ފޮޓޯގްރާފަރު ސުހެއިލް

ފަންނުވެރިން

ފެންވަރުގެ މީހެއް، ފަންވަރުގެ ވާހަކައެއް

ސުހެއިލްއަކީ ހަމައެކަނި އޭނާގެ އިންސްޓަގްރާމުން ފެންނަ ފޮޓޯތަކުގެ ފަހަތުގައިވީ ހުނަރެއް ނޫނެވެ. ހުނަރު ކެޓަގަރީއަށް އެންމެ ފުރަތަމަ އޭނާ ކޮލިފައި ވެސް ނުވި އެވެ.

ކުރު ތައާރަފަކުން ފަށާ ނަމަ، މިއީ އަހުމަދު ސުހެއިލް ސައީދު، ހާއިލް، ސ. ހިތަދޫ އެވެ. ރާއްޖޭގައި މިވަގުތު މަސައްކަތްކުރަމުން އަންނަ ފްރީލާންސް ފޮޓޯގްރާފަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރެވެ. އުމުރުން 28 އަހަރުގައި އޭނާ މި ވަނީ މި ދާއިރާއިން ރާއްޖޭގެ ބޮންތިއަށް އަރައިފަ އެވެ. މިއީ ސުމަކުން 100އަށް އަރައިގެން ދިޔަ މި ފޮޓޯގްރާފަރުގެ ވާހަކަ އެވެ. އޭނާގެ މި ދަތުރު ކުލަކޮށްލި ފޮޓޯގަނޑުގެ ވާހަކަ އެވެ. 

އިންޓަވިއު ފަށައިގެން އެންމެ ފުރަތަމަ ވެސް ސުހެއިލް ފާހަގަކުރީ އޭނާގެ މިޒާޖުގައި ހުރި ސިފަތަކެވެ؛ އޭނާ އަކީ ލަދުރަކި، މަޑުމައިތިރި ޒުވާނެކެވެ. މީހުންގެ ތެރޭގައި 'ސޯޝަލައިޒް ވެގެން އުޅެން އުނދަގޫވާ' މީހެކެވެ. އާންމުންގެ ތެރޭގައި އިސްވެ ވާހަކަ ދައްކަން ނުކެރޭ، މީހުންނާ ރަނގަޅަށް މުހާތަބުކުރަން ޖެހިލުންވެ ފަސްޖެހިފައި ހުރި ޒުވާނެކެވެ.

ރީތި މަންޒަރެއް ކެމެރާގައި ކުރަހާލަން ސުހައިލްއަށް މިހާރު ފަސޭހަ
ތަފާތު ފޮޓޯއެއް ނެގުމަކީ ވެސް ހުނަރެއް

"އެއީ އަޅުގަނޑުގެ މި ޖާނީ ފެށިއިރު އަޅުގަނޑުގެ މިޒާޖު. ހަމަ ވަރަށް އިންޓްރޮވާޓެޑް މީހެއް އަޅުގަނޑަކީ. މީހުންނާ ވާހަކަ ދައްކަން ޖެހުނީމަ ކިޔާނެ އެއްޗެއް ނޭނގިގެން ފިނިވެ، ގަނޑުވެ ގަބުވެފައި ހުރި ހަނދާން އެބަހުރި މިހާރު ވެސް،" އަބަދުވެސް ހިތް ދަމައިގެން ގެންދިޔަ ފޮޓޯގްރެފީގެ ދަތުރުން ތަޖުރިބާ އާއި ހަނދާންތައް އާކޮށް ސުހެލް ކިޔައިދިނެވެ.

ރަށުން އޯލެވެލް ނިންމި ގޮތަށް އޭނާ އެންމެ ފުރަތަމަ އުޅުނީ ހިތަދޫގައި ހުރި ފާމަސީއެއްގައި، ފާމަސިސްޓަކަށެވެ. ފޮޓޯނަގާ ހިތުން އަތްމުނިމުނިކަވައިގެން އުޅުނަސް އޭރަކު އަދި އޭނާގެ އަތުގައި އެ ނަސީބެއް ނުހިފަ އެވެ. އެހެންވީމަ، ބޭނުންވި ކަންކަން ނުކުރެވި، ސުހެއިލް އިނީ ފާމަސީގެ އެ ކައުންޓަރުގެ އެތެރޭގައި ފޫހިވެ، އާ ފުރިލަ ފުރިލަ އެވެ.

"އޭރު ހަމަ އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ އެ ތަނުގައި އެހެން އުޅޭކަށް. އެހެންވީމަ އެންމެ ގިނަ އިރު އަޅުގަނޑު އުޅޭނީ ޖޮބް މޯލްޑިވްސް [ވެބްސައިޓް]ގައި. އެއީ އެހެން ވަޒީފާއެއް ހޯދަން ވެގެން. ވަކިން ހާއްސަކޮށް ރިސޯޓަކުން ވަޒީފާއެއް ބޭނުންވެފައި ހުރިވަރުން،" ސުހެއިލް ބުންޏެވެ.

"އެކަމަކު އަޅުގަނޑު ބޭނުންވީ ފޮޓޯގްރާފަރެއްގެ ޖޮބް. އޭރު ރައްޓެހިން އަތުން ކެމެރާ ހޯދައިގެން އަބަދުހެން އުޅޭނީ ގޮސް ފޮޓޯ ނަގަން. އިރުއަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރާއި ވާރޭ ވެހުނަސް އަދި ކިތަންމެ ގަދައަށް އަވިދިނަސް ގޮސް ފޮޓޯ ނެގޭތޯ ބަލާނީ."

"މަގުމަތިން ދަނިކޮށް ބުޅަލެއް ފެނުނަސް، ކުކުޅެއް ފެނުނަސް، ހާލެއް ފެނުނަސް އެންމެ ފުރަތަމަ ނަގާލެވޭނީ ފޮޓޯއެއް."

ސުހެއިލްގެ ފޮޓޯ އަލްބަމުން
ސުހެއިލްގެ ހުނަރު ތަރައްގީކުރަނީ، އެކި ޕޯސްތަކުގައި، އެކި ލައިޓްގައި ފޮޓޯ ނަގަން ދަސްކުރުމުގެ ތެރެއިން

ފާމަސީގެ ވަޒީފާއަށް ދެ ތިން މަސް ފަހުން، އުފަން ރަށް ދޫކޮށް އޭނާ ދެން ބަދަލުވީ ނިޔާމަ މޯލްޑިވްސް އަށެވެ. އެ ރިސޯޓުގެ ފޮޓޯ ސްޓޫޑިއޯ އިން ހުޅުވާލާފައި އޮތް ފުރުސަތަކަށް އެޕްލައިކޮށްގެން އިންޓަވިއުއަކަށެވެ. އިންޓަވިއުއަށް ދާއިރަށް ވަޒީފާއަށް ނުކުންނަން އަންގައިފި އެވެ.

ހާސްކަން އެނބުރި އައިސް ސުހެއިލްގެ 'ފުރާނަ' ޖަހައިގެން ގެންދިޔަ ތަޖުރިބާއަކީ މި އެވެ.

"ގެސްޓުންނާ ވާހަކަ ދައްކަން ޖެހުމާއި، އެމީހުންނަށް ޕޯޒްތައް ކިޔައިދޭން ޖެހުން ކަހަލަ ކަންކަން ކުރަން ޖެހުމުން އެކަންކަންވީ އަސްލު ވެސް ވަރަށް ބޮޑު ގޮންޖެހުމަކަށް. ކިޔާނެ އެއްޗެއް ނޭނގި އަހަރެން ހަމަ ހުރެދާނެ ފިނިވެ ގަނޑުވެފައި ވެސް ބައެއް ދުވަސް ދުވަހު،" ސުހެލް ބުންޏެވެ.

"އެހެންވީމަ ބޭނުންވި ގޮތަކަށް އަދި ބޭނުންވިހާ ފަސޭހައިން ކުރިއަކަށް ނުދިޔަ. އަނެއްކޮޅުން ރިސޯޓްގެ ސްޓޫޑިއޯއިން ބޭނުންވާ ފެންވަރަކަށް ވެސް އަޅުގަނޑަކަށް ޕާފޯމެއް ނުކުރެވުނު. ފޮޓޯތައް އެމީހުން ބޭނުންވާ ފެންވަރަކަށް ވެސް ނުނެގުނު."

ތިން މަސް ފަހުން، އެންމެ ފަހުން އެ ރިސޯޓުން ސުހެއިލް ދޫކޮށްލީ އެވެ. – އޭނާގެ ކިބައިގައި އެމީހުން ބޭނުންވި 'ފެންވަރު' ނެތުމުންނެވެ. އަދި ޕްރޮބޭޝަންގެ މުއްދަތު ނިމުނުއިރު ވެސް އެކަށީގެންވާ ކުރިއެރުންތަކެއް އޭނާގެ ކިބައިން ނުފެނުނީމަ އެވެ.

މިހާރު ސުހެއިލް ގެންދަނީ ފެޝަން ފޮޓޯތައް ވެސް ނަގަމުން
ސުހައިލްގެ ފޮޓޯތަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭ

އެކަމަކު ސުހެއިލް ބުނަނީ އޭނާގެ މުޅި ދަތުރުގެ މިސްރާބު ބަދަލުކޮށްލި ތަޖުރިބާއަކީ އެއީ ކަމަށެވެ. ފޮޓޯގްރެފީގެ ދަތުރުގައި މަގު ނޯޅެނީސް އޭނާއަށް އެންމެ ރަނގަޅު ގޮތް ބުނެދިން ފުރަތަމަ ފިލާވަޅަކީ ރިސޯޓުގައި ހޭދަކުރި ތިން މަހެވެ.

"އަސްލު އަހަރެން އެ ރިސޯޓަށް ވަޒީފާއަށް ދިޔައިރު ފޮޓޯނަގަން އެނގޭކަން އެކަނި ކެމެރާއިން. އަނެއްހެން ޕްރޮފެޝަނަލްކޮށް ފޮޓޯނެގުމުގެ އެއްވެސް ތަޖުރިބާއެއް ނެތީމަ ދަސްކުރަން ޖެހުނީ އެ ހުރިހާ ކަމެއް،" ސުހެއިލް ބުންޏެވެ.

"އަމިއްލައަށް ކެމެރާއާ ކުޅެގެން ދަސްވެފައި ހުރި އެއްޗެއް ދަސްވެފައި ހުރީ ރިސޯޓަށް ދިޔައިރު. ރިސޯޓަށް ދިޔައިމަ އަސްލު ރަނގަޅަށް ފޮޓޯގްރެފީއަށް ލޯ ހުޅުވިގެން ދިޔައީ ވެސް. ޕޯޒްކުރާނެ ގޮތާއި ފްރޭމިން އާއި ލައިޓްކުރާނެ ގޮތް ވެސް."

ފޮޓޯގްރާފަރެއްގެ ގޮތުގައި އަދާކުރި ފުރަތަމަ ވަޒީފާއަށް ކުރު ނިމުމެއް އަޔަސް ސުހެއިލްގެ ދަތުރު އެ ހިސާބުން އަދި ކިރިޔާ ފެށުނީ އެވެ. ރިސޯޓުގައި އުޅުނު ތިން މަހު 'ސޭވްކުރި' އާމްދަނީން އޭނާ ދެން ގަތީ ކެމެރާއެކެވެ. ނިކޯން ޑީ610 އަކާއި 50 އާއި 85ގެ ދެ ލެންސެވެ. އެއަށް ފަހު ދަބަސް ޕެކްކޮށްލައިގެން އެނބުރި ދިޔައީ އައްޑު އަށެވެ.

އަލުން އެހެން ވަޒީފާއަކަށް ނުނިކުމެ އެވެ. ރަށަށް އެނބުރި ދިޔަ ގޮތަށް އަދި ލިބިފައި ހުރި ތަޖުރިބާތަކާ އެކު އޭނާ ފެށީ ފޮޓޯނަގައިދިނުމުގެ ފްރީލާންސް ހިދުމަތެވެ. އެ ފޯރީގައި އަރައިގެން ދަނިކޮށް އޭނާއާ 2017 ވަނަ އަހަރު ބައްދަލުކުރީ މަރުގެ އެތިފަހަރެކެވެ.

ރޯދަ މަހެއްގެ ހަވީރު ފިންޏަށް ސައިކަލް ދުއްވާލަން ނުކުމެ އުޅެނިކޮށް ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެ، ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށް ބަލި އެނދަށް ވެއްޓުނީ އެވެ. އެ އެކްސިޑެންޓްގައި ލިބުނު އަނިޔާގެ އަސަރު މިހާރު ވެސް ސުހެއިލް ތަހައްމަލްކުރެ އެވެ.

ސުހެއިލް ނަގާފައިވާ ފޮޓޯއެއް: ދަސްކުރީ އަމިއްލައަށް
ސުހައިލް ބުނާ ގޮތުން ތަފާތު ވައްތަރުގެ ފޮޓޯ އޭގެ އަސްލު ގޮތުގައި ނަގަން ދަސްވީ އުއްމީދު ނަގާނުލައި މަސައްކަތްކޮށްގެން

"މިހާރު ވެސް ނީކެޕް ވަރަށް ބޮޑަށް ގޮވާފައި މި ހުންނަނީ. އެފަހަރު ހާލު ގޯސްވެގެން މާލެ ގެނެސް އައިޖީއެމްއެޗުގައި އަޅުގަނޑު ހޮސްޕިޓަލްގައި އޮންނަން ޖެހުނު ތިން މަސް ވަންދެން. ރަށަށް އެނބުރި ގޮސް ވެސް ތިން މަސް ވަންދެން ރަނގަޅަށް ހިނގާބިނގާވެ ނޫޅެވޭ،" ސުހެއިލް ކިޔައިދިނެވެ.

"އަހަރެން ހީކުރީ ދުވަހަކު ވެސް އަލުން ކެމެރާ ހިފައިގެން ފޮޓޯނަގަން ނުނިކުމެވޭނެ ކަމަށް."

އެކަމަކު ދިރިއުޅުމުގެ ދަތުރަކީ އަބަދުވެސް ފުރުސަތުތަކުން ފުރިފައިވާ ހުވަފެނެކެވެ. އެ ވެއްޓުމުން އަރައިގަނެ، އަލުން ކެމެރާ ހިފައިގެން ނުކުތްތަނުން ސުހެއިލްއަށް ފުރުސަތު ލިބުނީ އޭނާގެ ހުވަފެނީ ވަޒީފާއަށް އެނބުރި ދިއުމަށެވެ. މިފަހަރު ސުހެއިލް ބަލާ އައީ އެމީހުންނެވެ.

"އަޅުގަނޑަށް މި ގުޅަނީ ނިޔާމަ ރިސޯޓުގައި ސްޓޫޑިއޯގެ އޯނަރު. އޭނާ ގުޅާފައި ބުނެފި އަޅުގަނޑުގެ މަސައްކަތްތައް މިހާރު ވަރަށް ރަނގަޅޭ. ބޭނުމޯ އަލުން އޭނާގެ ސްޓޫޑިއޯއަށް ގެންދަން،" ސުހެއިލް ކިޔައިދިނެވެ.

"އޭރު އައްޑޫގައި ފޮޓޯނަގަން އުޅެފައި ހުޅުމާލެއަށް ބަދަލުވެގެން އުޅެނީ. އޭރު ވަރަށް ބޮޑަށް ފެޝަން ފޮޓޯގްރެފީގެ ތެރެއަށް ވަދެވިފައި ވަނީ. އަދި އިންސްޓަގްރާމް މެދުވެރިކޮށް އަޅުގަނޑުގެ މަސައްކަތް ގިނަ ބަޔަކަށް ފެނި، ކަމުގޮސްފައި ވަނީ."

ސުހެއިލް ދެން ދިޔައީ އަނެއްކާވެސް ރިސޯޓްގައި ފޮޓޯގްރާފަރެއްގެ ވަޒީފާއަށެވެ. މިފަހަރު އޭނާ ދިޔައީ ކަނޑިންމަ ރިސޯޓްގައި ހުރި ސްޓޫޑިއޯއަކަށެވެ. އަދި މިފަހަރު އޭނާ ފިންޏެއް ވެސް ނުވެ އެވެ. އެތަނުގައި އުޅުނީ ސީނިއާ ފޮޓޯގްރާފަރެއްގެ ވަޒީފާގަ އެވެ. ޒުވާން އެހެން ފޮޓޯގްރާފަރުންނަށް މިފަހަރު ތަމްރީން ވެސް ދިނީ އޭނާ އެވެ.

ސުހެއިލް އެއްކޮށް 'އަޕްގްރޭޑް' ވީއެވެ.

"އެކަމަކު އަޅުގަނޑު އަބަދުވެސް ބޭނުންވީ ފްރީލާންސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރަން. އެހެންވީމަ އެންމެ ފަހުން މިފަހަރު އަމިއްލައަށް ރިސޯޓްގެ އެ ވަޒީފާ ދޫކޮށްލާފައި އެނބުރި އައީ މާލެއަށް،" ސުހެއިލް ބުންޏެވެ.

ވަރަށް ބައިވަރު ފޮޓޯގްރާފަރުން މުޅި ރާއްޖޭގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަކީ ފްރީލާންސަރުންނެވެ. އެކަމަކު ސުހެއިލް އަކީ މި އެންމެންގެ ތެރެއިން ވެސް ހުނިޖަހާލާފައި ނަގާލެވޭ ފަންވަރެކެވެ. އޭނާގެ ވާހަކަ ވެސް އަދި ފޮޓޯތައް ވެސް ހަމަ ތަފާތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް