ހއ. ދިއްދޫ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަބްދުއްލަތީފް މުހައްމަދު 2016ގައި ދިއްދޫގައި ބޭއްވި އެއް ލައްކަ ރުފިޔާގެ ގުރުއާން މުބާރާތް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަނީ

'ފުނަމާ ލަތީފު ކޮބާ؟ އޭނާ ނެތި ނުވާނެ'

ހއ. ދިއްދޫ ދާއިރާގެ ސަރުކާރު ކެންޑިޑޭޓަކީ ދިއްދޫގެ އިޖުތިމާއީ އެތައް ކަމެއްގައި އެންމެ އިސް ޒިންމާތަކެއް ނެންގެވި، އޭގެ ދެވަނައެއް ނެތް ބޭފުޅެއް
19 އޭޕްރީލު 2024
2

ޒުވާނުންގެ ގައުމީ ދުވަހެވެ. ނޫނީ ރަށު ސްކޫލަށް، ރަށު ހޮސްޕިޓަލަށް ހާއްސަ އަަހަރެއް ފުރޭ ދުވަހެވެ. ކުޅިވަރުގެ ބޮޑު މުބާރާތެއް ބާއްވާ ދުވަހެވެ. މިއިން ކޮންމެ ދުވަހެއްގައި ދިއްދޫގެ އިސް މީހުންނާއި އާންމުން ހޯދަން ބޭނުން އެއް ބޭފުޅަކު އަބަދުވެސް ހުންނަވަ އެވެ.

"ފުނަމާ ލަތީފް ކޮބާ؟" މިއީ އެ މީހުން އަހާ ސުވާލެވެ. ސުވާލާ އެކު އޭގެ ޖަވާބު ވެސް އެމީހުން ދެ އެވެ.

"އޭނާ ނެތި ނުވާނެ."

މިއީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހއ. ދިއްދޫ ދާއިރާއަށް ޕީއެންސީން ވާދަކުރައްވާ އަބްދުއްލަތީފް މުހައްމަދުގެ ވާހަކަ އެވެ. ރަށުގައި އޭނާ މަޝްހޫރީ 'ފުނަމާ ލަތީފް'ގެ ނަމުންނެވެ.

ދިއްދޫގެ ތާރީހަށް ބަލާ ނަމަ 1980 ،1990 އަދި 2000ގެ އަހަރުތަކުގައި ވެސް ލަތީފު ނެތި ރަށުގައި ބޮޑު އެއްވެސް ކަމެއް ބާއްވާފައެއް ނެތެވެ. މާލޭގައި ދިރިއުޅުއްވިޔަސް އޭނާ ރަށަށް ނުގެންގޮސް ދިއްދޫގެ އިޖުތިމާއީ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މޫޑެއް ރަށުގެ ގިނަ މީހުންގެ ނުވެސް ހުރެ އެވެ.

"އަޅުގަނޑު ވެސް އަސްލު ވަރަށް އުފާވޭ އެކަހަލަ ކަންކަމުގައި ބައިވެރިވެވޭތީ،" ލަތީފް ވިދާޅުވި އެވެ.

ދިއްދޫގެ އިޖުތިމާއީ ބޮޑެތި ކަންކަމުގައި އޭނާގެ އިސް ރޯލެއް އޮންނަނީ ނުވަތަ ރައްޔިތުން އޭނާ ބައިވެރިކުރުވަނީ، ބައެއް މީހުން ބުނާ ގޮތުގައި، އެކަމެއް ކޮށް ނިންމާލެއް ފުރިހަމަކަމުންނެވެ. ކަމަކަށް ކަމެއް ކުރައްވާފައި ދޫކޮށްލައްވަނީކީ ނޫނެވެ. އޭރަކު އެ އޮންނަ ރައްޔިތެއްގެ ހަނދާނުގެ މުހިންމު ބަޔަކަށް ވެސް، އެ ކަމެއް ހެއްދެވުމަކީ ލަތީފުގެ ނިޔަތެވެ.

"އަޅުގަނޑު ހަމަ ހަނދާންވޭ މީހުން ބުނާ ވާހަކަ ލަތީފު ނުލާ ފުރިހަމައެއް ނުވާނޭ، އޭނާ ގެނެސްގެންނޭ އަހަރެމެން ބޭނުން ފެންވަރަށް ކުރެވޭނީ،" އޭރުގެ ހަނދާންތައް އާކުރައްވަމުން ލަތީފް ވިދާޅުވި އެވެ.

ހއ. ދިއްދޫ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަބްދުއްލަތީފް މުހައްމަދު، މީގެ ކުރިން ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތަށި ދެއްވަނީ

މިސާލަކަށް އޭރު ދިއްދޫގައި ބޭއްވި ގައުމީ ފެންވަރުގެ އެންމެ ބޮޑު އިވެންޓަކީ 1999ގެ ޒުވާނުންގެ ދުވަހެވެ. އެއީ އޭރަށް ބަލާ ނަމަ ގައުމީ ވަރަށް ބޮޑު ހަފުލާއެކެވެ. ތާރީހީ ގޮތުން ކަމެއް ފާހަގަކުރާ ނަމަ ޒުވާނުންގެ އެވޯޑް ފުރަތަމަ ދޭން ފެށީ ދިއްދޫގައި އޮތް އެ ރަސްމިއްޔާތުގަ އެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ވަޑައިގަތެވެ. ސަރުކާރުގެ އެތައް މިނިސްޓަރުންނަކާއި އިސް އެތައް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މުޅި ހއ. އާއި އެހެން އަތޮޅުތަކުގެ ވެރިން ޒިޔާރަތްކުރެއްވި އެވެ. ރަށުތެރެ ޒީނަތްތެރިކުރުން ކަމަށް ވިޔަސް، ރައްޔިތުންގެ ޖާފަތް ކަަމަށް ވިޔަސް، ދުވަހުގެ ރަސްމީ ޖަލްސާގެ ވެސް އެންމެ އިސް ހަރަކާތްތެރިޔަކީ ލަތީފެވެ.

"ޒުވާނުންގެ ދުވަހާއި ދިއްދޫގެ ޒުވާނުންގެ މަރުކަޒާ ވެސް އަސްލު ގުޅުވޭނެ. ޒުވާނުންގެ މަރުކަޒު ރަށުގައި އެޅުނީ އަޅުގަނޑު ވަރަށް ބޮޑަށް އުޅެގެން،" ލަތީފް ވިދާޅުވި އެވެ.

"އޭރުގެ ޒުވާނުންގެ މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން އަރިހު އެތައް ވާހަކައެއް ދެއްކިން، ދިއްދުއަށް އެތަން މުހިންމުވަނީ ކީއްވެކަން. ދިއްދުއަކީ ޒުވާނުން ގިނަ، ޒުވާނުންގެ ހަރަކާތްތައް ވެސް ގިނަ ރަށެއްކަން. ވަރަށް، ވަރަށް ބޮޑަށް ވާހަކަ ދައްކައިގެން އަސްލު ދިއްދޫގައި ޒުވާނުންގެ މަރުކަޒު އެޅުނީ."

މިހާރު ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބް މާޒިޔާ ދިއްދުއަށް ގެންގޮސް ބޭއްވި މެޗުގެ ކުރިން ލަތީފްގެ ފަރާތުން ރަމްޒީ ބޯޅައެއް ހަދިޔާކުރައްވަނީ

ދިއްދޫގައި ރާއްޖޭގެ ފެންވަރުން ވެސް ކުޅިވަރުގެ ބޮޑެތި މުބާރާތްތަކެއް އެ ދުވަސްވަރު ބޭއްވި އެވެ. މުޅި އަތޮޅަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތްތައް ކުރިއަށް ގެންދިޔަ އެވެ. އެއިން ކޮންމެ މުބާރާތެއް އިންތިޒާމްކުރަނީ އެންމެ އިސްކޮށް ލަތީފު ހުންނަަވައިގެންނެވެ. މުބާރާތުގެ ކަންކަން ބެލެހެއްޓެވުމުގެ އިތުރުން އަބަދުވެސް ދިއްދޫން ވަރުގަދަ ފުޓްބޯޅަ ޓީމެއް ވެސް ނެރޭނީ އޭނާގެ ހިތްވަރުންނެވެ.

"އަޅުގަނޑު ކައިރީގައި ބުނަން ޖެހޭނީ، ލަތީފުއޭ ސްކޫލްގެ މިވެނި ކަމެއް ބޭނުމޭ، ސިއްހީ މަރުކަޒުގެ މިވެނި ކަމެއް އެބަ ޖެހޭ ފާހަގަކުރަން، ރައްޔިތުން ބޭނުމޭ މިވެނި ދުވަހެއް ފާހަގަކުރަން. އަޅުގަނޑު ނުހުންނާނެ ނޫނެކޭ ބުނެފައެއް. އަޅުގަނޑު ހުންނާނީ ގޮސް އެތަނުގައި."

އޭރު ރަށްރަށަށް ބޭނުންވަނީ ހިންގާލާނެ ޒުވާނެކެވެ. އެ ހިންގާލުމަަށް އެންމެ މުހިންމު ސިފަތަކަކީ މީހުންނާ އެކު އޮންނަ ގުޅުމެވެ. އަމިއްލަ ޖީބުން ވެސް ހޭދަކުރަން ޖެހިލުންނުވުމެވެ. ރުޅިމަޑުވެފައި، އެންމެންނާ ވެސް ހިނިތުންވުމާ އެކު ބައްދަލުކުރުމެވެ.

ލަތީފްގެ ކިބާގައި އެ ހުރިހާ ސިފައެއް ވެސް ހުރެ އެވެ. ދިއްދޫ މީހަކު އޭނާ ކައިރިން ކަމަކު އެދިއްޖެ ނަމަ އަދި އެކަމެއް ކުރެވެން އޮތް ހާލަތެއް ނަމަ ނުކޮށް ދުލެއްނުކުރައްވަ އެވެ.

"އަޅުގަނޑު ނޯންނާނެ އަޅުގަނޑަށް ލިބޭ އެއްޗެއް ރަށަށްޓަކައި ހޭދަނުކޮށެއް. އަޅުގަނޑުގެ ކަންކަން ބަހައްޓާފައި ވެސް ރަށަށް ދެވޭނީ އިސްކަން،" ލަތީފް ވިދާޅުވި އެވެ.

ހއ. ދިއްދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އަބްދުއްލަތީފްގެ ކެމްޕެއިންގައި ރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވަނީ

އޭނާގެ އެ މާޒީގެ ހަނދާންތައް ހުންނަ މީހުންނަށް ލަތީފް ވަރުގެ 'ދިއްދޫ ދަރިއަކު އަަސްލު ނެތް ފަދަ' އެވެ. މިހާރު ވެސް ލަތީފްގެ ފަރާތުން ރަށުގައި އިވެންޓެއް އިންތިޒާމްކުރަންޏާ އެކަން އާންމުންނަށް ފާހަގަނުކުރެވިއެއް ނުދާނެ އެވެ. މިސާލަކަށް މީގެ ކުރިން ދިއްދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި ދުވަސްވަރު ބޭއްވި އެއް ލައްކަ ރުފިޔާގެ ފުޓްބޯޅަ މުބާރާތާއި އެއް ލައްކަ ރުފިޔާގެ ގުރުއާން މުބާރާތްތަކަކީ، އޭގެ ސާފު މިސާލުތަކެވެ. 

"އަޅުގަނޑަށް އެންމެ ބޮޑު އުފަލެއް ލިބެނީ ވެސް ދިއްދޫ ރައްޔިތުންނަށް އުފަލެއް ހޯދައިދެވިއްޖެއްޔާ. ޒުވާން އިރުއްސުރެ ވެސް އަޅުގަނޑުގެ އުފަލަކީ ދިއްދޫ ރައްޔިތުންގެ އުފާ،" ލަތީފް ވިދާޅުވި އެވެ.

ކޮމެންޓް (2)

profile-image-placeholder

އަލިބެ

20 އޭޕްރީލު 2024
މީ ލާހޫރޭ މީހެއް. މީނައަށް ދިއްދޫ މީހުން މިފަހަރު ނޯ ޖަހާނެ.

ސިޔާސީ މީހާ

20 އޭޕްރީލު 2024
@އަލިބެ އިންޝާﷲ ބޮޑު ތަނުން ލަތީބޭ ހޮވާފަ ހުއްޓާލާނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް