ފާއިޒު އޭނާގެ ފައިން ޑިއު ފެނާ ބެހޭ ގޮތުން އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)

ރާޅުފަށް

ފާއިޒު ބިއްލޫރީގައި ބަންދުކުރި ފޮނި ފިނި ހުވަފެން

ސ. ހިތަދޫ އަބްދުﷲ ފާއިޒަކީ އަބަދުވެސް ތަފާތު ކަމެއް ކުރުމުގެ އަޒުމުގައި ކުރިއަށް ދިޔަ މީހެކެވެ. އަދި އެ ތަފާތު ހިތް އަބަދުވެސް ބަންޑުންވެފައި އޮތީ ތިމާވެއްޓާ ރައްޓެހި ހުވަފެނެއްގެ ތެރެއަށެވެ.

ސިންގަލް ޔޫޒް ޕްލާސްޓިކަށް ޓާޓާކިޔަން އުޅޭ ހަބަރު ލިބުމާ އެކު އަބްދުﷲ ފާއިޒުގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ރިސޯޓު ލައިފުން އޭނާ އެއްކުރި ހުރިހާ ފައިސާއެއް ތިމާވެއްޓާ ރައްޓެހި ފެން ފުޅިއެއް އުފެއްދުމަށް އިންވެސްޓްކޮށްފި އެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ސަތާރަ އަހަރު ވަންދެން އޭނާ ބަލަމުން ދިޔަ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑު ލޯނެއް ވެސް ނަގައިފި އެވެ.

ނަމަވެސް ހުވަފެނެއް ހަގީގަތަކަށް ހެދުމަކީ ފެން ފުޅިއަކުން ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެއް ނޫންކަން ފާއިޒަށް ތަޖުރިބާކޮށްދިނީ އޭގެ ފަހުން އޭނާ ކަޑައްތުކުރަން ޖެހުނު މަރުހަލާތަކެވެ. އެ ހުވަފެނުން ހޭލައިގެން އޭނާ މި އިންޓަވިއު ފަށައިގަތެވެ.

ސ. ހިތަދޫ، ނަލަހިޔާގޭ ފާއިޒަކީ އަބަދުވެސް ތަފާތު ކަމެއް ކުރުމުގެ އަޒުމުގައި ކުރިއަށް ދިޔަ މީހެކެވެ. އަދި އެ ތަފާތު ހިތް އަބަދުވެސް ބަންޑުންވެފައި އޮތީ ތިމާވެއްޓާ ރައްޓެހި ހުވަފެނެއްގެ ތެރެއަށެވެ. ނަމަވެސް އޭނާގެ އެންމެ ޒުވާން ދުވަސްވަރުން ފަށައިގެން، 53 އަހަރުގެ އެ ހަޔާތުގެ ވަރަށް ގިނަ އަހަރު އޭނާ ހޭދަކުރީ އެހެން މީހުންގެ ހުވަފެންތަކުގައި ކުލަޖައްސައިދިނުމުގަ އެވެ.

ފާއިޒަކީ 17 އަހަރު ވަންދެން ބަރޮސް މޯލްޑިވްސްގައި މެރިން މެކޭނިކެކެވެ.

ފާއިޒު އޭނާގެ ފައިން ޑިއު ފެނާ ބެހޭ ގޮތުން އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)
ފާއިޒު އޭނާގެ ފައިން ޑިއު ފެން ޕްލާންޓްގެ ބޭރުގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/އަލީ ނާސިރު)

"އަޅުގަނޑު އެންމެ ފުރަތަމަ މާލޭގައި މަސައްކަތްކުރި ދުވަސްވަރު ވެސް، ވަރަށް އުނދަގޫވާ ކަމެއް ކުނިބުނީގެ މައްސަލައަކީ. ވަކިން ހާއްސަކޮށް ކަނޑިންމަ ތެރޭގައި ވެސް ޕްލާސްޓިކް ފުޅި އާއި އޭތި މީތި އަޅައި ގޮނޑުކޮށްލާފައި އޮންނަ އޮތުން،" ވިލިމާލޭގައި ރިސޯޓެއް ހިންގިއިރު އެތަނުން ރިސޯޓް އިންޑަސްޓްރީއަށް ވަދެވުނު ދަތުރު ކިޔައިދެމުން ފާއިޒު ބުނެލި އެވެ.

"ރިސޯޓުތަކުން އަބަދުވެސް ފެނުނީ ވަރަށް ރީތި ސާފު މަންޒަރެއް. އެކަމަކު ރަށަށް ދިޔައީމަ މި ފެންނަނީ މުޅިން ތަފާތު މަންޒަރެއް. އޭރު ވެސް ހިތަށް އަރާ މާލެ އާއި ރަށްރަށުގައި މި އޮތް ކުނިބުނީގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ ބަޔަކު ނުވަތަ ޕްލާސްޓިކް މި ކުނިބުނި އުފެދުން މަދުކުރުމަށް އިސްނަގާނެ ބަޔަކު ވާނެ ނަމައޭ."

ފާއިޒުގެ ހުވަފެނަކަށްވީ އަބަދުވެސް އެކަމުގައި އިސް ނެގުމެވެ. އެކަމަކު ވެށީގެ ހިމާޔަތުގައި އޭނާ ބޭނުންވީ ތަފާތު ހިޔާލެއް ވެސް ހިފައިގެން ނުކުންނާށެވެ. އެންމެނަށް ވެސް ފައިދާކުރާނެ އުފެއްދުމަކާ އެކު އެންމެންގެ ތެރެއަށް ނުކުންނާށެވެ.

"އެއީ މި ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމުގެ ވިސްނުން އެންމެ ފުރަތަމަ ބޮލުގައި އުފެދުނު ގޮތަކީ،" އުފަން ރަށުގައި، އަމިއްލަ ގޭގެ ބިތްދޮށުގައި އޭނާ ހިންގާ ފައިން ޑިއު ބެވަރޭޖަސްގެ ކުޑަކުޑަ އޮފީހުގައި އިނދެ ފާއިޒު ކިޔައިދިނެވެ.

ފައިން ޑިއު އަކީ އައްޑޫ އަތޮޅުގައި އަމިއްލަ މީހަކު ހިންގާ، ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ އެފަދަ ހަމައެކަނި ޕްލާންޓެވެ. އެކަމަކު ސުވާލަކީ މިއެއް ނޫނެވެ. ސުވާލަކީ މި ހުވަފެން ފަހައި ދުވެގެން ފާއިޒަށް ދަސްވީ ކޮން ކަމެއްތޯ އެވެ؟

އޭނާގެ މި ކުޑަކުޑަ، ފެންފުޅީގެ ވިޔަފާރިއަށް އަހަރު ފުރޭއިރު މި ސޯފާގައި އިނދެ އޭނާ ވެސް ހިތާހިތުން ކުރާ އެންމެ މުހިންމު ސުވާލަކީ މި އެވެ.

ފާއިޒު އޭނާގެ ފައިން ޑިއު ފެން ޕްލާންޓް ހިންގާ އިމާރާތުގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ/އަލީ ނާސިރު)
ފާއިޒުގެ ފައިން ޑިއު ފެން ފުޅިއެއް. (ދައުރު ފޮޓޯ/އަލީ ނާސިރު)
ފާއިޒުގެ ފައިން ޑިއު ފެނުގެ އެކި ސައިޒުގެ ފުޅިތައް. (ދައުރު ފޮޓޯ/އަލީ ނާސިރު)

"ޕްލާސްޓިކް ފެން ފުޅިތައް ބޭނުންކުރުން ނިމުމަކަށް އަންނާނެ ކަމުގެ ވައުދު ލިޔެފައި އޮތް ބިލެއް ގާނޫނު ހަދާ މަޖިލީހުން ފާސްކުރީމަ އަޅުގަނޑު ހީކުރީ އަޅުގަނޑުގެ ހުވަފެން ހަގީގަތަކަށް ހަދަން ދެން ވަރަށް ފަސޭހަވާނެ ކަމަށް. ހިތަށް އެރީ ޕްލާސްޓިކް ފުޅިތައް މަނާކުރާ ނަމަ ބިއްލޫރި ފުޅީގައި ފެން ބަންދުކުރުން ވެދާނެއޭ ވަރަށް ރަނގަޅު ކަމަކަށް ހުރިހާ ގޮތަކުން ބެލި ނަމަވެސް،" ފާއިޒު ކިޔައިދިނެވެ.

"އަނެއްކޮޅުން އައު ކަމަކަށޭ މިކަން ވާނީ މުޅި އަތޮޅުގައި ވެސް. އެގޮތަށް ވިސްނާފަ ނިންމައިގެން ހުރީ ރަށަށް ބަދަލުވާ ނަމަ އެންމެނަށް ވެސް ފައިދާކުރާނެ ތަފާތު އައު ކަމަކުން ފަށަން."

ނަމަވެސް ފާއިޒުގެ ފައިން ޑިއުގެ ފިނިކަމަށް ވުރެ ކުރިން އޭނާ އާއި ރަށުގައި ތިބި އެންމެނާ ވެސް ބައްދަލުކުރީ ކޮވިޑްގެ ބަލިމަޑުކަމެވެ.

"އޭރު އަޅުގަނޑުގެ އަތުގައި ހުރި ލާރިކޮޅު މަދުވެގެން އެސްއެމްއީއެއް ނަގައިގެން ޗައިނާ އިން މި ޕްލާންޓްގެ ސާމާނުތަކަށް އޯޑަރު ޖަހައިފިން އަޅުގަނޑު. ގޭގައި މި އިމާރާތް އެޅުމުގެ މަސައްކަތް ވެސް އޮތީ ފެށިފައި ކޮވިޑް އައިއިރު،" ބާރަށް ތެޅެމުން ދިޔަ ހިތަކާ އެކު ފާއިޒު ކިޔައިދިނެވެ.

"އެ ހިސާބުން ހުރިހާ ކަމެއް ހުއްޓުން އަރައިފި. ސާމާނުތައް ޗައިނާގެ އެކި ހިސާބުތަކުގައި ތާށިވެއްޖެ. އަނެއްކާ އެތައް އެތައް ފައިސާއެއް ހޭދަކުރަން މަޖުބޫރުވެއްޖެ. ބަޖެޓު އަނެއްކާވެސް ބޯމަތިން އަރައިފި."

އެ ހިސާބުން އަނެއްކާވެސް އެސްއެމްއީ ލޯނެއްގެ ފަސޭހަ މަގެއް ހޯދުމަށް އޭނާ މަސައްކަތްކުރި އެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް، ނަސީބަކީ އަދިވެސް ކަތީބުން ދޭ އެއްޗެކެވެ. އެކަން ޔަގީންވުމުން ފާއިޒު އަނެއްކާވެސް ނުކުތީ ސުމަކުން ފަށާށެވެ. އެކަނިމާއެކަންޏެވެ.

ފާއިޒު އޭނާގެ ފައިން ޑިއު އޮފީހުގެ ބޭރުގައި މަޑުކޮށްލައިގެން: މިއީ އަދިވެސް އެކަނިމާއެކަނި އޭނާ ކުރާ ދަތުރެއް. (ދައުރު ފޮޓޯ/އަލީ ނާސިރު)

"ދެން ވަރަށް ބޮޑަށް ތާށިވެއްޖެ. އެކަމަކު އަޅުގަނޑުގެ މި އިންވެސްޓްމަންޓަކީ އަޅުގަނޑުގެ އަމިއްލަ ކަމެއް. މީގައި ނެތް އިތުރު އެހެން އެއްވެސް މީހެއް ލޯލާރިއެއް ވެސް. އެހެންވީމަ ހަރަދެއް އަނެއްކާވެސް އެކަނި ކުރަން ޖެހުނީ،" ފާއިޒު ކިޔައިދިނެވެ.

"އަނެއްކޮޅުން މިކަން ހުއްޓާލެވޭ ވަރަށް ވުރެ ދުރަށް އޭރު އާދެވިއްޖެ. ދެން އެންމެން ވެސް ބުނަނީ ހުއްޓާލައިގެން ނުވާނެއޭ. އެހެންވީމަ ކިތަންމެ ދަތި ހާލުގައި ނަމަވެސް މިކަން ފުރިހަމަކުރުން ލާޒިމުވެއްޖެ އަޅުގަނޑަށް."

އެންމެފަހުން ކޮވިޑްގެ ލުއިތަކާ އެކު ސާމާނުތައް ރަށާ ހަމައަށް ގެނެވި އޭނާގެ ހުވަފެނީ ފެން ޕްލާންޓް ތަރުތީބުކޮށް ޓެސްޓްކޮށް ފައިން ޑިއުގެ ގޮތުގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ. އެކަމަކު ދެން ވެސް އަހަރެއްހާ ދުވަސް ވަންދެން އެކަން ކާމިޔާބެއް ނުވި އެވެ.

"އެއަށް ފަހު ދެން އައީ އަދި މާ ބޮޑު ޗެލެންޖެއް. އެއީ މި ޕްލާންޓްގެ މަސައްކަތް ފެށުމަށް ރަސްމީ ހުއްދަ އާއި ލައިސަންސް ހޯދަން ޖެހިގެން ދިމާވި މައްސަލަތައް،" ފާއިޒު ކިޔައިދިނެވެ.

"ބައެއް ޝަރުތުތައް ފުރިހަމަނުވެގެން އެ ހުރިހާ ގޮޅިއެއް ޓިކްވަންދެން އިތުރު އެތައް ކަމެއް ކުރަން ޖެހުނު އަޅުގަނޑުމެންނަށް އަނެއްކާވެސް. އެއީ މިކަހަލަ ކަމެއް ކުރުމުގެ އަމަލީ ތަޖުރިބާ ނެތުމުން ދިމާވި ދަތިތަކެއް ހަގީގަތުގައި."

އެންމެފަހުން ހުރިހާ ޝަރުތެއް ފުރިހަމަވެ ރަސްމީ މިންގަނޑުތަކުން ފާސްވެ ވިޔަފާރި ފެށުމުގެ ހުއްދަ އޭނާއަށް ލިބުނީ ބަރާބަރު ނުވަ މަސް ދުވަސް ފަހުންނެވެ.

"އެއީ އަޅުގަނޑު ވަރަށް އުފާވި ދުވަހެއް. ހަމަ އެންމެ އުފާވި އެއް ދުވަސް،" ފައިން ޑިއުގެ ނަމުގައި އަމިއްލަ ޖީބުން ތަރައްގީކުރި ފެން ޕްލާންޓް ހުޅުވި ދުވަހުގެ އުފާތަކާ ދިމާލަށް ބަލަން އިނދެފައި ފާއިޒު ބުނެލި އެވެ.

ނަމަވެސް އުސްގަނޑަކަށް ފަހު އަބަދުވެސް އަންނާނީ އަޑިގަނޑެކެވެ. ދިރިއުޅުމުގެ ދަތުރަކީ އަބަދުވެސް އިމްތިހާނެކެވެ. ވަރުބަލިވެގެން ވެއްޓިއްޖެ ނަމަ ތާރީހު އެ މީހަކު ހަނދާން ނައްތާލާނެ އެވެ. އެކަން އެނގޭ ހާލުގައި ފާއިޒު ބޭނުންވީ ދެން ވެސް ކުރިއަށްދާށެވެ.

"އަޅުގަނޑުމެންގެ ފެން ޕްލާންޓުން ފެން ގަތުމަށް އަހުދު ކަށަވަރުތަކުގައި ސޮއިކުރި އެތައް ބަޔަކު ތިބި އޭރު. ނަމަވެސް އާހިރުގައި ހަމަ އެކަކު ވެސް ނެތް. މިތަން ހުޅުވައިގެން އަނެއްކާވެސް ސުމަކުން ފަށަން ޖެހުނީ،" ފާއިޒު ކިޔައިދިނެވެ.

"އެކަމަކު ހަތް މަސްވިޔަސް އަދި އަހަރު ވިޔަސް އަޅުގަނޑު މިހުރީ މިކަން ހުއްޓާލާ ގޮތަކަށް ނޫން. އަޅުގަނޑުގެ ހިތްވަރާއި އުއްމީދުތައް އަދިވެސް ވަރުގަދަކޮށް ހުރީ. އެކަމަކު ބައެއް ފަހަރު ހިތަށް އަރާ މި ގެއްލުމުގައި އަޅުގަނޑަށް މިގޮތަށް ކެތްކޮށްލެވޭނީ ކިހާ ދުވަހަކަށް ބާވައޭ؟"

ފާއިޒުގެ ފައިން ޑިއުން ހިންގަނީ މުޅިން ވެސް ގެއްލުމުގަ އެވެ. އޭނާގެ މި ހުވަފެން އަތްލެވޭހާ ގާތުގައިވިޔަސް އަދިވެސް ފެނުން މައްޗަކަށް ނާރަ އެވެ. ނަމަވެސް މިހާރު ވެސް މިއަދު ވެސް ކޮންމެ ދުވަހަކީ އޭނާގެ ފައިން ޑިއުގެ އުފެއްދުންތައް ހިފެހެއްޓުމެއް ނެތި ބާޒާރަށް ނެރެމުންދާ ދުވަސްތަކެވެ.

ފާއިޒު އޭނާގެ ފައިން ޑިއު ފެނާ ބެހޭ ގޮތުން އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)

ފައިން ޑިއުގެ 250 އެމްއެލް އިން ފަށައިގެން ގޮސް 1،000 އެމްއެލްގެ ބިއްލޫރި ފުޅިތައް އޭނާ ވަނީ ބާޒާރަށް ނެރެފަ އެވެ. އަދި އެންމެފަހުން އޭނާގެ މި ހުވަފެނުގައި ދަނީ މަޑުމަޑު ކުލައެއް ޖެހެމުންނެވެ. އައްޑޫގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް ކެފޭ ރެސްޓޯރެންޓްތަކަށް ބޯދިއްކޮށް ކަމުން ފެންބޮމުން ގެންދިޔައިރު އެންމެ ގިނައިން އެ ތަންތަނުން ބޮވުނީ ފައިން ޑިއު އެވެ.

"އެއްވެސް ދުވަހަކު، އެންމެ މިނެޓަކަށް ވެސް އަޅުގަނޑު އަދިވެސް އުއްމީދު ކަނޑައެއް ނުލަން މި މަސައްކަތުގައި. ސަބަބަކީ މިކަމުގައި ކުރިމަގެއް އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ފާއިޒު ބުނެލިއެވެ.

"އަޅުނޑުގެ އެ ރިސޯޓް ލައިފް ދޫކޮށްލާފައި އައިސް މިކަން ފެށުނީތީ އަޅުގަނޑު ކުރާ ހަމަ އެއްވެސް ހިތާމައެއް ނެތް. މިކަމުގައި އޮތީ ކޮންމެ ދުވަހަކުވެސް މަސައްކަތްކުރުން."

މިހެން ބުނެފައި ފާއިޒު ހިނިގަނޑަކަށް ބިނދިގަތެވެ. އެންމެފަހުން އޭ މޫނު މައްޗަށް ފިނިކަމެއް ބަންޑުންވީ އެވެ.

ކޮމެންޓް (3)

ރަދީފްއޮފިޝަލް / ސ.ހިތަދޫ

10 މާރިޗު 2024
ވަރަށް ހިތްވަރުގަދަ ބޭފުޅެއް. ފާއިޒުގެ މަސައްކަތުގަ ބަރަކާތްލައްވައި ވިޔަފާރީގައި ކުރިއެރުން މިންވަރުކުރައްވާށި.އާމީން. ފާއިޒުގެ ބައްޕާފުޅު އަލި ދީދީ (ކަލަޗް އައްލާ) ވެސް އެއީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތެރިއެއް.ބައިސްކަލް މަރާމާތުކުރުމުގެ ތަޖުރިބާކާރެއެއް ކަލަޗްއެއީ. އަހަރެން ކުޑައިރު (1991ގަ) ވަރަށް ގިނައިން އެގެއަށް ބައިސްކަލް ހައްދަން ދިޔައިން.އަލިބޭބެ އެއީ އަހަރެންނަށް ވަރަށް ހެޔޮ ނަސޭހަތްދީ ރަނގަޅު މަގު ދެއްކި މީހެއް.އަލި ބޭބެގެ ފުރާނައަށް ހެޔޮރަހްމަތް ލައްވާށި.އާމީން.
12 0

ޙަޒްނާ

10 މާރިޗު 2024
ހުޅުދޫގައި ފެން ބަންދު ކުރަން ފެށީ މުތީއު ކިޔާ ބޭފުޅެއް. އެފެން ޕުލާންޓް ހުއްޓާލަން ޖެހުނީ މީހުންގެ ސަޕޯޓް ނުލިބިގެން. މުތީއު އަކީ ކުރިން ކޮކަކޯލާގައި މަސައްކަތް ކުރި ފަރާތެއް.
2 0

ޙިޒްޔަމް

10 މާރިޗު 2024
ޢައްޑޫ މީހުން ބޮނީ އަވީގައި ހުންނަ ފެން ޕުލާސްޓިކް ފެން ފުޅި.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް