
މުހައްމަދު ސިރާޖް: ސިއާކް ގެ މެނޭޖިން ޑިރެކްޓަރ
ސިރާޖު ދައްކައިދެނީ ކުރިއެރުމަކީ އަބަދުވެސް ދަސްކުރުންކަން
މުހައްމަދު ސިރާޖު (ސިޑޭ)، އަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގަ ވަރުގަދަ ނަމެކެވެ. އޭނާގެ ޑިޒައިންތައް ހުރިހާ ދިމާއަކުން ވެސް ފެންނާނެ އެވެ. ރިސޯޓްތަކެވެ. މިސްކިތްތަކެވެ. ގެދޮރެވެ.
ރާއްޖެ އެކަންޏެއް ނޫނެވެ. މިސްރުގެ ބުލިވާޑް ރިސޯޓަކީ ސިރާޖުގެ ފަރުމާކުރުމެކެވެ. ދުބާއީގައި ވެސް އޭނާގެ ކުންފުނިން ޑިޒައިންކޮށްފައިވާ ކޮންސެޕްޓަކަށް ހޮޓަލެއް ވަނީ އަޅައިފަ އެވެ.

ގްލޯބަލް އާކިޓެކްޓް އެންޑް ބިލްޑާ އެވޯޑްް 9 އޭޕްރީލްގައި ތައިލެންޑްގެ ބެންކޮޮޮކްގައި ބޭއްވި އެވެ. ސިރާޖްގެ ކުންފުނި ސިއާކް ޕްރައިވެޓް ލިމިޓެޑުން ޑިޒައިންކޮށްފައިވާ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އޯގާ އާޓް ރިސޯޓަށް 'ބެސްޓް ބީޗް ރިސޯޓް އެވޯޑް 2023' ލިބުނެވެ.
އޯގާ ރިސޯޓް އެކަންޏެއް ނޫނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ސިރާޖުގެ ކުންފުނީގެ ހިޔާލާއި ވިސްނުމުން ފުރިހަމަކޮށްފައިވާ އެތައް ރިސޯޓެއް ވަނީ ތަރައްގީކޮށްފަ އެވެ.

އާކިޓެކްޗާ ދާއިރާގައި މިހާ ހިސާބަށް ސިރާޖަށް އާދެވުނީ ދިގު ދަތުރަކަށް ފަހު އެވެ. އޭގެ ފަހަތުގައި ވަނީ ބުރަ މަސައްކަތެވެ. ހޯއްދެވި ތަޖުރިބާތަކެވެ. ދާއިރާއިން މަތީ ތައުލީމަށް ވުރެ އޭނާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އަމިއްލަ ވިސްނުމެވެ.
ކިޔެވުން މުހިންމު ނުވަނީކީއެއް ނޫނެވެ. އެކަމަކު ބައެއް މީހުންނަކީ ވަކި ދާއިރާއަކުން މަތީ ތައުލީމު ނުލިބުނަސް އެ ދާއިރާގެ ބޮޑެތި ތަޖުރިބާކާރުންނަށް ވެވޭހާ ހުނަރުވެރިންނެވެ. އެ މީހުން ކުރިއަރަނީ، މަސައްކަތުގައި ލިބޭ ތަޖުރިބާ އާއި މައުލޫމާތުތަކުންނެވެ.
ނ. ހޮޅުދުއަށް އުފަން ސިރާޖް އުމުރުން ދެ އަހަރުގައި އާއިލާއާ އެކު ބަދަލުވީ މާލެއަށެވެ. މަޖީދިއްޔާ ސްކޫލުން އޯ ލެވެލް އަދި އޭރުގެ އެސްއީސީ މިހާރުގެ ސީއެޗްއެސްއީގައި އޭ ލެވެލްއަށް ކިޔަވާ ވިދާޅުވި އެވެ.
ފަންނުވެރިކަމާއި އާޓަށް ވަރަށް ކުރިންސުރެ ސިރާޖުގެ ޝައުގުވެރިކަން ހުއްޓެވެ. ގްރޭޑް 3 ގައި ކިޔަވާ ވިދާޅުވި އިރު، ކަބް ސްކައުޓް ހަރަކާތެއްގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފަންނުވެރިޔާ އަދި ކުރެހުންތެރިޔާ އަލްމަރުހޫމް ސަރުދާރުދޮންބެގެ ހުނަރު ފެނުނެވެ.
ސަރުދާރުދޮންބެ އިންނެވީ ކުރެހުމެއްގެ މަސައްކަތުގަ އެވެ. ކެންވަސްއެއްގެ ބަތާނައެއް ގޮތަށް ބޭނުން ކުލައެއް ޖައްސަން އޭނާ ހަވާލުކުރެއްވީ ސިރާޖަަށެވެ. އެކަން ފުރިހަމަކުރެއްވުމުން ހަދިޔާއެއްގެ ގޮތުގައި 20 ރުފިޔާ ސަރުދާރުދޮންބެ ދެއްވި އެވެ.
ކެރިއާގެ ކުރީކޮޅު މުޅިން ވެސް ދަސްކުރުން

އޭ ލެވެލް ނިންމާލެއްވުމާ އެކު އެކުވެރިޔަކު ދިން ފުރުސަތެއްގައި ގެޑޯ އާކިޓެކްޓްއާ ގުޅިވަޑައިގަތީ 1998ގަ އެވެ. ގެޑޯގެ ބާނީއެއް ކަމަށްވާ އަދި ރާއްޖޭގެ މަޝްހޫރު އާކިޓެކްޓް މައުރޫފް ޖަމީލް އޭނާއާ ހަވާލުކުރެއްވީ ލަކުޑިން ކަނޑާނަގާފައި ހުރި 'ޓީ' އަކުރެއް އެކި ކޮޅުކޮޅުން ބަލައިގެން ކުރަހާށެވެ. އެކަން އޭނާއަށް ވީ ކުރެހުމުގެ ބޭސިކް ލެވެލް އަށެވެ. ކުރެހުން ރަނގަޅަށް ދަސްކުރުމުގެ ފެށުމަށެވެ.
"އެއީ ވަރަށް ބަލައިގެން ލޯބިން ގެންގުޅުނު ގަލަންތަކެއް. ޑެލިކޭޓް އެއްޗެއް. ހަފްތާއަކު އެއް ފަހަރު ދޮވެގެން ގެންގުޅެނީ،" ކުރަހަން ބޭނުންކުރެއްވި ގަލަންތަކާ ބެހޭ ގޮތުން ސިރާޖު ވިދާޅުވި އެވެ.
އޭނާގެ ނަސީބު ރަނގަޅެވެ. މައުރޫފްގެ އިތުރުން މަޝްހޫރު އާކިޓެކްޓް މުހައްމަދު ޝަފީގު (ގްރޫޕް އެކްސް) ފަދަ ބޭފުޅުންގެ ލަފަޔާއި އިރުޝާދަކީ އަގުނުކުރެވޭ ވަރުގެ މަތީ ފެންވަރުގެ މަގު ދެއްކުމެވެ. ގެޑޯގެ އެހެން އާކިޓެކްޓުންނަކީ އޭނާގެ 'މުދައްރިސުންނެ'ވެ.
"މިހާރު މި ދާއިރާއިން އެނގިފައި ހުރި އެއްޗެއްގެ ބޮޑު ބައެއް ދަސްކުރީ އެތަނުން،" ސިރާޖު ވިދާޅުވި އެވެ.
ގެޑޯގައި އޭނާ ދެ އަހަރު ހޭދަކުރެއްވި އެވެ. ދެން އެސިސްޓަންޓް ސިވިލް އިންޖިނިއަރެއްގެ މަގާމުގައި އެމްއޭސީއެލްގައި އުޅުއްވި އެވެ.
"އެއާޕޯޓްގައި ފުރަތަމަ ފަހަރަށް ބެހެއްޓި ލިފްޓްގެ މަސައްކަތާއި ވީވީއައިޕީ އޭރިއާ ހެދުމާއި ޓާމިނަލްގެ އެކްސްޓެންޑް މަސައްކަތުގައި އުޅެވުނު،" ސިރާޖް ވިދާޅުވި ވެ.
ދެން އަނެއްކާވެސް އޭނާ ގުޅިވަޑައިގަތީ ގެޑޯއާ އެވެ. ވަކި ހިސާބަކުން އެ ކުންފުނި ދެ ބައި ވުމުން އޭނާ ހިޔާރުކުރެއްވީ، މައުރޫފް އުފެއްދެވި މާއި ޑިޒައިންއާ އެވެ. އަމިއްލަ ކުންފުންޏެއް ވުޖޫދަށް ގެނައުމުގެ ހިޔާލާއި ވިސްނުންތައް އަންނަން ފެށީ އޭގެ ފަހުންނެވެ. އެގޮތުން އެކި ރަހުމަތްތެރިންނާ އެކު ދެތިން ކުންފުންޏެއް އުފައްދައިގެން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެއްވި އެވެ.

ލަގްޒަރީ މާކެޓުގައި ވާދަކޮށްލެވޭ ފަރުމާތަކެއް
ސިރާޖާއި އެހެން އެކުވެރިޔަކާ އެކު ހެދި ކުންފުނި 2017ގައި ރީބްރޭންޑްކޮށް ސިއާކްގެ ނަމަަށް ބަދަލުކުރި އެވެ. އޭރު އޭނާ ގެންދަވަނީ ރިސޯޓްތައް ފަރުމާކުރުމާއި ކޮންސަލްޓެންސީގެ މަސައްކަތް ވެސް އެކުއެކީގައި ކުރައްވަމުންނެވެ. ކެރިއަރުގެ އެންމެ ބޮޑު އެއް ބަދަލަކަށް ވީ ބ. އަތޮޅުގައި ކޯސްޓްލައިން ހޮޓެލް އެންޑް ރިސޯޓްސް އިން ތަރައްގީކުރި ދުސިތުތާނީ އެވެ. އެ ރިސޯޓް ހެދި އިރު އޭނާއަށް އަމަލީ ގޮތުން ވަރަށް ބޮޑު ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގަތެވެ.
"އެތަނުގައި 6-7 މަސް ހުރެގެން އާކިޓެކްޗަރަލް ރިވިއުކުރުމާއި ކަރެކްޓް ކުރުމާ އެކު މަސައްކަތްކުރީ،" ސިރާޖު ވިދާޅުވި އެވެ.
އެ މަޝްރޫއުއަށް ސިރާޖު ދެއްވި ވަގުތާއި އޭނާގެ މަސައްކަތުގެ ވައްޓަފާޅި، ކޯސްޓްލައިންގެ ވެރިންނަށް ފެނިވަޑައިގެން ދާއިމީކޮށް ކޮންސަލްޓަންޓަކަށް އޭނާ ހަމަޖެއްސެވި އެވެ.

އޭގެ ފަހުން ކޯސްޓްލައިން އިން ބ. އަތޮޅުގައި ތަރައްގީކުރި އެންމެ މަތީ ފެންވަރުގެ އަމިއްލަފުއްޓާއި ފިނޮޅުގެ މަސައްކަތުގައި ސިރާޖު އުޅުއްވި އެވެ. އޭނާ އެންމެ ކަމުދާ އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ މަސައްކަތަކީ ފިނޮޅެވެ. އެއީ އޭނާގެ %100 އަމިއްލަ މަސައްކަތެކެވެ.
"ރިސޯޓް ޑިޒައިންގައި ހުރިހާ ކަމަކަށް ލޯ ހުޅުވުނީ ފިނޮޅުގެ މަސައްކަތުން. ޑިޒައިން މަސައްކަތް ކޮށް ތަރައްގީކުރީ ވަރަށް ގާތުން އެކަމާ އިންވޯލްވެ އުޅެގެން. އެތާ ހުރެގެން. މުޅި ކޮންސެޕްޓް ވެސް އެއީ އަމިއްލަ މަސައްކަތެއް،" ފިނޮޅާ ގުޅޭ ގޮތުން ސިރާޖު ވިދާޅުވި އެވެ.
"މަސައްކަތްކުރަންވީ ގޮތް، ކޮން ކަމެއްތޯ ކުރަންވީ، ވިސްނަން ޖެހެނީ ކޮން ކަމަކާތޯ، ސަރުކާރާ ކޮން [ގަވާއިދުތަކަކާ ބެހޭ ގޮތުންތޯ] ޑީލް ކުރަންވީ. ވަރަށް ބޮޑަށް ރިސޯޓް އިންޑަސްޓްރީއަށް ލޯ ހުޅުވިގެން ދިޔަ."
މިސްރުގެ ބުލިވާޑް ރިސޯޓް ޑިޒައިންކުރުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގަތީ ފިނޮޅަށް ދިޔަ ޓޫރިސްޓެއްގެ ސަބަބުންނެވެ.
ލީޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އޮންނާށާއި ލަގްޒަރީ މާކެޓްގައި ރާއްޖޭގެ ނަން ދަމަހައްޓަން ޒަމާނީ ޑިޒައިންތައް މުހިއްމެވެ. 'ސަަނީ ސައިޑް އޮފް ލައިފް'ގައި ޒަމާނީ ފެންވަރަށް ބައެއް ރިސޯޓްތަކުގެ މަންޒަރު ދައްކާލެއްވި އެއް އާކިޓެކްޓްއަށް ސިރާޖު އެހުރީ ވެވަޑައިގެންފަ އެވެ.
"މުޅިން ވެސް ތަފާތުކޮށް އެއް ރިސޯޓު އަނެއް ރިސޯޓް ހަދަނީ،" ސިރާޖު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ރިސޯޓް ސިޔާމް ވޯލްޑްގެ ހުރިހާ ވިލާއެއްގެ އިންޓީރިއާ މަސައްކަތާއި އެ ރިސޯޓްގެ 15 ރެސްޓޯރަންޓެއް ޑިޒައިންކުރެއްވީ ސިރާޖް އެވެ.
އޭނާ ގަބޫލުކުރައްވަނީ އަބަދުވެސް އޮތީ ދަސްކުރުން ކަމެވެ. އަބަދުވެސް އޮތީ ހޯދުމެވެ. ތަފާތު ދައްކާނީ ކިހިނެއްތޯ ބަލައި ވިސްނުމެވެ. އެހެންކަމުން ކިތައްމެ ބޮޑެތި މަޝްރޫއުތަކެއް އޭނާގެ ހިއްސާ އޮވެގެން ނިމުނަސް، އޭނާއަށް އެއީ ނިމުމެއް ނޫނެވެ.
"އަދިވެސް ބައިވަރު ކަންކަން އެބަހުރި ދަސްކުރަން. ކޮންމެ މަސައްކަތަކީ ވެސް ވަރަށް ބޮޑަށް އެކަމާ ޝާމިލުވެގެން ކުރާ މަސައްކަތެއް،" ސިރާޖް ވިދާޅުވި އެވެ.

ސިރާޖުގެ ކުންފުންޏަށް ލިބޭ ކުރިއެރުމަކީ އެހެން މުވައްޒަފުންގެ ވެސް ހިއްސާ އެވެ. ސިއާކް ފުޅާވަމުން އަންނަނީ އެ މުވައްޒަފުންގެ ވެސް ބުރަ މަސައްކަތުންނެވެ.
"އެންމެ މީހަކަށް ނިންމޭނެ އެއްޗެއް ނޫން މި ހުރިހާ މަސައްކަތަކީ،" ސިރާޖު ވިދާޅުވި އެވެ.

އޯގާ އާޓް ރިސޯޓަކީ މުޅިން ތަފާތު ކޮންސެޕްޓެކެވެ. ދިވެހިވަންތަ ސިފަތަކެއް ހުއްޓެވެ. އެ ކޮންސެޕްޓް ތައްޔާރުކުރަން ސިއާކްގެ އެހެން ޑިޒައިނަރެއް ކަމަށްވާ މަރިޔަމް އިޝާ އަޒީޒްގެ ބައިވެރިވުން ސިރާޖު ފާހަގަކުރެއްވި އެވެ.
"ދިވެހި ފޯކްލޯ ކަމަށްވާ ފޫޅުދިގު ހަންޑި، ދޮންހިޔަލަ އާއި އަލިފުޅު ތީމްތައް މޮޑަނައިޒްކޮށް ޑިޒައިންތަކުގައި އެކުލެވިގެންވާނެ،" ރިސޯޓް ހެދުމުގައި އިންވެސްޓަރަށް އެހީތެރިވި އެހެން ބައެއް ޑިޒައިނަރުންގެ ރޯލު ވެސް މުހިންމުކަން ފާހަގަކުރައްވަމުން ސިރާޖު ވިދާޅުވި އެވެ.

"ކްލައިންޓްގެ ވަރަށް ބޮޑު ހިއްސާއެއް އޮތް އެ ރިސޯޓްގެ ހަގީގަތަށް ހެދުމުގައި،" އޭނާ ވިދާޅުވި އެވެ.
ސިރާޖުގެ ވިސްނުމާއި ޑިޒައިންތައް ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ހިމާޔަތުން ވެސް ފެންނާނެ އެވެ. މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހަދާ ތިން މިއުޒިއަމެއްގައި އޭނާއަކީ މުހިންމު ބައިވެރިއެކެވެ. އައްޑޫ ކޯގަންނު ސަރަހައްދުގައި ހަދާ މިއުޒިއަމާއި، ނ. ލަންދޫ މާބުދުގެ ސަރަހައްދާއި ގދ. ވާދޫ ހަވިއްތަ ސަރަހައްދުގެ އިތުރުން ހއ. ބާރަށު ތަރިކަ ހިމާޔަތްކުރަން ހަދާ ތަންތަން ވާނީ އޭނާގެ ކުންފުނީގެ އަގުހުރި ބައިވެރިވުމަކަށެވެ.
"ކޮމްޕެނީގެ ރެޕިއުޓޭޝަން ބިލްޑް ވަނީ ޑެޑްލައިންއަށް މަސައްކަތް ފުރިހަމަކުރާ ނަމަ،" ސިރާޖް ވިދާޅުވި އެވެ.

މިހާ ހިސާބަށް ސިރާޖަށް ވަޑައިގެންނެވުނީ، އޭނާގެ ހިތުގެ އަޑިން ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވި ގޮތަށް، އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާ އެކު އެވެ. ދެން އޭނާ ބޭނުންވަނީ ޒުވާނުންނަށް ރަނގަޅު މެސެޖެއް ދެއްވާށެވެ.
"ބައިވަރު ގޮންޖެހުންތަކާ ދިމާވާނެ. ނަމަވެސް މަސައްކަތް ހުއްޓާނުލާ ދާން ވާނީ ކުރިއަށް،" ދާއިރާއަށް އަލަށް ނުކުންނަ ފަންނުވެރިންނަށް ސިރާޖު ވިދާޅުވި އެވެ.
ކޮމެންޓް (3)
ސުޖާ
ހައްލޭ
ހިތްތިރި