ކ. ހުރާ އިބްރާހިމް މުހައްމަދު (މ) އޭނާއަށް ލިބުނު އެވޯޑެއް ހިފައިގެން އޭނާގެ ދެ ދަރިންނާއި ކާފަދަރިންނާ އެކު
މިއީ ލެޖެންޑެއް: އަމިއްލައަށް ނުކުމެ ރަށުތެރެ ސާފުކުރާތާ 40 އަހަރު
ޑޭވިޑް އިބުރޭ އަކީ ތަފާތު ނަމެކެވެ. މީހާއަކީ ވެސް އާދައިގެ މީހެއް ނޫނެވެ.
މި ކިޔައިދެނީ އިބްރާހިމް މުހައްމަދު، ޑޭވިޑް އިބުރޭއަށް އަދި ލެޖެންޑަކަށްވީ ގޮތެވެ.
ކ. ހުރާގައި ދިރިއުޅޭ އިބްރާހިމް ބޮޑުވެގެން އައި އިރު ރަށުތެރެއަކީ ސާފު ތަނެެެކެވެ. މޫދާއި ގޮނޑުދޮށުން ރަށަށް ކުނި ލައްގަނީ ވެސް މަދުންނެވެ. އޭނާއަށް އުފަން ރަށް ހުރާވީ ހިތްފަސޭހަ ހިތްގައިމު ތަނަކަށެވެ. ރަށުގެ ކުޅި އަކީ މުޅި ކ. އަތޮޅުގައި އޮތް ހަމައެކަނި ކުޅި އެވެ. އެއީ އޭނާ ކުޑައިރު ގިނަ ވަގުތުތައް ހޭދަކުރި މާހައުލެވެ. އޭނާގެ އެންމެ ފޮނި ހަނދާންތައް ގުޅިފައިވީ ތަނެވެ.
ޒުވާން ދައުރުގައި އޭނާ ދިރިއުޅުން ބިނާކުރީ ހުރާ ކައިރީގައި އޮތް ތަރިވިލެޖް ރިސޯޓުގައި ވަޒީފާ އަދާކޮށްގެންނެވެ. އޭގެ ފަހުން ޑޭވިޑް ނަމަކަށް ކިޔާ ފްރާންސް މީހަކާ ގުޅިގެން އަމިއްލަ ވިޔަފާރިއެއް ކުރި އެވެ. ވިޔަފާރި ޕާޓްނަރުގެ ނަމާ ގުޅުވާލައި، މީހުން އިބްރާހިމްއަށް ވެސް ޑޭވިޑް ކިޔަން ފެށީ އެވެ. އެއީ އޭނާ ޑޭވިޑް އިބުރޭއަށްވީ ގޮތެވެ. މިހާރު އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ އަމިއްލަ ގެ ގެސްޓްހައުސްއެއް ގޮތަށް ކުއްޔަށް ދިނުމެވެ.
އިބްރާހިމް ބަލަބަލާ ހުއްޓާހެން ހުރާގެ ހިތްގައިމުކަމާއި ހިތްފަސޭހަކަން ބަދަލުވި އެވެ. ރަށުގެ ފަޅާއި ފަޅު ގޭގެ، މަގުތައް، އަދި އޭނާގެ ހިތްދީފައިވާ ކުޅި ކައިރީގައި ކުނިބުނި ގިނަވާން ފެށީ އެވެ. މިކަމާ މެދު ކަމެއް ނުކޮށް ހުންނަން ނުވަތަ ފެނުނަސް ނުފެންނަ ކަމަށް ހެދިގެން އުޅެން އޭނާގެ ޒަމީރު ތަނެއް ނުދިނެވެ.
އޭނާ ނުކުތީ ރަށުތެރޭގައި ކުނިއަޅައި ހަޑިކޮށްފައި ހުންނަ ތަންތަން ސާފު ކުރާށެވެ. ބޮޑެތިވެފައިވާ ދެ ދަރިންނާއި ކާފަދަރިން ތިބި އިބްރާހިމް ބުނިގޮތުގައި އޭނާ އެކަން ފެށީ ބައްޕައަކަށް ވުމުގެ ވެސް ކުރިންނެވެ. އޭނާގެ އެ މަސައްކަތަށް މިހާރު ސާޅީހަކަށް އަހަރުވީ އެވެ.
"ޑޭވިޑް، މާދަން ވެސް ތި ހޮވާށޭ ޖެހެނީ" ބުނާ މީހުންނަށް އޭނާ ދޭން އޮތް ރައްދަކީ މާދަން ހޮވަން ޖެހުނަސް މިއަދު ނުހޮވާ ވާން ނެތް ކަމެވެ.
"އަންހެނުންނާ އެއްކޮށް މޫދަށް ދާއިރު ވެސް މޫނު އަޑިއަށްލާ އިރު ކުނި ފެނިއްޖެއްޔާ ނަގާތީ، އޭނާ ބުނާނެ މީނައާ އެއްކޮށް މޫދަށް އަަޔަސް އުޅެނީ ކުނި ހޮވައި ނަގާށޭ،" އިބްރާހިމް މަޖާ ރާގެއްގައި ބުންޏެވެ.
އޭނާ ބުނިގޮތުގައި ފަތަން ދާއިރު ފެންނަ ކުނި ނުނަގާ އޭނާއަށް ނުހުރެވެނީ ދެން އޮޔާ ގޮސް އެ ކުނިގަނޑު ލައްގާނެ ތަނެއް ނޭނގޭތީ އެވެ. ފަހުން އަންނަންވާ އިރަށް އެ ތަނުގައި އެ ނޯންނާނެތީ އެވެ.
އިބްރާހިމް ރަށުތެރެއިން ބިދޭސީން ހޯދައިގެން އެމީހުން ލައްވާ ވެސް ސާފުކުރުމުގެ މަސައްކަތް ކުރުވަ އެވެ. މީހަކަށް 200 ރުފިޔާ ދެނީ އަމިއްލަ ޖީބުންނެވެ. ކުނި ގިނަވާ ފަހަރުތަކުގައި ލޮރީއަށް އަގު ދައްކައިގެން އެ ކުނިތައް ނައްތާވެސްލަ އެވެ.
ސާފުކުރުމުގެ ތެރެއިން އިބްރާހިމްއަށް ފާހަގަވިގޮތުގައި ރަށުގެ ބަނދަރަށް ލަފާ ބޯޓުތަކުން މުދާ ބާލާ އިރު، ބޭނުންކޮށްފައި ހުންނަ ޕެކިން ކަނޑަށް ދޫކޮށްލަ އެވެ. އެހެންވެ އޭނާ ބޯޓުފަހަރަށް އަރައި، އެކަން ނުކުރުމަށް އެދި ވާހަކަދައްކާ ހަދަ އެވެ.
އެކަނިމާއެކަނި އެންމެ ފަރުދެއްގެ ގޮތުގައި މި މަސައްކަތުގައި އޭނާއާ ބައިވެރިވާނެ ބަޔަކު ނުލިބުނަސް ސާފުކުރުން އޭނާ ދޫކޮށެއް ނުލަ އެވެ. ސްމާޓް ފޯނު، ޑިޖިޓަލް ކެމެރާ އަދި ފިލްމު ކެމެރާ އާއްމުވުމުގެ ކުރިން ވެސް މި މަސައްކަތް އޭނާ ކުރި އެވެ. އެންމެ ކުރީގެ ރެކޯޑްތަކެއް އޭނާގެ އަތުގައި ނެތަސް މިހާރު އިބްރާހިމް އަންނަނީ ސާފު ކުރާ ތަންތަން ފޮޓޯ ނަގަމުން، ކުނި ނަގާ ވަރު ޑޮކިއުމަންޓް ކުރަމުންނެވެ.
އޭނާގެ ރެކޯޑްތަކުން ދައްކާ ގޮތުގައި 22 އަހަރު ތެރޭ 300 ޓަނުގެ ޕްލާސްޓިކް ކުނި އޭނާ ވަނީ ރަށުން ނަގައި ސާފުކޮށްފަ އެވެ.
މިހާރު ވެސް ރަށުތެރޭގައި އޭނާ ބުރު ޖަހާ އިރު، އުކާފައި ހުންނަ ކުނި ގިނަވާތަން ފެނިއްޖެ ނަމަ ހަފްތާއަކު ދެ ދުވަހު ނިކުމެ އެ ކުނިތައް ނަގައި ސާފު ކުރެ އެވެ.
"ސާޅީސް އަހަރު މިވީ، މިގޮތަށް މި މަސައްކަތް ކުރާތާ. މި މަސައްކަތް ރަށުގެ ރައްޔިތުންނާއި ކައުންސިލުން ބަލައިގަތަސް ރަސްމީކޮށް އަގުވަޒަންކޮށް މީގެ ކުރިން ބަލައިގެންފައެއް ނުވޭ،" އޭނާ ބުންޏެވެ.
އަގުވަޒަން ކުރީ ވެޓްލޭންޑްސް ފައުންޑޭޝަނުން
ދުނިޔޭގެ ކުޅިފާޗަސްބިމުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން މިދިޔަ ހުކުރު ދުވަހު ކ. ހުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިބްރާހިމްގެ މަސައްކަތް ފާހަގަކޮށް އޭނާއަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.
އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ހަވާލުކޮށްދެއްވި މި އެވޯޑު އޭނާއަށް ހައްގެވެ. ސަބަބަކީ ހުރާގެ މޫދާ ގުޅިފައިވާ ކުޅި މިއަދާ ހަމައަށް އެގޮތުގައި ދިރި ދެމިއޮތީ އެންމެ ފަރުދެއްގެ ހައިސިއްޔަތުން އިބްރާހިމް ކޮށްފައިވާ ބުރަ މަސައްކަތުގެ ސަބަބުން ކަމުގައި ބުނުން ދޮގަކަށް ނުވާނެ އެވެ.
ހުރާގެ ކުޅި ހާއްސަ އެވެ. އަތޮޅުގައި އޮތް ހަމައެކަނި ކުޅިއަށް ވެފައި އެއީ އެތައް ދިރުމެއްގެ ހިޔާވައްސެވެ. ތަފާތު ގިނަ މަސްތައް އެތާ ދިރިއުޅެ އެވެ. "ކަށިނޫތޮޅި، މިޔަރު، މަޑި، ބޭންގު، މެކުނު، ތިން ވައްތައްރެއްގެ އުނިޔަ، އޮޑިދަށު މަސް،" މިހެން ގޮސް ލިސްޓް ކިޔާލަން އިބްރާހިމް ފަރިތަ އެވެ.
ކުޅީގައި ހާއްސަކޮށް ދިރިއުޅޭ ބާވަތްތައް ގަސްގަނޑުގެ ދަށުގައި އައިނު ހަދާފައި އުޅޭތަން އޭނާއަށް ފެނެ އެވެ. އޭނާ ބުނިގޮތުގައި ފަރުތޮޅި ނުވަތަ ބަރަކޫޑާ ވެސް އެތަނުގައި އާލާވެ ބޮޑުވެގެން ނުކުމެ އެވެ. ކުޅީގެ އެންމެ ފުން ތަނުގައި މިހާރު ފެން ހުންނަނީ އެންމެ ފޫޓަކަށް ކަމަށް ވިޔަސް ކުރިން އޭނާ ކުޑަ އިރު އެތަނުގައި ކަރާ ހަމައަށް ފެން ހުންނަ ހަނދާން އިބްރާހިމް އުފަލާ އެކު އާކުރެ އެވެ.
އިބްރާހިމް ނެތް ނަމަ ކުނިބުނި އާއި ޕްލާސްޓިކުން މިއަދު މި ކުޅި އޮންނާނީ ތަގައްޔަރުވެފަ އެވެ. ލޯކަލް ޓުއަރިޒަމް ފައްކާވެފައިވާ ހުރާގައި ފަތުރުވެރިން އައިސް ކެނޯ ދުއްވާލަކަށް މިގޮތަށް އެތަން ނެތީހެވެ. މި ދިރުންތަކަށް ހިޔާވަހިކަމެއް ނުލިބުނީހެވެ.
މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަންގެ ރައީސް ފަަރާ އަލީ ފާހަގަކުރެއްވިގޮތުގައި މުޖުތަމައުގައި މިފަދަ މަސައްކަތްކުރާ މީހުން އެހެން މީހުން ބަލައިގަންނަންވީ ނަމޫނާއެއްގެ ގޮތުގަ އެވެ. އަދި މިފަދަ މީހުންނަށް ހިތްވަރުދީ އެ މީހުންގެ މަސައްކަތް ގައުމީ ފެންވަރުގައި ފާހަގަ ކުރުން ވެސް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަށައިގެންވާ ނާޒުކު ތިމާވެށި އެންމެ މީހެއްގެ މަސައްކަތުން ހިމާޔަތްވެ ދިރުންތައް ރައްކާތެރިވުމަކީ ކޮންމެހެން ފާހަގަކުރަންޖެހޭ ކަމެއްް،" ފަރާ ވިދާޅުވި އެވެ.
ކުޅިފާޗަސްބިމުގެ ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ނަމޫނާ ދައްކާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް، 'ވެޓްލޭންޑްސް ވޮންޑާ އެވޯޑް'ގެ ނަމުގައި އެ ޖަމިއްޔާ އިން ދޭ އަހަރީ އެވޯޑާ އެކު އިބްރާހިމް ހުރީ ފަހުރުވެރިވެފަ އެވެ.
"އަސްލުވެސް ވަރަށް އުފާވެއްޖެ. ބަޔަކު ބަލައިގަތް ކަމުން. ވަރަށް ގިނަ މީހުން ބުނޭ އަޅުގަނޑު މިފަދަ މަސައްކަތެއް މެދުނުކެނޑި ކުރާތީ ބަޔަކު ބަލައިވެސްނުގަނޭ ދޯއޭ. އެކަމަކު އަޅުގަނޑަށް ހަމަ ހަޑިކޮށް ކުނިން ފުރިފައި އޮންނަ ތަން ބަލަން ކެތްނުވަނީ. ޖަމިއްޔާއިން މި މަސައްކަތް ބަލައިގަތުމުން ޝުކުރުވެރިވަން،" އޭނާ ބުންޏެވެ.
'ޑޭވިޑް އިބުރޭ'ގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މިއަދު މި މަސައްކަތުގައި އޭނާގެ އަތުގައި ހިފަން ދަރިންނާއި ކާފަދަރިން ވެސް އެބަ ތިއްބެވެ.
ކޮމެންޓް (1)
މާހިރާ