މަޒީނާ އޭނާގެ އަމިއްލަ ރަށް އުކުޅަހުގެ ބީޗުގައި
ދިވެހި ބަހުގެ ޓީޗަރަކު މަޝްހޫރުވީ 'ރަށު ބަދިގެ'އިން
އއ. އުކުޅަހުގައި ދިރިއުޅޭ މަޒީނާ މުހައްމަދުގެ ރަސްމީ ވަޒީފާއަކީ އުކުޅަހު ސްކޫލްގެ ސެކަންޑްރީ ދިވެހި ޓީޗަރުކަމެވެ. ދިވެހި ބަހުން ދަރިވަރުން ރަނގަޅުކުރުމަކީ އޭނާގެ އެންމެ ބޮޑު ޒިންމާ އެވެ.
އެކަމަކު ކެއްކުމަށް އޭނާގެ އޮންނަ ޝައުގު ވަރަށް ބޮޑެވެ. އެހެންކަމުން މީގެ އަށެއްކަ މަސް ކުރިން އުފެއްދި 'ރަށު ބަދިގެ' ޔޫޓިއުބް ޗެނަލުގައި އެކި ރެސިޕީތަކުގެ 80 ވީޑިއޯ ވަނީ އަޕްލޯޑްކޮށްފަ އެވެ.
އެއިން ކޮންމެ ވީޑިއޯއަކުން ފެންނަނީ ފަސޭހަކަމާ އެކު ތައްޔާރު ކޮށްލެވިދާނެ ކަހަލަ ކެއުންތަކެކެވެ. ސޯޝަލް މީޑިއާގައި މިގޮތަށް ކާބޯތަކެތި ތައްޔާރުކުރާ މީހުން ގިނަ ނަމަވެސް މަޒީނާގެ މި ވީޑިއޯތައް ތަފާތެވެ. އޭނާގެ ވީޑިއޯތަކަށް ބައެއް ކުންފުނިތަކުގެ ސްޕޮންސާ ވެސް ލިބެ އެވެ.
ތިރީގައި މިވަނީ މަޒީނާ އާއި 'ދައުރު'ން ކުރި އިންޓަވިއުގެ ހުލާސާއެކެވެ.
ކައްކަން ޝައުގުވެރިކަން އުފެދުނު ގޮތަކީ ކޮބާ؟
އެ ޝައުގުވެރިކަން އުފެދުނީ އެންމެ ކުޑައިރުއްސުރެ ވެސް ބޭބެމެންނާ އެކީގައި އޭރު ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ކައްކާ އުޅުނު އުޅުމުގެ ތެރޭގައި.
މުޅި އާއިލާގައި ވެސް އުޅޭނީ ކައްކަން ވަރަށް މޮޅު މީހުން. ކައްކާ އެއްޗެހި އާއިލާގެ މީހުންނަށް ވެސް ވަރަށް ކަމުދާނެ. އާއިލާގެ ތެރެއިން ހަގީގަތުގައި ކެއްކުމުގެ ތެރެއަށް ޝައުގުވެރިކަން އުފެދުނީ.
ކެއްކުމުގެ އެއްވެސް ކޯހެއް ހެދިންތަ؟
އަޅުގަނޑު އަދި މިހާތަނަކަށް ކެއްކުމުގެ އެއްވެސް ކޯހެއް ނުހަދަން. އާއިލާގެ މެންބަރުންގެ އެހީތެރިކަމާ އެކު ކައްކަން ދަސްކުރީ. ޝައުގުވެރިކަން ހުންނާތީ، ނޭނގޭ ރެސިޕީތައް ވެސް ދިރާސާކޮށްގެން ހޯދައިގެން ހަމަ ކައްކާ އުޅެން. މިހެން އުޅުމުގެ ތެރޭގައި ވަރަށް ގިނަ އެއްޗެހި ދަސްވެގެން އައީ.
ކައްކާ ޕޭޖެއް ހެދުމުގެ ޝައުގު އުފެދުނީ ކިހިނެއް؟
އަޅުގަނޑު ފިރިމީހާއަކީ ވެސް ޔޫޓިއުބު ޗެނެލެއް ހިންގާ ފަރާތެއް. އަޅުގަނޑުގެ ދަރިފުޅުގެ ވެސް ޔޫޓިއުބް ޗެނަލެއް އިނދޭ. ކައްކާ ހިތްވާ އަދި ކައްކާ އެއްޗެހި އާއިލާ އަދި ރައްޓެހިންނަށް ވަރަށް ކަމުދޭ. ދެން އެ މަސައްކަތުގެ ތެރެއިން އަޅުގަނޑު ނިންމީ އެހެން މީހުންނަށް ކައްކަން ދަސްކޮށްދޭ މީހަކަށް ވާން.
ކައްކަން ދަސްކުރަން ބޭނުންވާ މީހުން ވަރަށް ބައިވަރު އެބަ އުޅޭ. އެހެންވީމަ ޔޫޓިއުބް ޗެނަލެއް ހަދާ އަދި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި 'ރަށު ބަދިގެ' އެންމެނަށް ވެސް ހާއްސަވާ މި ނަމުން ޕޭޖް ހަދާ މީހުންނަށް ކައްކަން ދަސްކޮށްދިނުމުގެ މި މަސައްކަތް ފެށީ.
މި ޕޭޖަށް ސްޕޮންސާ ވެސް ލިބޭ . މިއީ ކިހިނެއް ކުރިއަށް ދާ ކަމެއް؟
އަޅުގަނޑު ވެސް އެންމެ ފުރަތަމަ ފަށައިގަން އިރު ހަގީގަތުގައި އެއްވެސް ސުޕޮންސާއެއް ނެތް. މިކަމަށް ބޭނުންވާ ތަކެތި ގަތުމަށް ވެސް ވަރަށް ބޮޑު ހަރަދެއް ކުރެވުނު. ވީޑިއޯ ކުރަން ބޭނުންވާ އާލާތްތަކާއި ކެއްކުމަށް ބޭނުންވާ އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތައް ގަތުމަށް.
ދެން އަޅުގަނޑުގެ ނަފްސަށް ޔަގީންކަން އޮތް އޯޑިއަންސަށް ކަމުދާ ގޮތަށް ވީޑިއޯ ހެދެން ފެށީމާ މިކަމުގައި ސުޕޮންސާ ކުރާނެ ފަރާތްތައް ވެސް ވާނެ ކަމުގައި. އެކަމަށް އަޅުގަނޑު ދުއާ ވެސް ކުރިން.
އެހެންވީމަ ހަމަ ވަރަށް ގިނަ ހަރަދުކޮށްގެން ވަރަށް ގިނަ ވަގުތު ވެސް ހޭދަކޮށްގެން މި މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް އެކިއެކި ފަރާތްތަކުގެ މެސެޖް ލިބިގެން ދިޔަ ސުޕޮންސާ ވީޑިއޯ ހަދަން ޝައުގުވެރިވާ ކަމަށް.
އޯޑިއަންސް ބަލައިގަންނަ، މީހުންނަށް ކަމުދާ ކޮލިޓީ ވީޑިއޯ ހަދަން ފެށީމަ ސުޕޮންސާ ކުރާނެ ފަރާތްތައް ވެސް ލިބިގެންދާނެ ކަމަށް އަޅުގަނޑަށް ފާހަގަވަނީ.
މި ދަތުރުގެ ތަޖުރިބާ ކިޔައިދީފާނަން؟
ހުރިހާ ވީޑިއޯއަކީ ސުޕޮންސާޑް ވީޑިއޯއެއް ވެސް ނޫން. ސުޕޮންސާޑް ވީޑިއޯ ނިސްބަތުން އަދިވެސް މަދުވާނެ. ހަގީގަތުގައި އަޅުގަނޑު މި މަސައްކަތް ފެށީ ސުޕޮންސަރެއް ނުލިބުނަސް ހަމަ މަސައްކަތް ކުރުމުގެ ޝައުގުވެރިކަމުގައި އަދި އުންމީދުގައި.
އެހެންވީމަ އަޅުގަނޑު ތައްޔާރުކުރާ ކޮންމެ ރެސިޕީއެއް ވެސް ތައްޔާރުކުރަނީ ވަރަށް ލޯބިން އެކަން ކުރާ ހިތުން އަދި އެކަމަށް ވަރަށް ބޮޑު އެފަޓެއް ވެސް ލައިގެން.
ސުކޫލުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، ކުޑަ ތިން ދަރިންގެ ކަންކަން ބަލަމުން އަޅުގަނޑަށް ހަގީގަތުގައި ކުރިއަށް މި ދެވުނީ ވެސް އެ ޝައުޤުވެރިކަމާއި ހިތްވަރުން.
އާއިލާ އާއި މަންމަ އާއި ފިރިމީހާގެ ވެސް ވަރަށް ބޮޑު އެހީތެރިކަމާ އެކުގައި. އެހެންވީމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑު މިކަމަށް ކުރި އިހްލާސްތެރި ނިޔަތާއި ހިތްވަރުހެން މިކަމުގައި ކުރިއަށް ދިއުމުގެ މައިގަނޑު ސަބަބަކީ. އަދި ސުޕޮންސާޑް ވީޑިއޯތައް ލިބެން ފެށުމަކީ މިކަމުން ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް.
ކުރިން ފާހަގަކުރި ހެން އޯޑިއަންސަށް ކަމުދާން ފެށުމުން ސުޕޮންސާ ވީޑިއޯ ހަދަން ބޭނުންވާ ފަރާތްތަކުން ޕޭޖަށް މެސެޖު ލިބެމުން ދިޔަ. އެ ފަރާތްތަކުން އަޅުގަނޑަށް އެޕްރޯޗު ކުރީ. އަދި އަޅުގަނޑު އެ ބަލައިގަތީ ވަރަށް ކުރާ ހިތުން ޝައުޤުވެރިވެގެން. ޖުމްލަ ގޮތެއްގައި ވަކި އަގަކަށް ސުޕޮންސާޑް ވީޑިއޯއެއް ހަދައިދީ އުޅެނީ.
މިހާރު ސުޕޮންސަ ލިބެނީ ކޮން ތަންތަނަކުން؟
އަޅުގަނޑަށް ދާއިމީ ގޮތެއްގައި ސުޕޮންސަ ލިބިފައިވާ އެއް ތަނަކީ 'ސިލްވާ ކުއެސްޓް' ކިޔާ ކުންފުންޏަކުން. އަދި 'އެން ޕްރައިވެޓް ލިމިޓެޑް' އަކީ ވެސް އަޅުގަނޑަށް ސުޕޮންސާ ލިބިފައިވާ ކުންފުންޏެއް.
މީގެ އިތުރުން 'އޭޑީކޭ ޖެނެރަލް ޓުރޭޑިން' އާއި 'އެމް ޔޫ ސުޓޯރު' އާ ގުޅިގެން ބައެއް ސުޕޮންސާޑް ވީޑިއޯ ލިބިފައިވާކަން ވެސް ފާހަގަކޮށްލަން. ހަމައެހެންމެ ބައެއް ކުދިކުދި ވިޔަފާރިތަކުން ވެސް ބައެއް ސުޕޮންސާޑް ވީޑިއޯ ހަދާލަން ލިބިފައިވޭ.
ވީޑިއޯ ހެދުމުގެ މަސައްކަތް ކުރަނީ އެކަނިތަ؟
މިހާރު ޕޭޖުގެ ހުރިހާ މަސައްކަތެއް ވެސް ކުރަމުން މިދަނީ އަޅުގަނޑުގެ ފިރިމީހާގެ އެހީތެރިކަމާ އެކު. ރެސިޕީ ރެޑީކުރުމާއި ތަކެތި އެއްކުރުމާއި ޝޫޓަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދުމާއި، ވީޑިއޯ ކުރުމާއި ކެއްކުމުގައި ވީޑިއޯ އެޑިޓް ކުރުން ވެސް. މި މަސައްކަތަކީ ވަރަށް ހަރަދު ވެސް އަދި ވަގުތު ވެސް ދާ މަސައްކަތެއް.
ގާތްގަނޑަކަށް ކޮންމެ ވީޑިއޯއަކަށް އަށެއްކަ ގަޑިއިރު ހޭދަވޭ އެންމެ ފައިނަލް ޓަޗަށް ދާއިރު.
މި މަސައްކަތުން ކިހާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ؟
އަޅުގަނޑަށް އިހުސާސްވަނީ މި ކުރެވެނީ އެހެން މީހުންނަށް ވަރަށް ފައިދާވާ މަސައްކަތެކޭ. ރައްޓެހިން ވެސް ވަރަށް ގިނައިން މެސެޖު ކުރާނެ ރެސިޕީތައް ޓުރައިކުރި ކަމާއި މީރުކަމަށް. އަދި ރެސިޕީތައް ލާތީ ވަރަށް ފަސޭހަވާކަމަށް މެސެޖުކުރޭ.
ނުދަންނަ މީހުން ވެސް މެސެޖު ކުރޭ ފަސޭހަކަން ފާހަގަކޮށް. އެހެންވީމާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކޮންމެވެސް ބަޔަކަށް އެއްޗެއް ދަސްކޮށްދެވިއްޖެ ކަމުގެ އިހުސާސްކުރެވޭތީ.
ކުރިމަގަށް ކުރާ އުއްމީދަކީ ކޮބާ؟
ކުރިއަށް އޮތް ތާނގައި މި މަސައްކަތް މިހާރަށް ވުރެ ވެސް ކޮލިޓީ ރަނގަޅުކޮށް އޯޑިއަންސް ބޭނުންވާ ފަދަ ރަނގަޅު ރެސިޕީ ވީޑިއޯތަކެއް ތައްޔާރުކުރަން ބޭނުންވަނީ. މި ރެސިޕީތައް ވީހާވެސް ގިނަ ފާރާތްތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުގެ އުއްމީދު.
ކޮމެންޓް (2)
ކަނބުލޮ
ޓީޗަރު