ގައުމީ ބެޓްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ހުސެއިން ޒަޔާން ޒަކީ، ހިނިތުންވުމުގައި

ޒަޔާން އެ ހިނިތުންވުމުގައި އެ އިނީ ތާރީހު ލިއެލާފައި

ގައުމީ ބެޑްމިންޓަން މުބާރާތުގެ ތިން އިވެންޓްގެ ޗެމްޕިއަންކަން ހޯދި އެހެން ކުޅުންތެރިޔަކު އޭނާ ނޫނީ މިދިއަ 23 އަހަރު ފެނިފައެއް ނުވޭ
8 ޖުލައި 2023

ރަން ތިން މެޑެއްޔާއި ތިން ތަށި ހިފައިގެން ހުސެއިން ޒަޔާން ޒަކީ، އެހާ ބޮޑު ހިނިތުންވުމެއްގައި އެ އިނީ އާދައިގެ ކާމިޔާބީއެއް ލިބުމުގެ އުފަލުގައެއް ނޫނެވެ. އާދަޔާ ހިލާފު ނަތީޖާއެއް ރާއްޖޭގެ ބެޑްމިންޓަންގެ ތާރީހުގައި ލިއެލައިފަ އެވެ. ބުރަ މަސައްކަތެކެވެ. ގަދަ ހިތްވަރެކެވެ.

އެ ތިން ތަށި އުފުލާލައި، ރަން ތިން މެޑެލް ކަރުގައި އަޅާލީ އެއް ދުވަހެއްގެ ތެރޭ ވަރުގަދަ ތިން ފައިނަލް ކުޅެ މޮޅުވެގެންނެވެ.

ރާއްޖޭގައި ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔަކަށް، ޔަގީނުން ވެސް، މިދިއަ 23 އަހަރުގެ ތެރޭގައި، އެފަދަ ކާމިޔާބީއަކާ ހަމައަށް ދަތުރުކުރެވިފައެއް ނުވެ އެވެ. ޒަޔާންގެ ކަރުގައި އެޅުވީ ގައުމީ ބެޓްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަމާއި ޑަބަލްސް ޗެމްޕިއަންކަމާއި މިކްސް ޑަބަލްސް ޗެމްޕިއަންކަމުގެ ރަން މެޑެއްޔެވެ. އޭގެ ތިން ތަށި ވެސް، ގޭގެ ހަރުގަނޑުގައި ބަހައްޓައިފި އެވެ.

"މިއީ ވަރަށް ބޮޑަށް ފޯކަސްކޮށްގެން، ވަރަށް ބުރަކޮށް ކުރި މަސައްކަތެއް،" ފުރަތަމަ ސުވާލާ އެކު ޒަޔާން ބުނެލީ އެހެންނެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔަކީ ޒަޔާންކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު އޭނާއާ އެއްވަރަށް، އެ ފެންވަރުގައި ވާދަކުރާ އެހެން ހަތަރުވަރަކަށް ކުޅުންތެރިން ވެސް އެބަ ތިއްބެވެ. އެހެންކަމުން ގައުމީ މުބާރާތުގެ ތިން އިވެންޓްގެ ޗެމްޕިއަންކަން ހޯދުމަކީ، އުމުރުން ހައެއްކަ އަހަރުގައި ބެޓްމިންޓަން ރެކެޓްގައި ހިފި ކުޅުންތެރިޔާއަށް، ހަޔާތުގެ ވެސް މިހާތަނަށް އެންމެ ބޮޑު ކާމިޔާބީ އެވެ.

މިދިއަ އަހަރު ވެސް ތިން އިވެންޓްގެ ތަށި ނެގުމާ ކައިރިއަށް ޒަޔާން ދިޔަ އެވެ. ނަމަވެސް ސިންގަލްސް ފައިނަލްގައި ނިބާލް އަހުމަދު ހުރީ ހުރަހަކަށް ވެފަ އެވެ. ސީދާ ދެ ސެޓުން 21-14 ،21-17 އިން ޒަޔާން ބަލިކުރީ އޭރު އުމުރުން އެންމެ 20  އަހަރުގެ ބެޑްމިންޓަން ތަރި އެވެ.

ނަމަވެސް މިދިއަ ބުދަދުވަހު މާލޭ އެކުވެނި އިންޑޯ ހޯލްގެ ބެޓްމިންޓަން ކޯޓުގައި ޒަޔާން، އެ މެޗުގައި ހެދުނު ހުރިހާ ގޯސްތަކަކަށް ހުރީ ފިޔަވަޅު އަޅައި، ތައްޔާރުވެގެންނެވެ. އެހެންކަމުން 21-13، 21-16 އިން ނިބާލް ބަލިކޮށް، އެ ދުވަހުގެ އަނެއް ދެ ފައިނަލްގެ ކުރިން، ސިންގަލްސް ޗެމްޕިއަންކަން ހޯދި އެވެ.

"ނިބާލްއަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" ކާމިޔާބީގެ އުފަލުގައި ހުރެ، އޭނާގެ ވާދަވެރިޔާގެ ހިތްވަރަށް ޒަޔާން ތައުރީފްކުރި އެވެ.

"ވަރަށް ބޮޑަށް މެންޓަލީ ތައްޔާރުވެގެން، ގޭމް ޕްލޭނަކާ އެކު ކުޅެގެން މި މޮޅުވެވުނީ. އެ ފެންވަރުގައި ކުޅެވުނީމާ ވަރަށް ހިތްހަމަޖެހޭ."

ވަރަށް ގިނަ ކަންކަން އަސްލު ގުރުބާންކޮށްގެން މި އާދެވުނީ މިހާ ހިސާބަށް

ޒަޔާން ޒަކީ/ ގައުމީ ބެޑްމިންޓަން ޗެމްޕިއަން

އެ ފައިނަލަށް ފަހު އޮތް ޑަބަލްސް ފައިނަލް މެޗުގައި ޒަޔާންގެ ބައިވެރިޔަކީ އަހުމަދު ތޯއިފް އެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދުމުގައި އޭނާއާ އެކު ކުޅުނީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގެވެ.

އުމުރުން 30 އަހަރުގެ ޒަޔާން މީގެ ކުރިން، 2017ގައި ވެސް، ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު މިފަހަރު ތިން އިވެންޓްގެ ތައްޓާ ހަމައަށް ދެވުމަކީ، އޭނާ ސިފަކުރި ގޮތުގައި، "ވަރަށް ތާރީހީ ކާމިޔާބީއެކެ'ވެ.

"އެނގިފައެއް ނެތް ރާއްޖޭގެ ފިރިހެން އެހެން ކުޅުންތެރިޔަކަށް ތިން އިވެންޓް ނެގުނު ކަމެއް. ހަމަ ޔަގީނުން ވެސް 2000ގެ ފަހުން ނެތް،" ޒަޔާން ބުންޏެވެ.

ހަޔާތުގެ ހުވަފެން ހާސިލްކުރުމުގެ ގުރުބާނީ

ބައްޕަ އާއި މަންމަ، ފޫހިފިލުވުމުގެ ގޮތުން ބެޑްމިންޓަން ކުޅުނެވެ. އެ މަންޒަރު ޒަޔާނަށް ފެނުނެވެ. އެހެންކަމުން 'ވަރަށް ކުޑައިރު އަސްލު ރެކެޓްގައި އަތް ލެވިއްޖެ' ކަމަށް އޭނާ ބުންޏެވެ.

އެއީ އުމުރުން ގާތްގަނޑަކަށް ހަ އަހަރެވެ. އެހާ ހިސާބުން ޒަޔާންގެ ކުޅިވަރަކީ ބެޑްމިންޓަނެވެ. އޯ ލެވެލް 2009ގައި ހެދި އިރު އޭނާ ހުރީ ގައުމީ ސްކޮޑަށް އަރައިފަ އެވެ. އެކަމަކު އޭގެ ފަހުން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ހޭދަކުރި ތިން އަހަރު ދިޔައީ ސީރިއަސްކޮށް ބެޑްމިންޓަން ނުކުޅެވި އެވެ. 

އެ ތިން އަހަރަށް ފަހު އަލުން ކޯޓަށް ނުކުމެ ޒަޔާން ސާބިތުކޮށްދިނީ އަދި މިހާރު ވެސް ސާބިތުކޮށްދެމުން އެ އަންނަނީ 'ހަޔާތުގެ ހުވަފެން ހަގީގަތަކަށް ހަދަން ގުރުބާނީތަކެއް ވާން ޖެހޭނެ' ކަމެވެ. އެކަމަކު އެ ގުރުބާނީ ވުމަކީ ބުރަ މަސައްކަތެކެވެ. އެ މަސައްކަތްކުރާނެ ކަމާ މެދު އެއްވެސް މީހަކަށް މިހާރު ޒަޔާނާ މެދު ޝައްކެއް އޮވެގެން ނުވާނެ އެވެ. އޭނާއަކީ ރާއްޖޭގެ އެއް ވަނަ އެވެ.

"ވަރަށް ގިނަ ކަންކަން އަސްލު ގުރުބާންކޮށްގެން މި އާދެވުނީ މިހާ ހިސާބަށް،" ޒަޔާން ބުންޏެވެ.

އެ ގުރުބާނީގެ ފަހަތުގައި ތިބީ އޭނާގެ އާއިލާ އެވެ. އާއިލާގެ އެއްބާރުލުން ނެތް ނަމަ އެ ހުވަފެން އޮތީހީ ހަމަ ހުވަފެނެއްގެ ގޮތުގަ އެވެ. ހުވަފެން ބަލާ މީހެއްގެ ގޮތުގައި ނުހުންނަން އޭނާ ހިފެހެއްޓީ ކުޅިވަރުގެ ރަނގަޅު އުސޫލުތަކުގަ އެވެ. މި ޒަމާނުގެ ޒުވާނުންގެ ގިނަ އާދަތަކަށް ބަލާ ނަމަ، އެ އުސޫލުތައް ދެމެހެއްޓުމަކީ ވެސް، ގުރުބާނީއެކެވެ.

ޒަޔާން މިކްސް ޑަބަލްސް އިވެންޓެއްގައި ކުޅެނީ: އޭނާއަކީ މިހާރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ

"ވަރަށް މުހިންމު ކަމެއް ދީގެން މިހާ ހިސާބަށް މި އާދެވުނީ. މުބާރާތްތައް މިހާ ކައިރި ކައިރީގައި އަންނަ އިރު ސޯޝަލް ލައިފެއް ނުވެސް އޮންނާނެ،" ޒަޔާން ބުންޏެވެ.

"ރޭގަނޑު 9:30 ނޫނީ އެންމެ ލަސްވެގެން 10 ޖަހާއިރު އެބަ ނިދަން. ދެން ފަތިހު އެބަ ހޭލަން. ދުވާލަކު ދެ އިރު ޓްރެއިން ހަދަން ޖެހޭ."

މި ބުރަ މަސައްކަތުގައި މިދިއަ ބުދަދުވަހު އޭނާއަށް ވާސިލްވެވުނު މަންޒިލަކީ އަދި ނިމުމެއް ނޫނެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެކު ގައުމީ ޓީމު މިހާރު ފަރިތަކުރަމުން އެ އަންނަނީ އަންނަ މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. އޭގެ ފަހުން އޭޝިއަން ގޭމްސް އެވެ. ދެން އޮތީ އެއަށް ވުރެ ވެސް ބޮޑު އުއްމީދެކެވެ؛ އަންނަ އަހަރުގެ ޕެރިސް އޮލިމްޕިކް ގޭމްސް އެވެ.

އޮލިމްޕިކް ގޭމްސްގެ ބެޑްމިންޓަންގައި ބައިވެރިވެވެނީ ކޮލިފައިވެގެންނެވެ. އެ ފުރުސަތު ހޯދަން ބޭރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް ވަކި ވަރަކަށް ޕޮއިންޓް ހަމަކުރަން ޖެހެ އެވެ. އަންނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް އޮތް އެ ފުރުސަތަށްޓަކައި ދާއޮހޮރުވަން އޭނާ އެ ހުރީ ތައްޔާރަށެވެ.

"އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް،" ޒަޔާން ބުންޏެވެ.

އައިއޯއައިޖީގައި ރަން މެޑެލް

އޮލިމްޕިކްސްގެ ފުރުސަތުގެ ފަހަތުން ދަތުރުކުރުމުގެ ކުރިން އައިއޯއައިޖީގެ ބެޓްމިންޓަންގައި ރަން މެޑެލް ހޯދަން ދިވެހި ކުޅުންތެރިން ކަނޑައަޅާފައި އޮތް އަޒުމް އެބަ އޮތެވެ. ޒަޔާންއަކީ އޭގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ނުވަތަ ޓީމުގެ އެއް އުއްމީދެވެ.

މީގެ ކުރިން 2019ގެ އައިއޯއައިޖީގައި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު ވަނީ އަންހެން ސިންގަލްސް އިން ރަން މެޑެލް ހޯދައިފަ އެވެ. އެއީ ބެޑްމިންޓަންގައި ބޭރުގެ މުބާރާތަކުން ރަން މެޑެލް ހޯދި ދިވެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ޒަޔާންއާ އެކު މިފަހަރުގެ ގައުމީ މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ނެގި ނަބާހާ އާއި ނަބީހާއަކީ އެއްމާބަނޑު ދެބެންނެވެ. އައިއޯއައިޖީގައި ނަބީހާ ރަން މެޑެލް ހޯދިތާ ތިން މަސް ފަހުން ޕާކިސްތާނުގައި އޮތް ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ނަބާހާ އާއި ޒަޔާން ކާމިޔާބުކުރި އެވެ.

 ޕާކިސްތާނުގައި އޮތް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ޒަޔާން އާއި ނަބީހާ އަދި ނަބާހާ ތައްޓާ އެކު

ޒަޔާން ބުނީ ކުރިއަށް އޮތް އައިއޯއައިޖީގައި 'ތިނެއް ނޫނީ ހަތަރު ރަަން މެޑެއްޔަށް އުއްމީދުކުރާ' ކަމަށެވެ.

"ޓީމު ވަރަށް ރަނގަޅަށް ތަމްރީންތައް ހަދަމުން އަންނަނީ،" އޭނާ ބުންޏެވެ.

"ވަރަށް ބޭނުން ޕާކިސްތާންގައި އޮތް މުބާރާތަށް ވުރެ ބޮޑު މުބާރާތެއްގެ ރަން މެޑެލް ހޯދަން. އެއީ ދިވެހިންނަށް ވެސް އެޗީވްވަބްލް [ހާސިލްކުރެވޭނެ] ކަމެއް ކަން ސާބިތުކޮށްދިނުން. ދިވެހިންނަށް ވެސް އެވަރަށް ކޮމިޓްމެންޓް ދެވިއްޖެއްޔާ ކުރެވޭނެކަން. ދެން އަރަން ތިބި ކުޅުންތެރިންނަށް ވެސް ހިތްވަަރަކަށް ވާނެ."

މިހާތަނަށް ޒަޔާން ދައްކައިދީފައި ވަނީ އެ ހިތްވަރެވެ. މާޔޫސްކަމުގެ ތެރެއިން ވެސް އޭނާ ނެރުނީ ހިތްވަރެވެ. ކުރިމަތިވި ތަފާތު މައްސަލަތަކުން ސަލާމަތްވީ ވެސް ހިތްވަރުންނެވެ.

ތިން މެޑެއްޔާއި ތިން ތައްޓާ އެކު، އޭނާގެ ފޭސްބުކް ޕޭޖްގައި އާންމުކުރި އެ ފޮޓޯ، އެހުރިހާ ކަމެއްގެ ފަހުގެ ނަތީޖާއަކީ ކޮބައިކަން ސާބިތުކޮށްދޭން ފުދެ އެވެ.

ތާރީހީ ބޮޑެތި ކަންކަން ހާސިލްކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ މަސައްކަތެއް ނޫނެވެ.

ޒަޔާންއަށް މަރުހަބާ އެވެ. ސާބަހެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް