވެ. އެ ޕްރޮގުރާމްގެ ތެރެއިން އޭނާއަށް ވަޒީފާގެ ފުރުސަތު ފަހިވެ ގުޅުނީ ރީތިރަށް ރިސޯޓާ އެވެ.

"ރީތި ރަށް ރިސޯޓުގެ ވޭޓަރެއްގެ ވަޒީފާއަށް އަޅުގަނޑު ދިޔައީ. ފޯ ސީޒަންސް ރިސޯޓް އެޕަރަންޓަޝިޕްގައި އަޅުގަނޑު ހެދީ ވެސް ފުޑް އެންޑް ބެވަރޭޖް ބައި. ދެން އޭރު ރިސޯޓަކުން ވަޒީފާއެއް ލިބުން އޮންނަނީ ވަރަށް ބޮޑު ފޭވާއެކޭ އެއީ ބަޔަކުކޮށްދޭ. ޕްރިވިލޭޖެކޭ އެއީ،" ފުރަތަމަ ރިސޯޓް ވަޒީފާއަކަށް ދިޔައިރު ވިސްނުން ހުރި ގޮތް މައުރޫފް ވިދާޅުވި އެވެ.

"އޭރަކު ނޭނގޭ މުވައްޒަފުންނަކީ ހައްގުތަކެއް އޮންނަ ބައެއްކަމެއް ވެސް. ބަޔަކު ހެޔޮފުޅުކަމުން ކޮށްދީފައި އޮތް ކަމެކޭ މިއީ، މިކަމަށް ޝުކުރުކޮށްލައިގެން ތިބޭށޭ ޖެހޭނީ ހިތަށްއަރަނީ." 

މައުރޫފް ފުރަތަމަ ވަޒީފާއަށް ނުކުންނެވި ދުވަސްވަރު ވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ހަރަކާތްތައް އެމްޑީޕީން ކުރިއަށް ގެންދިޔަ ހަލަބޮލި ދުވަސްވަރަށެވެ. އެ ހަލަބޮލިކަމުގެ ތެރެއިން ރާއްޖެއަށް އަންނަމުން ދިޔަ އަވަސް ބަދަލުތަކުގެ ތެރެއިން ގާނޫނުއަސާސީ އިސްލާހު ކުރަން އެކުލަވާލި ހާއްސަ މަޖިލީހުގެ ޖަލްސާތައް ޓީވީން ވަގުތުން ދުރަށް ދައްކަން ފެށި އެވެ. 

އެންމެ ފުރަތަމަ ވަޒީފާއަށް ދިޔައިރު ނޭނގޭ މުވައްޒަފުންނަކީ ހައްގުތަކެއް އޮންނަ ބައެއްކަމެއް ވެސް. ބަޔަކު ހެޔޮފުޅުކަމުން ކޮށްދީފައި އޮތް ކަމެކޭ މިއީ، މިކަމަށް ޝުކުރުކޮށްލައިގެން ތިބޭށޭ ޖެހޭނީ ހިތަށްއަރަނީ

މައުރޫފް ޒާކިރު، އެމްޓީޔޫސީގެ ރައީސް

ނޫކަށި ފުރައިގެ ޒުވާނެއްގެ ގޮތުގައި ހުންނެވި މައުރޫފް ގެންދެވީ އެ ބަހުސްތައް ކައިރިން ބައްލަވަމުންނެވެ. އޭނާގެ ޝައުގުވެރިކަން އެ ބަހުސްތަކަށް ބޮޑުވަމުން ދިޔަ އެވެ. މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ އޭނާގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ މަޖިލީހުގައި ފެށި މަސައްކަތްތެރިންގެ ގާނޫނެއް އެކުލަވާލުމުގެ ވާހަކައިންނެވެ.

"އެ ބަހުސްތައް ޝައުގުވެރިކަމާ އެކު އައީ ބަލަމުން. ބަހުސްތައް ބަލަން ފެށީމާ މި ހައްގުތަކުގެ ކަންކަމާއި މި އެއްޗިއްސަށް ލޯހުޅުވި އޭގެ މުހިންމުކަން ގަބޫލުކުރެވެމުން ދިޔައީ. އެންމެ ބޮޑަށް ޝައުގުވެރިވީ މަސައްކަތްތެރިންގެ ގާނޫނެއްގެ ވާހަކަ ދައްކަން ފެށީމާ. އެކަމަކު މަސައްކަތްތެރިންގެ ގާނޫނު ހަދައި ފާސްކުރިއިރު އެ އޮތީ މުޅިން ވެސް ވަޒީފާ ދޭ މީހުންގެ ކޮޅަށް ބުރަވެފައި. ޕްރައިވެޓް ސެކްޓާ އެކީ އުނިކޮށްލާފައި އޮތީ،" އެ ގާނޫނު ފާސްވި ގޮތުން މާޔޫސްވެގެން ދިޔަކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވި އެވެ.

"އެ ހިސާބުން އެކަމެއް ވަރިހަމައެއް ނުކުރެވުނު." 

ދެން ނުކުންނެވީ ސީދާ ހަރަކާތަށް

މައުރޫފް ވިދާޅުވި ގޮތުގައި ހަނދާން ހުންނަން ފެށީއްސުރެ ވެސް ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރެއްވުމުގެ ރޫހު ހުރެ އެވެ. ލީޑަޝިޕް ނަގައިގެން ކަންކަން ކުރައްވަން ބޭނުންވެ އެވެ. އޭނާ ގެންދެވީ ރިސޯޓުން މުވައްޒަފުންނަށް ހިންގާ އެކިއެކި ކުޅިވަރު ހަރަކާތްތައް ފަދަ ކަންކަމުގައި ވެސް އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ކަންކަން ބަދަލު ކުރުމާއި ސިޔާސީ ވިސްނުން އޭރު ވެސް އޭނާގެ ހިތުގައި ވިންދު ޖަހަ އެވެ.

"އޭރު މުޅި ގައުމު ވެސް ދިޔައީ ރިޔާސީ އިންތިހާބަކަށް ތައްޔާރުވަމުން. ދެން އޭރު އަޅުގަނޑާއި ކުރީގެ މެންބަރު އަހުމަދު އީސާއާ އެންމެން ވެގެން އެ ގާނޫނު ބަދަލު ކުރަން ގޮވާލާ ޕެޓިޝަނެއް ހަދަން ނިންމީ. އޭރު ނޭނގޭ އެއީ ކިހިނެއް ކުރާ ކަމެއް ކަމެއް ވެސް. މާލެ އައިސް ޑރ. ހަސަން ސައީދާ ބައްދަލުކުރުމުން ހަސަން ޕެޓިޝަން  ލިޔުއްވައިދެއްވީ،" މަސައްކަތްތެރިންގެ ހައްގުގައި އޭނާ ފުރަތަމަ ކުރެއްވި މަސައްކަތް ކިޔައިދެއްވަމުން މައުރޫފް ވިދާޅުވި އެވެ. 

ރީތިރަށުގައި މުވައްޒަފުން ކުރި ހަޅުތާލުގައި މައުރޫފް: އޭރު އޭނާގެ އުމުރަކީ 20 އަހަރު

އެ ޕެޓިޝަނަށް ޖޫން 2008ގައި ސޮއި ހޯދަން ފެށި އެވެ. މައުރޫފް ވިދާޅުވީ އެ ޕެޓިޝަނަށް ހީވެސް ނުކުރާވަރުގެ ތަރުހީބެއް ރިސޯޓް މުވައްޒަފުންގެ ފަރާތުން ލިބުނު ކަމަށެވެ. އޭނާއަށް ވެސް ފުރަތަމަ އެކަން ގަބޫލުކުރައްވަން އުނދަގޫވި އެވެ. ރިސޯޓްތަކަށް ޕެޓިޝަން ފަތުރާލުމާ އެކު 10،000 މުވައްޒަފުން އޭގައި ސޮއިކުރި ކަމަށް މައުރޫފް ވިދާޅުވި އެެވެ. އެއާ އެކު އެކަން ސަރުކާރާއި މީޑިއާގެ ސަމާލުކަމަށް އަ އެވެ.

"އެ ހިސާބުން ރިސޯޓް މުވައްޒަފުންގެ ހައްގުގައި އަޅުގަނޑުމެން ފެށި މަސައްކަތުގެ ވާހަކަ މުޅި ގައުމުގައި ދައްކަން ފަށައިފި. އަޅުގަނޑުމެންގެ ޑިމާންޑަކަށް ވީ ވަޒީފާއާ ބެހޭ ގާނޫނު ރިސޯޓް މުވައްޒަފުންނަށް ވެސް ހައްގުތައް ކަށަވަރުވާ ގޮތަށް ބަދަލުކޮށްދޭށޭ،" މައުރޫފް ވިދާޅުވި އެވެ.

އެކަމަކު އޭރު ބޯމަތިވެފައި އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެކަން ކުރަން އޭރުގެ ސަރުކާރުން ބޭނުމެއް ނުވި އެވެ. އެ ހިސާބުން ދެން ނިންމީ 64 ރިސޯޓެއްގައި އެއްފަހަރާ ހުރިހާ ދިވެހި މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލުކުރާށެވެ. އެކަން ވީ ވަރަށް އާ ކަމަކަށެވެ. އަދި ނުފޫޒު ގަދަ ރިސޯޓް ވެރިންނަށް ވެސް ގެނުވި ސިހުމަކަށެވެ.

ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރް 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

"އަޅުގަނޑުމެން އޭރު އިސްކޮށް އުޅުނު މީހުންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވި އިންތިހާބުގެ ކުރިން ގާނޫނު އިސްލާހުކުރަން ލޮބީކުރާނީތޯ ނޫންތޯ. އަޅުގަނޑާއި އީސަ އެކަމާ ހިޔާލުތަފާތުވެ ވާހަކަ ނުދައްކާ ވެސް ދިޔަ. އެކަމަކު އަޅުގަނޑު ބުނީ އިންތިހާބުގެ ކުރިން މިކަން ނުކޮށްފިއްޔާ ދެން ނުވާނޭ. މިކަން މިހާރު ކުރަން ޖެހޭ. ދެން ފަހުން އެންމެންނަށް އެއްބަސްވެވުނީ،" ހައްގުތައް ކަށަވަރުކުރަން ފެށި މަސައްކަތް ފަސޭހަ ނޫންކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވި އެވެ.

އެންމެ ބޮޑު އެއް ކާމިޔާބަކީ މިއަދު ވެސް އޭރު އަޅުގަނޑުމެންނަށް އެނގި ހުރި ވަރަކުން ގާނޫނުގައި ލިޔެވުނު އެއްޗަކުން ހައްގުތަކެއް މިވަރަށް ވެސް ރިސޯޓް މަސައްކަތްތެރިންނަށް ކަށަވަރުވެފައި މި އޮތީ

މައުރޫފް ޒާކިރު، އެމްޓީޔޫސީގެ ރައީސް

އެ ހިސާބުން އޭރުގެ ރައީސް މައުމޫން އަބްދުލްގަޔޫމް އާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ އެކި ވެރިން މައުރޫފްމެންގެ ޓީމާ ބައްދަލުކުރަން ފެށި އެވެ. ޗުއްޓީގައި އޮތް މަޖިލިސް އަލުން ފަށައިގެން ވެސް އެ ގާނޫނަށް ހެޔޮ ބަދަލު ގެންނާނޭ ކަމަށް އޭރުގެ ސަރުކާރުގެ ފަރާތުން އެ ޓީމަށް ޔަގީންކަން ދިނެވެ.

"އެންމެން ގުޅިގެން މަސައްކަތް ކުރީމާ މަސައްކަތްތެރިންގެ ބާރު އޮންނަކަން އެ ހިސާބުން އެނގިގެން ދިޔައީ. ޗުއްޓީގައި މަޖިލިސް އޮއްވާ ހާއްސަ ޖަލްސާއެއް ބާއްވައިގެން އިސްލާހުތައް ގެނައީ،" މައުރޫފް ވިދާޅުވި އެވެ. 

މައުރޫފް ގަބޫލުކުރައްވާ ގޮތުގައި އޭރު އެނގުނު މިންވަރަކުން ގާނޫނަށް ގެނައި އިސްލާހުތަކަކީ މިއަދު ވެސް ރިސޯޓް މުވައްޒަފުންނަށް ހައްގުތަކެއް ކަށަވަރުވެފައި އޮތް ސަބަބެވެ. އޭނާއަށް އޮތް އުފަލަކީ އެތައް ޒަމާންތަކަކަށް މަންފާ ކުރާނޭ ބަދަލެއްގެ ފެށުމަކަށް އޭނާއަށް ވެވުނީތީ އެވެ. 

"އެންމެ ބޮޑު އެއް ކާމިޔާބަކީ އެއީ. މިއަދު ވެސް އޭރު އަޅުގަނޑުމެންނަށް އެނގި ހުރި ވަރަކުން ގާނޫނުގައި ލިޔެވުނު އެއްޗަކުން ހައްގުތަކެއް މިވަރަށް ވެސް ރިސޯޓް މަސައްކަތްތެރިންނަށް ކަށަވަރުވެފައި މި އޮތީ،" މައުރޫފް ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ހައްގުގައި ކުރި ހަޅުތާލެއްގެ ތެރެއިން މައުރޫފް (ވ)

އެ މަސައްކަތުން އުފަންވީ ރިސޯޓް މަސައްކަތްތެރިންގެ ޖަމިއްޔާ، ޓީމް އެވެ. މައުރޫފް ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ޖަމިއްޔާއެއް ހެދުމުގެ ހިޔާލު ދެއްވީ މިހާރުގެ ޔުނިވަސިޓީ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ ކަމަށެވެ. އެ ހިސާބުން 2008ގެ ޖުލައިގައި  ޓީމް ރަސްމީކޮށް ރަޖިސްޓްރީކުރި އެވެ. މައުރޫފް އިސްވެ ފެށި މަސައްކަތް އާ ބާރެއްގައި ރަސްމީ ސިފަ ޖެހުނީ އެވެ. 

"މަހުމޫދު ޝައުގީ ވިދާޅުވީ އޭރުން ލިބޭނޭ ގާނޫނީ ޝަހުސިއްޔަތެއް ތިޔަ މަސައްކަތަށް. ދެން ބޭރުގެ އެކި ފަރާތްތަކުގެ ސަމާލުކަމަށް ވެސް އަޅުގަނޑުމެން އައިސް ވަރަށް ގިނަ ބޭރު ޖަމާއަތްތަކުން ވެސް ހަދަންވީ ގޮތް ކިޔައިދީ ލަފާތައް ލިބެމުން ދިޔަ،" މައުރޫފް ވިދާޅުވި އެވެ.

ހައްގުތަކުގެ ދަތުރު ފަސޭހައެއް ނުވި 

ގާނޫނަކުން ރިސޯޓް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އާއި ސާވިސް ޗާޖާއި އޮފްޑޭ ފަދަ ދުވަސްތައް ދޭން މަޖުބޫރުކުރުމުން އެކަންކަން ވީ ވަރަށް ގިނަ ރިސޯޓްތަކުގެ މެނޭޖްމަންޓުތަކަށް ގަބޫލު ނުކުރެވުނު ކަމަކަށެވެ. އެ ހިސާބުން ދެން ތެދުވާން ޖެހުނީ ރިސޯޓްތަކުގެ މެނޭޖްމަންޓުތަކާ ދެކޮޅަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. އެތެދުވި ތެދުވުމުގައި ލިބުނު ބޮނޑި އާއި ގެއްލުން ވެސް އޭނާއަށް ބޮޑެވެ. 

"އަޅުގަނޑުމެން އުޅުނު ރީތި ރަށް ރިސޯޓުގެ މުވައްޒަފުން ނިންމީ މިތަނުންނޭ މި ހައްގުތައް ކަށަވަރުކުރަން މަސައްކަތް ފެށީ. އެހެންވީމާ، މިތަނުން ޖެހޭނޭ އަމަލުކުރަން. ދެން އޭރުގެ ޖީއެމް އެކަމާ ދެކޮޅުހެދީ. ހެދީމާ ނޮވެމްބަރު 2008ގައި އަޅުގަނޑުމެން ހަޅުތާލެއް ކުރީ،" މައުރޫފް ވިދާޅުވި އެވެ.

ދިވެހި މަސައްކަތްތެރިން ތަމްސީލް ކުރުމަށް މައުރޫފް ބޭރުގެ ބައްދަލުވުމެއްގައި ބައިވެރިވަނީ

އޭރު އެމްޑީޕީގެ ފުރަތަމަ ސަރުކާރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ވެރިކަން ވަނީ ފެށިފަ އެވެ. އެ މުޒާހަރާ ހުއްޓުވަން އޭރުގެ ހޯމް މިނިސްޓަރު ގާސިމް އިބްރާހިމް ފޮނުއްވީ ރަޔަޓު ގިޔަރުގައި ތިބި ފުލުހުންނެވެ. 

"އަނިޔާވެރި ގޮތަކަށް މުޒާހަރާ ރޫޅާލަން އުޅުނީ. ފުލުހުންނަކަށް ނޭނގުނު ރިސޯޓް އޮންނަ ގޮތެއް. ފުލުހުން ތަޅައިގަތީމާ ދުވެފައި ގޮސް ރެސްޓޯރަންޓަށް ވަދެ އެތަނުގައި ފިލާ ތިބީ. ފުލުހުންނަށް އަތެއް ނުވި ގިނަ މީހުން. އަތު ޖެހުނު 13 މީހަކު ހައްޔަރުކުރި،" މައުރޫފް ވިދާޅުވި އެވެ. 

ހަޅުތާލާ ގުޅިގެން އެ ރިސޯޓުގެ ވަޒީފާއިން ބަޔަކު ވަކިކުރަން އޮތީ ނިންމާފަ އެވެ. އެކަމަކު އެއިން އެއްވެސް މީހަކު ފުލުހުންނަށް އަތުލެވޭ ގޮތް ނުވި ކަމަށް މައުރޫފް ވިދާޅުވި އެވެ. ފުލުހުން އައުމުން ހިނގި ކަންކަމުގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ވެސް ދޭން ޖެހުނެވެ. 

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމާ ގުޅޭ ގޮތުން ބޭއްވި ޓްރޭނިންއެއްގައި މައުރޫފް

ފުލުހުން ރިސޯޓަށް އެރިޔަސް މައުރޫފް ވިދާޅުވީ މުވައްޒަފުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫން ކަމަށެވެ. 

"ފުލުހުން، ރައީސް އޮފީހުން އަޅުގަނޑަށް ގުޅަން ފަށައިފި. ލޯކަލް ބައެއް ރަށްރަށުގައި ރިސޯޓްތަކުގައި މާލޭގައި އަޅުގަނޑުމެންނަށް ތާއީދުކޮށް މުޒާހަރާ ފަށައިފި. ސަރުކާރުން އެ ހިސާބުން އެދިއްޖެ މަޝްވަރާކުރަން ބޭނުމޭ. އަޅުގަނޑު ބުނެފިން ރިސޯޓުން ފުލުހުން ފައިބާ ހައްޔަރުކުރި މީހުން ދޫކޮށްލާށޭ،" މައުރޫފް ވިދާޅުވި އެވެ.

"އެ ހިސާބުން ސަރުކާރުން އަޅުގަނޑުމެން ބުނި ގޮތަށް ކަންތައްކޮށްދިން. ނެގޯސިއޭޝަނަަކަށް އައިސް މައްސަލަތައް ވާހަކަދައްކައިގެން ރީތި ރަށުގައި ހައްލުވެގެން ދިޔައީ." 

އެއީ ރިސޯޓް މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރަން ހުޅުވުނު ވަރަށް ބޮޑު ދޮރެއް ކަމަށް މައުރޫފް ވިދާޅުވި އެވެ. އެ ހިސާބުން ރިސޯޓްތަކުގެ މެނޭޖްމަންޓުތަކުން މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ކަންކަމުގައި ހެޔޮ ބަދަލުތަކެއް ގެނައި ކަމަށް ވެސް ވިދާޅުވި އެވެ. 

"އަޅުގަނޑު ދަންނަވާނީ ރީތި ރަށުގައި އިސްވެ އެ ކުރެވުނު މަސައްކަތޭ އެއީ މި ހައްގުތައް ކަށަވަރުކުރަން ފުރަތަމަ ހަރަކާތަކީ. އެތައް ހެޔޮ ބަދަލެއްގެ ފެށުން އެއީ،" މައުރޫފް ވިދާޅުވި އެވެ. 

މައުރޫފް އިސްވެ ހުންނަވައި ބޭއްވި މަސައްކަތްތެރިންގެ މުޒާހަރާއެއް
މަސައްކަތްތެރިންގެ ހައްގުގައި ކުރިއަށް ގެންދިޔަ އެއްވުމެއް

އެއަށް ފަހު ވެސް ރިސޯޓް މުވައްޒަފުންގެ ހައްގުގައި މައުރޫފް ފެއްޓެވި މަސައްކަތް ހުއްޓައެއް ނުލައްވަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެޕްރީމް 2009ގައި އޭނާ ރީތިރަށް ރިސޯޓުގެ ވަޒީފާއިން، މާރާމާރީގެ ތުހުމަތު އަޅުވައި، ވަކިކުރީ އެ މަސައްކަތްތަކުގެ ސަބަބުންނެވެ. އަދި ހައްޔަރުކޮށް ޖަލަށް ވެސް ލިޔެވެ. އެކަމަކު އޭގައި އޭނާގެ ބައިވެރިވުމެއް ނެތުމުން ފަހުން ދުކޮށްލީ އެވެ.  

"ރިސޯޓް ޖީއެމްއަށް ބަޔަކު ހަމަލާދިނީމާ އެކަން އަޅުގަނޑާ މަތިކޮށްފައި މުޅިން ދޮގު ތުހުމަތެއްގައި އަޅުގަނޑާއި އޭރުގައި އުޅުނު ޓީމް ވަކިކުރީ. އެއީ އެތަނުގެ މެނޭޖްމަންޓެއްގެ ދެ މީހެއްގެ ދޭތެރޭގައި ޖެހުނު މައްސަލައަކުން އަޅުގަނޑުމެންނާ ނުވެސް ގުޅޭ ބަޔަކު ހިންގި ކަމެއް،" މައުރޫފް ވިދާޅުވި އެވެ. 

އޭނާއަށް ދެން ޖެހުނީ ރީތިރަށް ރިސޯޓް މެނޭޖްމަންޓާ ދެކޮޅަށް މައްސަލަ ހިފައިގެން ވަޒީފާޔާ ބެހޭ ޓްރައިބިއުނަލްއަށް ދާށެވެ. ރާއްޖޭގެ މަޝްހޫރު އެތައް ގާނޫނީ ވަކީލުންނަކާ ދެކޮޅަށް ވަކާލާތުކޮށް މައުރޫފް އޭނާގެ މައްސަލަ ކާމިޔާބުކުރެއްވި އެވެ. ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް މައްސަލަ ނިމުނެވެ. ބަދަލުގެ ގޮތުގައި ރީތިރަށް ރިސޯޓުން އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހުނެވެ. 

ރިސޯޓް ވަޒީފާގެ ނިމުން ސިޔާސީ މަސައްކަތުގެ ފެށުން

ރީތި ރަށުގެ ވަޒީފާގައި ހުންނަވައިގެން މަސައްކަތްތެރިންގެ ހައްގުގައި އޭނާ ފެއްޓެވި މަސައްކަތާ އެކު ސިޔާސީ ރޫހު އޭނާގެ ކަށީގައި ދިޔައީ ހަރުލަމުންނެވެ. އެ މަސައްކަތުގެ ތެރެއަށް އޭނާއަށް ވެންނެވުނެވެ. އެ ހިސާބުން ރީތި ރަށަށް ހާއްސަ އެމްޑީޕީގެ ގޮތްޕެއް ހަދައިގެން ހިންގަވަން ފެއްޓެވި އެވެ.

"އަޅުގަނޑުގެ ކޮޓަރި އެއީ އެ ގޮފީގެ އޮފީސް. އެތަނުން އެމްޑީޕީގެ އެ ގޮފީގެ ކަންކަންކޮށް އޮޕަރޭޓް ކުރަމުން ދިޔައީ،" ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ހުންނަކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވ ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ޖަލްސާގައި މައުރޫފް ވާހަކަ ދައްކަވަނީ

ވަޒީފާއިން ވަކިކުރުމާ އެކު ޓީމުގައި ހުންނަވައިގެން އޭނާ ދެން ފެއްޓެވީ ނުހައްގުން ރިސޯޓުތަކުން ވަކިކުރާ މުވައްޒަފުންގެ މައްސަލަތަކުގައި ޓްރެއިބިއުނަލަށް ގޮސް އެ މީހުންނަށް ހައްގު ހޯދައިދިނުމުގެ މަސައްކަތެވެ. އެ މަސައްކަތުގައި 1،000 އަށް ވުރެ ގިނަ ބަޔަކަށް ގެއްލުމުގެ ބަދަލު ނަގައި ދެވުނު ކަމަށް މައުރޫފް ވިދާޅުވި އެވެ. އެކަން އޭނާ ކުރެއްވީ ފީއަކަށް އަދި ބަދަލަކަށް އެއްވެސް އެއްޗެއް ނަންގަވައިގެނެއް ނޫނެވެ. 

"ވަޒީފާއިން ވަކިވެގެން އެހެން ހުންނަން ޖެހުނީމާ މުވައްޒަފުންގެ ހައްގުތަކުގެ އިތުރަށް އެކަން ކުރަމުން ސިޔާސީ ކަންކަން ވެސް ދެން ކުރަން ފަށައިފިން،" މައުރޫފް ވިދާޅުވި އެވެ.

އޭނާ އެންމެ ފުރަތަމަ ވާދަކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އޭނާގެ އުފަން ކެންދޫ ދާއިރާގެ ރައީސް ކަމަށެވެ. އެ އިންތިހާބުގައި އޭނާއަށް ކާމިޔާބުވެ އެމްޑީޕީގެ ކެންދޫ ދާއިރާގެ ރައީސެއްގެ ގޮތުގައި ގައުމީ މަޖިލީހުގައި މަސައްކަތް ކުރެއްވި އެވެ. 

ސިޔާސީ މަސައްކަތުން ފުރަތަމަ މާޔޫސްކަން

އެކަމަކު އޭނާ އެންމެ ފުރަތަމަ ފެއްޓެވި ސިޔާސީ މަސައްކަތް މާ ގިނަ ދުވަހު ކުރެއްވޭ ގޮތެއް ނުވި އެވެ. އޭނާ 2013ގައި މަޖިލީހަށް ވާދަކުރަން އެމްޑީޕީ ކެންދޫ ޕްރައިމަރީ ކާމިޔާބުކުރެއްވި ނަމަވެސް އެ އިންތިހާބު ބާތިލްކޮށް އެމްޑީޕީން އޭނާގެ އަތުން ޓިކެޓް އަތުލި އެވެ.

"އެ ހިސާބުން ދެން އެމްޑީޕީއާ ވެސް މަޑުމަޑުން ފެޔަށް ޖެހިލައި މަސައްކަތްތެރިންގެ ހައްގުތަކުގެ މަސައްކަތަށް މުޅި ފޯކަސް ދިނީ. ރާއްޖެއިން ބޭރުގައި ދިވެހި މަސައްކަތްތެރިން ތަމްސީލް ކުރުމާ މި ކަންކަމުގައި އަޅުގަނޑުގެ މަސައްކަތް ހާއްސަކުރީ،" މައުރޫފް ވިދާޅުވި އެވެ.

އެގޮތުން އޭނާ ކުރެއްވި އެންމެ ބޮޑު މަސައްކަތަކީ މަސައްކަތްތެރިންގެ ޔޫނިއަންތައް ރާއްޖޭގައި ހަދައިގެން ހިންގޭނޭ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ. އެކަމުގައި އޭނާ އެކި ފަރާތްތަކާ މަޝްވަރާކުރެއްވި އެވެ. ނަމަވެސް އޭނާއަށް އެ މަސައްކަތުގައި ސިޔާސީ ފަރާތްތަކުން މާ ބޮޑު އެއްބާރުލުމެއް ނުލިބުނެވެ. އޭނާގެ ވާހަކަ އަހަން އެ މީހުން ބޭނުމެއް ނުވި އެވެ. 

ޓްރޭޑް ޔޫނިއަން ގޮސްގްރެސް ފަށަން މިދިޔަ އަހަރު ބޭއްވި ޖަލްސާގައި

ނުކުންނެވީ ނުފޫޒާއި ބާރާ ދެކޮޅަށް؛ ކާމިޔާބީގެ ހިތްހަމަޖެހިގެން

މައުރޫފް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކަށް ވަނީ ރިސޯޓް ވެރިންގެ ބާރު ނިޒާމުގައި ގަދަވުމެވެ. އެ މީހުން ހިތްހަމަނުޖެހިދާނެތީ މަސައްކަތްތެރިންގެ ޔޫނިއަންތަކަށް ފުރިހަމަ ގާނޫނީ ބާރުވެރިކަން ދޭން ސަރުކާރުތަކުން ތިބީ ފަސްޖެހިފަ އެވެ. އެހެންވެ، އޭނާގެ މަސައްކަތް ވީ ނުފޫޒު ގަދަ އެތައް ބަޔަކާ ދެކޮޅަށް ކުރަން ޖެހުނު ހަނގުރާމައެއް ފަދަ ކަމަކަށެވެ.

"އެހެންވެ މިހާ ދުވަސް މި ގާނޫނެއް ގެންނަން މި ނެގީ ވެސް. ދިގު ދަތުރެއް އެއީ،" މައުރޫފް ވިދާޅުވި އެވެ.

ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އެހީއާ އެކު އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު މަޖިލީހުން ފާސްކޮށް މިހާރު ވަނީ ރާއްޖޭގައި ޔޫނިއަންތައް ހެދޭނޭ ގާނޫނީ އޮނިގަނޑެއް ތައާރަފްކޮށްފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވި އެކަކީ މައުރޫފް އެވެ. 

"ދެ ފަހަރަކަށް ބިލް މަޖިލީހަށް ވައްދަން ޖެހުނު. ހަމަ ބޭރުކޮށްލަނީ. އެންމެ ފަހުން މިދިޔަ އެމްޑީޕީ ސަރުކާރުގައި މަސައްކަތްކޮށްގެން އެ ސަރުކާރުގައި މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރަން ލިބުނު ފަހި ފުރުސަތުގައި އެންމެ ފަހުން އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު މި ހަގީގަތަކަށް ވީ،" އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ މަސައްކަތްތެރިންގެ ހައްގުތަކަށް ނުރައްކާވި ދުވަސްވަރެއްކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވި އެވެ. 

އޭނާއަށް މިއަދު އޮތް ހިތްހަމަޖެހުމަކީ 200-300 ޑޮލަރުގެ ސާވިސް ޗާޖެއްގައި ރިސޯޓްތަކުގެ މުވައްޒަފުން ތިބި ތިބުމަށް ނިމުމަކަށް ގެންނަން އޭނާއަށް މަސައްކަތްތަކެއް ކޮށްދެއްވުނީމަ އެވެ. މިނިމަމް ވޭޖަކީ ރާއްޖޭގައި އޮންނަން ޖެހޭ އެއްޗެއް ކަމަށް ވިސްނައިދޭން އޭނާއަށް ކުރެއްވުނު ވަކާލާތުން އޭގެ ނަތީޖާ ފެނުމެވެ. އެކަން ހަގީގަތަކަށް ވުމެވެ.

މަސައްކަތްތެރިންގެ ހައްގުތަކުގެ ދިފާއުގައި އުމުރުން 20 އަހަރުގައި މައުރޫފް މަސައްކަތް ފެއްޓެވި އިރު ނުލިބި ހުރި އެތައް ހައްގެއް މިއަދު މަސައްކަތްތެރިންނަށް ކަށަވަރުވުމަކީ އޭނާއަށް އޮތް ހިތްހަމަޖެހުމެކެވެ. 

"މިއަދު ފަހުރުވެރިކަމާ އެކު ބުނަން ކެރޭނެ 520 ޑޮލަރު ދޭން ޖެހޭނޭ ރިސޯޓް މުވައްޒަފަކަށް. މިހެން ގޮސް މަސައްކަތު ވަގުތު ކަނޑައެޅުމާއި ކޮންޓްރެކްޓް ދޭން ޖެހުމާ، މިހެން ގޮސް އެތައް ހައްގެއް. އަނެއްކާ މިނިމަމް ވޭޖާ އެކު ރިސޯޓް މުވައްޒަފުން ނޫނަސް ހުރިހާ މަސައްކަތްތެރިންނަށް އޭގެ މަންފާތަކެއް އެބަ ކުރޭ. އެއީ އަޅުގަނޑަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ފެނިއްޖެ ކަމުގެ އިހުސާސެއް،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް މަޖިލީހުގައި ކެންދޫ ދާއިރާ ތަމްސީލް ކުރައްވަން ވާހަކަ ދައްކަވަނީ

މަސައްކަތްތެރިންގެ ހައްގުގައި އޭނާ ފެށި މަސައްކަތުން މިހާރު ވަޑައިގެންނެވިފައި ހުންނެވި ހިސާބާ އެކު ވެސް މަސައްކަތްތެރިންގެ ހައްގުގައި ކުރައްވާ މަސައްކަތް ހުއްޓާލައްވާކަށް ބޭނުމެއްނުވެ އެވެ. ރައްޔިތުންގެ މަޖިލިހަކީ އެ މަސައްކަތަށް ލިބޭ އާ ބަރެކެވެ. އަދި ހިތްވަރެއް ކަމަށް ވެސް އޭނާ ހުންނެވީ ގަބޫލުކުރައްވައިގެންނެވެ. އެކަމުގައި އޭނާ ފަސްޖެހުމެއް ނެތެވެ. ހަޔާތުގެ ދެން އޮތް ބައިގައި ވެސް އެ ވަކާލާތު ހުއްޓާނުލައްވާ ކުރިއަށް ގެންދަވާނެ އެވެ.

"މަސައްކަތްތެރިންގެ ހައްގުތަކަށްޓަކައި އަޅުގަނޑު ކުރާ މަސައްކަތް ހުއްޓައެއް ނުލާނެ. އެއީ އަޅުގަނޑުގެ މުޅި ކެރިއާގެ ފެށުން ވެސް އަދި އާދެވިފައި މިހުރި ހިސާބުގެ ފެށުމަކީ ވެސް. މިއީ އެ މަސައްކަތަށް ލިބޭ އާ ބާރެއްގެ ގޮތުގައި އިރާދަކުރެއްވިޔާ ވާނެ،" މައުރޫފް ވިދާޅުވި އެވެ. 

ކޮމެންޓް (4)

ނިޔސ

19 ޖޫން 2024
މާއްޓޭއަކީ ވަރަށް ގަދަ މީހެއް. ފަޚުރުވެރިވުން ހައްގު މަސައްކަތްތަކެއް ކޮށްފައިވާ މީހެއް. ގިނަ ރިސޯޓްތަކުގައި ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ވިޔަފާރިތައް ހިންގަނީ. މިކަން މަޖުލިސްގައި ފާހަގަކޮށް، ރިސޯޓްތައް ހިންގާ މީހުން ޒިންމާދާރު ކުރާނެކަމަށް އުންމީދުކުރަން.
3 2

ނާމި

19 ޖޫން 2024
6.3 މިލިއަން ރުފިޔާ ލިބުނީ ކިހިނެއްތޯ ބުނެލަބަލަ
5 1

ރުކިޒާ

19 ޖޫން 2024
މީކާކުކަން ނުދަންނަ މީހުންނާ މީނައަށް ލޯމަރާލައިގެން ތާއީދު ކުރާ މީހުންނަކަށް މީނަގެ ހަގީގަތެއް ނޭގޭ
6 1

ހުވަދޫ އަހައްމަދޭ.

19 ޖޫން 2024
އީސައަށް ވީހެން ނުވާނެކަމަށް އުއްމީދުކުރަން. މިއަދުވެސް މެޖޯރިޓީ ރިސޯޓުތަކުގަ އެޗްއާރު ހެޑުންނަށް ބޭރުމީހުން. އެމީހުންގެ އައުލާދުންނަށް ވަޒީފާ ދީދީ އެތިބީ ދިވެހިން ފޮނުވާ ސީވީތައް ޑަސްބިނަށް ލަމުން.
11 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް