ލިވިން

ޒުވާން އަންހެނެއްގެ މި ފޮޓޯތަކުން ގެނެސްދެނީ އުފާވެރިކަން

ތ. ބުރުނީގައި ދިރިއުޅެމުން އަންނަ އައިމިނަތު ޝިފްނާގެ ރީތި ފޮޓޯތަކަށް އެތައް ހާސް ބައެއްގެ ނަޒަރު ވަނީ ހުއްޓިފައި

ހިތްހަމަޖެހުން އެކި މީހުން ހޯދަނީ އެކި ގޮތަށެވެ. ތ. ބުރުނީގައި ދިރިއުޅެމުން އަންނަ އުމުރުން 23 އަހަރުގެ އައިިމިނަތު ޝިފްނާއަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބޭ އެއް ކަމަކީ ހިތްގައިމު ރީތި ފޮޓޯގަނޑެއް ނެގުމެވެ. އަމިއްލަ ފޯނުން އޭނާ ނަގާ މި ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ އެތައް ބަޔަކަށް އެ ހިތްހަމަޖެހުމާއި އުފާވެރިކަން ގެެނެސްދެ އެވެ.

އިންސްޓަގްރާމްގައި އޭނާގެ 12،000އަށް ވުރެ ގިނަ ފޮލޮވަރުން އެބަ ތިއްބެވެ.

ޝިފްނާގެ ފީޑް ރީތި ފޮޓޯތަކުން ފުރިފައި ވިޔަސް އޭނާ އަތުގައި ފޮޓޯއަށް ހާއްސަ ކެމެރާއެއް ނެތެވެ. އޭނާގެ ހުރިހާ ވެސް އެއްޗަކީ އައިފޯނެވެ. ބޮޑު ކެމެރާ އާއި އެކި ވަރުގެ ލެންސްތައް ނެތަސް އޭނާގެ ޝައުގު އޮތް ފޮޓޯ ނެގުމުގެ ހުނަރު ފައްކާކުރަން ޔޫޓިއުބްގެ ފިލާވަޅުތައް ގަވާއިދުން ބަަލަ އެވެ. 

"އަހަރެންގެ އިންސްްޓަގްރާމް ފީޑުގައި ހުންނަ ގިނަ ފޮޓޯއަކީ އަމިއްލަ ފޯނުން ނަަގާފައިވާ ފޮޓޯތަކެއް. ބައެއް ފަހަރު އެކުވެރިއެއްގެ ކެމެރާ ބޮރޯކޮށްލަން،" ޝިފްނާ ބުންޏެވެ.

އޭނާ އާއްމުކޮށް ނަގަނީ ގުދުރަތީ މާހައުލުގެ ފޮޓޯތަކެވެ. އިރުއަރާ އިރުއޮއްސޭ މަންޒަރާއި ވާރެޔާއި ހަނދާއި މިހެން ގޮސް ގިނަ މީހުން ގަޔަވާ ކަހަލަ މަންޒަރުތަކެވެ.

ޝިފްނާގެ ފީޑަށް ބަލާލައިފިއްޔާ ރަށްފުށުގެ ދިރިއުޅުމުގެ ހިމޭންކަމާއި ސާދާކަމަށް ހިތްކިޔާނެ އެވެ. ކިތައްމެ ކުޑަކަމަކުން ވެސް ހިތްހަމަޖެހުން ގެނެސްދޭނެކަން އެނގެ އެވެ. 

ސިކުނޑީގައި އޮޅުންބޮޅުން ހިޔާލުތަކާ ދުރަށް ޖައްސާލާ ކަހަލަ މަންޒަރުތަކެވެ. އަހަރެމެންނަކީ ގުދުރަތީ މާހައުލާ ގުޅި ލާމެހިފައިވާ ބައެއްކަން ހަނދާންކޮށްދެ އެވެ. ކޮންމެ ފޮޓޯގަނޑަކުން ވެސް އެތައް އިހްސާސްތަކެއް އުފައްދަ އެވެ.

އައިމިނަތު ޝިފްނާ އޭނާގެ ރަށް ބުރުނީގައި

ޝިފްނާގެ އެ ލޯބި މަސައްކަތާ މެދު އެއްޗެއް ބުނާ ނަމަ ބުނަން ޖެހޭނީ ރަށްފުށުގެ ދިރިއުޅުމުގެ ތެރެއަށް އެހެން މީހުންގެ ހިތް ގަންބުވާލާކަމެވެ. އެ ހުނަރު އޭނާގެ މޮޅުކަމެވެ.

ބުރުނީ ކައުންސިލްގައި ވަޒީފާ އަދާކުރަމުން އަންނަ ޝިފްނާގެ ފޮޓޯތަކުން ރަށުގެ ސަގާފަތާއި އާދަކާދަ ދިރުވުމުގެ ބައެއް ވެސް އަދާކުރެ އެވެ. އުފަން ރަށް ބުރުނީ މަޝްހޫރު ވެފައި އޮންނަނީ ދިވެހި ލޯބީގެ ފޯކްލޯރު ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކާގައި އުޅޭ ދޮންހިޔަލައިގެ ރަށުގެ ގޮތުގައި އެކަންޏެއް ނޫނެވެ. އެއީ 'ރާގޮނޑި ރަށު'ގެ ގޮތުގައި ވެސް މަޝްހޫރު ރަށެކެވެ. އެ ރަށު ފަޅުތެރެއަށް ތިލަވާ ރާގޮނޑިތައް ހިފަން ރައްޔިތުން ނުކުމެ އުޅޭ ގޮތުންނެވެ. އޭގެ ތެރޭގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ދައްކާތީ އެވެ.

ތ. ބުރުނީ ފަޅުތެރެއަށް ތިލަވާ ރާގޮނޑި ހިފަން ރައްޔިތުން ނުކުމޭ

ރާގޮނޑި ހިފާ، އެ ބެހުމާއި ކެއްކުމުގައި ރަށު އެންމެން އުޅޭ އިރު ހީވަނީ ބޮޑު އީދެއް އައިސްގެން އުޅޭ ހެންނެވެ. މި މަންޒަރުތަކުގެ ފޮޓޯ ޝިފްނާ އޭނާގެ ފޯނުން ނަގާ ރައްކާކުރެ އެވެ. މަގްސަދަކީ ރަށުގެ ސަގާފަތާއި އާދަކާދަތައް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ.

"ދިވެހިރާއްޖޭގެ ރީތިކަން ދައްކުވައިދޭ ގޮތަށް އާދަކާދަތައް ފޮޓޯއަކުން ގެނެސްދިނުމަކީ ކުރާ ހިތުން ކުރާ ކަމެއް. ހާއްސަކޮށް ތ. ބުރުނީގެ. އަހަންނަށް ކަންކަން ފެންނަ ގޮތަށް، އަހަރެންގެ ނަޒަރުން ދައްކާލަން ބޭނުންވަނީ. އެެހެން މީހުން ވެސް މި ކަހަލަ ފޮޓޯތަކަށް ޝައުގުވެރިވޭ. މިއީ ދެން އަންނަން އޮތް ޖީލަށް ވެސް ކުރަން މުހިއްމު ކަމެއް،" ޝިފްނާ ބުންޏެވެ.

ޝިފްނާ ބުނާ ގޮތުން ރަށުގެ މިފަދަ ވާހަކަތައް ޑޮކިއުމަންޓްކޮށް ކުރިމަގަށް ރައްކާކުރަން ޖެހޭ

މީގެ ދެ އަަހަރެއް ކުރިން ޝިފްނާ ނެގި ރާގޮނޑި ހިފުމުގެ ފޮޓޯތައް ވަރަށް ބޮޑަަށް ވައިރަލްވި އެވެ. އޭނާ ބުނާ ގޮތުން އެރަށުގެ ފަޅު ތެރެއަށް ރާގޮނޑި އައިނު ވަންނަ އިރު ބައެއް ފަހަރަށް ގާތްގަނޑަކަށް ބައި ލައްކައެއްހާ ރާގޮނޑި ހިފާފައި ހުންނަ ކަމަށް ބައްޕަމެން ކިޔައިދެ އެވެ.

"މިއީ އަސްލު ވަރަށް ތަފާތު ކަމެއް. ކައިިރި ރަށްރަށުން ވެސް އަންނާނެ ރާގޮނޑި އައިން ތިލަވެގެން އުޅޭ އިރު މަސް ހިފަން. މެންދުރު 12 ޖަހާއިރު ފަށައިގަންނަ ގޮތަށް ރޭގަނޑު 9-10 ޖަހާ އިރު މިކަން ނިމެނީ،" ޝިފްނާ ކިޔައިދިނެވެ.

"ކައުންސިލުން ރަށުގެ ކޮންމެ މީހެއްގެ ބޮލަށް މަސް ބައި އަޅާނެ. ކޮވިޑް-19ގެ ދުވަސްވަރު ކައިރި ރަށްތަކަށް ހިލޭ ވެސް ބެހި،" ޝިފްނާ ބުންޏެވެ.

ރެދަން ލާފައިވާ ތަނުގެ ފޮޓޯއެއް

މި އަހަރު ވެސް އޭގެ ފޮޓޯތައް ނަގަން އޭނާ އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު ރަށުގެ ވަށައި ބޮޑު ހިލަ ޖެހި ފަހުން، ކުރިއާ އެއްގޮތަށް ރާގޮނޑި އައިނު ވަދެއެއް ނޫޅެ އެވެ. 

"ހިލަ ޖަހާފައި އެހެެރީ ރާގޮނޑިއަށް ވަދެވޭ ގޮތަށް. ކޮންމެވެސް ވަރަކަށް ރާގޮނޑި ވަދޭ. އެކަމަކު 2021ގައި ތިލަވި ގޮތަކަށް މި ހުޅަނގުގައި ނުވޭ. މިހާރު މޫސުން ވެސް މި އޮތީ ވަރަށް ބަދަލުވެފައިތާ؟" ޝިފްނާ ބުންޏެވެ.

ރާގޮނޑި އައިނު ވަދެއްޖެ ނަމަ އެކަން ޑޮކިއުމެންޓްކުރަން އޭނާ ވިސްނަނީ ތަފާތު ގޮތަކަށެވެ.

ކެމެރާއެއް ނެތް މި ފޮޓޯގްރާފާރުގެ އެހެން އުއްމީދުތައް ވެސް އެބަ ހުއްޓެވެ. 

"މިހާރު ވެސް ފުރުސަތު ލިބޭ ކައިރި ރަށްރަށުން ވެޑިން ޕޯޓްރެއިޓް ކަހަލަ އިވެންޓްތައް ނަގަން. އެކަމަކު ކެމެރާ އާއި އެހެން އިކުއިޕްމަންޓް ނެތީމާ އެކަން ނުކުރެވެނީ،" އޭނާ ބުންޏެވެ.

ޝިފްނާގެ ރީތި ފޮޓޯއެއް: މިކަހަލަ އެތައް ފޮޓޯއެއް ވައިރަލްވޭ

"މިހާރު ފީޑްގައި ހުންނާނެ ކެމެރާއިން ނަގާފައިވާ ފޮޓޯތައް ވެސް. ހާއްސަކޮށް ނައިޓް ފޮޓޯގްރަފީ ނުވަތަ މިލްކީވޭ ފޮޓޯތައް. އެއީ ރައްޓެއްސެއްގެ ކެމެރާއިން."

ރަސްމީ ވަޒީފާ ނިންމާލައި ހަވީރު ފިނި ޖެހުމާ އެކު ކޮންމެ ދުވަހަކުހެން ނުކުންނަނީ ފޯނު ހިފައިގެން ހިތްގައިމު މަންޒަރެއް އަތުވޭތޯ އެވެ. އޭގެ ފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ފޮޓޯތައް އެތައް ބަޔަކާ ހަމައަށް ގެނެސްދެ އެވެ. 

"އުއްމީދަކީ ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވުން،" ޝިފްނާ ބުނެލި އެވެ.

ކޮމެންޓް (4)

މީނަ

13 ޖޫން 2024
އަބަދުވެސް އެދޭނީކާމިޔާބަށް. ވަރަށް ފުރިހަމަ.
2 0

ހަލީފާ

12 ޖޫން 2024
އީމާން ކޮއްކޮ ދެރަނުވޭ. އީމާން ކޮއްކޮއަށްވެސް ހަމަ އެއަށްވުރެން މޮޅު ފޯނެއް ހޯދަދޭނަން. ވަރަށް އަވަހަށް ލިބޭނެ.
0 0

ޙަސަނާހާ

12 ޖޫން 2024
އައިފޯނަކީ ވެސް ފޮޓޮއަށް ޚާއްސަ ކެމެރާ އެއް.
0 0

ބިގް އަލީ

12 ޖޫން 2024
ވަރަށް އުފާވެއްޖެ މިލިޔުން ކިޔާލާފަ. ހުނަރުވެރިންވެސް މަދެއްނޫންކަން އެނގިއްޖެ. އީމާން އަކީ ހަމަ ތަފާތު ލިޔުން ގެނެސްދޭ ބޭކަނބަލެއް. ޝުކުރިއްޔާ އީމާން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް