ފައިރޫޒް އޭނާގެ ވޯޓާ ސްޕޯޓްސް ސެންޓަރުގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިލައިގެން. ދައުރު ފޮޓޯ/އިބްރާހިމް އިފާޒް

ވޯޓާ ސްޕޯޓްސް

ގަނަތެޅުނު ހަޔާތަކަށް ފަހު ކާމިޔާބީގެ ފިނީގައި ނެގި ފޮޓޯގަނޑު

ފައިރޫޒަކީ އަބަދުވެސް، ކޮންމެ މަސައްކަތެއްގައި ވެސް ސަތޭކަ ޕަސެންޓު ދިން، އެންމެ އާދައިގެ މުވައްޒަފެކެވެ. ނުވާނެއޭ ބުނެފި ނަމަ 200 ޕަސެންޓް ދިން މީހެކެވެ. އޭނާގެ ކާމިޔާބީގެ ވާހަކަ މިވަރަށް ފޮނީ އެ ސަބަބާ ހެދިކަން ޔަގީނެވެ.
21 އޭޕްރީލު 2023
3

ޅ. ހިންނަވަރަށް ނިސްބަތްވާ، 37 އަހަރުގެ މި ޒުވާނާ ދަންނަނީ ކޮން ކަހަލަ މަސައްކަތެއް ކުރާ މީހެއްގެ ގޮތުގައިތޯ ސުވާލުކޮށްފި އެކި މީހުން ކިޔާނީ އެކި މަސައްކަތެވެ. އެއީ ހުޅުމާލޭގެ ހިތްފަސޭހަ ބީޗުގައި، ވައިޓް ބީޗުގެ ނަމުގައި ވޯޓާސްޕޯޓްސް ސެންޓަރެއް ހުޅުވައިގެން މިގޮތަށް ފޮޓޯއަކަށް ހުއްޓި މިއަދު ހެވިދިލިފައި ހުއްޓަސް މިދިޔަ ވިއްސަކަށް އަހަރު އޭނާ އަދާނުކުރާ އާދައިގެ ވަޒީފާއެއް ނެތީމަ އެވެ. ގަނަތެޅި ހާންތިނުވާ މަސައްކަތެއް ނުވަތަ ދާއިރާއެއް ވެސް ނެތީމައެވެ. -- ފައިރޫޒު އަބަދުވެސް ބޭނުންވީ އޭނާގެ ދެ ފައި މައްޗަށް ތެދުވާށެވެ. އެތައް އަހަރެއް ވަންދެން ދުށް އެ ހުވަފެނުގައި އެންމެފަހުން ގެ އަޅައިގެން އިނދެ އޭނާ ކިޔައިދޭ މި ވާހަކަ އަކީ ހަމަ ހަގީގަތުގައި ވެސް ގައިން ހީބިހިނަގައިގެންދާވަރުގެ ކާމިޔާބީއެކެވެ.

ފައިރޫޒަކީ އަބަދުވެސް، ކޮންމެ މަސައްކަތެއްގައި ވެސް ސަތޭކަ ޕަސެންޓު ދިން، އެންމެ އާދައިގެ މުވައްޒަފެކެވެ. އެކަމަކު ތަރައްގީވެ ކުރިއަރައިދިއުމަށް މި ޒުވާނާގެ ހަށިގަނޑުގައި ދެމެމުން ދިޔަ ލެޔާއި ފޯރި އާއި ޖޯޝުގައިވީ އަސަރު ފެނުނު މީހަކު އެންމެ ފުރަތަމަ ނެތެވެ. އެއީ އަބަދުވެސް ދުނިޔޭގައި ކަންކަން ހިނގާ ގޮތް ކަމަށް ބުނެ އޭނާ ކިޔައިދިން ވާހަކައަކުން ފަށަމާ ހިނގާށެވެ.

"ދުނިޔެ ދައްކާ ހަގީގަތަކީ މީހަކު ކަމެއް ފަށަން ވާހަކަ ދައްކައިގެން ނުވަތަ އެ ޕްލޭންތަކެއް ބިމުން މައްޗަށް ނާރަނީސް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެ ދައްކާ ވާހަކައެއް. އެކަމަކު މަޑުމަޑުން މައްޗަށް އަރަން ފެށީމަ އެންމެން ވެސް ގަބޫލުކުރަން ފަށާނެ އެމީހާ ދައްކާ ވާހަކަ. ތަންކޮޅެއް ބޮޑުވެލީމަ އެންމެން ވެސް އައިސް ތިބޭނީ ގާތުގައި. އެއީ ދުނިޔެ ހިނގާ ގޮތަކީ،" އެންމެ ކުޑައިރުން ފެށިގެން އަބަދުވެސް ވޯޓާސްޕޯޓްސްގެ ދާއިރާއިން ކުރިއަށް ދިއުމުގެ ހުވަފެނަކުން ހޭލައި ނިދައި އުޅުނު ފައިރޫޒް ކިޔައިދިނެވެ.

ފައިރޫޒު އޭނާގެ ވޯޓާ ސްޕޯޓްސް ސެންޓަރުގައި މުވައްޒަފަކާ އެކު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އެ ހުވަފެން ހަގީގަތަކަށް ހެދުމަށް، އޭނާ އުމުރު ދުވަހު އެއްކުރި "ދިރިއުޅުން" އެއްކޮށް ނުއަގުގައި ވިއްކާލީ އެވެ.

"އަތުގައި ހުރި ހުރިހާ އެއްޗެއް ހަމަ ނުއަގުގައި ވިއްކާލީ. އެންމެން ވެސް ބުންޏޭ މޮޔަ ކަމެކޭ ތިކުރަނީ. އެކަމަކު އަހަރެން ކޮށްފަ މިއަދު މި ފެންނަ މަސައްކަތް ފެނުނީމަ އެކަންކަން މޮޔަ ކަމަކަށް ނުވޭދޯ މިއަދަކު،" ހީގެންފައި ފައިރޫޒް ބުންޏެވެ.

"އަހަރެންގެ އަތުގައި އޮތް ކާރާއި ސައިކަލް ވެސް އަހަރެން ވިއްކާލީ އަހަރެންގެ މި ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވާ ފައިސާ ހޯދަން. ހިނގާލާފައި އުޅެން ޖެހުނަސް އައި ހޭވް އަ ޑްރީމް. އަހަރެން އަދިވެސް ކުރިއަށް މި ދަނީ އެ ހުވަފެނުގައި އުޅެމުންނޭ."

ފައިރޫޒުގެ ކިބައިގައި އޭނާގެ ދެ އަތުން ރޯކޮށްފައިވާ "އެނާޖީގެ ހުޅުގަނޑު" ގައި ނައަދައި ކުރިއަށް ދާން އެނގޭނީ އޭނާ އަށް އެކަންޏެވެ. އޭނާގެ ކިބައިގައި ވަނީ ކޮންމެ ކޮންމެ މީހަކަށް ހިފަހައްޓާލެވޭވަރުގެ ފޯރިއަކާއި ހިތްވަރެއް ނޫނެވެ. ނަމަވެސް އެންމެ ކުރިން މަންމައާ އެކު ފަގީރުކަމުގައި ދިރިއުޅެމުން ދިޔައިރު ހަޔާތުގެ އެ ދަތުރުގައި އޭނާ ވެއްޓިގެން ނުދާ ވަޅުގަނޑެއް އަދި އަޑިގަނޑެއް ވެސް ނެތެވެ.

"އެހާ ސަޅި، އުފާވެރި ޗައިލްޑްހުޑެއް ނޫން އަހަރެންގެ އޮތީ. އެހެންވީމަ އެ ހުރިހާ ބުރައަކާ އެކުގައި އަމިއްލަ ފައި މައްޗަށް ތެދުވަން މަސައްކަތްކުރީ،" ފައިރޫޒް ކިޔައިދިނެވެ.

"މީހުން އެ ބުނަނީތާ ޕާސްޓަށް ވިސްނައިގެންނޭ ލައިފުގައި ކުރިއަށް ދެވޭނީ. އެހެން ކިޔާފަ އެމީހާގެ ޕާސްޓުގައި ހިނގި ހުރިހާ ކަމެއް ބޮލަށް ލައިގެން މި ތިބެނީ ވިސްނަވިސްނަ އެކަންތަކާ. އެކަމަކު އެޔެއް ނޫނޭ އަސްލު ޕާސްޓަށް ބަލައިގެން ކުރިއަށް ދިއުމޭ ބުނާ ބަހުގެ މާނަ އަކީ."

"އެ ބުނާ އެއްޗަކީ، ޕާސްޓް ނަގާފައި ބައިންދާފައި، އެ ތަޖުރިބާތަކުން ކަންކަން ރަނގަޅުކޮށްގެން ކުރިއަށް ދިއުން. ޕާސްޓާ މެދު ވިސްނާ ފިކުރުކުރާ ނަމަ އަބަދުވެސް އެގޮތަށް ފިކުރުކޮށްލަ ކޮށްލަ ހަމަ އިންނަން ޖެހޭނީ. ޕާސްޓަށް ޑިޕެންޑްވާ މީހަކު ކުރިއަކަށް ނުދާނެ. އެހެން ނޫން ނަމަ އަހަރެމެން ތިބޭނީ އަދިވެސް ހަމަ މީހުން ދިނީމަ ކައިގެން ބޮއެގެންތާ."

ފައިރޫޒް ހުޅުމާލޭގައި ހިންގާ ވައިޓް ބީޗް ވޯޓާ ސްޕޯޓްސް ސެންޓަރު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ނަމަވެސް އެ ދިރިއުޅުމާއި ހިތްދަތި ހަޔާތް ބަދަލުކުރަން އޭނާ އެކަނިމާއެކަނި ނުކުމެ ފެށި ދަތުރު ވެގެން ދިޔައީ އާދައިގެ ދަތުރަކަށް ނޫނެވެ. އާދަޔާހިލާފު ދަތުރަކަށެވެ.

އެންމެ ފުރަތަމަ އޭނާ ވިސްނައިގެން ހުރީ ގްރޭޑް ހަތަކާ ހަމައިން ކިޔެވުން ދޫކޮށްލާފައި މަހަށް ދާށެވެ. ނަމަވެސް އެހެން އުޅެނިކޮށް ފަތަން ދަސްވެ މޫދުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވެން ފެށުމުން އެންމެ ފަހުން ހިތް ބަންޑުންވީ މޫދު ކުޅިވަރުގެ ދާއިރާއަށެވެ. ނަމަވެސް ސްކޫލުން ކިޔެވި ހަޔާތް ނިމުމަކަށް އައިއިރު އޭނާގެ ހަޔާތަށް އައި ބަދަލުތަކާ އެކު ހިތް އޮތް ދިމާލަށް ދިއުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ވަގުތުން ވަގުތަށް އާމްދަނީއެއް ހޯދަން ނުކުންނަން މަޖުބޫރުވީ އެވެ. މަސައްކަތުގެ ބާވަތް އޭރަކު މުހިންމެއް ނުވި އެވެ. ބޭނުންވީ ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެކެވެ.

"އެ ދުވަހުން ފެށިގެން މަސައްކަތަށް ނުކުތް ގޮތަށް، މި ދިވެހިރާއްޖޭގައި މިކުރާ އެއްވެސް މަސައްކަތެއް، ހަޑިޔަކަސް ރީއްޗަކަށް މޮޅަކަސް، ނުހުންނާނެ އަހަރެން ނުކުރާ އެއްވެސް މަސައްކަތެއް. ހުރިހާ ކަމެއް. މިހާރު ވެސް ކޮންމެ ކަހަލަ މަސައްކަތެއް ކުރަން ޖެހުނަސް ކުރާނަން. ކުރެވޭނެ،" ފައިރޫޒު ބުނެލި އެވެ.

އޭނާގެ އެ ދަތުރު ފެށީ މީޑިއާ ނެޓުގައި ޓެކްނީޝަނެއްގެ ވަޒީފާއިންނެވެ. އެއަށް ފަހު ކުރެއްދޫ އައިލެންޑް ރިސޯޓުގައި އޭނާ ދެން އުޅުނީ ދޯނި ކްރޫއަކަށެވެ. ބޯކޮށަން ޖެހޭ ވަރުންނާއި ތުނބުޅި ބާލަން ޖެހޭ ވަރުން އަދި މާ ބޮޑު މިނިވަންކަމެއް ނެތުމުން އެ މާހައުލަށް ފޫހިވެގެން އެނބުރި މާލެ އައިސް ދެން އޭނާ ފެށީ ކަރަންޓް ވަރަޔިންގެ މަސައްކަތްތަކާއި އިމާރާތްތަކުގެ ފިނިޝިންގެ މަސައްކަތްތަކެވެ. ކޮންސްޓްރަކްޝަންގެ މަސައްކަތް ވެސް ކުރި އެވެ. އެހެން އުޅެލާފައި ކަންނެއްޔަށް ވެސް ދިޔަ އެވެ. ދެ އަހަރު ވަންދެން މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ކަންނެލި މަސްވެރިކަން ކުރުމަށް ފަހު ދެން އަނެއްކާވެސް ދިޔައީ ރިސޯޓަކަށެވެ.

"ދެން ޕާމްބީޗަށް ގޮސް އެތަނުގެ އިންޖީނުގޭގައި މަސައްކަތްކުރަމުން ދިޔައިރު ހަމަ އެތަނުގައި މަސައްކަތްކުރީމޭ ޕްލަމްބާއަކަށް ވެސް. އަސްލު އަހަރެން އެއްވެސް ލަދެއް ނުގަނޭ ކޮންމެ ކަހަލަ މަސައްކަތެއް ކުރަން ޖެހުނަސް،" ފައިރޫޒް ކިޔައިދިނެވެ.

"ބައެއް މީހުން ވަރަށް ލަދުގަންނާނެ ޕްލަމްބާއަކަށް މަސައްކަތްކުރީމޭ ބުނަން ވެސް. އެކަމަކު މަށަށް އޯކޭ. މަ އެ މަސައްކަތް ވެސް ކުރީމޭ ލައިފުގައި."

ފައިރޫޒް އޭނާގެ މުވައްޒަފަކާ އެކު ވޯޓާ ސްޕޯޓްސް ސެންޓަރުގައި. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މިއަދު މި ފެންނަ މަގާމަށް ހަޔާތުގެ ދަތުރުގައި އައުމަށް އޭނާ އަދާކުރި ވަޒީފާތަކުގެ ލިސްޓް އޭނާގެ އުމުރަށް ވުރެ ވެސް ދޮށިވުމުގެ ފުރުސަތު ބޮޑެވެ.

"އަހަރެން ފެލިވަރު މަސް ފެކްޓަރީގައި ވެސް މަސައްކަތްކުރިން. ސޭފްޓީ ސާވިސް މޯލްޑިވްސް ކިޔާ ތަނެއްގައި ވެސް އުޅުނިން. ވިލާ ގޭހުގައި ގޭސް އުފުލަން ވެސް އުޅުނިން 2،500ރ. ގެ މަހު މުސާރައަކަށް ވަރަށް ފަހުން ވެސް. އެމްޕީއެލް ސަރަހައްދުގައި މަޖޫރީއަކަށް ވެސް އުޅުނިން،" ފައިރޫޒް ކިޔައިދިނެވެ.

ނަމަވެސް އަބަދުވެސް އޭނާގެ ހިތް އޮތީ ގޮސް ވޯޓާ ސްޕޯޓްސްގެ ތެރެއަށް ގެނބި ގެއްލިފަ އެވެ. ފަހަރުގައި މިއިން އެއްވެސް ވަޒީފާއެއްގައި އޭނާ ހަރުނުލީ އެ ސަބަބާ ހެދި އެވެ. ނުވަތަ އޭނާ މި ކިޔައިދޭ ސަބަބެވެ.

"ކަމެއް ދިމާނުވަންޏާ މަގޭ ބެސްޓް ޕާފޯމެންސްގައި އަހަރެން އަބަދުވެސް މަސައްކަތްކުރާނަން އެއް އަހަރު ވަންދެން. އެއް އަހަރު އެ ލެވެލްގައި މަސައްކަތްކުރަނީ ކުރިއެރުން ބޭނުންވާތީ. އެއީ މަގާމުގެ ގޮތުން ވިޔަސް ނުވަތަ މުސާރައިގެ ގޮތުން ވިޔަސް،" ފައިރޫޒް ކިޔައިދިނެވެ.

"އެކަމަކު އެ ކުރިއެރުން ނުލިބި އާދައިގެ މުސާރައަކަށް އަބަދު މަސައްކަތްކުރާނީ ކިހިނެއް؟"

"އަނެއްކޮޅުން އެއްވެސް އިރަކު އަހަރެން ބޭނުމެއް ނުވޭ އަބަދު ބަޔަކަށް އެގޮތަށް މަސައްކަތްކޮށްދީގެން މަހު މުސާރައެއްގައި ދިރިއުޅޭކަށް. އަބަދުވެސް ބޭނުންވީ އަމިއްލަ ފައި މައްޗަށް ތެދުވަން. ފެށުނީއްސުރެ ވެސް."

ދައުރު ފޮޓޯ/އިބްރާހިމް އިފާޒް

ވިލާގައި ގޭސްފުޅި އުފުލަން އުޅުނު ވަޒީފާ އިން ކެނޑިގެން ދިޔަ ގޮތަށް އޭނާ ގޮސް ފުންމާލީ މޫދަށެވެ. ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް ސެންޓަރެއް ހިންގާ، ތިމާގެ ބައެއްގެ ގާތަށެވެ. މަހެއް ދެ މަހެއް ފަހުން އޭނާއަށް އެތަނުން ވަޒީފާ ހަމަޖެހިގެން އެންމެ ގިނަ ދުވަހު އެއް ތަނެއްގައި މަސައްކަތްކުރި ތަނަކަށް އެތަން ވާނެ އެވެ. ނަމަވެސް ހުވަފެން ހަގީގަތަކަށް ހެދުމަށް އެންމެ ފަހުން، އަތުގައި ހުރި ހަރު މުދާތައް ވިއްކާލައި، ރިސްކު ކޮނޑަށް ލައިގެން ނުކުތީ އެވެ. އަދި އެ ހުވަފެނަށް ވައިޓް ބީޗް ވޯޓާސްޕޯޓްސްގެ ނަން ދީގެން ފަށައިނުގަނެވި އުޅެނިކޮށް ކޮވިޑްގެ ފުރަތަމަ ލޮކްޑައުންގައި ބަންދުވީ އެވެ.

"މަށަކީ މިއީ ވަރަށް އެހެން ކަހަލަ އެނާޖީއެއް ހުންނަ މީހެއް. މިސާލަކަށް އަހަރެން މިހެން އުޅެނިކޮށް މިވެނި ކަމެއް މަށަކަށް ނުވާނެއޭ މީހަކު ބުނެފިއްޔާމު އެ މަސައްކަތަކަށް އަހަރެންގެ 200 ޕަސެންޓް ލައިގެން ވެސް އަހަރެން އެކަމެއް ކާމިޔާބުކުރަން މަސައްކަތްކުރާނަން،" ފައިރޫޒް ކިޔައިދިނެވެ.

"އެގޮތަށް ފެށުނު ކަމެއް އަސްލު މި ވޯޓާސްޕޯޓްސް ޕްރޮޖެކްޓަކީ ވެސް."

އެހެންވީމަ ކޮވިޑްގެ އެންމެ ގަދަ ދުވަސްތަކުގައި ވެސް އޭނާ ދުލެއް ނުދެ އެވެ. މަސައްކަތް ހުއްޓައެއް ނުލަ އެވެ.

އެންމެ ފުރަތަމަ ފެށީ އެންމެ ޖެޓްސްކީއަކާ އެކުގަ އެވެ. ނަމަވެސް މިއަދު އޭނާގެ ވޯޓާސްޕޯޓްސް ސެންޓަރުން ނުލިބޭ ވޯޓާސްޕޯޓްސް ހިދުމަތެއް ނެތޭ ބުނެވިދާނެ އެވެ.

"މިއަދު ކޮންމެ ދުވަހަކު ހޭލައިގެން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަހަރެން މި ދަނީ އަމިއްލަ ތަނެއްގައި މަސައްކަތްކުރާށޭ. އަމިއްލަ އިންޑިޕެންޑެންޓް މީހެއްގެ ގޮތުގައި އާމްދަނީ ހޯދަން މަސައްކަތްކުރާށޭ މިދަނީ. އެހެން މީހެއްގެ ދަށަކު ނޫނޭ،" ފައިރޫޒު ބުނެލި އެވެ.

ފައިރޫޒު އަމިއްލަ ދެ އަތުން ފައްކާކުރި ކާމިޔާބީގެ ހިޔަލުގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އެކަމަކު މި ކާމިޔާބީގައި އޭނާ ފޮޓޯއަކަށް ހުއްޓިލައިގެން ހުރީއެއް ނޫނެވެ. ފައިރޫޒް މިހާރު އެ ދަނީ އޭނާގެ ވޯޓާސްޕޯޓްސް ސެންޓަރުގެ އެހެން ތަނެއް ރާއްޖޭގެ އެހެން ވައިޓް ބީޗެއްގައި ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަދި މިއަދު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ އެންމެ ޒުވާން ދުވަސްވަރު ނުލިބުނު ފުރުސަތުތައް މިއަދުގެ ޒުވާން ކުދިންނަށް އޭނާއަށް ފަހިކޮށްދެވޭތީ އެވެ.

"އަހަންނަށް ރިސޯޓްތަކުގައި ވޯޓާސްޕޯޓްސް ޖޮބެއް ހޯދަން އެޕްލައިކުރެވުނު ވަރެއް ވެސް ހަނދާނެއް ނެތް. އެހާ ވެސް ގިނަ ފަހަރަށް އެކަން ކުރެވުނު. އެކަމަކު މިތަނުގައި ވޯޓާސްޕޯޓްސް އިން ފަށަން ބޭނުންވާ ކުއްޖެއްގެ ތަޖުރިބާ އާއި ސެޓްފިކެޓް ހުރުން މުހިންމެއް ނޫން،" ފައިރޫޒް ބުންޏެވެ.

"މިތަން މިގޮތަށް ހުޅުވުމުގެ އެއް ބޭނުމެއް ފުރުސަތު ނުލިބޭ ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދިނުން ވެސް. އެހެންވީމަ މިތަނުގައި މަސައްކަތްކުރަން ބޭނުން ނަމަ އަންނަންވީ. އެއްވެސް ކަމެއް ނޭނގުނަސް އެ ޝައުގުވެރިކަމާ އެކު އައީމަ ހުރިހާ ކަމެއް ދަސް ވެސް ކޮށްދޭނަން. އެއްޗެއް ނޭނގޭ މީހާ ވެސް މިތަނުން ދޫކޮށެއް ނުލާނެ."

ފައިރޫޒް ބުނަނީ ހުރިހާ ކަމެއް ވެސް ބިނާވެފައި އޮންނަނީ އެމީހަކު އެމީހެއްގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ މައްޗައް ކަމަށެވެ. އަދި އޭނާގެ މި ކުރިއެރުމަކީ އޭގެ މިސާލެއް ކަމަށެވެ.

"ބިލީފް ހުރިހާ ވެސް އެއްޗަކީ. ވާނެއޭ ހިތަށް އަރުވައިގެން އެގޮތަށް ގަބޫލުކޮށް މަސައްކަތްކުރީމަ ކަންކަން ހާސިލުވާނެ. އަހަރެން ގަބޫލުކުރީ އަހަންނަށް މިކަން ވާނެ ކަމަށް. މިއޮތީ ފެށިފައި. އަދިވެސް ގަބޫލުކުރަނީ ދެން ހުރި ކަންކަން ވެސް ހާސިލުވާނެ ކަމަށް،" ފައިރޫޒް ބުނެލި އެވެ.

ކޮމެންޓް (3)

خديجة

23 އޭޕްރީލު 2023
ފައިރޫޒް جزاكم الله خيرا އަދިތިއަށްވުރެށްފާގަތިމުސްތަގުބަލެއް ދައްކާވާށި ތިޔައީ ވަރަށްގާތްކުއްޖެއް ވލިގިލީގައިއުޅުނުއިރުއެފަހުންނުއެއްފެނޭ إن شاء الله آمين
1 0

جزاكم الله خيرا

23 އޭޕްރީލު 2023
ތިޔައީ ދަންނަ ކުއްޖެއް ޚބަރެއް ވެސް ނުވާތާ ވަރަށް ދުވަސް ވެއްޖެ އޭނަ ކޮބާތޯ ދުވަސްދުވަހުން އަހާލަށް ކޮއްކޮ ކާރިން މާލޭގަ އުޅޭ ވާހަކަ ބުނީ ނުއެއް ފެނޭ އަދި ފެނުނަސް ނޭގެނީ ކަންނޭގެ ވަރަށްއުފާވެއްޖެ ހާދަ ރަގަޅޭ ތިކުއްޖާ ماشاءالله އަދި ތިއަށްވުރެން ފާގަތި ދުވަސް ތަކެއް ދެއްވާށި آمين
1 0

ނެޓް

21 އޭޕްރީލު 2023
ރަނގަޅު. ހިތްވަރު ގަދަ. ކާމިޔާބީއަށް އެދެން
14 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް