އިސްމާއިލް ސައިމަން އާއި އޭނާގެ އަންހެނުން ހައްވާ އިއްފަތު: އިއްފަތު ވަނީ ސައިމަންއަށް އޭނާގެ ކިޑްނީއެއް ހަދިޔާ ކޮށްފައި

ލޯބި

އިންސާނިއްޔަތުކަމުން ފުރިފައި އޮތް ލޯތްބެއް، ފިރިމީހާއަށް ދިނީ ކިޑްނީ

ސައިމަން އާއި އިއްފަތު ދިމާވީ އިންސްޓަގްރާމް އިން؛ ކައިވެނިކޮށް ދަރިއެއް ލިބުމަށް ފަހު ކިޑްނީ ޓްރާންސްޕްލާންޓްކޮށް ހާލު އަންނަނީ ރަނގަޅުވަމުން

މުހިންމު ނުކުތާތައް

ސައިމަންގެ ކިޑްނީ ބަދަލުކުރީ ޑައެލިސިސްގެ ތަކުލީފުގައި އުޅޭތާ ހަތަރު އަަހަރު ފަހުން

ދެ މީހުން ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ވެސް އިއްފަތު އައީ ސައިމަން އަށް ކިޑްނީ ދޭން ހުށަހަޅަމުން

ދެމަފިރިންގެ މި ދަތުރުގައި އެންމެ ބޮޑު ބާރަކަށް ވީ އާއިލާގެ އެއްބާރުލުމާއި އެހީތެރިކަން

ކާ ހިތްނުވުން، އަނގައިގައި ނުބައި ރަހައެއް ލުން އަދި ވަރަށް ބޮޑަށް ބަރުދަން ލުއިވާން ފެށުމަކީ އިސްމާއިލް ސައިމަން، 38، މީގެ ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ކުރިން ޑޮކްޓަރަށް ދެއްކި ސަބަބެވެ. މި އާލާމަތްތަކަކީ އާދައިގެ ކުޑަ ކަމެއް ނޫންކަން އޭނާއަށް ޑޮކްޓަރުންގެ ފަރާތުން އެނގުނީ 2019 ވަނަ އަހަރު އެވެ. ސައިމަންގެ ދެ ކިޑްނީ ފެއިލްވެފައިވާކަން ޓެސްޓްތަކުގެ ނަތީޖާތަކުން ދެއްކި އެވެ. އޭނާއަށް މަޖުބޫރުވީ ޑައެލިސިސް ހަދަން ފަށާށެވެ.

"އަހަރެން ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވި،" ސައިމަން ބުންޏެވެ.

އެކަމަކު ދެން އޭނާގެ އަތުގައި ހިފި ނަސީބު ބޮޑެވެ. އިންސްޓަގްރާމް އިން ބައްދަލުވެ، ކައިވެނީގެ ގޮތުން ގުޅުނު އަންހެނުން ހައްވާ އިއްފަތު، 33، އަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ލޯތްބެވެ. އަދި ނަސީބެވެ.

ސައިމަން ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ

ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ޑައެލިސިސް ހަދަން ޖެހުނު އިރު ސައިމަން އަކީ ދަތުރު ކުރާ ހިތްވާ މީހެކެވެ. އޭނާ ތަނަކަށް ޗުއްޓީއަށް ދިޔަޔަސް އެންމެ ފުރަތަމަ ބަލަން ޖެހެނީ އެތަނެއްގައި ޑައެލިސިސް ހެދޭ ފެންވަރުގެ ހޮސްޕިޓަލެއް ހުރިތޯ އެވެ. ޓްރީޓޮޕް ހޮސްޕިޓަލް، އައިޖީއެމްއެެެޗް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ސްރީ ލަންކާ އަދި ފުވައްމުލަކު ހޮސްޕިޓަލްގައި އޭނާ ޑައެލިސިސް ހަދާފައިވެ އެވެ.

"ބައިވަރު ރަށްތަކަށް ދާން ބޭނުން. އެކަމަކު ޑައެލިސިސް ނުހެދޭތީ ނުދެވޭ. އާއިލާއާ އެކީ ތަނަކަށް ދާން ބެލިޔަސް އެންމެ ފުރަތަމަ ބަލަން ޖެހެނީ ޑައެލިސިސް ހެދޭތޯ،" ކިޑްނީ ފެއިލްވުމަށް ފަހު އޭނާގެ ދިރިއުޅުމަށް އައި ބަދަލު ކިޔައިދެމުން ސައިމަން ބުންޏެވެ.

ސައިމަން ޑައެލިސިސް ފެށިތާ ފަސް މަސް ފަހުން އިއްފަތުއާ ކައިވެނިކުރި އެވެ.

"އިއްފަތު އަކީ މި ދަތުރުގައި އަހަރެންގެ އެންމެ ބޮޑު ހިތްވަރު. އަބަދުވެސް އޭނާ އައީ އަހަރެން މޯޓިވޭޓްކޮށްދެމުން. ހިތްވަރު އެލުވާ ނުލުމަށް ބުނަމުން،" ސައިމަން ކިޔައިދިނެވެ.

އިއްފަތު އާއި ސައިމަން ޓްރީޓޮޕް ހޮސްޕިޓަލްގައި 

އިއްފަތުއަށް ސައިމަންގެ ބަލި ހާލަތު ކައިވެނީގެ ކުރިން ވެސް އެނގެ އެވެ. އޭރު ވެސް އޭނާ ގެންދިޔައީ އެއް ކިޑްނީ ސައިމަންއަށް ދޭން ހުށަހަޅަމުންނެވެ. އިއްތިފާގުން ދެ މީހުންގެ ވެސް ލޭގެ ގުރޫޕަކީ 'އޯ' ޕޮޒިޓިވް އެވެ. އިއްފަތުގެ ކިޑްނީއެއް ކާމިޔާބުކަމާ އެކު ޓްރާންސްޕްލާންޓްކޮށް، ސައިމަންގެ ހަށިގަނޑުން އެ ކިޑްނީ ގަބޫލުކޮށްފި ނަމަ ސައިމަންއަށް ކުރިމަތިވެފައި އޮތް ޑައެލިސިސް ހެދުމުގެ ތަކްލީފް ނިމުމަކަށް އައުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ އުއްމީދުކުރާ ކަހަލަ އުފާވެރި ދިރިއުޅުމެއް ސައިމަންއަށް ވޭތު ކުރެވޭނެ މަގުފަހިކޮށްދޭން އިއްފަތު ހުރީ ތައްޔާރަށެވެ.

އެކަމަކު އިއްފަތުގެ ކިޑްނީ ގަބޫލުކުރާކަށް ސައިމަން އެންމެ ފުރަތަމަ އެއްބަހެއް ނުވި އެވެ. 

"އިއްފަތު އާއި އަހަންނަކީ ފުރިހަމަ މެޗެއް. އެކަމަކު ބޮލުތެރޭގައި އޮތީ އިއްފަތުއަށް ކުރިމަތިވެދާނެ ރިސްކްތައް. އޭނާ ގެއްލޭކަށް އަހަރެން ބޭނުމެއް ނޫން،" އިއްްފަތު އޭނާ އަށް ކިޑްނީ ހުށަހެޅުމުން ފުރަތަމަ ކުރެވުނު އިހްސާސްތައް ސައިމަން ކިޔައިދިނެވެ.

ނަމަވެސް އެއް ކިޑްނީ އިން ދުޅަހެޔޮ ދިިރިއުޅުމެއް އިއްފަތުއަށް އުޅެވޭނެ ކަމުގެ ޔަގީންކަން، ޑޮކްޓަރުން ދިން މައުލޫމާތުންނާއި އަމިއްލަ ދިރާސާއިން ލިބުމާ އެކު ސައިމަން އިއްފަތުގެ ކިޑްނީ ގަބޫލުކުރި އެވެ.

އިއްފަތު ބުނިގޮތުގައި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން އެކުވެރިންގެ ގޮތުގައި ދެ މީހުން ތިބި އިރު ވެސް، ސައިމަންއަށް އޭނާގެ އެއް ކިޑްނީ ހަދިޔާ ކުރަން ބޭނުންވީ، އިންސާނިއްޔަތަށްޓަކަ އެވެ.

"އަހަރެމެން ދެ މީހުން އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަވެ، ކައިވެންޏާ ހަމައަށް ދިޔަ އިރު ވެސް [ކިޑްނީ] ޑޮނޭޓް ކުރުމުގެ ނިޔަތް އޮތީ ހަމަ އެހެން،" އިއްފަތު ބުންޏެވެ.

"ސައިމަންގެ ބައްޔަކީ އަހަންނަށް މައްސަަލައެއް ނޫން. އަހަންނަށް ފެނުނީ އަހަރެން ދެކެ އަދި އަހަރެންގެ ދަރިފުޅު [ކުރީގެ ކައިވެންޏަކަށް ލިބިފައިވާ ދަރިފުޅު] ދެކެ ލޯބިވާ މީހެއް. އަހަރެން ބޭނުމީ މުޅި ހަޔާތް އޭނާއާ އެކު ހޭދަކުރަން."

ސައިމަން އާއި އިއްފަތުއަށް މިދިޔަ ނޮވެމްބަރުގައި ވަނީ އަންހެންކުއްޖަކު ލިބިފަ އެވެ. އެއީ ކިޑްނީ ޓްރާންސްޕްލާންޓާ އެމީހުން ގާތްކޮށްދިން އެއް ސަބަބެވެ.

ސައިމަން އާއި އިއްފަތު، އެމީހުންނަށް ދަރިއަކު ލިބޭތީ އުފާފާޅުކުރުމަށް ބޭއްވި ކުޑަ ޕާޓީއެއްގެ ތެރެއިން
ސައިމަން އާއި އިއްފަތު އެމީހުންގެ ތުއްތު ދަރިފުޅާ އެކު

ތުރުކީގެ އައިއޭޔޫވީއެމް މެޑިކަލް ޕާކް ފްލޯޔާ ހޮސްޕިޓަލުގައި މި މަހު 1ގައި ކާމިޔާބުކަމާ އެކު އިއްފަތުގެ ކިޑްނީ ސައިމަން އަށް ވަނީ ބަދަލު ކޮށްފަ އެވެ. އޮޕަރޭޝަނަށް ފަހު ސައިމަންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

"އިއްފަތުގެ ހިތްވަރާއި އިންސާނިއްޔަތުކަން، އަދި އެއްވެސް އަމިއްލަ އެދުމެއް ނެތި އަހަރެން ދެކެ ވާ ލޯބި އަހަރެން ބަލައިގަންނަން،" ސައިމަން ބުންޏެވެ.

ސައިމަން އާއި އިއްފަތު ތުރުކީގެ ހޮސްޕިޓަލުގައި 
ސައިމަން އޭނާގެ އާއިލާއާ އެކު 

ސައިމަން ބުނީ އޭނާ އަށް މި ދަތުރުގައި އިއްފަތުގެ އިތުުރުން އެންމެ ބޮޑު ހިތްވަރެއް ދިނީ އާއިލާ މީހުން ކަމަށެވެ. މައިދައިތަ، މަންމަ އަދި އެއްބަނޑު އެއްބަފާ މީހުންނެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އޭނާ އަށް ލިބުނު އޯގާތެރިކަން ވެސް ހިތުން ފިލައިގެން ނުދާނެކަން ސައިމަން ފާހަގަކުރި އެވެ.

ސައިމަން އޭނާގެ މަންްމަ (ކ) އަދި މައިދައިތަ (ވ) އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން

އެކަމަކު މި ދަތުރުގައި އޮތް ބަނަކަމެއް ވެސް ސައިމަންއަށް ކުރިމަތިވި އެވެ؛ ބައްޕަ މުހައްމަދު ތައުފީގު ނިޔާވުމެވެ. އޭނާ ދެކޭ ގޮތުގައި ކާފަދަރިފުޅާ ބައްދަލުނުވެ، ބައްޕަ ނިޔާވުމަކީ 'ހަޔާތަށް އައި އަނދިރިކަމެކެ'ވެ. 

އޭނާގެ ކިޑްނީ ފެއިލްވެފައިވާކަން ބައްޕަ ކައިރީ ބުނަން ޖެހިލުންވި އެވެ.

"ބައްޕަގެ ބަލި ހާލަތު ހުރި ގޮތުން ބުނަން ޖެހިލުންވި،" ސައިމަން ބުންޏެވެ. 

ނަމަވެސް ކައިވެންޏަށް ފަހު ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ދަތުރު ފެށިކަމުގެ އުފާވެރި ހަބަރު ބައްޕައަށް ދިނެވެ.

"ބައްޕަގެ ފުރިހަމަ ސަޕޯޓާއި ހިތްވަރު ދިން އަހަންނަށް،" ސައިމަން ބުންޏެވެ. 

އެކަމަކު އޭނާގެ އަލަތު ދަރިފުޅު ދުނިޔެއަށް އައި އިރު އަދި ކިޑްނީ ޓްރާންސްޕްލާންޓް އާއި ހިސާބަށް ދެވުނު އިރު ބައްޕަ ނިޔާވެއްޖެ އެވެ. އުމުރުން 66 އަހަރުގައި މިދިއަ އަހަރު ތައުފީގު ނިޔާވީ އޭނާގެ ދަރިފުޅު ފުރިހަމަ ސިއްހަތަކަށް އަނބުރާ އަންނަ ތަން ނުފެނި އެވެ.

އިއްފަތު ބުނީ އެހެން މީހަކަށް އޭނާގެ ކިޑްނީއެއް ދިނުމާ މެދު ހިތުގައި ބިރުވެރިކަމެއް ނެތް ކަމަށެވެ. ސައިމަން ބަލި ހާލަތުން އަރައިގަނެ، ޑައެލިސިސް ހަދަން ނުޖެހުމަކީ އޭނާގެ ހިތަށް ލިބޭ ބޮޑު ފިނިކަމެއް ކަމަށް ވެސް ދެކެ އެވެ.

"އަހަރެން އައީ ބުނަމުން ސައިމަން ގާތު އިންޝާﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ. މިހާރު ސައިމަން އެ އަންނަނީ ރިކަވާ ވަމުން،" އިއްފަތު ބުންޏެެވެ.

ސައިމަން އާއި އިއްފަތު ތުރުކީގައި ކިޑްނީ ޓްރާންސްޕްލާންޓަށް ތައްޔާރުވެގެން

އޭނާގެ ނިންމުމަށް އާއިލާއިން ދިން އެއްބާރުލުން ވެސް އިއްފަތު ފާހަގަކުރި އެވެ.

"އަހަރެންގެ އާއިލާއިން އަހަރެންގެ ނިންމުމަށް އެއްވެސް ހުރަހެއް ނާޅާ. ވަރަށް ޕޮޒިޓިވްކޮށް ނެގީ،" އިއްފަތު ބުންޏެވެ.

އެމީހުންނަށް ހެޔޮ ދުއާ ކޮށްދިން އެންމެންނަށާއި މިފަދަ ބޮޑު ކަމަކުން އަަރައިގަތުމަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްދިން ގާތް އެންމެންނަށް ދެމަފިރިންގެ ޝުކުރު ބަންޑުންކުރި އެވެ.

އިއްފަތު އޭނާގެ ދޮށީ ދަރިފުޅާއި ފިރިމީހާ ސައިމަންއާ އެކު

އިއްފަތު އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް ހަށިގަނޑުން ގުނަވަނެއް ދީ މި ދެއްކީ ލޯބީގެ އިތުރުން އިންސާނިއްޔާތުކަމުގެ ވެސް ރީތި މިސާލެކެވެ.

ދެމަފިރިންނަށް ބާއްޖަވެރި، އުފާވެރި ހަޔާތަކަށް އެދެމެވެ.

ކޮމެންޓް (2)

އަމްނާ

22 ޖޫން 2023
މާތްﷲ ތިދިރިއުޅުމުގައި ބަރަކާތް ލައްވާށި ބަލިހާލަތުގައި ވާ އެންމެހާ މުސްލިމުންނަށް އަވަސްޝިފާ އަދި ކެއްތެރިކަން ދެއްވާށި އާމީން.......
17 0

ސްމޭޝް

22 ޖޫން 2023
ރާއްޖޭގައި ވެސް ތިކަން އާމުކޮށް ގަބޫލުކުރަން ޖެހޭ! އިންޑިއާގައި މީގެ އެތަކެއް އަހަރެއް ކުރިން އާއްމު އާދައެއްގެ ގޮތުގައި ފިރިމީހާގެ ކިޑްނީ އަނބިމީހާއަށް އަދި އަނބިމީހާގެ ކިޑްނީ ފިމީހާޔަށް ހަދިޔާ ކުރަމުން އާދޭ! އެއީ ޒަވާޖީ ހަޔާތެއް ފަށާއިރު ވެވޭ އަހުދުގެ ރީތި ނަމޫނާއެއް!
19 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް