
އެމްވީ ލޮސްޓް އެންޑް ފައުންޑްގެ ބާނީ މުހައްމަދު ސާމީ 'ދައުރު'އަށް އިންޓަވިއު ދެނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
ސާމީ މެދުވެރިކޮށް ދަސްވަނީ އަމާނާތްތެރިކަމުގެ ރީތި ސިފަ
މުހިންމު ނުކުތާތައް
އާއްމު ތަނަކުން ހޮވާ އެއްްޗެހީގެ %90 ވެރިފަރާތަށް ރައްދުކުރެވޭ
މިހާރު އެމްވީ ލޮސްޓް އެންޑް ފައުންޑް ފޭސްބުކްގައި އެކަނި 71،000
އެކުވެރިޔަކާ އެއްކޮށް އެމްވީ ލޮސްޓް އެންޑް ފައުންޑް ހިންގަން ފެށީ 2014 ގައި
ސުޕަހީރޯއިން އުޅެނީ ހިޔާލީފޮލާތަކުގަ އެވެ. އެކަމަކު އަހަރެމެންގެ ދިިރިއުޅުމުގައި ބައެއް ފަހަރު ސުޕަހީރޯއިންނާ އެއް ފަދަ މީހުންނާ ބައްދަލުވެ އެވެ. އެމީހުންގެ ބުރަކަށީގައި ބޮޑު ފޮތިގަނޑެއް އެލުވާލާފައި ނެތަސް އެއީވެސް ސުޕާ ހީރޯއިންނެވެ. ސަބަބުތައް ބައިވަރެވެ.
މުހައްމަދު ސާމީ، 45، އަކީ ޕްރައިވެޓް ކުންފުންޏެއް ކަމުގައިވާ އާރްކޭއެލް ރެންޓަލްގައި މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. ބައްޕައެކެވެ. ރަސްމީކޮށް އަދާކުރާ މި ވަޒީފާގެ އިތުރުން އޭނާ އާންމުންނަށް ފޯރުކޮށްދޭ ވަރަށް މުހިއްމު ހިދުމަތެއް އޮވެ އެވެ: ގެއްލޭ އެއްޗެހި ހޯދައިދިނުމެވެ.
މި މުހިންމު އަދި ތަފާތު އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ 2014އިން އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި އެމްވީ ލޮސްޓް އެންޑް ފައުންޑް ނަމުގައި ހިންގާ ޕޭޖް މެދުވެރިކޮށެވެ.
އެ ޕޭޖް ސާމީ ފެށީ އެކުވެރިއެއް ކަމުގައިވާ ސާއިދު މުހައްމަދާ ވެސް އެކު އެވެ. ނަމަވެސް މިހާރު ޕޭޖް ބަލަހައްޓާ ހުރިހާ ކަމެއް ކުރަނީ ސާމީ އެކަންޏެވެ.
މަގުސަދަކީ އެއްޗެއް ގެއްލިގެން އުޅޭ މީހެއް ގެއްލިގެން އުޅޭ އެއްޗެއް ހޯދައިދިނުމެވެ. މީހަކަށް އެހީތެރިވުމެވެ. މެދުވެރިއަކަށް ވުމެވެ. އަދި އަަހަރެމެންގެ މުޖުތަމައުގައި އެހެން މީހުންނަށް ވެސް މި އާދަތައް ދަސްކޮށްދީ، އެހެން މީހުންގެ މުދަލަށް އަމާނާތްތެރިވުމުގެ ސިފަ އަށަގެންނެވުމެވެ.

ސާމީ އެމްވީލޮސްޓް އެންޑް ފައުންޑް ޕޭޖް މެދުވެރިކޮށް ކުރަނީ ދެ ކަމެކެވެ. އޭނާ ފޯރުކޮށްދެނީ އެއްޗެއް ގެއްލިގެން އުޅޭ މީހަކަށް ބޮޑު އޯޑިއަންސްއެކެވެ. މީހެއްގެ އެއްޗެއް އާއްމު ތަނަކުން ހޮވާ މީހެއް، އެ އެއްޗެއް ފެނުނު ވާހަކަ ޕޭޖްގައި ޖެހުމުގެ ފުރުސަތެވެ. އެހާ ހިސާބުން ގިނަ ފަހަރަށް އޭގެ ވެރިފަރާތް ފެނެ އެވެ.
ޕޭޖް ފަށައިގަތް ގޮތް ސާމީ ކިޔައިދިނެވެ. އޭނާ ބުނީ ކޮންމެވެސް އެއްޗެއް ގެއްލިގެން އެކި މީހުން އެމީހުންގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އެ ވާހަކަ ޖަހާ ކަމަށެވެ. އެކަަމަކު އަމިއްލަ ޕްރޮފައިލްގައި ލިޔުމުން އެ ޕޯސްޓެއް ފެންނަނީ ނިސްބަތުން މަދު ބަޔަކަށެވެ.
ގެއްލިގެން އުޅޭ އެއްޗެއް ފެނުން ގާތީ ވީހާވެސް ގިނަ ބަޔަކަށް އެކަން އެނގުމުންނެވެ. އެމްވީލޮސްޓް އެންޑް ފައުންޑް ހިންގަން ސާމީ ފެށީ އެއްޗެއް ގެއްލިގެން އުޅޭ މީހާއަށް ވީހާ ވެސް ބޮޑު އޯޑިއަންސެއް ހޯދައިދިނުމުގެ ގޮތުންނެވެ.
އެމްވީ ލޮސްޓް އެންޑް ފައުންޑްގެ މަސައްކަތުގައި އެންމެ ފުރަތަމަ ބޭނުންކުރީ ޕްލެޓްފޯމަކީ ފޭސްބުކް އެވެ. އެއަށް ފަހު ވައިބާ ކޮމިއުނިޓީ ގުރޫޕެއް ހެދި އެވެ. މިހާރު ޓުވިޓާ ޕޭޖެއް ވެސް ހަމަ މި މަގުސަދުގައި ހިންގަ އެވެ.

"މި މަސައްކަތް ކުރުމަށް ވަކިން އެޕެއް ހަދަން ވިސްނިން،" ސާމީ ބުންނެވެ.
ސޮފްޓްވެއާ ޑިވެލޮޕަރެއްގެ އެހީގައި އޭނާ ކުރާ މި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ވިސްނިޔަސް، އެހާ ފަސޭހައިން އެކަން ކުރެވޭނެކަމުގެ ޔަގީންކަން ނެތުމުން އެ ހިޔާލު ދޫކޮށްލީ އެވެ.
"ވަކި އެޕެއް ލޯޑު ކުރުމުގެ ބަދަލުގައި އަބަދުވެސް ސޯޝަލް މީޑިއާގެ ސައިޓުތައް އެންމެން ހުންނަނީ ރިފްރެޝްކޮށްލާ. ގެއްލިގެން އުޅޭ އެއްޗެއް ފެނުން މާ ގާތް އެހެންވެ،" އޭނާ ބުންޏެވެ.
މިހާރު އެމްވީލޮސްޓް އެންޑް ފައުންޑް ޕޭޖްގެ ފޮލޮވާސްގެ އަދަދު 71،000 އަށް ވުރެ ގިނަ އެވެ. މިއީ ސާމީއަށް ވަރަށް ބޮޑު ހިތްވަރެކެވެ.
"ޕޭޖް ހިންގާ ގޮތުން އެއްވެސް ގޮތަކަށް ތަކެއްޗަކާ ހަވާލެއް ނުވަން. އެމްވީ ލޮސްޓް އެންޑް ފައުންޑްއަކީ މެދުވެރިޔާ،" ސާމީ ބުންޏެވެ.


ގެއްލިގެން އެންމެ އާންމުކޮށް ހޯދާ ތަކެތީގެ ތެރޭގައި ތަޅުދަނޑި، ވޮލެޓް، ފޯނު، ކޭޝް ކާޑު ހިމެނެ އެވެ. ބައެއް ފަހަރު އަތުގައި އަޅާ ކެވެލިކޮޅާއި ކަރުގައި އޮންނަ ފަށް ވެއްޓިގެން ވެސް އެ ހޯދަން ޕޭޖްގައި ޖަހަ އެވެ. ދަރިފުޅުގެ ޔުނީފޯމް ގަނެގެން އެއް ފިހާރައިން އަނެއް ފިހާރައަށް ދާ ބެލެނިވެރިޔާއަށް އެންމެ ފަހުން ކޮތަޅު ބޭއްވުނު ތަން ނޭނގުމުން ވެސް އެ ހޯދަން ޖަހަނީ ޕޭޖްގަ އެވެ.
ސާމީ ބުނި ގޮތުގައި ކޮވިޑް-19 އަށް ފަހު ދިވެހިންގެ ވައްޓަފާޅިއަށް އައި ބޮޑު އެއް ބަދަލު އޭނާއަށް ފާހަގަކުރެވުނެވެ: އެކި ބާވަތުގެ ދޫނި ގެންގުޅުމެވެ. އެހެންކަމުން ދޫނި ގެއްލިގެން އެމްވީ ލޮސްޓް އެންޑް ފައުންޑްގައި ޖަހާ މިންވަރު ގިނަވި އެވެ. ބައެއް ދޫނިތައް ހޯދުނެވެ.
އަތުގައި އޮންނަ މުހިއްމު އެއްޗެއް ގެއްލުމުން ބައެއް މީހުން ވަރަށް ބޮޑަށް ދެރަވެ އެވެ. ނަފުސާނީ ގޮތުން ވެސް ބަލިކަށިވެ އެވެ. ގޮތްހުސްވެ އެވެ. އެ އެއްޗެއް ފެންނާނެކަމުގެ އުއްމީދު ގެއްލި، ހާސްކަމެއްގެ ތެރެއަށް ވެއްޓެ އެވެ. އެކަމަކު ސާމީގެ މަސައްކަތުން އެ އުނދަގުލުން އެތައް ބަޔަކު ސަލާމަތްކުރެވުނެވެ.

"ފޯނުން އަބަދުވެސް ހުންނަނީ ބަލަބަލާ، މީހެއްގެ ޕޯސްޓެއް އާދޭތޯ. އަންނަ އިރަށް އެ އެޕްރޫވްކޮށް ޖަހަނީ،" ޕޭޖް ހިންގާ ގޮތް ކިޔައިދެމުން ސާމީ ބުންޏެވެ.
ސޯޝަލް މީޑިއާގެ އަނދިރި ފަރާތާއި އަހަރެމެންގެ މުޖުތަމައުގެ ގޯސް ވާހަކަ އަބަދުވެސް އާއްމެވެ. އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. އެކަން ސާމީއަށް ޔަގީނެވެ.
އޭނާ ބުނާ ގޮތުގައި އާއްމު ތަނަކުން އެހެން މީހެއްގެ އެއްޗެއް ފެނިގެން އެ އެއްޗެއް ހޮވާ މީހުންގެ ތެރެއިން %90 މީހުން ވެރިފަރާތަށް އެ އެއްޗެއް ރައްދުކޮށްދެ އެވެ.
"ބައެއް މީހުން ހޮވާ ތަކެތި ވެރިފަރާތުން ބަލައި ނައިސްގެން، ގިނަ ދުވަސް ވާތީ ދެން ހަދަންވީ ގޮތް އަހަން ވެސް އަޅުގަނޑާ ކޮންޓެކްޓް ކުރޭ،" އޭނާ ބުންޏެވެ.
އެހާ ހިސާބުން އެ މީހުންނަށް އޭނާ ދޭ ލަފަޔަކީ އެ އެއްޗެއް ގެންގޮސް ފުލުހުންނާ ހަވާލުކުރުމަށެވެ.
"މިކަމުން ދޭހަވަނީ، އަހަރެމެންގެ މުޖުތަމައުގެ އަމާނާތްތެރިކަން،" ސަމީ ބުންޏެވެ.

ބައެއް ފަހރަށް ތަނަކުން ހޮވާ ވޮލެޓާއި އަތްދަބަހުގައި ގިނަ އަދަދެއްގެ ފައިސާ ވެސް ހުރެ އެވެ.
"15،000 އާއި 40،000އާ ދެމެދުގެ އަދަދަށް ފައިސާ ހުންނަ ވޮލެޓް އެބަ ހޮވާ. ހޮވާފައި އެބަ ރައްދުކޮށްދޭ އޭގެ ވެރިފަރާތަށް ވެސް،" އޭނާ ބުންޏެވެ.
އެމްވީ ލޮސްޓް އެންޑް ފައުންޑް ހިންގަނީ ގާނޫނީ އިމުގެ ތެރެއިންކަން ސާމީ ފާހަގަކުރި އެވެ. ކޭޝް ކާޑު ގެއްލިގެން ޖަހާއިރު، އެންމެ ފުރަތަމަ ބޭންކަށް ގުޅައިގެން އެ އޮންނަ އުސޫލަކަށް އަމަލުކުރަން އޭނާ ލަފާދެ އެވެ.
ބައެއް ފަހަރަށް ޖަހާ ޕޯސްޓްތަކުގެ ސަބަބުން މަޖާ ކޮމެންޓްތައް ވެސް އާދެ އެވެ.
މީގެ މިސާލަކީ އިލޮށިފައްޗެއް ކަހަލަ އެއްޗެއް ޓެކްސީއެއްގައި ބޭއްވިގެން އޭގެ ވެރިފަރާތް ހޯދަން ޖެހުމުން ލިބުނު މަޖާ ކޮމެންޓްތަކެވެ. މާ ބޮޑު އަގެއް ހުރި އެއްޗެއް ނޫނަސް އެފަދަ ޕޯސްޓްތައް ޕޭޖްގައި ޖަަހަނީ މީހެއްގެ އެއްޗެއް ވީމާ އެ ރައްދުކުރަން ބޭނުންވާތީ އެވެ.
"ޕޯސްޓް އެޕްރޫވް ކުރާ އިރު ވެސް އެނގޭ ވަރަށް މަޖާ ކޮމެންޓް އަންނާނެކަން. ބަލަބަލާ ހުއްޓާ އާދޭ މަޖާ ކޮމެންޓްތައް،" ސާމީ ބުންޏެވެ.
އެމްވީލޮސްޓް އެންޑް ފައުންޑް ހިންގަމުން އަންނަނީ، އޭނާ ބުނި ގޮތުގައި، ހެޔޮ ކަމެއް ކޮށްދިނުމުން އޭގެ ބަދަލުގައި ދޭ ހަދިޔާއަކަށް ނުވަތަ އަގެއް ހޯދާކަށެއް ނޫނެވެ. ނަމަވެސް ބައެއް މީހުން ހަދިޔާ ދޭ ކަމަށް، އޭނާ ބުންޏެވެ.

އެއްވެސް ވަރަކަށް ނުވިސްނަން ބަދަލުގައި ލިބޭނެ އެއްޗަކަށް. އެހީތެރިވުމަކީ ދެވޭ ސޮދަގާތެއް
"މި މަސައްކަތް ކުރަނީ މަނިޓަރީ ބެނެފިޓަކަށް ނޫން. ހަދިޔާއެއް ފައިސާތަކެއް ހޯދާކަށް ނޫން. ކުރާހިތުން ކުރާ ކަމެއް،" ސާމީ ބުންޏެވެ.
ވޭތުވެދިޔަ ނުވަ އަހަރު މި މަސައްކަތުގައި ދެމިހުރެވުނު މައިގަނޑު ސަބަބަކީ ވެސް އާންމުންނަށް ކަމެއް ކޮށްދެވުމުގެ އުފަލެވެ. ފައިސާއަށް ކުރާ ނަމަ، އެގޮތަށް އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ސާމީ ދެކެ އެވެ.
"އެއްވެސް ވަރަކަށް ނުވިސްނަން ބަދަލުގައި ލިބޭނެ އެއްޗަކަށް. އެހީތެރިވުމަކީ ދެވޭ ސޮދަގާތެއް،" އޭނާ ބުންޏެެވެ.
ސާމީގެ ގިނަ ރައްޓެހިންނާއި ދަންނަ މީހުންނަށް ވެސް އެފަދަ ކަމެއް އޭނާ ކުރަމުން އަންނަކަމެއް ނޭނގެ އެވެ. އެކަމަކު ޔަގީނުން ވެސް ސާމީގެ ފަރާތުން އެތައް ބަޔަކަށް އެ ލިބެނީ އުއްމީދެވެ. ދަސްވަނީ އަމާނާތްތެރިކަމެވެ. އެ މަސައްކަތުގެ ފަހަތުގައި އެ ހުރީ ސުޕަހީރޯއެއް ފަދަ ސާމީ އެވެ.
ކޮމެންޓް (7)
ޝިފާ
އަބުޅޯ
އަފްޒަލް
ާއިއްބެ
ޝަރީފް
ޝިފާން
ރަދީފްއޮފިޝަލް