އަބްދުﷲ އޭނާގެ ގޯތީގައި ފޮޓޯއަކަށް ހުއްޓިގެން. (ދައުރު ފޮޓޯ)

ރާޅުފަށް

އަބްދުﷲގެ ހުވަފެން ހަގީގަތަކަށް، އުފަލުން ދެ ފައި މައްޗަށް

އިލްމު އުނގެނުމުގެ މި ދަތުރު އޭނާ ފެށީ ހަތަރެސްފައިގައި ބާރުހުރި ނޫކަށިފުރައިގެ ޖޯޝުގަ އެވެ. އެކަމަކު އެ ދުނިޔެ އޭނާއާ ބައްދަލުކުރީ ހީނުކުރާ އަދި ހިޔާލަށް ވެސް ގެނެވިފައި ނެތް ގޮންޖެހުމެއްގެ ސިފައިގަ އެވެ. އެކަމަކު އަދިވެސް އަބްދުﷲ އެ ދަނީ ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށެވެ.
31 ޑިސެމްބަރު 2023
6

އެއީ ސ. މީދޫގެ މެދުތެރޭ ހިސާބެއްގައި ހުރި ގެއެކެވެ. މުސްކުޅި ބޮޑު ގޯއްޗެކެވެ. މުޅި ގޯތިތެރެ ފިނިކޮށްލާފައި ވަނީ މެދުގޯތީގައި ހެދި ފެތުރިފައިވާ ރަތްޖަނބުރޯލު ގަހެއްގެ ހިޔަލުންނެވެ.

އެ ގޯތީގައި ދެ ގެއެއް ހުއްޓެވެ. އެއީ މުޅިން ދެ ޒަމާނަކަށް ނިސްބަތްވާ ދެ ގެ އެވެ. އެކަމަކު މިއީ ފީރޯޒުވިލާ އެވެ.

ފީރޯޒަކީ އަގުހުރި، މޮޅު ހިލައަކަށް ކިޔާ ނަމެކެވެ. އޭގެ ކުލައަކީ ފެހިކުލަ އެވެ.

ކަށިވެލި ލައި ނަލަކޮށްލާފައި އޮތް މެދުގޯތި ތެރެއަށް ވަދެގެން ގޮސް ފީރޯޒުވިލާގެ ދޮރުގައި ޓަކިދިނުމާ އެކު އެތެރެއަށް ވަނުމަށް މީހަކު އިރުޝާދު ދިން އަޑު އިވުނެވެ. އަދަބުވެރި އެކަމަކު މޮޅިވެރި އަޑެކެވެ.

ދޮރުގައި ވަނީ ފީރޯޒުގެ ނަލަ ފެހިކުލަ އެވެ. އެ ދޮރުގައި ހުރީ ތަޅުނުލަ އެވެ.    

މަޑުމަޑުން ދޮރު ހުޅުވާލާފައި ސަލާން ގޮވަމުން އެތެރެއަށް ވަދެގަތީމެވެ؛ ސިޓިން ރޫމަށް ވެރިވެފައި ވަނީ ފުސް އަނދިރިކަމެކެވެ. އަޅުވާފައި ހުރި ޓީވީއަކުން ހިންދީ ފިލްމެއްގެ މަންޒަރުތައް ކުލައިން ކުލައަށް ބަދަލުވެ ދަޅައަޅުވަނީ އެވެ. އެ ދަޅަތަކުގެ ތެރެއިން ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ފުރޮޅުލީ ބެޓެރި ގޮނޑިއަކާއި ތިން ފުރޮޅުލީ ބެޓެރި ސައިކަލެކެވެ. ވަގުތުހެން ހުއްޓިފަ އެވެ. ނުވަތަ ޓީވީއަށް ގެއްލިފަ އެވެ.

އަބްދުﷲ ގޭތެރޭގައި ދުއްވާ ފުރޮޅުލީ ގޮނޑި އާއި ރަށު ތެރޭގައި ދުއްވަން ބޭނުންކުރާ ތިން ފުރޮޅުލީ ބެޓެރި ސައިކަލު އޭނާގެ ސިޓިން ރޫމުގައި. (ދައުރު ފޮޓޯ)
އަބްދުﷲ އޭނާގެ ސިޓިން ރޫމުގައި ފޮޓޯއަކަށް ހުއްޓިލައިގެން: ގޭގައި ނަމަ އޭނާ އާންމުކޮށް އިންނާނީ މި ސޯފާގައި. (ދައުރު ފޮޓޯ)

އެ ޓީވީ ނިއްވާލާފައި މީހަކު ކުއްލިއަކަށް ސަލާން ބަލައިގަތެވެ. އެ މީހާ އިނީ ސިޓިންރޫމުގައި ބަހައްޓާފައި ހުރި ކަޅުކުލައިގެ ލެދަރު އެޅި ސޯފާއެއްގަ އެވެ. ހަމަޖެހިލައިގެން ވަރަށް އަރާމުގަ އެވެ. ކުރިމަތީގައި ބަހައްޓާފައި ހުރި ކުޑަ ބިއްލޫރި މޭޒުގެ ތިރީ ހަރުގަނޑުގައި އޭނާގެ ދެ ފައި އަޅުވާލައިގެންނެވެ.

އެކަމަކު އެ ދެ ފައިގައި އެއްވެސް ވަރެއް ނެތެވެ. ނަމަވެސް މިއީ ފީރޯޒު ހިލައިގެ ހިތްވަރު ހުރި ޝަހުސިއްޔަތެކެވެ. ފީރޯޒުހާ އަގުހުރި ހިދުމަތްތެރިއެކެވެ. އަދި ފީރޯޒުގެ ނަލަ ކުލައިން ޒީނަތްތެރިކޮށްފައިވާ ހަޔާތެކެވެ.

އުމުރުން 59 އަހަރު ފުރިފައިވާ އަބްދުﷲ މުހައްމަދުދީދީ ގެ ދުނިޔެ އަކީ މި އެވެ؛ އިލްމާއި ހުނަރާއި ހިލްމާއި ހިތްވަރުން އޭނާ ކޮޅަށް ޖަހާފައިވާ ހަޔާތެކެވެ. އަމިއްލަ ދެ ފައި މައްޗަށް ތެދުވެ ހިނގައިބިނގައި ހެލިފެލިވެ އުޅުމުގެ ފަސޭހަކަމާއި ކުޅަދާނަކަން ލިބިފައި ނެތަސް އެ ދިރިއުޅުން އޭނާ ވަނީ 'ފީރޯޒުވިލާ' އެއްހެން ބިނާކޮށް، ވިލާތަކުން މައްޗަށް ކޮޅަށް ނަގައިފަ އެވެ. އުނަގަނޑުން ތިރި އެއްކޮށް ވައުވެފައިވާ މީހެއްކަން އެހެން މީހަކަށް އިހުސާސު ވެސް ނުވާ ވަރަށެވެ.

އަމިއްލަ ދެ ފައި މައްޗަށް ތެދުވުމަކީ އޭނާ އަބަދުވެސް ދުށް އެންމެ ބޮޑު ހުވަފެނެވެ. އަދި މިއީ އަބްދުﷲގެ އެ ހުވަފެން 'އަމިއްލަ ދެ ފައި މައްޗަށް' ތެދުވިތާ އެއް ތިރީސް ވަނަ އަހަރެވެ.

"އަޅުގަނޑު ކިޔަވައިދޭން ފެށީ 1992 ވަނަ އަހަރު. އަމިއްލަ ދެ ފައި މައްޗަށް ތެދުވުމަކީ އަޅުގަނޑު އަބަދުވެސް ބޭނުންވި ގޮތް. މީހަކަށް ޑިޕެންޑްވެގެން އަމިއްލަ އެއްވެސް ކަމެއް ނުކުރަން އަޅުގަނޑު ބޭނުންވީ. އެއީ އަމިއްލަ ދިރިއުޅުމުގެ ޒާތީ ކަންކަންކަމުގައި ވިޔަސް އަދި މާލީ ކަންކަންކަމުގައި ވިޔަސް،" އަބްދުﷲގެ އަޑުގައި ވަނީ ނިޔަނެތި ސާފުކަމެވެ. 

އޭނާ އަކީ އިސްލާމް މުދައްރިސެކެވެ. ތިމާވެށީގެ އިލްމާއި ގުރުއާނުގެ އިލްމުގައި ވެސް ސާފު އަލި ހިތެކެވެ. ވަރަށް މިނިވަން ނަފުސެކެވެ.

"އަމިއްލަ ހަށިގަނޑުގެ ކަމެއްވިޔަސް އަޅުގަނޑު އަބަދުވެސް ބޭނުންވީ އަޅުގަނޑު އަމިއްލައަށް އެ ހުރިހާ ކަމެއް ކުރަން. މީހަކަށް ބުރަނުވެ އެކަނި، މިނިވަންކަމުގައި އުޅެން،" އަބްދުﷲ ކިޔައިދެމުން ގެންދިޔަ އެވެ.

"އިރާދަކުރެއްވިއްޔާމު އެގޮތަށް އެބަ އުޅެވޭ އަޅުގަނޑަށް މިހާރު ވެސް، މި ދެ ފައިގައި އެއްވެސް ހަކަތައެއް ނެތަސް."

"އެހެންވީމަ އާންމު ދިރިއުޅުމުގައި އަޅުގަނޑު މިހެން އުޅޭއިރަކު އެއްވެސް މީހަކަށް އަސްލު އިހުސާސެއް ވެސް ނުވާނެ އަޅުގަނޑަކީ މިކަހަލަ ނުކުޅެދުންތެރިކަމެއް ހުރި މީހެއް ކަމެއް ވެސް. ދިރިއުޅުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް އަމިއްލައަށް ކުރަމުން ގެންދާ މީހެއް އަޅުގަނޑަކީ."

މިހެން ބުނެފައި އޭނާ ދައްކާލީ ސިޓިން ރޫމުގައި ފޫހިވެފައި "ތިބި" ފުރޮޅުލީ ގޮނޑި އާއި ތިން ފުރޮޅުލީ ސައިކަލެވެ. އަދި އަހަރެން ގޮވައިގެން އޭގައި ނައްޓާލީ މާ ކުރީގެ ޒަމާނަކަށެވެ. އެ ފުރޮޅުލީ ގޮނޑިތަކާއި ބައިސިކަލުތައް އޭނާގެ ހަޔާތުގައި ނެތް ހަނދާންތަކެއްގެ ތެރެއަށެވެ. ދުވެ، ފުމެ މަޖާކޮށް ސަކަރާތްޖެހި ހަނދާންތަކެއް އަނބުރައި ކުލަކުރަމުންނެވެ.

އަބްދުﷲ އަދި އޭނާގެ ބެޓެރި ސައިކަލު ގޭގެ ސިޓިން ރޫމުގައި. (ދައުރު ފޮޓޯ)
އަބްދުﷲ އޭނާގެ މުސްކުޅި ގޯތީގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)

ފީރޯޒުވިލާތަކުން ފުރޮޅުލީ ހަނދާންތަކަށް

އަބްދުﷲ އަކީ އޭނާގެ ބައްޕައަށް ލިބުނު 14 ކުދިންގެ ތެރެއިން ދެ ވަނައަށް އެންމެ ދޮށީ ފިރިހެން ކުއްޖާ އެވެ. އަދި މަންމަ އާއި ބައްޕައަށް ލިބުނު 10 ކުދިންގެ ތެރެއިން އެންމެ ދޮށްޓަށް ހުރި ފިރިހެން ދަރި އެވެ. އޭނާގެ ބައްޕަ މުހައްމައިދީ އަކީ ވެސް އެދުރެކެވެ. އަދި ބައްޕަ ފަރާތު އާއިލާ އަކީ ރަށުގައި ތަރުބަވީ ބިންގަލެއް އަޅައިދިނުމުގެ މުހިންމު މަސައްކަތްތަކުން ފާހަގަކޮށްލެވޭ މޫނުތަކާއި ނަންތަކެވެ.

އެހެންކަމުން އަބްދުﷲގެ އެ އާއިލާގައި ޖީލުން ޖީލަށް ދެމެމުން ދިޔަ އެންމެ ބޮޑު ޝައުގުވެރިކަމެއް އަބަދުވެސް ގުޅިފައި އޮތީ ތައުލީމާއި އިލްމުގެ ދުނިޔެއަކަށެވެ. އެކަމަކު އެ ދުނިޔެ އޭނާއާ ބައްދަލުކުރީ ހީނުކުރާ އަދި ހިޔާލަށް ވެސް ގެނެވިފައި ނެތް ގޮންޖެހުމެއްގެ ސިފައިގަ އެވެ.

އެއީ 1976 ވަނަ އަހަރެވެ. އުމުރުން އެންމެ 12 އަހަރުގައި އަމިއްލަ ވަޒަނާއި ގެ އާއި އާއިލާ ދޫކޮށްލާފައި އޭނާ ފުރީ އިލްމު ހޯދައި އެއްކުރުމުގެ ދިގު ދަތުރަކަށެވެ. އެ ދުވަސްވަރަކީ އައްޑޫގެ ވަރަށް ގިނަ އާއިލާތަކުން އެ މީހުންގެ ދަރިންނަށް ތައުލީމު އުނގަންނައިދިނުމަށް އިންޑިއާގެ އިސްލާމީ އިންސްޓިޓިއުޓްތަކަށް ދަރިން ފޮނުވި ދުވަސްވަރެކެވެ.

ރާޅުތައް ކަފަމުން އެންމެ ފުރަތަމަ މާލެ އަށެވެ. ދެ ތިން ދުވަހުގެ އެ ވަރުބަލިކަން ފޮޅާލާފައި ގޮސް ދެން އެރީ އިންޑިއާއަށް ފުރަން ތައްޔާރުވެފައި އޮތް އެއާ އިންޑިއާގެ މަތިންދާބޯޓަކަށެވެ. މުޅިން އައު ތަޖުރިބާއެކެވެ. ގައުމުން ބޭރަށް އެ ފުރަނީ އަލަށެވެ. އެކަމަކު އަބްދުﷲ އިނީ ހަމަޖެހިލައިގެންނެވެ. ކަމަރު ބަނދެ ނޭވާ ހިފަހައްޓާލައިގެންނެވެ.

އެންމެފަހުން، ވައިކަފަމުން އުދުއްސައިގަތެވެ. ވިލާތައް ފަޅާލާފައި ގޮސް ނުކުތީ އިލްމުގެ އައު ދުނިޔެއަކަށެވެ. ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އެކަމަކު އޭނާ އަކީ ހަތަރެސްފައިގައި ވަރުހުރި ނޫކަށިފުރައިގެ ޖޯޝާއި ފޯރި އުތުރިއަރަމުން ދިޔަ ޒުވާނެކެވެ. އެ ދަތުރުގައި ހަމަ އެއްވެސް ބިރުވެރިކަމެއް ނެތެވެ.  

ގޮތްނޭނގޭ ބަލިމަޑުކަމެއްގެ ބިރުވެރިކަން އޭނާގެ ދެ ފައިގައި ބައްދައިގަތީ ގުޖުރާތުގެ ހަތަރުވަނަ އަހަރުގަ އެވެ.

އަބްދުﷲ ސ. އަތޮޅު މަދަރުސާގައި ދަރިވަރުންތަކަކަށް ފިލާވަޅެއް ނަގައި ދެނީ. (ދައުރު ފޮޓޯ/އަލީ ނަސީރު)

"އެހެން އުޅެނިކޮށް ޗުއްޓީއެއްގައި އަޅުގަނޑު ކުއްލިއަކަށް ބަލިވަނީ. ފާޑެއްގެ ގަދަ ހުމެއް އައީ އެންމެ ފުރަތަމަ. އެކަމަކު ހުމެއްވީމަ މާ ބޮޑު ކަމަކަށް ނަހަދައި އުޅުނީ،" އުރުދޫ އާއި ފާރިސީ މަންހަޖު ނިންމައި ހަތަރުވަނަ އަހަރުގައި އަރަބި ކިޔަވަން ފަށައިގެން އުޅެނިކޮށް ލައިގަތް ހުންގަނޑުގެ ތަޖުރިބާ އިން އަބްދުﷲގެ ވާހަކަ ހޫނުކޮށްލައިފި އެވެ.

"މާ ބޮޑު ކަމަކަށް ނަހަދައި އުޅުނީ. އެކަމަކު ދެ ހަފުތާވީއިރު ވެސް އެ ހުންގަނޑު މައިތިރިއެއް ނުވި. އެންމެފަހުން އޮބިނޯވެގެން ދެން ދިޔައީ ކްލިނިކަކަށް. އެމީހުން އިންޖެކްޝަނެއް ޖަހައިގެން އެ ދުވަހު ފަރުވާ ދިން."

"އޭގެ ޖެހިގެން އައި ދުވަހު މި ދިޔައީ އަނެއްކާވެސް ސްކޫލަށް. ގޮސް އިންދައި ކަނާތު ފައި އައްސިވެ އެ ފައިން އެއްކޮށް ވާގިނެތިއްޖެ."

އެ ހިސާބުން އިމަޖެންސީގައި އޭނާ ހޮސްޕިޓަލަކަށް ގެންގޮސް އެޑްމިޓްކޮށްފި އެވެ. އަނެއް ފައިން ވެސް ވާގި ގޮސް، އުނަގަނޑުން ތިރި އެއްކޮށް ވާގިނެތުނީ ހޮސްޕިޓަލްގައި އެގޮތަށް އެޑްމިޓްކޮށްފައި އޮއްވަ އެވެ.

އަބްދުﷲއަށް ޖެހުނީ ޕޯލިއޯ އެވެ.

"އެކަމަކު އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނޭ އޭރަކު އަދި މިއީ ކިހާވަރެއްގެ ކަމެއް ކަމެއް. ކުރިމަތި މި ވަނީ ކިހާ ވަރެއްގެ ގޮންޖެހުމަކާއި އުނދަގޫ ދިރިއުޅުމަކާ ކަމެއް،" އެޑްމިޓްކޮށްފައި އޮތް ދުވަހު ހިތަށް އަރައި ފައިބަމުން ދިޔަ ހިޔާލުތައް އަބްދުﷲ ކިޔައިދިނެވެ.

"އަޅުގަނޑު ހިތަށް އޭރު އަރަނީ ހަފުތާއެއް ދެ ހަފުތާއެއްހާ ފަހުން މުޅިން ރަނގަޅުވެދާނެއޭ. އަލުން ހިނގައި ދުވަން ފެށިދާނެއޭ."

އޭރު އޭނާއަށް 16 އަހަރެވެ.

"ކޮންމެ ދުވަހަކުވެސް ހިތަށް އަރަނީ މާދަން ރަނގަޅުވެދާނެއޭ. މާދަން ހިނގޭނެއޭ."

އެކަމަކު އެ ދުވަހަކާ ބައްދަލެއް ނުވި އެވެ. ބައްދަލުވީ ދިރިއުޅުމުގެ ތަބީއީ ހަގީގަތާއި އުނިކަމާއި އަޑިގުޑަނާ އެވެ. އަދި އެ ހާލަތު އުފަންކުރުވި މުޅިން އައު ހިތްވަރަކާ އެވެ.

ކްލާހެއް ނަގައި ދިނުމަށް ފަހު ލިބުނު ހުސް ވަގުތެއްގައި އަބްދުﷲ އޭނާގެ ކޮލީގަކާ ވާހަކަ ދައްކާލަނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)

ފީރޯޒުގެ ފެހި ހުވަފެން

ދުވަހުގެ ވަރަށް ގިނަ ވަގުތު އޭނާ މިހާރު ހޭދަކުރަނީ މި ސިޓިން ރޫމުގަ އެވެ. ލެދަރު އެޅި މި ސޯފާގަ އެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް ފަތިހު ފަހެއް ޖަހާއިރު ހޭލަ އެވެ. ދޯލިބޯލިކޮށްގެން ފެންވަރައި ނަލަވެގެން ގޮސް ކޮންމެ ދުވަހެއް ވެސް ފަށަނީ ފަތިސް ނަމާދުގެ ސަޖިދައިންނެވެ. އެއަށް ފަހު ސްކޫލަށް ދިއުމާ ދެމެދު އެ ލިބޭ ވަގުތުކޮޅުގައި އޭނާ އިންނާނީ ކޮޓަރި ތެރޭގައި ގުރުއާން ކިޔަވާށެވެ. ފޮތެއް ކިޔާލާށެވެ. ނުވަތަ ދުވަހުގެ ހަބަރުތަކާއި ދުނިޔޭގައި ވާނުވާ ބަލައި ހޯދާށެވެ.

ސްކޫލަށް ދާން ތައްޔާރުވެގެން އާންމުކޮށް 6:35ގައި ގެއިން ނުކުމެ އެވެ. ތިން ފުރޮޅުލީ ބެޓެރި ސައިކަލުގަ އެވެ. ކަމެއް ގޯސްނުވާ ނަމަ 6:45ގައި އޭނާ ގޮސް ހުންނާނީ ސްކޫލްގައެވެ. އޭނާގެ މި ތަރުތީބަށް 31 އަހަރުވީ އެވެ.

އޭނާގެ ހިތްވަރާއި ބުންވަރުން އޮމާން އަމާންކޮށްފައިވާ މި ދިރިއުޅުމުގައި މިއަދު އޭނާ އަކަށް އެއްވެސް ބުރަކަމެއް ނެތެވެ. ކޮންމެ ދުވަހަކީ ވެސް އެތައް އެތައް ފިލާވަޅެއް ދަސްކޮށް، ހަޔާތުގެ ތަޖުރިބާތަކުން އޭނާ ފިލާވަޅު ނަގައި ފޫހިފިލުވާ ދުވަހެކެވެ.

"އަޅުގަނޑު ހެނދުނު ސައިބޯން ދާނީ ވެސް ސްކޫލްގައި އުޅެފައި ބްރޭކް ގަޑިއެއް ލިބުނީމަ. ބްރޭކްފާސްޓަށް ބައެއް ފަހަރު ގޮސްދާނެ ގެއަށް ވެސް. ނުވަތަ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވެސް ވަދެދާނަން. ދެން އަނެއްކާވެސް އެނބުރި ސްކޫލަށް،" އޭނާ ކިޔައިދިނެވެ.

"ދެން ސްކޫލް ނިންމާލާފައި ގެއަށް އައިސް އާންމުކޮށް މި ސޯފާގައި އަޅުގަނޑުގެ އެންމެ ގިނަ ވަގުތު ހޭދަވާނީ. ދެން މެންދުރު ކައިގެން ކޮޓަރިއަށް ވަންނާނީ. ދެން ނަމާދުކުރާނީ. ގޭގައި މިހެން އުޅޭއިރު ވަރަށް ނޫސް ކިޔަން. ފިލްމު ވެސް ބަލަން. ހަވީރު ފިންޏަށް އާންމުކޮށް ގެއިން ބޭރަށް ނުކުމެ ދުއްވާލަން ދަން."

"ދެން އިޝާ ނަމާދުކޮށްގެން ރޭގަނޑު ކާނީ. ދެން ކޮޓަރިއަށް ވަދެ މިހެން ފޯނާ ކުޅެން އޮއްވައި ނިދޭނީ."

ދުވަހުގެ ތަރުތީބު ކިޔައިދެމުން ގޮސް އޭނާ ނިންމާލީ ރޭގަނޑު ދިހަ ގަޑި ބައިގެ ހިނިތުންވުމަކުންނެވެ. އެއީ އުނަގަނޑުން ތިރި އެއްކޮށް ވާގިނެތިގެން، ދެ ފައިން ހިނގާފައި ކުރިއަށް ނުދެވޭނެކަން ޔަގީންވި ދުވަހު ވެސް އޭނާ ދެއްކި ހިތްވަރުގެ ހިނިތުންވުމެވެ.

އެ ހިތްވަރު އޭނާ ނުނެރޭ ދުވަހެއް ނެތެވެ.

އަބްދުﷲ ދަރިވަރުންތަކަކަށް ފިލާވަޅެއް ނަގައިދެނީ: މިއީ އޭނާ އެންމެ ކުރާހިތްވާ ކަންތައް. (ދައުރު ފޮޓޯ/އަލީ ނާސިރު)
ކްލާހެއް ނަގައި ނިންމާލާފައި ސްކޫލްގެ އެހެން ޓީޗަރަކާ އެކު އަބްދުﷲ އެނބުރި ދަނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)

ބަލިވެ، ނުހިނގޭ މީހަކަށް ބަދަލުވުމުން ކިޔެވުން މެދުކަނޑާލާފައި އަބްދުﷲ އަށް މަޖުބޫރުވީ ރަށަށް ބަދަލުވާށެވެ. އެކަމަކު ދެން ވެސް ކިޔެވުން ދޫކޮށެއް ނުލި އެވެ. ދެން ކިޔެވީ ރަށުގައި މީސް މީހުން ގާތަށް ގޮސްގެންނެވެ. އަދި 1992 ވަނަ އަހަރު، އުމުރުން 28 އަހަރުގައި، ރަށުގައި އާންމުން ހިންގި ޕްރައިމަރީ ސްކޫލެއްގައި ކިޔަވައިދޭން ފަށައިފި އެވެ.  

އޭރު އޭނާ ގެއިން ނުކުމެގެން ސްކޫލަށް ދިޔައީ އާދައިގެ ފުރޮޅުލީ ގޮނޑިއެއް ދެ އަތުން އަނބުރަމުންނެވެ. އޭގެ ފަހުން އުޅުނީ އަތުން ހެންޑެލިގަނޑެއް އަނބުރައިގެން ދުއްވާ ތިން ފުރޮޅުލީ ބަރު ދަގަނޑު ބައިސިކަލެއްގަ އެވެ. އޭނާގެ މި އުޅަނދުތައް މަޑުމަޑުން ތަރައްގީވަމުން ދިޔައިރު އަބްދުﷲ ގެންދިޔައީ ވަގުތީ މުދައްރިސެއްގެ ގޮތުގައި ފެށި ދަތުރުގައި ވެސް ތަރައްގީވެ ކާމިޔާބީގެ ހަރުފަތްތައް ގިރާކުރަމުންނެވެ. ފީރޯޒުގެ މަޑުފެހި ދުނިޔެއެއް ބިނާކޮށް ކޮޅަށް ޖަހަމުންނެވެ.

"ވަގުތީ މުދައްރިސެއްގެ ގޮތުގައި އުޅެން ޖެހުމުން ޓީޗަރަކަށް ލިބޭ ފުރިހަމަ އިނާޔަތްތަކެއް ނުލިބޭ އަޅުގަނޑަކަށް. އަދި އިތުރަށް ކިޔަވައިގެން ނޫން ގޮތަކަށް ޓީޗަރެއްގެ ގޮތުގައި ތަމްރީނުވެ ސެޓިފައި ވެވޭކަށް ނެތް. ނުހިނގޭ މީހަކަށްވީމަ މާލެއަށް ގޮސް އެ ތަމްރީނު ހެދުންވީ އޭރު ނުކުރެވި އޮތް ކަމަކަށް،" އަބްދުﷲ ކިޔައިދިނެވެ.

"އެހެން އުޅެނިކޮށް ސ. ހިތަދޫގައި ޔުނިވާސިޓީގެ ކެމްޕަހެއް ހުޅުވައިފި. އަދި 2002 ވަނަ އަހަރު ޓީޗިން ކޯސްތައް ފެށުމާ އެކު އަޅުގަނޑު އެ ކޯސްތަކުގައި ބައިވެރިވާން ފަށައިފިން."

ވަގުތީ މުދައްރިސެއްގެ ގޮތުގައި ހޭދަކުރި 11 އަހަރު ނިމުމަކަށް ގެނައީ އެފަހަރު އޭނާ ހާސިލުކުރި އެޑްވާންސްޑް ސެޓިފިކެޓް އޮފް ޓީޗިން ކޯހުންނެވެ. އެހިސާބުން ފެށިގެން މި ދަތުރުގައި ފަސްއެނބުރި ބެލުމެއް ނެތެވެ.

"ދެން ޑިޕްލޮމާ ވެސް ހަދައިފިން. ދެން އަޅުގަނޑު ހިތަށް އަރައިފި ޑިގްރީ ވެސް ނަގާލާނީއޭ މިފަހަރު. އެއާ އެކު ރަސްމީކޮށް އިސްލާމް މުދައްރިސަކަށް ބަދަލުވެއްޖެ. ދެން އެކުގައި ޑިގްރީ ހެދި ޓީޗަރުން ބުނެފި މި އުޅެނީ މާސްޓާސް ޕްރޮގްރާމަށް ކުދިން ހަމަނުވެގެންނޭ. އެ ހިސާބުން އެ ފެށުނީ މާސްޓާސް ޕްރޮގްރާމް،" ވަރުބަލިކަމެއް ނެތް ޝައުގުވެރިކަމެއްގައި އަބްދުﷲ ކިޔައިދެމުންދިޔަ އެވެ.

އިސްލާމިކް ސްޓަޑީޒް ޓީޗިންގެ ދާއިރާއިން އޭނާ މާސްޓާސް ޕްރޮގްރާމު ފުރިހަމަކޮށް ދަސްވެނިވީ 2020 ވަނަ އަހަރު އެވެ. ފުރާވަރުގައި ނިވިގެން ދިޔަ ހަޔާތުގައި އަލުން ދަންމަރު ރޯކޮށް ރަނގަޅަށް ދިއްލައި ނިމުނީ އެވެ. އިލްމު ހޯދުމުގެ މި އާދަޔާހިލާފު ދަތުރުގައި ހަމަ ރަނގަޅަށް ވެސް "އަމިއްލަ ދެ ފައި މައްޗަށް" ތެދުވީ އެވެ.

އެކަމަކު އޭނާގެ މި ދަތުރު ނިމެން އަދި ގާތް ވެސް ނުވެ އެވެ.

އާންމު ދިރިއުޅުމުގައި އަޅުގަނޑު މިހެން އުޅޭއިރަކު އެއްވެސް މީހަކަށް އަސްލު އިހުސާސެއް ވެސް ނުވާނެ އަޅުގަނޑަކީ މިކަހަލަ ނުކުޅެދުންތެރިކަމެއް ހުރި މީހެއް ކަމެއް ވެސް. ދިރިއުޅުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް އަމިއްލައަށް ކުރަމުން ގެންދާ މީހެއް އަޅުގަނޑަކީ.

އަބްދުﷲ މުހައްމަދުދީދީ

އިންޓަވިއު ނިންމާލާފައި ގޮސް އޭނާ އެރީ ސިޓިން ރޫމުގައި ހުރި ތިން ފުރޮޅުލީ ބެޓެރި ސައިކަލަށެވެ. އެއަށް ފަހު، ފީރޯޒުވިލާގެ ހިޔަލުން ހަވީރުގެ ފިނި ހިޔަލަށެވެ. އޭނާގެ ރަސްމީ ފިނި ބުރުގެ ވަގުތު އައިސް ޖެހުނީ އެވެ. ފިނި ރޯޅިތައް އައިސް މުޅި ގައިގައި ބައްދައިގަތެވެ.

އަބްދުﷲ އެ ނައްޓާލަނީ ހިތް ފުރިގެންނެވެ. މި މާއްދީ ދުނިޔެއިން އޭނާ އެދޭ އިތުރު އެއްވެސް އެދުމެއް ނެތެވެ. އެއްވެސް އިނާމެއް، ޝަރަފުގެ އެއްވެސް މެޑައްޔެއް ހޯދުމުގެ ޝައުގުވެރިކަމެއް ނެތެވެ. 

އެ ހިތުގައިވީ ލޯތްބާއި އިލްމު މި ދުނިޔެއަށް ހަދިޔާކުރުން ނޫން އެހެން އެއްވެސް އެދުމެއް ނެތެވެ. މާދަމާ ވެސް އޭނާ ނަގައިދޭނީ އައު ފިލާވަޅެކެވެ.

ފީރޯޒު ހުވަފެނެކެވެ. ފީރޯޒު ހަޔާތެކެވެ.

ކޮމެންޓް (6)

ކުއްޖެ

1 ޖެނުއަރީ 2024
އަބްދުﷲ ސާރ އަކީ އަޅުގަނޑަށް އިސްލާމް ކިޔަވާދިން މުދައްރިސް އެއީ ގުރޭޑް 5 ހުރިއިރު ސާރ އަށް ސާބަސް އަބަދުވެސް ކާމިޔާބައް އެދެން ސާރ ގެ ދަރިވަރު
7 0

ޭނަވާއިމް

31 ޑިސެމްބަރު 2023
ވަރަށް ފުރިހަމަ.. ވަރަށް ކިޔާލާހިއްވާ ގޮތަށް ލިޔެެފަ ހުންނަނީ
10 0

މީދޫ ކަލޯ

31 ޑިސެމްބަރު 2023
އަބްދުﷲ އަކީ ހިތްވަރު ގަދަ ބޭފުޅެއް. އަޅުގަނޑު ކިޔެވި އިރު އީއެސް ކިޔާ މާއްދާ ކިޔަވާ ދެއްވި.ސްކޫލުން ބާއްވާ ކުޅިވަރު ހަރަކާތް ތަކުގައި ވެސް ގަވާއިދުން ބައިވެރި ވާނެ.
14 0

ޢަހަމައްދީ

31 ޑިސެމްބަރު 2023
ހިތްވަރުގަދަ މީހެެއް. މިކަހަލަ މީހުނަށް އެވޯޑު ދޭންވީ. މަޖްލިސްގަ އުޅޭ މުދަލަކަށް ނޫން
16 0

އެއްކަލަ ދަޔަ

31 ޑިސެމްބަރު 2023
އަބްދުއްލޯ ސަރ އަބަދުވެސް އެކަނި ވީލް ޗެއާ ގަ އުޅޭ ތަން ފެންނަ ހަނދާން ވޭ، އެއީ 2003 ގަ އަޅުގަނޑަށް 9 އަހަރުގަ.
11 0

ފާތުން

31 ޑިސެމްބަރު 2023
ޝައުގުވެރި .
10 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް