
އަންހެން ސާފަރު ރިޝްތާ ސުޖާ: އޭނާ ބުނާ ގޮތުން ހުރިހާ ވެސް ހިތްވަރަކީ ބައްޕަގެ ހަނދާންތައް (ދައުރު ފޮޓޯ)
ރިޝްތާގެ ރާޅާއެޅުން ހާއްސަކުރީ ބައްޕަގެ ހަނދާނަށް
އުމުރުން 23 އަހަރުގެ ފާތިމަތު ރިޝްތާ ސުޖާ (ރިޝް)އަށް 23 ސެޕްޓެމްބަރު 2015 އަކީ އޭނާގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ކަޅު ދުވަހެވެ. އިއްޔެ ވީ ކަމެއްހެން އެ ހަނދާންތައް އަދިވެސް އުނދަގޫކުރެ އެވެ. އޭރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ. ރާޅާއަޅާ މީހުން ނުތަވަ ސާފިން ކޮމިޔުނިޓީގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ރިޝްތާގެ ބައްޕަ ހުސެން ޝުޖާއު، ރާޅު ކޮމިޔުނިޓީގެ މަޝްހޫރު ނަމުން ނަމަ "ފާބިއޯ"ގެ އުފަން ރަށް ރ. ރަސްމާދުއަށް މަސައްކަތަކަށް ގޮސް ހުއްޓާ ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވީ އެވެ.
އެއީ ރިޝްތާގެ ހަޔާތް ބަދަލުވި ހިތާމަވެރި ހަބަރެވެ. އެކަމަކު ބަދަލު ނުވާނެ އެއް ކަމެއް އޭނާ ސާބިތުކޮށްދިނެވެ: ބައްޕަގެ ހިތްވަރު ހޯދުމާއި ބައްޕަ ކަހަލަ މީހަކަށް ވުމުގެ އަޒުމެވެ.
"ބައްޕަ ސާފްކުރާ ހަނދާން އަބަދުވެސް ހުރޭ. ސާފިން ބޯޑާ އެއްޗިހި ކުޑައިރުން ފެށިގެން ފެނޭ. ބައްޕަ ނިޔާވުމަށް ފަހު އަހަންނާ ދެމެދު އިންނަ ކަނެކްޝަނަކަށް ވެފައި އޮންނަނީ މޫދު،" ރިޝްތާ ބުންޏެވެ.
"ބައްޕަ ނިޔާވި ދުވަހު އަހަރެން އަޒުމް ކަނޑައެޅިން ބައްޕަގެ ލެގަސީ ދަމަހައްޓާނަމޭ. އެހެންވެ، އަހަރެން ސާފް ކުރަން ނުކުންނަން ނިންމީ. ހުރިހާ ވެސް އިންސްޕިރޭޝަނަކީ ބައްޕަ."
އަދިވެސް ދަސްކުރަނީ، އެކަމަކު ހިތްވަރު ކުރީ ބައްޕަޔަށްޓަކައި
އިއްޔެ ފެށި ގައުމީ ރާޅާއެޅުމުގެ މުބާރާތް "ރަންނަމާރި" ޗެލެންޖުގައި އަލަށް ތައާރަފްކުރި އަންހެން ރާޅާއެޅުންތެރިންގެ ހީޓުގައި ރިޝްތާ ވާދަކުރީ އޭނާ އަކީ މާ މޮޅު ރާޅާއެޅުންތެރިއަކަށް ވެގެނެއް ނޫނެވެ. ރިޝްތާ ބުނި ގޮތުގައި އޭނާ އަކީ އަދިވެސް ދަސްކުރާ ރާޅާ އެޅުންތެރިއެކެވެ. އާންމުކޮށް އޭނާ ރާޅާ އަޅަނީ ބޫގީ ބޯޑުގަ އެވެ. އެއީ ތަންކޮޅެއް ކުރު ބޯޑެއް ބޭނުންކޮށްގެން އޭގެ މަތީ އޮށޯވެ އޮވެ ރާޅާ އެޅުމެވެ. ޝޯޓް ބޯޑުގައި ނުވަތަ ދިގު ބޯޑެއްގައި ކޮޅަށް ތެދުވެ ހުރެ ރާޅާ އަޅަން ކޮންމެވެސް ވަރަކަށް އޭނާ އަދިވެސް ޖެހިލުންވެ އެވެ. އެއީ ޝޯޓް ބޯޑުގައި ރާޅާ އަޅަން އަދި އެވަރށް ފަރިތަ ނުކުރެވޭތީ އެވެ. އެކަށީގެންވާ ވަރަށް ތަމްރީން ވެސް އަދި ނުހެދެ އެވެ. އެކަމަކު ރިޝްތާ ބުނީ އިއްޔެ އޭނާ އަންހެނުންގެ ހީޓުގައި ވާދަކުރީ ޗެލެންޖެއް ނެގުމަށް ކަމަށެވެ.
"އަންހެނުންގެ ކެޓަގަރީ އަލަށް ތައާރަފްކުރާތީ ސާފިން އެސޯސިއޭޝަނުން ދިން ފުރުސަތުގެ ބޭނުން ހިފަން އަހަރެން އަސްލު ބޭނުންވީ. ކޮންފިޑެންސް ހޯދަން މިކަން ކުރަން ބޭނުންވީ. ހިތަކަށްނާރާ އިއްޔެ އަހަންނަށް ޕާފޯމް ކުރެވުނު ވަރަށް ވެސް ޕާފޯމް ކުރެވޭނެއެކޭ،" ރިޝްތާ ބުންޏެވެ.
"މުޅިން ކޮންފިޑެންސެއް އަދިވެސް ނުހުރޭ ބޮޑަތި ރާޅުގައި އަޅާކަށް. އެކަމަކު ހިތަށްއެރީ ބައްޕައަށް ޑެޑިކޭޓް ކުރަން ވެސް މި ޗެލެންޖު ނަގާނީއޭ."


އިއްޔެ ބޭއްވި އަންހެނުންގެ ފުރަތަމަ ހީޓުގައި ރިޝްތާ އޭނާގެ ކޯޗު ޝާޒިޔާ ސައީދާ ވާދަކުރަން ޖެހުނު އިރު ތިން ރާޅަކުން އޭނާ ވަނީ 2.70 ޕޮއިންޓް ހޯދައިފަ އެވެ. އޭނާއަށް ލިބުނީ އެ ހީޓުން ދެވަނަ އެވެ. މިއަދު އޮންނަ ބުރޯންޒު ހީޓުގައި އޭނާ ވާދަކުރާނެ އެވެ.
ރިޝްތާ ބުނީ އާންމުކޮށް ލޯންގު ބޯޑުގައި ރާޅާއަޅާ އިރު އޭނާއަށް ބަރާބަރަށް ތިން ރާޅުގައި ވެސް ނުޖެއްސޭ ކަމަށެވެ. އެކަމަކު އިއްޔެ އަކީ އެތައް ގޮތަކުން އޭނާއަށް ހިތްވަރު ލިބުނު ދުވަހެކެވެ. ހާއްސަކޮށް މަންމަ އޭނާއަށް ސަޕޯޓު ކުރަން ރާޅުގަނޑު ސަރަހައްދަށް އައުމަކީ އެންމެ ބޮޑު ހިތްވަރެވެ. އޭނާއާ އެކު ރާޅާއަޅާ ކޮމިޔުނިޓީގެ ފަރާތުން ލިބުނު ހިތްވަރު ވެސް އެހާމެ ބޮޑެވެ.
"އަސްލު ހުރިހާ އަންހެން ސާފަރުންނަށް މި ލިބުނު ހިތްވަރު ސަޕޯޓް އެއީ އަހަރެންގެ ވެސް ވަރަށް ބޮޑު ހިތްވަރެއް އިއްޔެ،" ރިޝްތާ ބުންޏެވެ.
"ކުޑައިރުއްސުރެ ވެސް މަންމަ ދާނެ ރިޝް ކޮންމެ ކުޅިވަރެއް ކުޅުނަސް އެތަނަށް. އިއްޔެ މަންމަ އައި ރިޝްއަށް ސަޕޯޓް ކުރަން. މަންމަ ހުރީ އުފަލުން ފެންކަޅިވެފައި. އެހެންވެ ވަރަށް އުފާވި."
ހީވީ ބައްޕަޔާ އެކު ހުރެވުނުހެން
އިއްޔެ އަކީ ވެސް އޭނާގެ ހަޔާތުގެ އެންމެ އަނދިރި ދުވަސް ހަނދާކޮށްދޭ 23 ވަނަ ދުވަހެކެވެ. އެހެންވެ، އޭނާއަށް އިއްޔެ ވަރަށް ފުން އިހުސާސްތަކެއް ކުރުވި އެވެ. ރިޝްތާ ބުނި ގޮތުގައި ހާއްސަކޮށް ރާޅާއަޅަމުން ދިޔަ ވަގުތު އޭނާގެ ހަނދާނަށް އައީ ބައްޕަގެ ފޮނި ހަނދާންތަކެވެ. ކުޑައިރު ބައްޕަޔާ އެކު އުޅުނު އުފާވެރި ހަނދާންތަކެވެ.
"ބައްޕަ އަހަރެމެންނާ އެކު ހުރި ކަހަލަ އިހުސާސެއް ކުރެވުނީ. އެ ކަނެކްޝަން ވަރަށް ފީލްވި. ބައްޕަ މިހާ ލޯބިވި ކުޅިވަރެއްގައި ރިޝްއަށް ވެސް ވާދަކުރެވޭތީ އެ އުފާވެރިކަން ބައްޕަގެ އެ ކަނެކްޝަން ފީލްވީ،" ރިޝްތާ ބުންޏެވެ.

އިއްޔެގެ ހީޓް ފެށުމުގެ ކުރިން ރިޝްތާ ވަނީ އޭނާގެ ބައްޕައަށް ޓްރިބިއުޓެއް ވެސް ދީފަ އެވެ. ރިޝްތާ ބުނީ ބައްޕަ ދުނިޔޭގައި ހުރި ނަމަ އިއްޔެ އަކީ ބައްޕަ ވަރަށް އުފާވާނެ ދުވަހެއް ކަމަށެވެ. ރާއްޖޭގެ ސާފިންގައި މީގެ ކުރިން އަންހެނުންނަށް ވާދަކުރަން ރަސްމީ ފުރުސަތެއް ލިބިފައި ނެތަސް އިއްޔެ އަކީ ތާރީހު ބަދަލުވި ދުވަހެވެ. ފިރިހެނުންނެކޭ އެއްގޮތަށް އަންހެން ސާފަރުންނަށް ވެސް ވާދަކޮށް އެ މީހުންގެ ހުނަރު ދައްކާލަން ޖާގަ ލިބުނީ އެވެ. އެ ފުރުސަތުގެ ބޭނުން ހިފި ފުރަތަމަ އަންހެން ސާފަރުންގެ ތެރޭގައި ރިޝްތާ ހިމެނުނީ އެވެ.
ބައްޕަގެ ހަނދާންތަކުން ލިބޭ ހިތްވަރުން ނޫނީ އޭނާއަށް އެ ޗެލެންޖު ނުނެގޭނޭ ކަމަށް ވެސް ރިޝްތާ ބުންޏެވެ.
"ސާފިންއަކީ ރިޝް އާއި ބައްޕަގެ ކަނެކްޝަން. ރިޝް ބައްޕަގެ ފުޓްސުޓެޕްސް ފޮލޯ ކުރާތަން ފެނުނީމާ ބައްޕަ އެންމެ އުފާވާނެ ދުވަހަށް ވާނެ،" ރިޝްތާ ބުންޏެވެ.


މޮޅު ސާފަރަކަށް ވުމަކީ އަޒުމެއް
ރިޝްތާ ރާޅާއަޅަން ފެށީ މީގެ ތިން އަހަރު ކުރިންނެވެ. ރިޝްތާ ބުނީ އެ ހިސާބުން ފެށިގެން ވެސް އޭނާގެ "ހޯމް"އަކީ މޫދުކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އެކަމަކު ސާފިންގައި އޭނާ އެންމެ ދާން ބޭނުންވި ހިސާބަކަށް އަދި ނުދެވެ އެވެ. ވަޒީފާގެ ގޮތުންނާއި އެހެން ވެސް ބައެއް ސަބަބުތަކާ ހުރެ ގަވާއިދުން ރާޅާއަޅާކަށް ނާދެވެ އެވެ.
ނަމަވެސް މިފަހަރުގެ ގައުމީ މުބާރާތުގައި އަންހެން ސާފަރުންނަށް ލިބުނު ފުރުސަތާއި ތަރުހީބުން އޭނާ ހުރީ މިހާރު އާ އަޒުމެއްގަ އެވެ. ރިޝްތާ ބުނީ އޭނާ ބޭނުންވަނީ މޮޅު ސާފަރަކަށް ވާން ކަމަށެވެ. އޭނާގެ ރާޅާއެޅުމުގެ ހުނަރު އިތުރަށް ތަރައްގީކުރާށެވެ. އެކަމަށް އޭނާ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

"މިއީކީ އަދި އެއްވެސް ހިތްހަމަޖެހޭ ލެވެލްއެއް ނޫން. ބޮޑެތި ރާޅުތަކުގައި ރާޅާ އަޅަން ފަސްނުޖެހި ކޮންފިޑެންސް ހުންނަ ލެވަލްއަކަށް ދާން ބޭނުންވަނީ. މި ލިބުނު ހިތްވަރުން ވަރަށް ބޮޑު ހޯޕެއް ލިބިއްޖެ. ސާފިންގައި ބޭނުން އެބަވޭ ކުރިއަށް ދާން،" ރިޝްތާ ބުންޏެވެ.
"ސާޒު، އިބޫބެ، ހޯސޭ މިއެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."