މިދިޔަ ޑިސެމްބަރު މަހު މާލޭގައި ބޭއްވި މިސްޓަ މޯލްޑިވްސް މުބާރާތުގައި ރާހިލް ވާދަކުރަނީ.

ކުރިން ކީ އެއްޗެހި، ފަހުން ކީ ރަތް ދޫލައިގެ މަރުހަބާއެއް

މިސްޓަ މޯލްޑިވްސްގެ ހުވަފެން ބެލުމުން އޭނާއާ ދިމާއަށް އެންމެން ވެސް ހީގަތީ ޗަކަަޗަކަލާފަ އެވެ. ކުރީ ޖެއްސުމެވެ. އުކީ ފުރައްސާރަ އެވެ. އެކަމަކު ބޮޑީކޮށްލައިގެން ގޮސް އޭނާ އެނބުރި އައީ ރަން މެޑަލް ހިފައިގެންނެވެ.
8 ފެބްރުއަރީ 2023
1

މިއީ ގދ. ގައްދޫ އަށް އުފަން، އެ ރަށު ބެންހާގޭ ރާހިލް ސާދިގެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާއާ ބައްދަލުވިއިރު އުޅުނީ އުފަން ރަށުގެ ޒުވާނުންގެ މަރުކަޒުގައި ހަދާފައި ހުރި ޖިމެއްގައި ދާ ކައްކާލައިގެންނެވެ. މޭފުއްޕާލައިގެންނެވެ. އަދި ދެ އަތް ފުޅާކޮށްލައިގެންނެވެ. – އެކަމަކު އެއްގޮތަކަށްވެސް ރަދީފުގައިވީ މަޒާޖީ ގޮތަކަށް ނޫނެވެ. އަސްލަށެވެ.

ރަށުގައި ކޮންމެ ވެސް ބަޔަކު ހިންގި ޖިމެއް ބައުވެ، އެތަނުގައި ވީރާނާވަމުން ދިޔަ ޖިމް އިކުއިޕްމަންޓުތައް ޒުވާނުންގެ މަރުކަޒަށް ގެންގޮސް ހުޅުވި އެ ޖިމު ވެގެންގޮސްފައި ހުރީ ރާހިލްގެ ދެވަނަ ގެއަށެވެ. ސްކޫލުން ނިމިގެން ގެއަށެވެ. ގެއިން ޖިމަށެވެ. އަދި ރަށުގައި އޮތް ފުޓްބޯޅަ ޓީމެއްގައި ގޯލުކީޕަރަކަށް ވެސް ކުޅުނެވެ.

އެ އަހަރަކީ އޭނާގެ އޯލެވެލް އަހަރެވެ. ނަތީޖާއާ ހަމަ އަށް ދިއުމުގެ ކުރިން އެ ދުވަހު އޭނާ ބުނި ވާހަކައެއް މި ތަނުގައި ތަކުރާރުކޮށްލާފައި ނޫން ގޮތަކަށް މި ވާހަކަ މިހައި ހިސާބުން ކުރިއަކަށް ނުގެންދެވޭނެ އެވެ.

"މިސްޓަ މޯލްޑިވްސްގެ ފިޒީކް ކެޓަގަރީގައި ވާދަކުރަން ބޭނުންވަނީ. އެކަމަކު މި އަހަރު ނާރާނަން. އޯލެވެލް އަހަރުވީމަ އަޅުގަނޑު ބޭނުންވަނީ ރަނގަޅަށް ކިޔަވަން. އެކަމަކު ވަދަކުރަން ބޭނުން 2022ގެ މުބާރާތުގައި،" މިޒާޖުގައި މަޑުމައިތިރި ރާހިލް ބުންޏެވެ.

އުމުރުން 16 އަހަރުގައި ރާހިލް އެހެން ބުނުމުން ވަރަށް ގިނަ މީހުން ހީގަތީ ޗަކަޗަކަލާފަ އެވެ. ޖެއްސުމާއި މަލާމާތާއި ފުރައްސާރަ އެއްލަމުންނެވެ. ނުވާނެއޭ އެތައް ބަޔަކު އޭނާއާ ދިމާލަށް ބުންޏެވެ. – މިއީ އޭރެވެ.

ދެން މި އަންނަނީ މިހާރުގެ ވާހަކަ އެވެ.

މިދިޔަ ޖެނުއަރީ މަހު 18 އަހަރު ފުރުނު އިރު ރާހިލް އަކީ މިހާރު 'މިސްޓަ މޯލްޑިވްސް'ގެ ރަން މެޑަލް އަދި ރިހި މެޑަލް ހާސިލުކޮށްފައިވާ ޒުވާން އެތުލީޓެކެވެ. ޕްރޮފެޝަނަލް ކޯޗަކާ ނުލައި ރަށުގެ އެ އާދައިގެ ޖިމުގައި އެކަނި އޮހޮރުވި ދަލަށް ފަހު ރަން މެޑަލް އޭނާ ކާމިޔާބުކުރީ މިދިޔަ ޑިސެމްބަރު މަހުގެ މުބާރާތުގައި އަލަށް ތައާރަފްކުރި ޖޫނިއާ ކެޓަގަރީގައި ވާދަކޮށް، ޖޫނިއާ ފިޒީކް ކެޓަގަރީންނެވެ. އެއަށް ފަހު ރިހި މެޑަލް ގެންދިޔައީ އޭނާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ދޮށީ އެތުލީޓުންނާ ވާދަކޮށް ސީނިއާ ސްޕޯޓް ފިޒީކްގެ 180 ސެންޓިމީޓަރު ކެޓަގަރީންނެވެ.

ރާހިލް އޭނާ ހާސިލުކުރި ދެ މެޑަލާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.

ރާހިލްގެ މި ކާމިޔާބީން ހައިރާންކޮށްލީ އޭނާއާ ދިމާލަށް ނުވާނެއޭ ބުނެ ހޭން ތިބި މީހުން އެކަންޏެއް ނޫނެވެ. ޚުދު ރާހިލަށް ވެސް ހުރެވުނީ އެ ހަގީގަތް ގަބޫލުނުކުރެވިފަ އެވެ. ހުވަފެން އެންމެފަހުން ހަގީގަތަށް ވުމުން ވެސް އޭނާ އަށް ހީވީ އެ ހުވަފެނުން އަދިވެސް ހޭނުލެވެނީ ކަމަށެވެ.

އެކަމަކު އޭނާގެ މި ކާމިޔާބީ އަކީ ހަގީގަތުގައި ވެސް ލޯ ހުޅުވަން މަޖުބޫރުކުރުވި ގަދަ ކާމިޔާބީއެކެވެ.

"ފުރަތަމަކޮޅު ފަށައިގަތްއިރު ވަރަށް އުނދަގޫވި. މީހުން ވަރަށް އެއްޗެހި ވެސް ކިޔާ. އޮންލައިންކޮށް ފުރައްސާރަ އާއި މަލާމާތާ ވެސް ކުރިމަތިލިން. ބޮޑީބިލްޑް ނުކުރެވޭނެއޭ ވެސް މީހުން ބުނި. އެކަމަކު ދޫނުދީ ކުރިއަށް ދާ ވަރަކަށް އެ ހުރިހާ އެންމެން ވެސް އެންމެފަހުން އަރާނެ އެމީހެއްގެ ފަހަތަށް. އެމީހުން އައިސް އަހާނެ ކިހިނެއް ހެދީމަތޯ ކާމިޔާބުވީ ވެސް،" އޯލެވެލް އަށް ފަހު ފިޓްނެސްއާ ގުޅުން ހުރި ދާއިރާއަކުން އިތުރަށް ކިޔެވުމުގެ ޝައުގުވެރިކަމުގައި މާލެ އަށް ދިރިއުޅުން ބަދަލުކުރުމުގެ މަރުހަލާގައި އުޅޭ ރާހިލް ކިޔައިދިނެވެ.  

"ބަނޑު ހިންދާނެ ގޮތާއި ސިކްސް ޕެކް ހޯދާނެ ގޮތް ވެސް އަހަން ފަހުން އެ މީހުން އަންނާނެ. އެގޮތަށް އައީމަ އަޅުގަނޑަށް އެނގޭ މިންވަރަކުން އަބަދުވެސް ކިޔައިދެން."

މިދިޔަ ޑިސެމްބަރު މަހު މާލޭގައި ބޭއްވި މިސްޓަ މޯލްޑިވްސް މުބާރާތުގައި ރާހިލް ވާދަކުރަނީ.

މާލޭގައި އެކްސްޓްރީމް ފިޓްނެސް ޖިމުގައި ތަމްރީނު ހަދަމުން އަންނަ ރާހިލް ބުނީ އޭނާ އަށް ކާމިޔާބު ލިބެން ފެށުމުން މީހުންގެ ފަރާތުން ލޯތްބާއި ސަޕޯޓު ލިބުން މިހާރު އާންމުވެފައިވާ ކަމަށެވެ. އަދި މިއީ ދިރިއުޅުމުގެ ހަގީގަތްކަން އޭނާ އަށް އަބަދުވެސް ގަބޫލުކުރެވޭ ކަމަށެވެ.

"އެއްވެސް މީހަކު އަސްލު ގަބޫލެއް ނުކުރޭ އަޅުގަނޑު މި ހިސާބަށް އަތުވެދާނެ ކަމަކަށް. މިސްޓަ މޯލްޑިވްސް މުބާރާތުގައި ވާދަކުރަން ބޭނުމޭ ބުނީމަ އެންމެން ވެސް ކުރީ މަލާމާތް. ޖެހީ ޖޯކު،" ރާހިލް ކިޔައިދިނެވެ.

"ހުރިހާ ކަމެއް ވެސް ފަށަން ވަރަށް އުނދަގޫވާނެ. ފަށާ އިރަކުން އެކުގައި ސަޕޯޓްކުރާނެ ބަޔަކު ނުތިބެދާނެ. އެކަމަކު ކާމިޔާބު ލިބުނީމަ ވަރަށް ބައިވަރު މީހުން އަދި ސްޕޮންސަރުން އަންނާނެ ދެ އަތް ހުޅުވާލައިގެން"

"އެންމެން ވެސް މަރުހަބާ ކިޔާނެ އެ ހިސާބަށް ދިޔައީމަ. އަޅުގަނޑު މި މުބާރާތުގައި ވާދަކޮށް ވަނަ ލިބިގެން މެޑަލް ހިފައިގެން ރަށަށް ދިޔައީމަ ރަށުން އަޅުގަނޑަށް ކީ ރަތް ދޫލައިގެ މަރުހަބާއެއް. ވަރަށް ގިނަ މީހުން ތިބި ސަލާންކުރަން. ވަރަށް ގިނަ މީހުން ތިބި މާފަތި ހިފައިގެން."

މިސްޓަ މޯލްޑިވްސްގައި ހޯދި ކާމިޔާބީ އަށް ފަހު ރަށުން ރާހިލްއަށް ކީ މަލާއި ރަތްދޫލައިގެ މަރުހަބާއެއް.

ރާހިލް ބުނީ އޯލެވެލްގެ އަހަރު އޭނާ ޖިމަށް ގޮސް ބޮޑީބިލްޑްކުރަން ފެށުމުން އެކަމާ އެންމެ ފުރަތަމަ މައްސަލަ ޖެއްސީ ކިޔަވަން ދިޔަ ސްކޫލްގެ އިސް ވެރިން ކަމަށެވެ.

"ސްކޫލްގައި އުޅެމުން ޖިމަށް ގޮސް ބޮޑީބިލްޑްކުރަން ފެށުމުން އެކަން ވެސް ވީ އެންމެ ފުރަތަމަ މައްސަލައަކަށް. ޕްރިންސިޕަލް އެ މައްސަލައިގައި އަޅުގަނޑުގެ ބެލެނިވެރިންނަށް ވެސް ރިޕޯޓްކުރި. ބޮޑީބިލްޑިން އަށް ދިއުން ހުއްޓުވާށޭ، ނޫން ނަމަ އޭނަގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއޭ ވެސް ބުނި،" ރާހިލް ބުންޏެވެ.

"އަޅުގަނޑު މި ޖާނީ ފެށިއިރު ވަރަށް ގިނަ މީހުން ޑައުޓުކުރި އަޅުގަނޑާ މެދު އަދި އަޅުގަނޑަށް ކުރެވިދާނެ ކަމަކާއި ދެވިދާނެ ހިސާބަކާ މެދު."

އެކަމަކު އޭނާގެ ކުޅަދާނަކަމާއި ސާބިތުކަމާ މެދު މިއަދު އުފައްދާނެ ސުވާލެއް ނެތެވެ. ކާމިޔާބީ ވަރަށް ވެސް ސާފެވެ. ނަމަވެސް ރާހިލް ބުނަނީ އޭނާގެ މި ދަތުރުގައި ކާމިޔާބީ އަކީ ކޮންމެހެން ވަކި ބައެއްގެ ސަޕޯޓް ނުވަތަ މެޑަލްތަކެއް ވެސް ލިބުން ނޫން ކަމަށެވެ.

"އަޅުގަނޑަށް މި ކަމުގައި އެންމެ ހާއްސަ ވަނީ އަދި އެންމެ މުހިންމީ ވެސް މި ޖާނީ. ލިބޭ މެޑަލްތަކަށް ވުރެ ވެސް ބޮޑަށް މުޅި މި ތަޖުރިބާ. މި ބެޓްލް. މިއީ ވަރަށް ބޮޑު މެންޓަލް ބެޓްލްއެއް އަޅުގަނޑު ދެކޭގޮތުގައި،" ރާހިލް ބުންޏެވެ.

"ބައެއް ދުވަސް ދުވަހަކީ ހަމަ އެއްވެސް ކަމެއް ކުރާ ހިތްނުވާ ދުވަސްތައް. ޖިމަށް ދާ ހިތެއް ވެސް ނުވެދާނެ. ކާޑިއޯ ހަދާ ހިތެއް ނުވެދާނެ. އެކަމަކު ވެސް ހުރިހާ ކަމެއް ޑިސިޕްލިންކޮށް ޖިމް ޖައްސައިގެންކަން މިކަން ހާސިލުވާން އޮތީ އަބަދުވެސް ގަބޫލުކުރަން ޖެހޭ. ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލައިގެން ގަވާއިދަކުން މިކަން ކޮށްގެންކަން އެނގޭ ކާމިޔާބު ލިބޭނީ."

ބޮޑީބިލްޑިން އަށް ރާހިލްގެ ހިތްޖެހުނީ ދުނިޔެ އަށް މަޝްހޫރު ބޮޑީބިލްޑިން ލެޖެންޑު އަދި ހޮލީވުޑްގެ އެކްޝަން ހީރޯ އާނޯލްޑް ޝުވާޓްޒެނޭގާގެ ވާހަކައިންނެވެ. ބޮޑީބިލްޑިންގެ މި ދަތުރު ފަށައިގަތީ ވެސް އާނޯލްޑް 'ގާތުން' ނެގި ފިލާވަޅުތަކަށް ފަހު އެވެ. އާނޯލްޑްގެ 'ބޮޑީބިލްޑިން ފޮތްތައް' ހިތު ދަސްކޮށްގެންނެވެ.

ކޮންމެއަކަސް ބޮޑީބިލްޑިން އަށް އުފެދުނު މި ޝައުގުވެރިކަމާ އެކު ރާހިލްގެ މުޅި ދިރިއުޅުން ވަނީ އެއްކޮށް ބަދަލުވެފަ އެވެ. އޭނާ ބުނާ ގޮތުން މިއީ ހިތިފޮނި ތަޖުރިބާއެކެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟

"ވަކި ގޮތަކަށް ފިޓްނެސް ހިފަހައްޓަން ޖެހުނީމަ ބޭރަށް ގޮސް ރައްޓެހިންނާ އެކު ސަކަރާތް ޖެހުމާއި ކެއުމުގައި ވަގުތު ހޭދަކުރުމަކީ މިހާރު ކުރެވޭ ކަމެއް ނޫން. އެހެންވީމަ ކުރިން އެކުގައި އުޅުނު ރައްޓެހިންނަކާ މިހާރު ވަރަށް ދިމާ ވެސް ނުވާނެ. އެމީހުން ބޭނުންވާ ގޮތަށް އަޅުގަނޑަށް ނޫޅެވޭތީ ދުރުވީ،" ރާހިލް ބުންޏެވެ.

ނަމަވެސް ރާހިލް ފާހަގަކުރަން ބޭނުންވަނީ މި ގުރުބާނީއާ އެކު އޭނާގެ އުޅުމަށް އައިސްފައިވާ ރަނގަޅު އަހުލާގެވެ.

ސީނިއާ ސްޕޯޓް ފިޒީކްގެ 180 ސެންޓިމީޓަރު ކެޓަގަރީން ރިހި މެޑަލް ހާސިލުކުރުމަށް ފަހު އެހެން ބައިވެރިންނާ އެކު ރާހިލް (ވ) ފޮޓޯއަކަށް ހުއްޓިގެން.

"ގެއިން ބޭރަށް ދާ ނަމަ އާންމުކޮށް އެންމެ ގިނަ ވަގުތު ހޭދަވާނީ ޖިމުގައި. ދެން ގެއަށް އައިސް އަމިއްލަ އަށް ކާއެއްޗެހި ތައްޔާރުކުރުން އޮންނާނީ. އަދި ހުސް ވަގުތެއް ލިބިއްޖެއްޔާ ބޮޑީބިލްޑިންއާ ބެހޭ މައުލޫމާތު ހޯދުމާއި ދަސްކުރުމުގައި އުޅޭނީ،" ރާހިލް ކިޔައިދިނެވެ.

"މިހާރު ވެސް ހުސް ވަގުތެއް ލިބިއްޖެ ނަމަ އަޅުގަނޑު ގިނައިން އުޅޭނީ ކޮންމެވެސް ބޮޑީބިލްޑިން ފޯރަމަކަށް ވަދެ. ނުވަތަ ބޮޑީބިލްޑިންއާ ބެހޭ ފޮތެއް ކިޔާލަން."

ދެން ނިދައި އަރާމުކުރުމެވެ. އަދި އޭނާ ބަލާ ހުވަފެނަކީ މި އެވެ.

"މި އަހަރު ބާއްވާ މިސްޓަ މޯލްޑިވްސް މުބާރާތުގައި ވެސް ބައިވެރިވާން އަޅުގަނޑު ބޭނުން. އަދިވެސް ބޭނުންވަނީ ހަމަ މިގޮތަށް އިތުރު މުބާރާތްތަކުގައި ވާދަކުރަން. އަދި އެންމެފަހުން މި ސަރަހައްދުގެ މުބާރާތްތަކުގައި ވެސް ގޮސް ވާދަކުރަން ބޭނުންވަނީ،" ރާހިލް ބުނެލި އެވެ.

އޭނާ މި ހުވަފެން ވެސް ހަގީގަތަކަށް ހަދާނެކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ފަސް ބެލުމެއް ނެތި ކުރިއަށް ދިއުމަށް އަބަދުވެސް ފެންބޮވައިގެންފައިވާ ޒުވާނަކަށްވީމަ އެވެ. އަދި ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އަމާޒުން ފޯކަސް ގެއްލުވާލަން ބޭނުންނުވާތީ އެވެ.

ކޮމެންޓް (1)

އޯކޭ

8 ފެބްރުއަރީ 2023
ކުރިންބުނީ ނުވާނެޔޭ މަގޭ ހުނަރެއްކޮށްލީ ސުވާލެކޭ! ކުރިއެރުމުން ބުނާނެޔޭ މަގޭ މޭންއެކޭ އަތުނުވާނެޔޭ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް