އާތިފް: ދިރިއުޅުމަކީ އުނދަގޫ ކަންކަމާ ކުރިމަތިލުން ކަމަށް ގަބޫލުކުރޭ
100 މޭލަށް ނުދުވެވުނަސް ހިތާމައެއް ނެތް، އުފަލަކީ ކުރެވުނު ހިތްވަރު
މުހިންމު ނުކުތާތައް
އާތިފް އަދިވެސް އުއްމީދު ކުރަނީ މިފަދަ ރޭހެއް ފުރިހަމަކުރަން
ރޭހުގެ ތެރޭގައި އޭނާއަށް ދަސްވި ކަންކަމާއި ލިބުނު ތަޖްރިބާތައް ގިނަ
ތިމާގެ ވިސްނުމާއި ޖިސްމާނީ ބާރު ހުރި ވަރު ބެލުމަކީ އާތިފްގެ ލޯތްބެއް
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުހައްމަދު އާތިފް އިބްރާހިމް، 32، ދުވަން ފެށީ 2017ގަ އެވެ. އެންމެ ސަބަބަކާ ހުރެ އެވެ. ރިސޯޓްގައި އޭނާ އުޅޭ ކޮޓަރި އާއި އޮފީހާ ދެމެދު ހުންނަ 450 މީޓަރުގެ ދުރުމިނަށް ހިނގާފައި ދާން ވެސް ބޮޑު ކަމަށް ވީ އެވެ. އާތިފް ބުނާ ގޮތުން ދުޅަހެޔޮ ލައިފްސްޓައިލެއްގައި އުޅެން ނިންމި ދަތުރުގެ ފެށުމަކީ މި އެވެ. ފިޓުވާން ދުވަން ދާން އަޒުމު ކަނޑައަޅާ ދުވަން ފެށީ އެވެ.
ފުރަތަމަ ދުވަހު، އޭނާ މަސައްކަތްކުރީ އެއް ކިލޯ މީޓަރު ދުވުމަށެވެ. އެކަމަކު އެވަރަށް ވެސް އޭނާއަށް ނުދުވެވުނެވެ. ކަމަކާ ކުރިމަތިލާ ޗެލެންޖްކޮށް އެކަން ހާސިލް ކުރެވުމުން ނޫނީ އެކަން ދޫކޮށްލުމަކީ އޭނާ ގަބޫލުކުރާ ގޮތެއް ނޫނެވެ.
އެއަށް ފަހު ގަވާއިދުން ދުވަން ފަށައި އާތިފް ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭއްވި ތަފާތު އެކި ރޭސްތަކުގައި ބައިވެރިވެފަ އެވެ. ދުވުމަކީ އޭނާގެ ދިރިއުޅުމުގެ ބައެއް ގޮތަށް ހަދައިފަ އެވެ. މި ދުވުންތައް ކާމިޔާބުކަމާ އެކު ނިންމާލައި، މެޑަލް ވެސް ހޯދި އެވެ.
ދިގު ދުވުން ދުވުމުގައި، ފުރަތަމަ އޭނާ ޖެހީ ހާފް މެެރެތަންއެކެވެ. ލ. އަތޮޅުގައި އޮތް 21 ކިލޯމީޓަރުގެ ރޭހުގައި ބައިވެރިވެގެންނެވެ. ދެ ފަރާތުގައި ރުއްގަނޑު އޮންނަ ހިތްގައިމު މަގެއްގައި ހާފް މެރެތަނެއް ޖަހާ ނިންމާލުމަށް ފަހު، އޭގެ ހަތް ދުވަސް ފަހުން އައްޑޫ ސިޓީގައި ބޭއްވި އިތުރު ހާފް މެރެތަނެއްގައި ވެސް އޭނާ ބައިވެރިވި އެވެ.
މިއީ ދިގު ދުވުންތަކުގެ ފެށުމެވެ. އެއަށް ފަހު އޮކްޓޯބަރު 2018ގައި ރާއްޖޭގެ އެންމެ ބޮޑު އެއް ފިޓްނަސް ހައުސް، ޓީއެފްޖީ އިން ހުޅުމާލޭގައި އިންތިޒާމް ކުރި 'ބޮޑު ހާފް'ގައި ބައިވެރިވެ 5 ކިލޯމީޓަރު، 10 ކިލޯ މީޓަރު އަދި 21 ކިލޯމީޓަރަށް ވިދިވިދިގެން ދުވެ ނިންމާލި އެވެ.
އާތިފް އޭނާގެ ފުރަތަމަ މެރަތަން، 42.2 ކިލޯމީޓަރު، ފުރިހަމަކުރީ ލާމު އަތޮޅުގައި 2019ގަ އެވެ. އެ އަހަރުގެ ޖޫން މަހު 60 ކިލޯމީޓަރުގެ އަލްޓްރާ މެރެތަނެއްގައި ވެސް އޭނާ ދުވި އެވެ. އެ ދުވުން ނިންމަން 8 ގަޑި އިރާއި 20 މިނެޓު ހޭދަކުރި އެވެ.
މިހާ ހިސާބުން ވެސް އޭނާ ދިގު ރާސްތާ ދުވުމުގައި ނަގާ ޗެލެންޖްތައް ނިންމާލީއެއް ނޫނެވެ. އާތިފްގެ ދެވަނަ އަލްޓްރާ މެރަތަން، 100 ކިލޯމީޓަރުގެ ދުވުން ޑިސެމްބަރު 2019ގައި އައްޑޫގައި ދުވި އެވެ. މި ދުވުމަށް 15 ގަޑިއިރާއި 51 މިނެޓު ހޭދަކުރި އެވެ.
ލަކްސް ރިސޯޓްގައި ކޮލިޓީ އެންޑް އެޝުއަރެންސްގައި އެސިސްޓަންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ އާތިފް އަކީ ލިޔުންތެރިއެއް ވެސް މެ އެވެ. ކަންކަމާ ކުރިމަތިލުމަށް، ކަންކަމުން އަރައިގަތުމަށް މީހުން މޯޓިވޭޓް ކުރަން އޭނާ މަސައްކަތް ކުރެ އެވެ.
މީހާގެ ފުރިހަމަ ހުނަރާއި ގާބިލިއްޔަތު ބޭނުންކުރަން އާދަތައް ބަދަލުކޮށް މަސައްކަތުގައި ރަނގަޅަށް އުޅޭނެ އުކުޅުތައް އޭނާ ދަސްކޮށްދެ އެވެ. އާތިފްގެ ސޯޝަލް މީޑިއާ ހާވާލައިފި ނަމަ ފެންނާނީ މީހުންނަށް ހިތްވަރުދޭ ކަހަލަ ކޯޓްތަކެވެ.
ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ބާއްވާ ބޮޑެތި ދުވުމުގައި އާތިފް ބައިވެރިވި އެވެ. އެގޮތުން ބާލިން މެރެތަންގައި 2022 އާއި މި އަހަރު ވެސް އޭނާ ބައިވެރިވި އެވެ. އަދި ސިންގަޕޯ މެރެތަންގައި ވެސް ބައިވެރިވި އެވެ.
މި މަހު 6 ވަނަ ދުވަހު ފްރާންސްގައި އޮތް 'ސުޑް ޑީ ފްރާންސް 100 މައިލްސް'، 173 ކިލޯމީޓަރު، ދުވުމުގައި އާތިފް ބައިވެރިވި އެވެ. އެކަމަކު އެ ރޭސް އޭނާއަށް ފުރިހަމަކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ދެބައިކޮޅު އެއްބަޔާ ގާތްކުރާ ވަރަކަށް ދުވި އެވެ.
އާތިފް ވަނީ އޭނާގެ ތަޖުރިބާތައް 'ދައުރު'އަށް ކިޔައިދީފަ އެވެ. ތިރީގައި އެވަނީ އޭގެ ބައެއް ސުވާލާއި ޖަވާބެވެ.
ދައުރު: ސުޑް ޑީ ފްރާންސްގެ އާތިފަށް ދުވެވުނީ ކިހާ މިންވަރެއް؟
އާތިފް: އަހަަންނަށް ދުވެވުނީ 63.7 ކިލޯމީޓަރު. މިއީ 19 ގަޑިއިރާއި 52 މިނެޓް 29 ސިކުންތު ތެރޭ އަހަންނަށް ހާސިލް ކުރެވުނު މިންވަރު.
ދައުރު: އެ ރޭހުގައި ބައިވެރިވާން ނިންމީ ކީއްވެ؟
އިންސާނުންގެ ބުއްދި އާއި ސިކުނޑި ހިނގާ ގޮތާ މެދު އަހަރެން އަބަދުވެސް ޝައުގުވެރިވޭ. އެގޮތުން، ކަމެއް ހާސިލްކުރުމަށް ކަނޑައަޅައިފި ނަމަ އެކަމެއް ހާސިލް ކުރަން ކުރެވެނީ އާދަޔާ ހިލާފް ތަޖުރިބާތަކެއް.
އަަހަރެން ބޭނުންވީ އިންސާނުންނަކީ ކިތަންމެ ނާޒުކު ބައެއް ކަމަށް ވިޔަސް، ކަމެއް ހާސިލްކުރުމަށް ކަނޑައަޅައިފި ނަމަ އެ ނެރޭ އަދާޔާ ހިލާފް ހިތްވަރު ދެނެގަންނަން. މިކަން ކުރެވޭނެ އެއް ގޮތަކީ މިކަން ކޮށްފައިވާ މީހުންގެ ތަޖުރިބާތައް ފޮތްތަކުން ކިޔުން، އެކަމަކު އަހަރެން ބޭނުންވީ މިކަން އަމިއްލަ ނަފްސަށް ތަޖުރިބާކުރަން.
މިކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ދުވަން ނުކުމެގެން. ޓްރެއިލަށް އަރައިގެން. އަމަލީ ގޮތުން މިކަން ކޮށްގެން. އޭރުން އެއީ އަހަރެންގެ އަމިއްލަ ތަޖުރިބާއެއް. މިއީ އަަހަރެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭއްވި 60 އާއި 100 ކިލޯމީޓަރު ދުވުމުގައި ބައިވެރިވި ސަބަބު. އަދި ފްރާންސްގައި ބޭއްވި 100 މޭލުގައި އަަހަރެން ބައިވެރިވީ ވެސް މި ސަބަބާ ހުރެ.
ދިގު ދުވުންތަކުގައި ބައިވެރިވާން ފަސްނުޖެެހެނީ ކީއްވެ؟
[ދިގު ދުވުމުގައި އަލަށް ބައިވެރިވި އަހަރު] 2019އެެކޭ އެއްގޮތަށް އަދިވެސް އަހަރެން ކަންކަމާ ކުރިމަތިލާ ޗެލެންޖް ކުރުމަށް މިހިރީ ފެންބޮވައިގެންފައި. އެވްރިޑޭ ލައިފްގައި މިކަހަލަ ފުރުސަތުތަކެއް ނުލިބޭނެ. އެހެންކަމުން، އަހަރެން ބޭނުންވަނީ އުނދަގޫ ކަންކަމާ ކުރިމަތިލާން. ކެރިގެން ކުރިމަތިލާން. މިފަދަ ކަންކަމުގެ ސަބަބުން މީހާ އެއްކޮށް ޓެސްޓްކޮށްލާނެ. މިއީ އަސްލު މީހާ ބަދަލުވާން ލިބޭ ފުރުސަތެއް. ބިރު ފަހަނަޅާ ގޮސް، ނުވާނެކަން އިހްސާސްވުން ފަދަ ލިމިޓްތައް ބޮލުތެރެއިން ދޭ.
ސުޑް ޑީ ފްރާންސްގެ ތަޖުރިބާއަކީ ކޮބާ؟
މިއީ މީގެ ކުރިން ދުވަހަކު ވެސް އަހަރެން ތަޖުރިބާކޮށްފައިވާ ކަހަލަ ކަމެއް ނޫން. މި ސަބަބާ ހުރެ މިކަން އަހަރެން ފުރަތަމަ ކުރާ ހިތްވީ ވެސް. ޓްރެއިލްގެ ރީތި ކަމާއި ހިތްގައިމުކަމާ އެއްވަރަށް އަހަރެން ފަރުބަދަ އާއި ވާދީތަކާއި ކޯރުތައް ދެކެ ރުޅި ވެސް އައި. އެކަމަކު އަހަންނާ ދިމާވި ވަރަށް ތަފާތު މީހުން. އުމުރުން ދުވަސްވީ މީހުން ވެސް މި ދުވުން ފުރިހަމަކުރުމަށް ޓްރެއިލްގައި މަސައްކަތް ކުރާ ތަން ފެނުނު. މިއީ ގިނަ މީހުން ފަސްޖެހޭނެ ކަމެއް.
އަހަންނަށް އަމިއްލަ ހަށިގަނޑާއި ސިކުނޑި ވަރަށް ބޮޑަށް އެޕްރިޝިއޭޓް ކުރަން ފެށުނު. އަދި ވަރަށް އުފާވި ރާއްޖޭގެ ރަނިން ކޮމިއުނިޓީގެ މީހުން އަހަންނަށް ސަޕޯޓްކޮށް، މި ދަތުރުުގައި އަހަންނަށް ހިތްވަރު ދިނީމަ. ބައެއް މީހުންނަކީ އަހަންނާ ކުރިން ދިމާވި ބައެއް ވެސް ނޫން. އަހަރެން ފައި މައްޗަށް ކޮޅަށް ހުރެ ދުވަން މަސައްކަތް ކުރި އިރު އެމީހުން ތިބީ އަހަންނަށް ސަޕޯޓް ކުރަން ހޭލާ.
ރޫޓް ކިހިނެއް؟ ދުވަން އުނދަގޫތަ؟
މިއީ ފަސޭހަ ރޫޓެއް ނޫން މިކަމަށް މި ކޮންޑިޝަންތަކަށް ހޭނިފައި ނުވާ މީހަކަށް. ސްވިޓްޒަލޭންޑްގައި ފަރުބަދަ މަތީ ހަޓެއްގައި ރައްޓެހިންތަކަކާ އެކު ހުރުމުން މިއީ ކިހާވަރެއްގެ ކަމެއް ކަން ވިސްނުނު. ކިހާ މައްޗަކަށް އަރަން ޖެހޭނެ ކަން. ދުވާލުގެ ވަގުތުގައި ވަރަށް ހޫނު ގަދަ. ރޭގަނޑުވި އިރު ކިރިޔާ ފިނިވަނީ.
އެންމެ އުނދަގޫވީ ކޮން ކަމެއް؟
ފްރާންސްގެ ރަށްފުށު ސަރަހައްދުގައި އުޅެން ވަރަށް އުނދަގޫވި. ފަނަރަ ގަޑިއިރުގެ ދަތުރަކަށް ފަހު ޓެކްސީއެއް ނުލިބިގެން ހޮޓަލަށް ދާން ޖެހުނީ ފޮށިތައް ހިފައިގެން ހިނގާފައި.
ޕަބްލިކް ޓްރާންސްޕޯޓް ދަތިތަކާ ހެދި އަހަރެންގެ ކޯޗު ސުޖާއު އާއި އޭނާގެ އަންހެނުން ހަސްނާއަށް އެއިޑް ސްޓޭޝަންތަކުން ޕްލޭން ކުރި ގޮތަށް ބައްދަލުކުރަން އުނދަގޫވި. އަހަރެމެން އެއްވެސް މީހެއްގެ އަތުގައި ނެތް ޔޫރަޕްގެ ލައިސެންސެއް. އެެހެންވެ ކާރެއް ކުއްޔަށް ނަގަން ވެސް އުނދަގޫވި.
އެއިޑް ސްޓޭޝަންގެ ވޮލަންޓިއަރުންނަށް އިނގިރޭސި ބަސް ނޭނގުމުން އެއީ ދަތިވި ކަމެއް. ކޮންމެ އެއިޑް ސްޓޭޝަނެއްގައި ހޭދަވާ ވަގުތު ދިޔައީ އިތުރުވެގެން.
މީގެ އިތުރުން، މީގެ ކުރިން ދުވަހަކު ވެސް ނުދާ ގައުމެއްގައި ނެވިގޭޓް ކުރަން ވެސް ދަތިވި. އަހަރެންގެ ބުރަކަށީގައި އަލުވާފައި އޮތް ބެކްޕެކްގައި ހުންނާނެ ގާތްގަނޑަކަށް 3-3.5 ކިލޯ. އޭގައި ހުރީ ފަސްޓް އެއިޑް، ރެއިންކޯޓް، ޕޭންޓްސް، ދެ ލީޓަރުގެ ފެން. ބައެއް ކާ އެއްޗެހި، ޕަވާ ބޭންކް ހެޑް ލޭމްޕް.
އެ ދުވުން ފަސޭހައެއް ނޫން. ބިޔަ، ބޯ ގަސްތަކާއި މަގުތަކުން ދުވަން، އެއް ހަމައެއް ނޫން މަގުތަކެއް. ފަރުބަދަ މަތީ މަގުތަކުން މައްޗަށް އަރާ ތިރިއަށް ފަައިބާ ދުވުން އެއީ ފަސޭހަ ކަމަކަށް ނުވި.
އަހަރެންގެ ކޯޗު ސުޖާއު އަދި ރަން ކްރޫ ހަސްނާ ފޯނުން އަހަންނާ ގުޅާ ކުރިއަށް ހުރި އެއިޑް ސްޓޭޝަންތަކާ އެކި އަޕްޑޭޓްތައް ދިން. ނަމަވެސް ފަރުބަދަތައް މަތިވުމުން ސެލްފޯނު ރިސެޕްޝަން ލިބުމުގެ ދަތިތައް ހުރި.
މި ތަޖުރިބާއިން ދަސްވީ ކޮން ކަމެއް؟
މި ތަޖުރިބާއިން އަހަނަށް ދަސްވީ ތައްޔާރުވުމުގެ މުހިއްމު ކަން. އަދި ކަމެއް ދިމާވުމުން ނުވަތަ އެ ހާލަތަކަށް އެޑަޕްޓްވާން ޖެހޭނެ ކަން. އަހަންނަށް މި ދުވުމުގައި ރޫޓް މާކަރެއް މިސްވެ އެއް ކިލޯމީޓަރު ވަރު ދުވަންވާ ކޮޅު ނޫން އެހެން ކޮޅަކަށް ދުވެވުނު.
އަހަރެންގެ ހެޑް ލޭމްޕްގެ ބެޓަރީ ފަތިހު 4:30 ގައި ހުސްވި. މި ކަންކަމަކީ އާއްމުކޮށް ކޮންމެ މީހެއްގެ ވެސް ހިތްވަރު އެލޭނެ ކަހަލަ ކަންކަން. އެކަމަކު މިކަމުން އަރައިގަތީ. އަހަރެން އަސްލު ދާންވީ ކޮޅު ހޯދާ އެ ދިމާލަށް ދިޔައީ. ހެޑްލޭމްޕްގެ ޗާޖުވާ ގޮތަށް ޕަވާބޭންކަށް ގުޅި. މިކަހަލަ ކަންކަން ދިމާވީމާ މި އުނދަގޫތަކުން އަރައިގަންނަން ހޭން ވެސް ހެވޭ.
އެންމެ ބޮޑު ޗެލަންޖަކަށް ވީ ކޮން ކަމެއް؟
ރޭހުގެ ކުރިން ކުޑަކޮށް ދަތުރުކޮށް ހެދުމުން ވަރަށް ބޮޑަށް ޖެޓްލެޖްވެފައި ހުރީ. ނިދަން ބޭނުންވި ވަރަކަށް ނުވެސް ނިދުނު. ދުވަން ފެށިތާ 15 ގަޑިއިރުވި ފަހުން ވަރަށް ބޮޑަށް ނިދި އައިސްފައި ހުރީ. ހީވީ ނިދާފައި ހުރެ ދުވާހެން ވެސް. އެއިޑް ސްޓޭޝަނަކުން ކޮފީ ނުލިބުން އެއީ ވަރަށް ބޮޑު ޗެލެންޖެއް. އެކަމަކު ދުވުންތެރިއެއް އަހަންނަށް މިކަން ކޮށްދިން. 18 ގަޑި އިރުވީ އިރު ކޮފީ ބޯހިތުން ގޮސް، އެއިޑް ސްޓޭޝަނުން ހޯދި ކޮފީ ޕެކެޓެއް ހުހާ ވެސް ކާލިން. ކޮފީގެ ހިތި ރަހައާ އެކު އެކަން ރިގްރެޓް ކުރެވުނު.
މި ދުވުމަށް ކިހާ ދުވަހެއްގެ ތަމްރީނެއް ހެދިން؟
މިދިޔަ މޭ މަހު ކޮންފަމޭޝަން ލިބުނީ. އެންމެ ފުރަތަމަ އަހަރެންގެ ޝަރުތު ހަމަ ނުވެޔޭ ކިޔާފައި ބައިވެރި ވެސް ނުވެވުނު. ޝަރުތަކަށް ވީ 50 ޕްލަސް ކިލޯމީޓަރު 2500 މީޓަރުގެ އެލެވޭޝަން ގެއިނެއްގެ ދުވެފައި ހުރުން. މީގެ މާނައަކީ އަހަރެން 100 ކިލޯމީޓަރުގެ ދުވުން މި ދިޔަ ތިން އަހަރު ދުވިޔަސް މިހާ އުހަށް އަރަން ޖެހޭ ދުވުމެއްގައި ބައިވެރިވެފައި ނުވާތީ އެ ތަޖުރިބާ އަހަރެންގެ ނެތް ކަމަށް. އެހެންވެ އަހަންނަށް ބައިވެރި ނުވެވޭނެއޭ ބުންޏަސް، އީމެއިލް ކޮށްގެން އަހަންނަށް އެންމެ ފަހުން ބައިވެރިވެވޭ ގޮތްވީ.
ރޭހަށް ރެޖިސްޓާވެ ހުރިހާ ކަމެއް ގެރަންޓީވި އިރު އަހަރެންގެ ބައްޕަ އެމަޖެންސީކޮށް އޯޕަން ހާޓް ސާޖަރީއެއް ހަދަން ޖެހުނު. އަދި ވެއްޓި އަނިޔާވުމުގެ ސަބަބުން އަތުގެ އިތުރު ސާޖަރީއެއް ވެސް ހަދަން ޖެހުނު މި އަހަރުގެ ރޯދަ މަހުގެ ކުރިން. މިކަމާ ހެދި އިމޯޝަނަލީ އަހަރެން ހުރީ ކުޑަކޮށް އޯފްކޮށް. ބައްޕަ ކަންތައް އާއިލާގެ އެހެން މީހުންނާ އެކު ބަލަހައްޓަމުން އަހަރެން ތައްޔާރުވީ. އަހަންނަށް އިނގޭ ބައްޕަގެ ސަބަބުން އަހަރެން ކުރަން ބޭނުންވާ ކަމެއް ނުކޮށް ދޫކޮށްލާން ބައްޕަ ބޭނުން ނުވާނެކަން. އަދި އިރާދަކުރެއްވިއްޔާ ބައްޕަގެ ހުރިހާ ކަމެއް މިހާރު ރަނގަޅު.
އިތުރަށް މިފަދަ ދުވުމެއް ދުވަން މަސައްކަތް ކުރާނަންތަ؟
މި ދުވުން ނޫނަސް އެހެން 100 މޭލުގެ ދުވުމެއްގައި ބައިވެރިވާނަން. ރޭސް ނުނިމުނު ހިސާބުން އިނގިއްޖެ މިކަން އަހަރެން ކުރަންވީ ކަން. މިއީ ކަން އަހަރެންގެ މައުންޓަން އަކީ. މިއީ ވޯޓީ މައުންޓަނެއް. ގަޑި އާއި އެފަޓް ލައިގެން ކުރަން ރަނގަޅު ކަމެއް. މިކަން ހާސިލްވުމުގެ ކުރިން ހުއްޓައެއް ނުލާނަން.
މި ދުވުން ދުވި އިރު އަމިއްލަ ނަފްސަށް ޔަގީންކަން ހޯދައިދިނީ ކިހިނެއް؟
އަހަރެންގެ މެންޓްރާއަކަށް ވީ ހަށިގަނޑުގައި ވަރު ހުރިވަރަކުން ވީ އެންމެ ރަނގަޅަކަށް މިކަން ކުރަން. 100 މޭލު ދުވުމަކީ އެއް ފަހަރުން ވާނެ ކަމެއް ވެސް ނޫން. ގައިގައި ހުރި ހުރިހާ ވަރެއް އެއްފަހަރާ ލައި ނިންމާލަން ބޭނުންވިޔަސް އެއީ ދިގު މުއްދަތަކަށް ކުރަން އެންމެ ބުއްދިވެރި ގޮތް ކަމުގައި ނުވެދާނެ. ކަމެއް ކުރުމަށް ބޭނުންވާ ނަމަ، ލޯތްބެއް އޮތް ނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމެއް ގިނަ ދުވަހު ދެމިހުރެވޭނެ ގޮތަކަށް ކުރިއަށް ދިއުން.
ދުވުންތެރިންނަށް ދޭނީ ކޮން މެސެޖެއް؟
އެމީހަކު ޝައުގުވެރިވާ ކަމެއް ކުރަންވީ. އެއީ މޮޔަ ކަމެއް ހެން ހީވިޔަސް. މިކަހަލަ ކަންކަން ކުރުމުން ހަޔާތުގައި އެޑްވެންޗާ ފެންނަނީ.
އަސްލު ތެދު ތެދަށް ބުނާ ނަމަ، ކުރިމަތިލާ ކޮންމެ ކަމެއް ފުރިހަމައަށް އެންމެ ކާމިޔާބު ނުވެދާނެ. އަދި އުނދަގޫ ބޮޑެތި ކަންކަން ކުރާ އިރު ވަރަށް ގިނަ ފަހަރަށް މިސްޓޭކްތަކެއް ހެދި ފެއިލްވާނެ. މިއީ އަސްލު ދަސްވާ ވަގުތު. ކޮން ކަމެއްތޯ ވޯކް ކުރަނީ އަދި ނުކުރަނީ. މިއީ ކުރިއެރުމަކީ. ހުރިހާ ކަމެއް ފުރިހަމަވަން ދެން މަޑުކުރުމުގެ ބަދަލުގައި.
އަހަންނަށް 170 ކިލޯމީޓަރުގެ ރޭހެއްގައި 63.7 ކިލޯމީޓަރު ދުވެ ނުނިންމުމުން ލަދުގަތް. އެކަމަކު އަަހަންނަށް މި ލަދާ އެކު އުޅެވިދާނެ. އެއީ އަހަރެން މިކަން ކުރަން މަސައްކަތް ކުރީމަ. ޓްރައި ކުރީމަ. އުނދަގޫ ކަންކަމާ ކުރިމަތިލީމަ.
ކޮމެންޓް (2)
އިބްރާހީމް އޢ
އަބޫ