އަހުމަދު ރިޔާޒް އާއި އޭނާގެ އަނބިމީހާ މީކޫ ކިނޯޝިޓާ 'ދައުރު'ގެ ފޮޓޯއަކަށް ހުއްޓިލައިގެން (ދައުރު ފޮޓޯ)
މާފުށިން މިފަހަރު މޫދާ ދޯޅު މި އާއިލާ
ކ. މާފުށްޓަކީ މުޅިން ތަފާތު މާހައުލެކެވެ. ކޮންމެ ދިމާލަކުން ވެސް ފަތުރުވެރިން ފެނެ އެވެ. މާލޭގެ ހަލަބޮލި ދިރިއުޅުމުން ދުރަށްޖެހިލުމުގެ ބޭނުމުގައި ހަފްތާބަންދުގައި މާފުއްޓަށް ދާ ދިވެހިން ވެސް ގިނަ އެވެ. އަހަރެން މާފުށީ ބީޗުގައި ވައިޖައްސާލަން އިށީނދެ އިންދާ ލޮލުގައި އަޅައިގަތީ ފޯނަކުން ލަވަޖަަހަމުން ދިޔަ ކުޑަކުއްޖެކެވެ. އޭނާ މިއުޒިކާ އެއްވަރަށް ބޯ ޖަހާލަޖަހާލާ ހުރެފައި ދެން އެނބުރުނީ މުޅިން ތަފާތު ކަމަކަށެވެ.
އެ ކުއްޖާ ފޯނާ ދޯޅު ވަރަށް މޫދާ ވެސް ދޯޅެވެ. ކުޑަ ސާފްބޯޑަކުން އެހެން މީހެއްގެ އެހީތެރިކަމާ އެކު ރާޅާއަޅަމުން ގެންދިޔަ އެވެ.
މިއީ މާފުށީގެ މާމުޑާ ވޯޓާސްޕޯޓްސް ހިންގާ އަހުމަދު ރިޔާޒްގެ އެންމަ ހަގު ދަރިފުޅު ކައި ރީފް ރިޔާޒް އެވެ. އަހުމަދާއި ޖަޕާނުގެ މީކޫ ކިނޯޝިޓާގެ ދަރިފުޅެވެ.
މާފުށްޓަށް އުފަން ރިޔާޒް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުުވެރިންނަށް ވޯޓާސްޕޯޓްސްގެ ހިދުމަތް ދިނުމެވެ. ޖެޓް ސްކީ، ޖެޓް ޓިއުބް، ކައިޓް ސާފިން އަދި ޕެރަސެއިލިން ފަދަ ގިނަ ހިދުމަތްތަކެއް އޭނާގެ ކިއޮސްކުން ދެ އެވެ.
ކައި އާއި ރިޔާޒް ތަފާތެވެ. ކައި އަށް މި އޮތީ މިނިވަންކަމާ އެކު މޫދަށް އެރި، ގޮނޑުދޮށުގައި ހުސްފަޔާ އުޅެން ހިތަކަށް ލިބިފަ އެވެ. ރިޔާޒް އޭނާގެ ޅަފަތުގެ ދުވަސްތައް ރަށުގައި ހޭދަކުރި އިރު މޫދަށް އެރެން ޖެހުނީ މައިންބަފައިންނަށް ވަގަށެވެ. އެއީ މައިންބަފައިން ހިތްވަރު ދިން ކަމެއް ނޫނެވެ. އެކަމަކު ވެސް، ވަށައިގެން އޮތް ރީތި ވިލުނޫ މޫދަށް ހިތްކިޔާ ވަރުން، ސިއްރުން މޫދަށް އެރެނީ އެވެ. ރިޔާޒް ބުނިގޮތުގައި މޫދަށް އެރިފައި ގޮސް ގެއަށް ވަންނަ އިރު އުޅަނބޮއްޓާއި ކަންފަތް ކައިރިން ލޮނު ރަހަ ލާތޯ މަންމަަ ބަލަ އެވެ.
ރަށު ސްކޫލުން ކިޔެވުމަށް ފަހު މާލޭގައި ކިޔަވަން ރިޔާޒަށް ފުރުސަތު ލިބުނެވެ. ސްކޫލް ނިންމާފައި ސިފައިންގެއަށް ނުވަދެ އޭނާ ބޭނުންވީ އެނބުރި ރަށަށް ގޮސް އަމިއްލަ ރަށުގައި ދިރިއުޅުން ބިނާކުރުމަށެވެ. މާލޭގައި ގަނަތެޅުމުގެ ބަދަލުގައި ރަށުގެ ހިތްގައިމު މާހައުލުން އޭނާ އަށް މާ ރީތި އަދި ރަނގަޅު ދިރިއުޅުމެއް ލިބޭނެ ކަމުގެ އުއްމީދު ރިޔާޒަށް އޮތެވެ.
އާޓާއި މިއުޒިކާއި މޫދަށް ފޯރި ހުންނަ ރިޔާޒްގެ ފުރަތަމަ ވަޒިފާއަކަށްވީ މާފުށީގައި އޭރު ގާއިމްކޮށްފައި ހުރި 'އިސްލާހިއްޔާ'ގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އޭގެ ފަހުން، އެހެން މީހަކާ ގުޅިގެން، ވޯޓާސްޕޯޓްސްގެ ހިދުމަތެއް ތައާރަފްކޮށް މަސައްކަތް ކުރަން ފެށި އެވެ. އޭނާ އެތަނުން ވަކިވެ މާމުޑާގެ ހިދުމަތް ފެށީ ވެސް އެހެން މީހަކާ ގުޅިގެންނެވެ. އެކަމަކު މިހާރު އެ ކިއޮސްކް އެއީ ރިޔާޒްގެ އަމިއްލަ ތަނެކެވެ. އޭނާގެ ނުވަ މުވައްޒަފުން އެބަތިއްބެވެ. ރިޔާޒް ބުނި ގޮތުގައި އޭނާގެ ވިޔަފާރި އަންނަނީ ފުޅާވަމުންނެވެ.
މާފުށީގެ އަތިރިމަތީ މަގުގައި އެއް ކޮޅުން އަނެއް ކޮޅަށް ދަމާފައި ހުރީ ހުސް މިކަހަލަ ވޯޓާސްޕޯޓްސް ކިއޮސްކްތަކެވެ. އެކަމަކު އަހަންނަށް މި ކިއޮސްކް ތަފާތެވެ. ހިންގުމުގައި އަދި ގެސްޓުންނަށް ހިދުމަތް ދޭން، ރިޔާޒްގެ ދޮށީ ދަރިފުޅު އާދަމް ރީފް ރިޔާޒް ހަރަކާތްތެރިވާ އިރު ރިޔާޒްގެ އަންހެނުން މީކޫ ވެސް އެ މަސައްކަތުގައި އެމީހުންނާ ބައިވެރިވެ އެވެ.
އެމީހުންގެ ކިއޮސްކަށް ގެސްޓުންގެ ސަމާލުކަން ހޯދުމަށް ބީޗުގައި ޑިސްކޯ ބާއްވަ އެވެ. ލައިވް މިއުޒިކް ކުޅެ އެވެ.
ރިޔާޒް ކުރިން ދިވެއްސަކާ ކައިވެނިކޮށް، އިތުރު ހަތަރު ކުދިން ތިބެ އެވެ. ދެ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. އެންމެ ދޮށީ ދަރިފުޅު މާމުޑާގައި މަސައްކަތް ކުރާ އިރު އޭނާއާ ޖެހިގެން ހުރި ފިިރިހެން ދަރިފުޅު މަސައްކަތް ކުރަނީ ރިޒޯޓެއްގަ އެވެ. ހަމަ ވޯޓާސްޕޯޓްސް މަސައްކަތުގަ އެވެ. މަގުސަދަކީ ތަޖުރިބާ ހޯދުމެވެ. ރިޔާޒް ދަރިންނަށް ހޯދައިދޭން ބޭނުންވީ އެ ކުދިން ކުރާ ހިތުން ކުރާ މަސައްކަތްތަކެވެ.
ރިޔާޒް އޭނާގެ ފިރިހެން ކުދިންނަށް ނަން ކީ ވެސް، މޫދާާއި ފަރަށް އޮތް ލޯތްބާ ގުޅުވައި، 'ރީފް' ހިމަނައިގެންނެވެ.
ރިޔާޒް ބުނި ގޮތުގައި ދިރިއުޅުމަށް އައި އެންމެ ބޮޑު އެއް ބަދަލަކީ އެ ރަށަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ޖަޕާނުގެ ފަތުރުވެރިޔަކާ ގުޅުން ބަދަހިވެ، ކައިވެނި ކުރުމެވެ.
"މީކޫގެ ފަރާތުން ގިނަ ކަންތައްތަކެއް އަހަންނަށް ދަސްވެގެންދިޔަ. އަހަރެމެންނަށް ކުރިން ފެންނަނީ ގޭގެ ކަންކަން އަންހެނުން އެކަނި ކުރާ ތަން. އެކަމަކު މިހާރު އެނގޭ ކައިފައި ތަށި ދޮންނަން ވެސް ޖެހޭކަން،" ރިޔާޒު ކުޑަ މިސާލެއް ދެއްކި އެވެ.
ޓޯކިޔޯގެ ރައްޔިތެއްް ކަމުގައިވާ މީކޫ، 31، އާއި ރިޔާޒް ބައްދަލުވީ 2016 ވަނަ އަހަރު މީކޫ މާފުއްޓަށް ކުރި ފުރަތަމަ ޒިޔާރަތުގަ އެވެ. އެ ދަތުރުގައި ރާއްޖެ އަށް ހިތްކިޔައި އޭގެ ފަހުން އަށް ފަހަރު އޭނާ ރާއްޖެ އަ އެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރު އޭނާގެ ދިރިއުޅުން ރާއްޖެ އަށް ބަދަލުކޮށް، ޖެހިގެން އައި އަހަރު ރިޔާޒްއާ ކައިވެނި ކުރީ އެވެ.
މީކޫ ބުނި ގޮތުގައި އޭނާ އަށް ފުރަތަމަ ވެސް ފާހަގަވީ ދިވެހިންގެ އޯގާތެރިކަމެވެ. ރިޔާޒްއާ އޭނާ ބައްދަލުވީ އިއްތިފާގަކުންނެވެ.
"އަހަރެން މާފުށްޓަށް އައިސް ހުރި ގެސްޓްހައުސްގައި ކާޑް މެޝިން މަސައްކަތްނުކޮށްގެން އޭޓީއެމްއަށް ދިޔައީ ރިޔާޒްއާ އެކީ މަސައްކަތް ކުރާ މީހަކާ އެކު. އޭނާ ބުނީ އެތަނުގައި [ރިޔާޒްގެ ކިއޮސްކްގައި] މިއުޒިކް އޮންނާނެ ކަމަށް އެ ރޭ. އެތަނުން ރިޔާޒްއާ ބައްދަލުވީ،" މީކޫ ބުންޏެވެ.
މިހާރު އޭނާގެ ދިރިއުޅުން މި އޮތީ އެއްކޮށް ބަދަލުވެފަ އެވެ. ޓޯކިޔޯގެ ދިރިއުޅުމާއި ވަޒީފާ ދޫކޮށްލައި ރާއްޖެ ބަދަލުވެ މިހާރު އޭނާ އަކީ މަންމަ އެކެވެ. ދަރިފުޅު ސްކޫލަށް ލާފައި ދެން އޭނާ މާމުޑާގައި ޑިއުޓީއެއް ނަގަ އެވެ. މެންދުރު ކެއުން އޮންނަނީ ޓީމުގެ އެންމެން އެއްކޮށެވެ. އެ މީހުންގެ ފަރާތުން ފެންނަނީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މަސަައްކަތް ބަހާލައިގެން، ވަކި މީހަކަށް ބެލުމެއްނެތި، ކުރަންޖެހޭ ކަމެއް ކުރަމުން ގެންދެ އެވެ.
ދުވަސް ނިންމާލުމަށް ފަހު ސޭލްސް ހަދަނީ މީކޫ އެވެ. އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބީޗު ކައިރީ ދިރިއުޅުމުގެ ފުރުސަތު ލިބި، ދަރިފުޅު ހުސްފަޔާ ކުޅެ، ގުދުރަތީ މާހައުލެއްގައި ބޮޑުވާތަން ފެނުމެވެ.
"ކޮންމެ ތަނަކީ ވެސް އޭނާގެ ޕްލޭގްރައުންޑް،" މީކޫ ބުންޏެވެ.
އޭނާ ބުނިގޮތުގައި ރިޔާޒްގެ ތިމާގެ މީހުންނާއި މާފުށީ މީހުން އޭނާ ބަލައިގަތުމާއި އެމީހުން އޭނާއާ މެދު ބަހައްޓާ އޯގާތެރިކަން އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.
ވިޔަފާރި ކުރިއަށް ގެންގޮސް ފުޅާ ކުރުމަކީ މީކޫގެ އަމާޒެކެވެ. ޖަޕާނުގެ ގިނަ ބަޔަކަށް ރާއްޖެ އާއި މާފުށި އެނގުމަކީ އޭނާގެ އުއްމީދެވެ.
ރިޔާޒް ކަންބޮޑުވުމެއް އިހުސާސްކުރެ އެވެ. ގެސްޓްހައުސްތައް ބުރިބުރިއަށް ނަގައި އޭނާގެ އުފަން ރަށުގެ ގުދުރަތީ ސިފަ ގެއްލި މާލެ ކަހަލަ ކޮންކްރީޓް ޖަންގަައްޔަކަށް ވެދާނެކަމުގެ ބިރެވެ. އެހެން ނޫން ނަމަ، މި ދެމަފިރިން ބުނާ ގޮތުގައި، އެމީހުންގެ މޫދާ ރައްޓެހި ދިރިއުޅުން ހަމަ 100 އެވެ.
ކޮމެންޓް (1)
އިސްމާލް