ގުނޭޝާ މުހައްމަދު: ސަރުކާރުގެ ހިދުމަތުގައި 20 އަހަރު ހޭދަކުރުމަށް ފަހު ރިޓާޔާވެ މިހާރު އަމިއްލަ ވިޔަފާރީގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފުޑް

ދިވެހި މީރު ރަހަ ފަސޭހަކޮށް ގެނެސްދެނީ ގުނޭޝާ

ގުނޭޝާ ހޯދައިދިނީ ހެދިކާ ހަދާނެ ވަގުތާއި ބަދިގޭގެ ޖާގަ ނެތް މީހުންނަށް ފަސޭހަ ގޮތެއް. އަދި ރަހަމީރު ދިވެހި ހެދިކާ އޭގެ އަސްލު ގޮތުގައި ކާލެވޭނެ ފުރުސަތެއް
29 ޑިސެމްބަރު 2023
3

ގުނޭޝާ މުހައްމަދުގެ ގެއަށް ވަދެގެން ދާ އިރު ކުރެވޭނީ 80ގެ ނުވަތަ 90ގެ އަހަރުތަކުގެ މާލޭގެ ގެެއެއްގެ އިހުސާސެވެ. ބޮޑު ގަރާޖް ދޮރެއް ލާފައި ހުރި އެ ގޭގެ ދޮރާށިން އެތެރެވާ އިރު ގޯތި ތެރޭގައި ކޮންމެވެސް ވަރަކަށް ގަސް އިންދާފައި ހުރެ އެވެ. ދެން، އިށީންނަން ޖޯލިފައްޗެކެވެ. މާފަންނުގައި ހުންނަ އެ ގޭގެ އެތެރެެއަށް ވަދެ، ފެންޑާ ސިޓިން ރޫމްގައި އަހަރެން އިށީނދެލީމެވެ.

ކައިރީގައި ޖެހިގެން ހުރި ސޯފާގައި އިށީނދެ އިނީ އުމުރުން 56 އަހަރުގެ ގުނޭޝާ އެވެ. ސަރުކާރުގެ ހިދުމަތުގައި، އޭރުގެ ގޮތުން ނަމަ ސިވިލް އޭޝަންގައި، ސެކްރެޓަރީއެއްގެ މަގާމުގައި 20 އަހަރު ހިދުމަތްކުރުމަށް ފަހު އޭނާ ހުރީ އެ މަސައްކަތުން އަތް ދޫކޮށްލައިގެންނެވެ.

އެކަމަކު އަދިވެސް އޭނާއަކީ މަސައްކަތްތެރި ހީވާގީ މީހެކެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ހެދިކާ އާއި ކެއުންތައް ހަދައި ވިއްކުމެވެ.

އެހެންކަމުން، ސަރުކާރު ވަޒީފާ ދޫކޮށްލިޔަސް، ދެން ކުރާނެ ކަމެއް ނެތިގެން ގުނޭޝާ އުޅޭކަށް ނުޖެހެ އެވެ.

ގުނޭޝާ އޭނާގެ ބަދިގޭގައި އަވަދިނެތި ހެދިކާ ހެދުމުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފާތު ކޮންސެޕްޓަކަށް ހެދިކާ

ގުނޭސް ކިޗަންގެ ނަމުގައި އިންސްޓަގްރާމް ޕޭޖެއް ހިންގާ ގުނޭޝާ ހެދިކާ ވިއްކުމުގެ މަސައްކަތް ކުރަނީ ތަފާތު ގޮތަކަށެވެ. އޭނާ އާއްމުގޮތެއްގައި ވިއްކަނީ ތައްޔާރު ކުރުމަށް ފަހު ނުތެލުލައި ގަނޑުކޮށްފައި ހުންނަ ހެދިކާ އެވެ. ނަމަވެސް ގިނައިން އޯޑަރު ދީފި ނަމަ، ތެލުލާފައި ނުވަތަ ފިހެފައި ވެސް އޭނާ ހެދިކާ ވިއްކަ އެވެ. އަދި ބިރިޔާނީ ފަދަ ބާވަތްތައް، ކުކުޅު މެރިނޭޓް ކުރުމަށް ފަހު ހަވާދުގަނޑާ އެކު ކޮތަޅުގައި ބަންދުކޮށްފައި ވެސް ވިއްކަ އެވެ.

ގުނޭޝާ މަސައްކަތުގައި: ތެލުލި ހެދިކާ އާއި ނުތެލުލާ ގަނޑުކޮށްފައި ހުންނަ ހެދިކާ ވެސް ވިއްކާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގުނޭޝާ އޮފީހުގައި މަސައްކަތް ކުރި އިރު ކިއްލި އާއި ލޮލީ ފަދަ ތަކެތި ހަދައި ވިއްކި އެވެ. އޭނާ ގޭގައި މި ގޮތަށް ހެދިކާ ހަދައި ވިއްކަން ފުރަތަމަ ފެށީ ފިހާރައެއްގެ ފްރީޒަރުގައި އެއްޗެހި ބަހައްޓައިގެންނެވެ.

"ހެދިކާ އާއި ތަންދޫރީ ކުކުޅު އަދި މަސް ފިހެފައި ގޭ ކައިރި ފިހާރައަކަށް 2008 ހިސާބުގައި ލާން ފެށީ،" ގުނޭޝާ ކިޔައިދިނެވެ.

"ކެއްކުމުގެ މަސައްކަތަކީ ވަރަށް ކުރާ ހިތުން ކުރާ ކަމެއް. ކުޑަކޮށް ފަށައިގެން މި މަސައްކަތް މިހާރު މިހާ ހިސާބަށް އައީ."

ގުނޭޝާ ވިއްކާ ހާއްސަ ބިރިޔާނީ: އޭނާ މި ކެއުން ވިއްކަނީ ތައްޔާރުކުރަންވީ ގޮތުގެ އިރުޝާދާ އެކު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކޮވިޑް އައިސްގެން އޭނާގެ މަސައްކަތް މަޑުޖެހުނެވެ. ރައީސް އޮފީހުގެ ކެންޓީނަށް އޭނާ އެކި ބާވަތްތައް ހަދައި ތައްޔާރު ކުރަމުން ދިޔަ އެވެ. އެ މަސައްކަތް ވެސް ކޮވިޑްއާ އެކު މަޑުޖެހުމަކަށް އަ އެވެ. މިހާރު އޭނާ އަންނަނީ ސީދާ ކަސްޓަމަރުންގެ އޯޑަރަށް ތަކެތި ހަދަައި ވިއްކަމުންނެވެ.

މާލޭގެ ކެފޭތަކުގައި ހުންނަ ހެދިކާ ގަންނަ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ ހެދިކާގައި ލާންޖެހޭ އަސްލު ދިވެހިވަންތަ ރަހަނުލުމެވެ. ބަޖިޔާއެއް ކާލާ އިރު އެއަށް ގްރީންޕީސް އަޅާފައި، ނުވަތަ ދިވެހި މަސް ބަޖިޔާގައި އާއްމުކޮށް ހުންނަން ނުޖެހޭ ބާވަތްތަކެއް ހުރުމުން އަރުތެރޭގައި ލާ ރަހައިން ވަނީ ފޫއްސެކެވެ. 

ގުނޭޝާ އޭނާގެ ބަދިގޭގައި ހެދިކާ ތައްޔާރުކޮށްފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މާލޭގެ ކުދި ތަންތަންކޮޅުގައި ދިރިއުޅޭ އިރު ހެދިކާ ހެދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި، ކޮންމެ މީހަކީ ކާލަން ބޭނުންވާ ކޮންމެ ފަހަރަކު ހެދިކާ ތައްޔާރު ކުރާނެހާ ވަގުތު އޮތް މީހެއް ވެސް ނޫނެެވެ. ގުނޭޝާ ހޯދައިދިނީ މި އެންމެންނަށް ވެސް ފަސޭހަ ގޮތެކެވެ. ރަހަމީރު ދިވެހި ހެދިކާ އޭގެ ގޮތުގައި ކާލަން ފުރުސަތެކެެވެ.

އޭނާ މަސައްކަތް ލުއި ކުރުމަށް ޒަމާނީ އާލާތްތައް ބޭނުން ކުރެ އެވެ. ގުނޭޝާ ބުނި ގޮތުގައި މި ތަކެތި ހޯދުމަށް ހިތްވަރު ދެނީ އޭނާގެ އެންމެ ދޮށީ ދައްތަ އެވެ. މަގްސަދަކީ އޭނާގެ މަސައްކަތް ލުއިފަސޭހަކޮށް މަސައްކަތަށް ހިތްވަރު ދިނުމެވެ.

"ފުށް މޮޑެނީ މެޝިނުން. އެއްޗެހި ކޮށަނީ ފުޑް ޕްރޮސެސަރުން. ހެދިކާ ތެލުލަނީ ކަރަންޓުން،" ގުނޭޝާ ކިޔައިދިނެވެ.

ގޭގެ އެތެރޭގައި ދެ ފަރާތުގައި ހުރި ކޮޓަރިތައް ފަހަނަޅައިގޮސް، އޭނާ އަހަރެންނަށް ދައްކާލީ ބޮޑު ޑީޕް ފްރީޒަރަކެވެ. އެ ފްރީޒަރުގައި އެކި ބާވަތްތައް ތައްޔާރުކޮށް ބޮޑެތި ކޮތަޅުގައި ބަންދުކޮށްފައި ބަހައްޓާފައި ހުއްޓެވެ. ގުޅަ، ބަޖިޔާ، ރޯލްސް، ބިސްކީމިޔާ، މިހެން ގޮސް ނަން ހުސްކޮށެވެ. ކުޅި ބޯކިބަލަށް މަސްގަނޑު މޮޑެފަ އެވެ. ކަސްޓަމަރު ގެއަށް ގެންގޮސް ހެޕީކޯލް ތަވައެއްގައި ބޯކިބާ ފިހެލަންވީ އެވެ.

ގުނޭޝާ ހެދިކާ ތެލުލަން ގެންގުޅެނީ އެކަމަށް ހާއްސަކޮށް ބޭނުން ކުރާ ޑީޕް ފްރަޔަރެކެވެ. 

ގުނޭޝާ ބުނިގޮތުގައި އޭނާ މި ތަކެތި ގަތުމަށް އެއްފަހަރާ ހޭދަ ކުރުމުގެ ބަދަލުގައި، ފަހަރަކު އެއްޗަކަށް އިންވެސްޓް ކުރީ އެވެ.

ގުނޭޝާ ޑީޕް ފްރަޔަރަކުން ބަޖިޔާ ތެލުލަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މަސައްކަތުގައި ހީވާގިކަމާ އެކު ކުރިއަށް

ގުނޭޝާ ކޮންމެ ދުވަހަކުވެސް ދެތިން ބާވަތެއްގެ ހެދިކާ ތައްޔާރު ކުރެ އެވެ. 

"ފްރީޒަރު ބަލާފައި މަދުވާ ބާވަތްތައް ހަދަނީ،" އޭނާ ބުންޏެވެ.

"ސްޓޮކްވެފައެއް ނުހުރޭ. އަބަދުވެސް ވިކެމުން ދަނީ." 

ގުނޭޝާ ކޮންމެ ދުވަހަކުވެސް ހެދިކާ ހެދުމުގެ މަސައްކަތް ކުރޭ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގުނޭޝާ ބުނީ ސަރުކާރުގެ ވަޒީފާއިން ރިޓަޔާވިޔަސް، ގޭގައި މި މަސައްކަތް ކުރެވޭތީ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.

"އޮފީހުން ލިބުނު މުސާރަ ނުލިބުނަސް ގެއްލުމެއް ނެތް. މި މަސައްކަތުން ރަނގަޅު އާމްދާނީއެއް ލިބޭތީ،" އޭނާ ބުންޏެވެ.

އެންމެ ޑިމާންޑް ބޮޑީ ރޯދަމަހު

ކޮންމެ އަހަރެެއްގެ ރޯދަ މަހަކީ ގުނޭޝާއަށް އެންމެ ބުރަ ބޮޑު މައްސަރެވެ. އެންމެ ޑިމާންޑް ބޮޑީ ރޯދަމަހު ރޯދަވީއްލާ ގަޑިއަށް ދޭ އޯޑަރުތަކެވެ. އެއް ބަޔަކަށް ދުވާލު އޮފީސް ނިންމާލާފައި ގެއަށް ގޮސް ބަދިގެއަށް ވަންނާނެ ވަގުތެއް ނޯވެ އެވެ. ނަމަވެސް ގެއަށް ދިއުމުގެ ކުރިން ގުނޭޝާއަށް އޯޑަރު ޖަހާފައި ހިނގައްޖެ ނަމަ އެ ދުވަހުގެ ރޯދަ ސުފުރާގައި މީރު ދިވެހި ރަހައިގެ ކޮންމެވެސް އެއް ބާވަތެއް ހުންނާނެކަން ޔަގީން ކުރެވެ އެވެ.

ގުނޭޝާ: ހެދިކާ ވިއްކުމުގެ މަސައްކަތް އެންމެ ބުރައީ ރޯދަ މަހު (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"ރޯދަ މަހު ކުރިޔާލާ އޯޑަރުކޮށްގެން މުޅި ރޯދަމަހަށް ހެދިކާ ގެންދާ މިހުން ވެސް ތިބޭ. އަދި ރާއްޖެއިން ބޭރަށް ގެންދަން ދޭ އޯޑަރުތައް ވެސް ނަގަން،" ގުނޭޝާ އޭނާގެ ކަސްޓަމާ ބޭސް ފުޅާވެފައިވާ މިންވަރު ކިޔައިދެމުން ބުންޏެވެ.

ކުކުޅާއި ފަރާޓާ އަދި ބިރިޔާނީ އަކީ އެންމެ ބޮޑު ހިޓެވެ. ވަރަށް ގިނަ މީހުންނަށް އެ ދެ ކެއުން ކަމުދާކަން އޭނާ ފާހަގަކުރި އެވެ.

ގުނޭޝާ ކުދިކުދި އިވެންޓްތަކަށް ކޭޓަރިން ވެސް ހަމަޖައްސާދެ އެވެ. އަދި މިހާރު ބައެއް ރެސްޓޯރަންޓްތަކުން އޭނާގެ އަތުން ހެދިކާ ގަނެގެން އެ ތަންތާނގައި ވިއްކަ އެވެ.

ގޭގެ ހިތަކީ ބަދިގެ، ގުނޭޝާގެ ހިތް އޮތީ ކެއްކުމުގައި

ގުނޭޝާ އޭނާގެ ބަދިގޭގެ އުނދޯލީގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބަދިގެއަކީ ގޭގެ ހިތޭ ބުނޭ ނޫން ހެއްޔެވެ؟ އެކަން ގުނޭޝާގެ ބަދިގެއިން ފެނެ އެވެ. އެ ބަދިގޭގެ ދޮރުން ވަންނަ އިރު މޫނުޖެހޭ ގޮތަށް ހުރީ އެންމެ އިހުގައި ދިވެހި ގޭގެއިން ފެންނަ ފަދަ އުނދޯއްޔެކެވެ. ހިތަށް ލިބެނީ އުފާވެރިކަމެވެ.

އެ އުނދޯލީގައި އިނީ ގުނޭޝާގެ 75 އަހަރުގެ މަންމަ ހަބީބާ އަލީ އެވެ. ހަބީބާ އޭނާގެ ނުވަ ދަރިންގެ ތެރެއިން ތިންވަނައަށް ހުރި ގުނޭޝާގެ މި މަސައްކަތާ މެދު އުފާ ކުރެ އެވެ. ދަރިފުޅު ހީވާގިކަމާ އެކު މަސައްކަތް ކުރާތަން ދޮށީ އުމުރުގައި ގާތުން ބަލާލެވޭތީ އެވެ.

ގުނޭޝާ (ކ) އާއި އޭނާގެ މަންމަ ހަބީބާ އަލީ: ހަބީބާ ދަރިފުޅުގެ މަސައްކަތާ މެދު ފަހުރުވެރިވޭ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގުނޭޝާ ބުނި ގޮތުގައި އޭނާ ކެއްކުމަށް ޝައުގުވެރިވެ ހިތްދަމައިގަތީ މަންމަގެ ސަބަބުންނެވެ. ކައްކަން ދަސްކުރީ ވެސް މަންމަގެ ގާތުންނެވެ.

"މަންމަ ފަރާތުން އައިސްފައިވާ ކަމެއް. މަންމަ ފަރާތު ގިނަ މީހުން ވަރަށް ކައްކާނެ،" މަންމަގެ ފަރާތުން ލިބުނު އަމަލީ ތަޖުރިބާއިން މީރުކޮށް ކައްކަން ދަސްވެފައި ހުރި ގުނޭޝާ ބުންޏެވެ.

"މަންމަ ބުނެދެނީ. މަންމަގެ ރެސިޕީތަކެއް މިއީ." 

ގުނޭޝާ (ކ) 'ދައުރު' އަށް އިންޓަވިއުދޭ އިރު އޭނާގެ މަންމަ ކައިރީގައި އިށީނދެގެން: ގުނޭޝާ ކައްކަން ދަސްކުރީ މަންމަ ގާތުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގޭގައި މި މަސައްކަތް ކުރުމުގެ އެންމެ ބޮޑު ފަހުރަކީ، ގުނޭޝާ ބުނި ގޮތުގައި، އޭނާގެ ދަރިފުޅު ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވަން ބެހެއްޓުމަށް ލިބޭ އާމްދަނީ އެވެ. ދަރިފުޅުގެ ކިޔެވުމުގެ ހަރަދުގެ ބޮޑު ބައެއްގައި އޭނާ ހިފަ އެވެ.

"ދަރިފުޅަށް 23 އަހަރު. ބުނާނެ މަންމަ އަބަދު މަސައްކަތް ކުރަނީ ކީއްވެހޭ؟" ގުނޭޝާ ބުންޏެވެ.

ގުނޭޝާ: އަމިއްލަ މަސައްކަތުން ދަރިފުޅުގެ ކިޔެވުމުގެ ހަރަދުތަކުގެ ބޮޑު ބަަައެއް ބެލެހެއްޓޭތީ އުފާކުރޭ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިއްކާ ބާވަތްތައް ތައްޔާރު ކުރުމުގައި އޭނާގެ އެއްބަނޑުއެއްބަފާ މީހުން އެހީތެރިވާ އިރު، ބޭނުންވާ ތަކެތި ގަތުމަށް ފިރިމީހާ ބާޒާރުކޮށްދޭކަން ގުނޭޝާ ފާހަގަ ކުރި އެވެ.

ގުނޭޝާގެ އުއްމީދަކީ އޭނާގެ މި ވިޔަފާރި އަދިވެސް ފުޅާކުރުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ގުނޭޝާ މި މަސައްކަތް ކުރަނީ ވަރަށް ކުރާ ހިތުންނެވެ. އެކަން އެނގެނީ އަދިވެސް މަސައްކަތުން އަތް ދޫކޮށްލުމުގެ ހިޔާލެއް އޭނާގެ ނެތުމުންނެވެ. ގުނޭޝާގެ ވިސްނުމަކީ މި މަސައްކަތް އަދިވެސް އިތުރަށް ފުޅާކުރުމެވެ.

ގުނޭޝާ ބުނިގޮތުގައި ކެއްކުމުގެ މަސައްކަތްތައް އޭނާއަށް އުނދަގުލެއް ނޫނެވެ. އެއީ ބުރަވެގެން ނުވަތަ ފޫހިވެގެން އުޅޭ ވަރަށް ވުރެ އޭނާ މާ ކުރާހިތްވާ ކަމެކެވެ. އޭނާގެ ކަސްޓަމަރުން ތިބީ ފަސޭހަކޮށް ލިބޭ މީރު ހެދިކާގެ ސަބަބުން އުފަލުންނެވެ.

"އެންމެން ވެސް ދައްކާ ވާހަކައަކީ އެއް ރަހައެއްގައި ހިފަހައްޓާ ވާހަކަ. ދެން މީރުވެގެން އެ ވާހަކަ ދައްކާ،" ގުނޭޝާ ބުންޏެވެ.

ކޮމެންޓް (3)

ދަތްހަޑިމީހާ

31 ޑިސެމްބަރު 2023
ހާދަ ރީތި ދަތް ތަކެކޭ
0 0

ާމާށި

29 ޑިސެމްބަރު 2023
ފޯނު ނަމްބަރު ބޭނުން ގުޅޭނެ ނަމްބަރ ޕްލީޒް
2 1

ްއއއއއއ

29 ޑިސެމްބަރު 2023
@ާމާށި https://www.instagram.com/guneys_kitchen?igsh=YnJmcXY0czdzc2h3
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް