
ހަސަން ސުހެއިލް: މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ދަސްކުރުމުގައި 16 އަހަރު ވޭތުކޮށް، 2017 އިން ފެށިގެން އަންނަނީ މާލޭގައި އެމްއެމްއޭ ކިޔަވައިދެމުން
ފިނޑިއެއް ސެންސޭއަކަށް: ސުހެއިލްގެ ހިތްވަރުން ފަހިވި ކާމިޔާބީ
ފޮތެއްގެ ބޭރުގަނޑު ބަލާފައި އޭގެ އެތެރޭގައި ލިޔެފައި ހުރީ ކޮން އެއްޗެއްކަން ކަނޑަނާޅާށޭ ބުނަނީ މިހެންވެ އެވެ. ހަސަން ސުހެއިލްގެ ފޮތުގައި ހުރި އޭނާގެ ހިތްވަރާއި އަޒުމް ދޭހަކޮށްދޭ ބާބުތައް ކިޔައިދިން އިރު އޭގެ އަސަރުން އަހަރެންގެ ޝައުގު ޖަހައިގަނެ ދެމިއޮތީ މެދުނުކެނޑި އެވެ.
މިއީ މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ގައި ރާއްޖޭގެ އެއްވަނަ އެވެ. ސުހެއިލްއަކީ، މާލޭގައި ހިންގާ، އެމްއެމްއޭ ދަސްކޮށްދޭ ތަނެއް ކަމަށްވާ ޑޮމިނެންޓް އެމްއެމްއޭގެ ފައުންޑާ އަދި 'ސެންސޭ' ކަމަކަށް އަހަރެންނަށް ފުރަތަމަ ނަޒަރުން ހަމަހިލާ ގަބޫލެއް ނުކުރެވުނެވެ.
ސުހެއިލްގެ އެމްއެމްއޭ ހަޔާތުގެ ފުރަތަމަ ބިންގާ އެޅުނީ ކަރުނައިގެ މައްޗަށެވެ. އެ ކަރުނަ އޮހޮރުނު ސަބަބު ހޯދަން މާޒީގެ ތެރެއަށް ދާން ޖެހޭ މަގު ގޮސް ހުއްޓެނީ 2007 ވަނަ އަހަރު ސްރީ ލަންކާގައި އުޅުނު ފިނޑިއެއްގެ ހިތަށެވެ.


ފިނޑިއެއް އެމްއެމްއޭއަށް ތައާރަފްވުން
ނޮވެމްބަރު 2007 ގައި، ލަންކާގެ މިކްސްޑް މާޝަލް އާޓްސް ޑޯޖޯއަކަށް ސުހެއިލް އާއި އިތުރު ދެ ދިވެއްސަކު ދިޔަ އެވެ. އޭނާއަކީ ފިނޑިއެއް ކަމަށް އަމިއްލައަށް ކަނޑައަޅައިގެން ހުރި ސުހެއިލް އެ ޑޯޖޯއަށް ދިޔައީ އޭރު އޭނާގެ ކިބައިގައި ހުރި ބަލިކަށި ޝަހުސިއްޔަތަށް ނިމުމެއް ގެންނާށެވެ. އޭނާގެ ހަށީގައި ހަރުލާފައި ހުރި ރަކިކަމާއި ފިނޑިކަން މާޒީއަށް ދޫކޮށްލާށެވެ. މުޅި ހަޔާތް އެއްކޮށް އަނެއް ފުށަށް ޖަހާށެވެ.
އެ ޑޯޖޯއިން ސުހެއިލްއާ ބައްދަލުވީ ޖޭ އެމް މޮހިއްދީން ނަމަކަށް ކިޔާ ސެންސޭއަކާ އެވެ. މޮހިއްދީންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އަޅާލުމާއި ދެވަނައެއް ނުވާވަރުގެ ނަސޭހަތްތަކުން ނުކުތް ނަތީޖާ މީހަކަށް ދައްކާ ނަމަ ސުހެއިލްގެ އެމްއެމްއޭ ހަޔާތުގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް އިޝާރާތްކޮށްލުމުން ފުދޭނެ އެވެ.
ދެވަނަ ބައްޕަ އެވެ؛ ސުހެއިލް މޮހިއްދީން ސިފަކުރީ މިހެންނެވެ. ނަމަވެސް، ސުހެއިލް އާއި އޭނާއާ އެކު ދިޔަ ދެ މީހުން ލައްވާ މޮހިއްދީން ތަހައްމަލުކުރުވީ ވޭނާއި މަލާމާތެވެ.
"ފުރަތަމަ ދިޔަ ދުވަހު ރޮއްވާލީ. އިށީނދެ ބައިންދާފައި، ދެ ފައި ފޭކޮށްފައި ފައިން ބުރަކަށި މައްޗަށް އަރާ ގަންބާލީ ބިމަށް. އަހަރެން މީ 52 ކިލޯގެ މީހެއް. އޭނާގެ ގާތްގަނޑަކަށް 92 ކިލޯ ހުންނާނެ. އެވަރު މީހެއް އެރީމަ ދެން ކިހިނެއް ވާނީ؟ ކަރުނަތައް އޮހިގެން ފޭބީ ހަމަ،" އެއްވެސް މާޔޫސްކަމެއް ނެތި އެ ދުވަހުގެ ހިތި ތަޖުރިބާ ސުހެއިލް އާކުރި އެވެ.
"ދެން އެވަރުން ނުވެގެން ގެންދިޔައީ އެންމެންގެ މެދަށް. ގެންގޮސްފައި ބަވަން ފެއްޓީ. އެންމެން ކުރިމަތީގައި މަލާމާތްކުރަން ފެށީ. މަށަކަށް ނޭނގުނު އެ ވާ ގޮތެއް ވެސް. ހަމަ ވާނުވާގަ މަ އިނީ."
ސުހެއިލް އެތަނަށް އެންމެ ފުރަތަމަ ދިޔައީ ވެސް އޭނާގެ ކިބައިގައި ހުރި ފިނޑިކަން ކަނޑުވާލާށެވެ. އެހެންވެ، އެ ހިސާބުން އަދި ދޫކޮށްނުލާނަމޭ ހިތަށްއަރުވައި، ކުޑަކޮށް ޖެހިލުންވެ ހުރެ ނަމަވެސް، ކުރިއަށް ދިޔައީ އެވެ.
"އޭގެ އަނެއް ދުވަހު ވެސް ދިޔައީ މި ވާ އެއްޗެއް ބަލާލަން،" ސުހެއިލް ބުންޏެވެ.
ދެވަނަ ދުވަހު ސުހެއިލްގެ ދެ ބައިވެރިންގެ ހިލަމެއް ނުވި އެވެ. އެމީހުން ނައުމުން އޭނާގެ ވިސްނުމަށް، އޭގެ ކުރީ ދުވަހު އޭނާގެ ފުރަތަމަ ސެންސޭ އެމީހުންނަށް ޖެއްސި ހާލުގެ ފަހަތުގައި އޮތް ސަބަބު ކުއްލިއަކަށް ސާފުވި އެވެ. އެ ތަދުގެ ފަހަތުގައި އޮތް މާނަ އޭނާއަށް ރޭކާލި އެވެ.
ފުރަތަމަ ޓެސްޓުގައި ކުރިމަތިވި ތަދާއި ލަދުވެތިކަމުން އަރައިގަތީ ސުހެއިލް އެކަންޏެވެ. އެ ހިތްވަރާއި ކެރުމަށް މޮހިއްދީން ސެންސޭ އޭނާއަށް 'އިނާމެއް' ދިނެވެ. އެއީ، އިތުރަށް މީހާ ފުނޑާލުމެވެ. މޮހިއްދީން ސުހެއިލް ހަވާލުކުރީ އެ ޑޯޖޯގެ ބްލެކް ބެލްޓުންނާ އެވެ. އެއީ އެމްއެމްއޭގައި އެންމެ އުހަށް އަރާފައި ތިބި އެންމެ މަތީ ގިންތީގެ މީހުންނެވެ. އިނާމެކޭ ބުނެވެނީ އެ ވޭނާއި ތަދުގެ ސަބަބުން، ސުހެއިލް އެތަނަށް ދިޔަ މަގުސަދު ހާސިލް ކުރެވުމުންނެވެ. އެއީ ފިނޑިކަން ކެނޑިގެން ދިޔުމެވެ.

އެމްއެމްއޭ އަކީ ގަދަ ބާރު ދެއްކުމެއް ނޫން. އެއީ ވަރަށް ބިއުޓިފުލް އާޓެއް. ހިއުމަން އެކްސްޕްރެޝަންތަކެއް. އެ އެކްސްޕްރެޝަން ބޭނުންކުރެވޭނެ ނުބަޔާއި ރަނގަޅު ގޮތް ވަކިކޮށްލަނީ. ކޮންމެ ކަމެއް ވެސް ބޭނުން ކުރެވިދާނެ ރަނގަޅު ނޫނީ ނުބައި ނިޔަތެއްގައި
ޝިން އަޓެމީ އަދި ޑޮމިނެންޓް އެމްއެމްއޭ
ލަންކާގައި އަށް އަހަރު ވަންދެން މޮހިއްދީން ގާތުން އެމްއެމްއޭގެ ފިލާވަޅުތައް ސުހެއިލް ދަސްކުރި އެވެ. އެއީ، އެމްއެމްއޭގެ ދަށުން އަންނަ ތިން ކެޓަގެރީ ކަމަށްވާ ގްރެޕްލް އެންޑް ތުރޯ، ސްޓޭންޑް އަޕް ފައިޓިން، އަދި ގްރައުންޑް ފައިޓިން އެވެ. އެ ތިން ބައި އެއްވުމުން އުފެދޭ އެމްއެމްއޭ ފަންނު އެހެން މީހުންނަށް ދަސްކޮށްދިނުމަށް، ސުހެއިލް މާލެ އައިސް 2017 ގައި ޝިން އަޓެމީ މޯލްޑިވްސް އުފެއްދި އެވެ. އެތަނަށް ލިބުނު ތަރުހީބު އޭނާ އުއްމީދުކުރި ވަރަށް ވުރެ މާ ބޮޑުވެ 42 ދަަރިވަރުން ލިބުނެވެ.
"ހިއެއް ނުުކުރަން އެންމެ ތިން މީހުން ވެސް އަންނާނެއެކޭ. އެއީ އަދި ފުރަތަމަ އަހަރު. އެހެންވެ ވަރަށް މޯޓިވޭޓްވި އެކަމުން. ދެން ދެވަނަ އަހަރު އެ އަދަދު އެރި 70 އަށް،" ސުހެއިލް ކިޔައިދިނެވެ.


ޝިން އަޓެމީއަކީ ވެސް ޖަޕާނުން އައި އެމްއެމްއޭގެ ބާވަތެކެވެ. ސުހެއިލް އިނގިރޭސިވިލާތުގެ ޝިން އަޓެމީ ޑޯޖޯއެއްގައި ބައިވެރިވެ، އެތަނުގެ މާހިރުން ގާތުން ދަސްވެނިވެގެން މާލެ އައިސް އުފެއްދި ޝިން އަޓެމީ މޯލްޑިވްސް ޑޯޖޯގައި ކިޔަވައިދިނީ، އޭނާ ފަހުން އުފެއްދި ޑޮމިނެންޓް އެމްއެމްއޭގައި ދަސްކޮށްދޭ ސްޓައިލްްތަކާއި ފޯމްތަކާ ތަފާތު ސްޓައިލެކެވެ. އެ ސްޓައިލްގައި ބޮޑަށް ބަރޯސާވަނީ އިދިކޮޅު މީހާ ލައިގެން ހުންނަ ޔުނިފޯމް ބޭނުންކޮށްގެން އޭނާ ބަލިކޮށްލުމަށެވެ.
"އެއީ އަސްލު ޖަޕަނީސް ސްޓައިލެއް. އެކަމު ރާއްޖެއަށް އެހާ އިފެކްޓިވްއެއް ނުވާނެ ކަމަށް އަހަންނަށް ވިސްނުނީ،" ސުހެއިލް ކިޔައިދިނެވެ.
"މިތާ މީހުން ނުލާނެ ކިމޯނޯ [ޖަޕާނުގައި މާޝަލް އާޓްސް ޖައްސާއިރު ލާ ހެދުން.] އެހެންވެ އަހަރެން ދަސްކޮށްފައި ހުރި އެއްޗެހި ވޯކްއެއް ނުކުރާނެ މިތާކުއެއް."
އެކަން ދެނެގަނެވުމުގެ ނަތީޖާއަކީ މިހާރު ޑޮމިނެންޓް އެމްއެމްއޭގައި ކިޔަވަައިދޭ ފައިޓިން ސްޓައިލްތައް ތައާރަފްކުރުމެވެ. އެއީ އާންމުކޮށް އެމްއެމްއޭގައި ލާ ކިމޯނޯ ނުވަތަ ޔުނިފޯމް ނުލާ ހަދާ ނޯ ގީގެ ހަރަކާތްތަކެވެ.
"ބޮކްސިން، ކިކްބޮކްސިން، މުއޭތައި، ރެސްލިން، ޖު ޖިޓްސޫ، މި ހުރިހާ ސްޓައިލްތަކުން ވެސް ނޯ ގީ މޫވްސް ނަގާފައި، ބޭރު އެހެން ޕްރޮފެސަރުންނާ ގުޅިގެން އުފެއްދީ ޑޮމިނެންޓް އެމްއެމްއޭ މޯލްޑިވްސް،" ސުހެއިލް ކިޔައިދިނެވެ.
ދިވެހިން ކުޅިވަރަކަށް ނޫން، އަނިޔާއިން ސަލާމަތްވާން
ޑޮމިނެންޓް އެމްއެމްއޭގެ ކްލާސްތަކުގައި މައިގަނޑުގޮތެއްގައި ދަސްކޮށްދެނީ މަގުމަތީގައި އަދި އަސްލު ހަޔާތުގައި ދިމާވެދާނެ ނުރައްކާތަކާ ކުރިމަތިލާށެވެ.
އާންމުގޮތެއްގައި، ބޭރު ގައުމުތަކުގެ އެމްއެމްއޭ ޑޯޖޯތަކުން ދަރިވަރުން ތަމްރީންކުރަނީ ކުޅިވަރެއްގެ ގޮތުގައި އެކަން ކުރުމަށެވެ. ނަމަވެސް ރާއްޖޭގައި މީހުންނާއި ކުދިން އެފަދަ ތަންތަނަށް ދަނީ ކުޅިވަރު ކުޅޭކަށް ނޫނެވެ. ހަގީގަތާ ކުރިމަތިލާން އެހީ ހޯދާށެވެ. އަމިއްލަ މީހާ ދިފާއު ކުރަން ދަސްކުރާށެވެ. ސުހެއިލް ބުނީ އެއީ ހިތާމަވެރި ކަމެއް ކަމަށެވެ.
"ކޮންމެ މީހަކު ވެސް އަންނަނީ 'ބުލީ ވަނ'ީއޭ ކިޔާފައި. އަހަރެން ނަގައިދޭ އަންހެންކުދިންގެ ކުލާހުގެ 15 ކުދިންގެ ތެރެއިން 12 ކުދިންނަކީ ގޭތެެރޭގައި ކޮންމެވެސް އެބިއުސްއެއް ވާ ކުދިން. އެންމެ ތިން ކުދިން ކުޅިވަރަށް އެދަނީ. މިހެންވީމަ ކޮންމެވެސް ގޯހެއް އެބައުޅޭ ދޯ މި ސޮސައިޓީގައި؟" ސުހެއިލް ބުންޏެވެ.
އޭނާ ބުނީ، މިކަމާ ގުޅިގެން، އެމްއެމްއޭގެ ދަށުން ދަސްކޮށްދޭ ތިން ފައިޓިން ފޯމް ވެސް "ސްޓްރީޓް ކޮށްލަނީ" ކަމަށެވެ. އެއީ، ހަގީގަތުގައި ދިމާވާނެ ހާލަތުތައް ޑޯޖޯގައި އުފައްދާ، ދަރިވަރުން އެކަމަށް ތައްޔާރުކުރުމެވެ. މަގުމަތީގައި ނުވަތަ ގޭގައި ވެސް އެފަދަ ހާލަތެއް ދިމާވުމުގެ ކުރިން އެކަމުގެ ބިރު ކަނޑުވާލައި އެފަދަ ވަގުތެއްގައި ކުރިމަަތިވެދާނެ ހާސްކަމެއް އެމްއެމްއޭގެ ތެރެއިން ދުއްވާލަނީ އެވެ.
"އެންމެ ފުރަތަމަ ދުވަހު ވެސް ދަސްކޮށްދެން އެންމެ ބޭސިކް ތިން ޕަންޗު. އެންމެންނަށް ވެސް އެނގުން ރަނގަޅު ތިން ޕަންޗު އެއީ،" ސުހެއިލް ބުންޏެވެ.
"އެމްއެމްއޭ އަކީ ގަދަ ބާރު ދެއްކުމެއް ނޫން. އެއީ ވަރަށް ބިއުޓިފުލް އާޓެއް. ހިއުމަން އެކްސްޕްރެޝަންތަކެއް. އެ އެކްސްޕްރެޝަން ބޭނުންކުރެވޭނެ ނުބަޔާއި ރަނގަޅު ގޮތް ވަކިކޮށްލަނީ. ކޮންމެ ކަމެއް ވެސް ބޭނުން ކުރެވިދާނެ ރަނގަޅު ނޫނީ ނުބައި ނިޔަތެއްގައި."




ސަރަހައްދީ ވަނަތައް
ޝިން އަޓެމީ މޯލްޑިވްސް އާއި ޑޮމިނެންޓް އެމްއެމްއޭގެ އުކުޅުތައް ތަފާތުވިޔަސް، ސުހެއިލް އާއި އޭނާގެ ދަރިވަރުންގެ ފަރާތުން އަބަދުވެސް ފެންނަނީ ދެގޮތެއްނުވާ ޖޯޝެކެވެ. ސަރަހައްދީ ފެންވަރުގައި އެކި ކާމިޔާބީތައް އެމީހުން ވަނީ ހާސިލް ކޮށްފަ އެވެ.
އަބޫ ދާބީ ކޮމްބެޓް ކްލަބްގެ އޭޑީސީސީ މުބާރާތްތައް އެކި ގައުމުތަކުގައި ބާއްވަ އެވެ. މިދިޔަ އަހަރު އޭޭޑީސީސީ ތައިލޭންޑް އަދި އޭޑީސީސީ އިންޑިއާ މުބާރާތްތަކުން ހަތަރު ވަނައެއް ޑޮމިނެންޓް އެމްއެމްއޭގެ ސެންސޭ އާއި ދަރިވަރުން ހާސިލްކުރި އެވެ.


އޭޑީސީސީ ތައިލޭންޑް މުބާރާތުގައި ރާއްޖެ ތަމްސީލްކުރީ ސުހެއިލް އާއި އޭނާގެ ޑޯޖޯއިން ތަމްރީންވި އަހުމަދު އަޝްފާގާއި މުހައްމަދު ވިޝާހު އެވެ. ސުހެއިލް އެބްސޮލޫޓް ޑިވިޝަނުން ރިހި މެޑަލާއި 65 ކިލޯގްރާމް އިންޓަމީޑިއަޓްގެ ރިހި މެޑަލް ހޯދި އެވެ. އަހުމަދު އަޝްފާގު ބިގިނާ 55 ކިލޯގްރާމްގެ ބްރޯންޒް މެޑަލް ހާސިލްކުރިއިރު، މުހައްމަދު ވިޝާހު ވެސް ވަނީ ބިގިނާ ކެޓެގަރީގެ އެބްސޮލޫޓް ޑިވިޝަން ބައިން ބްރޯންޒް މެޑަލް ހޯދާފަ އެވެ.


އެއީ ސަރަހައްދުގެ އެންމެ އުއްމީދީ މީހުން ވާދަކުރާ މުބާރާތެއްގައި އެތައް ބައެއްގެ ތެރެއިން ފުރޭނިގެން އައި، އެމްއެމްއޭއިން ފަހުރުވެރިވުން ހައްގު މެޑަލްތަކެކެވެ. އެ ކާމީޔާބީގެ އިތުރުން، ސުހެއިލްގެ ހިތުގައި ހާއްސަ ފަހުރެއް އޮތީ ސައުތު އޭޝިއަން އޯޕަންގެ ކިޑްސް ޑިވިޝަނުން ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިން އިސްމާއިލް ރިފާއުއާ މެދު އެވެ.
"އެއީ 18 އަހަރުން ދަށުގެ މުޅި ސައުތު އޭޝިއާ ރީޖަންއިން ބްރޯންޒް މެޑަލް ހާސިލްކުރި ދަރިވަރު. ވަރަށް އުފާވޭ މި ވަނައާ ދޭތެރޭ ހާއްސަކޮށް. ހިތްހަމަޖެހޭ މިހާރު މި ކަންތައް ދާ ގޮތާ މެދު،" ރިފާއުއަށް ވަރަށް ޝުކުރުވެރި ރާގަކުން ސުހެއިލްގެ ޝުއޫރު ފާޅުކުރި އެވެ.

'ނީނާ'ގެ ފައިޓް ކޮރިއޮގްރާފަރު
އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމު 'ނީނާ' މި މަހު 6 ވަނަ ދުވަހު އޮޮލިމްޕަހުގައި ރިލީސް ކުރި ފަހުން، ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. އެ ފިލްމުގެ މައި ކެރެކްޓާ ނީނާއަކީ ފަސްނުޖެހޭ ހިތްވަރުގަދަ އަންހެނެކެވެ. އޭނާއަކީ އެމްއެމްއޭ އިންސްޓްރަކްޓަރެއް ވެސް މެ އެވެ. ނުޒުހަތު ޝުއެއިބު ކުޅެފައިވާ އެ ކެރެކްޓާގެ ވާހަކަ ޒަމާނީވެފައި، އަންހެނަކު ކުރިމަތިލާ ރަހުމުކުޑަކަމާއި ވޭން ރަމްޒުކޮށްދިން ގޮތަށް ބަލާއިރު 'ނީނާ' އަކީ އާއްމު ދިވެހި ފިލްމުތަކާ ތަފާތު އަދި މޮޅު ފިލްމެކެވެ.
-
އިތުރަށް ކިޔާލަން - ނީނާ: ފޫހިކަމެއް ނެތި ބަލާލެވުނު މޮޅު އުފެއްދުމެއް
'ނީނާ' އަށް ބެލުންތެރިންގެ ތައުރީފު ރައްދުވާ އަނެއް ސަބަބަކީ ފިލްމުގެ އެކްޝަން މަންޒަރުތަކެވެ. އަސްލާ އެއްގޮތަށް ހަލުވިކަމާ އެކު އެކްޝަން ސީންތައް ކުޅުނު ނުޒުހަތުގެ ކިބައިން އެ ހުނަރު ނެރެން ފިލްމް ޕްރޮޑިއުސްކުރި އައިފިލްމްސް އާއި ޑައިރެކްޓަރު އިލްޔާސް ހޯދީ ސުހެއިލްގެ އިރުޝާދެވެ.
"އެންމެ ފުރަތަމަ ނީނާގެ ޝަހުސިއްޔަތު ރަނގަޅަށް އެނގޭތޯ އުޅުނީ. އެކަން ވަރަށް މުހިއްމުވާނެ ތަޅާއިރު. އަނެއްކާ، ނީނާ ވަކިން އެނގިފައި ނުޒުހަތުގެ ޕާސަނާލިޓީ ވެސް އެބަ ޖެހޭ ދަސްކުރަން. ނޫނީ ވަރަށް އައިބުކޮށް ދައްކާނީ، އެކަން ނުބަލާ މޫވްތަކެއް ކަނޑައަޅައިފިއްޔާ،" ސުހެއިލް ކިޔައިދިނެވެ.
"ނުޒުހަތުގެ ހުރިހާ ފިޒިކަލް ކޭޕެބިލިޓީއެއް ބެލީ ފުރަތަމަ. އޭނަ ނެޗުރަލީ އުޅޭ ހުރިހާ ގޮތެއް. ވަރަށް ގިނަ ކެޓެގަރީތަކަކުން ސްޕާ ކޮށްގެން އެކަން ދަސްވީ. ދެން ހެދީ ސިލަބަހެއް ނުޒުހަތުއަށް ރިއަލިސްޓިކަލީ ހެދޭނެ މޫވްތަކެއްގެ."
ނުޒުހަތުގެ ހަލުވި ކުރިއެރުމާއި އެ ކުރިއެރުމުގެ ފަހަތުގައިވާ މާސިންގާ ހިތްވަރު ސްކްރީނުން ވަރަށް ސާފުކޮށް ފެންނަ ކަމަށް ސުހެއިލް ބުންޏެވެ. ސުހެއިލްގެ ތަޖުރިބާކާރު އިރުޝާދާއި ތަސައްވުރު ނުޒުހަތުގެ ހީވާގިކަމާ ލާމެހުމުގެ ނަތީޖާ ކާމިޔާބުވިކަން އެ ފިލްމުގެ ބެލުންތެރިން ރައްދުކުރާ ތައުރީފުން ސާބިތުކޮށްދެ އެވެ.
ސްޓަންޓް ހަދާ މީހަކު ބޭނުންނުކޮށް ނުޒުހަތު އަމިއްލައަށް ފައިޓް ސީންތައް ކުޅެފައި އޮތުމަކީ 'ނީނާ' އަށް އެހާ ބޮޑު ތަރުހީބެއް ލިބުމުގެ އެއް ސަބަބުކަން ސުހެއިލް ވެސް ފާހަގަކުރި އެވެ.
"އެހާ އެމްޕަވަރިން ވަނީ ވެސް އެހެންވީމަ ކަންނޭނގެ. ބަލާފައި، ނުޒުހަތުކަން އެކަން އެ ކުރަނީ އެނގުނީމަ، އެ އިފެކްޓް އެ އައީ. މިސާލަކަށް އެހެން މީހެއް ކުޅުނު ނަމަ ހިއެއް ނުވޭ، ނީނާގެ ކެރެކްޓާއަށް އެހާ ތަރުހީބު ލިބޭނެ ހެނެއް."
'ސެންސޭގެ' ލަގަބު ހައްގުވާން ލާމަސީލު މިސާލަކަށް
ސުހެއިލް އާއި، ބޭރު ގައުމުތަކުގެ އެމްއެމްއޭ މައިދާނުގައި ފުންނާބުއުސް މީހުންގެ ސަބަބުން، ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ރާއްޖޭގެ ނަން ސަރަހައްދީ ފެންވަރުގައި ވަނީ ވިދާލާފަ އެވެ. ސުހެއިލް ބުނިގޮތުގައި އެއީ އަދި ފެށުމެވެ. މުސްތަގުބަލުގައި ވެސް ބައިނަަލްއަގުވާމީ މުބާރާތްތަކުން ޑޮމިނެންޓް އެމްއެމްއޭ މޯލްޑިވްސްގެ ދަރިވަރުންނަށް އިތުރު ވަނަތައް ހާސިލްކުރުމުގެ މަގު ފަހިކޮށްދޭން އޭނާ ހުރީ ތައްޔާރަށެވެ.
"އެކަކު ވެސް ދޫކޮށްލާކަށް ނުވާނެ. މަ ވާން ޖެހޭނީ ރަނގަޅު މިސާލަކަށް ދަރިވަރުންނަށް. ކޯޗެއްގެ ހައިސިއްޔަތުން ދޭން ޖެހޭ ސަޕޯޓު ލިބުމަށް ފަހު، އެންމެ ކަޑަވެގެން އަންނަ މީހާގެ ވެސް މައިންޑްސެޓް ބަދަލުކޮށްލެވޭނެ. 'ވިލްއެއް' އުފައްދަން ޖެހޭނީ. އޭރުން ދެން ކުރިއެރުން އުނދަގޫ ކަމަކަށް ނުވާނެ،" ސުހެއިލް ބުންޏެވެ.
"އަސްލު އެންމެ ބޮޑަށް ފާހަގަކުރެވެނީ ދަސްކުރަން އަންނަ ކުޑަކުދިންގެ ވިސްނުން ތޫނުކަން. ކަންކަން ނަގައިގަންނަލެއް އަވަސްކަން. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް ދަސްކުރޭ ވަރަށް އަވަހަަށް، ވަރަށް ރަނގަޅަށް."

ސެންސޭއެއްގެ ޒިންމާ އަދާކުރަން ގެންގުޅެން ޖެހޭ ވިސްނުމުގެ ފުންކަން ސުހެއިލްއަށް ކުރިއަކުން ރޭކައެއްނުލަ އެވެ. އޭނާ ބުނިގޮތުގައި ޑޯޖޯ އަލަށް އުފެއްދި ދުވަސްކޮޅު އަމިއްލަ ނަފްސާ މެދު ޝައްކުގެ ނައްސިކަން ފެތުރިގެންދިޔުމުގެ ހުރަހަކަށްވީ އޭނާގެ ދަރިވަރެކެވެ.
"ޝަމަން ދަ މެޖިޝަން، އެއީ މަގޭ ސްޓޫޑެންޓްއެއް، އެކަމު ބޮޑު އިންސްޕިރޭޝަންއެއް އެއީ. ބައެއް ފަހަރު އޭނާ ބަލައިގެން މޫވްތައް އެބަ ރަނގަޅަށް ކިޔައިދެވޭ. މިކޮޅަށް [އެނބުރި ރާއްޖެއަށް] އައިއިރު ކުޑަކޮށް އެކަނިވެރިވި. މަގޭ ސެންސޭ ދޫކޮށްފައި، މިހާރު މަ މި ޖެހެނީ އެގޮތަށް ވާން. އެ ވިސްނުން ގެންނަން ވަރަށް ބޮޑު އެހީއަކަށްވި، ޝަމަންއާ ހެދި،" ސުހެއިލް ބުންޏެވެ.
އަމިއްލަ ނަފްސުން ފިނޑިކަން ފިލުވާލުމަށް އޭނާ ލަންކާގައި 2007 ގައި ފެށި ދިގު ރާސްތާ މަތީ މި ހޭދަވި 16 އަހަރަކީ މުސްތަގުބަލުގައި ދާނެ މަންޒިލާ ދޭތެރޭ އޮތް މަގާ އަޅާބަލާ އިރު ކުރު ދަތުރެކޭ ސުހެއިލްގެ ވިސްނުމުގައި ވުން ގާތެވެ. ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް ވަނަތައް ހާސިލްކުރުމުގެ އަމާޒުގައި ކުރިއަށް ދާން ސުހެއިލް ހުރީ އަޒުމު ކަނޑައަޅައިގެންނެެވެ. މިދިޔަ އަހަރު ޑޮމިނެންޓް އެމްއެމްއޭއިން ހޯދި ވަނަތަކުން ލިބުނީ އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެވެ.
މުސްތަގުބަލުގައި ސުހެއިލް ކުރިއަށްދާނީ ރާއްޖޭގެ ނަމަށް ބޭރު މައިދާންތަކުގައި ފާހަގަކޮށްލެވޭ ސަމާލުކަމަކާއި ތައުރީފު ހޯދުމުގެ މަސަތްކަތުގަ އެވެ. އަދި، އެންމެ މުހިއްމު ކަމަކަށް، މީހުންގެ ހިތުން ބިރާއި ފިނޑިކަން ކަނޑުވައިދިނުމުގެ މަސަތްކަތުގަ އެވެ.
ކޮމެންޓް (1)
ފިނޑި