މިޒްނާ އޭނާ އެންމެ ފަހުން މާބަނޑުވި ދުވަސްވަރު ނަގާފައިވާ ފޮޓޯއެއްގައި ފިރިމީހާ އަދި ދެމަފިރިންގެ އެއްމާބަނޑު ދެ ކުދިންނާ އެކު.
މި މަންމަގެ ހިތުގެ އެންމެ ފުންމިނުން: ތަދާއި ވޭނާއި އުފާވެރިކަމުގެ ވާހަކަ
ނޯޓު: މިއީ ދަރިމައިވުމުގެ މައްސަލަތަކާ ބެހޭ ގޮތުން 'ދައުރު' އިން ފަށައިގެން ސިލްސިލާކޮށް ގެނެސްދެމުންދާ ރިޕޯޓްތަކުގެ ތެރެއިން ރިޕޯޓެކެވެ. މިއީ ހޭލުންތެރިކަން އިތުރުކުރުމަށާއި އުއްމީދު އާކޮށް ހިތްވަރު އުފެއްދުމަށް ކުރާ ސިލްސިލާ މަސައްކަތެކެވެ.
"ދުވަހަކު ވެސް ހިތަކަށް ނާރާ އަޅުގަނޑު މަންމައަކަށް ވެދާނެއެކޭ. އަޅުގަނޑަށް ކުދިން ލިބިދާނެއެކޭ. ކޮންމެވެސް ސަބަބުތަކާ ހެދި އަބަދުވެސް ހިތަށް އެރީ މަންމައަކަށް ދުވަހަކު ވެސް ނުވާނެއޭ. ނޭނގޭ ކީއްވެގެން ކަމެއް. އަބަދުވެސް ހިތަށް އެރީ އެހެން."
"އެހެން އުޅެނިކޮށް އަޅުގަނޑު ޑައިގްނޯސްކުރީ އެންޑޯމީޓްރިއޯސިސް އަށް. ދެން ހިތަށް އެރީ، އަބަދުވެސް ހިތަށް އެރި ގޮތް. އެ ޝައްކު އެންމެފަހުން ސީދާވީއޭ. އަޅުގަނޑު ދެން ދުވަހަކު ވެސް މަންމައަކަށް ނުވާނެއޭ."
ފާތުމަތު މިޒްނާ އަލީ ކިޔައިދެމުން ދިޔައީ އޭނާގެ 37 އަހަރުވީ ހަޔާތުގައި އަބަދުވެސް އެންމެ ފަސޭހައިން އޭނާގެ ރޫހާއި ފޯރި މަރައިލި ހިޔާލުތަކުންނެވެ. އެންމެ ބޮޑު ތުރާލާއި ނުތަނަވަސްކަމުގެ ތެރެއިންނެވެ. ނަމަވެސް 2017 ވަނަ އަހަރު އޭނާ އަށް ލިބުނު ނިބޫ އަންހެން ދެބެއިންނާ އެކު އެ ހުރިހާ ރިހުމަކާއި އުދާހަކަށް ފިނިކަމެއް ލިބިގެން ދިޔަ އެވެ.
އޭނާ އަށް އެއްމާބަނޑު ދެބެއިން ލިބުނީ އައިވީއެފް މެދުވެރިކޮށެވެ. އަދި އޭގެ ފަސް އަހަރު ފަހުން ގުދުރަތީގޮތުން ބަލިވެއިނދެ އޭނާ އަށް ވަނީ ތިންވަނަ ކުއްޖަކު ވެސް ލިބިފަ އެވެ. މިފަހަރު ފިރިހެން ކުއްޖެކެވެ.
"އަޅުގަނޑު އެންޑޯމީޓްރިއޯސިސް އަށް ޑައިގްނޯސްކޮށްފައި ވަނީ ސްޓޭޖު ފޯގައި. ނެޗުރަލްކޮށް ބަލިވެއިނދެ ކުއްޖެއް ލިބުމަކީ އެއްގޮތަކަށް ވެސް އުއްމީދުކުރި ކަމެއް ނޫން. އެ ޕްރެގްނެންސީވީ ވެސް ސަޕްރައިޒަކަށް،" މިޒްނާ ކިޔައިދިނެވެ.
މި ވާހަކަ އޭނާ ކިޔައިދޭން ބޭނުންވާ ވަރަށް ބައިވަރު ސަބަބު އެބަހުއްޓެވެ. އަމިއްލަ ދިރިއުޅުމުގެ ދަތުރުގައި ދަސްވި ކަންކަމުގެ ސަބަބުން ކުރިން ދުވަހަކު ވެސް އިހުސާސުނުވާ ކަހަލަ މަޑުމޮޅި ސާފުކަމެއްގެ ހިތްހަމަޖެހުން މިއަދު އޭނާގެ ހިތާއި ނަފުސަށް ކަށަވަރުވެފައިވިޔަސް މީގެ އަހަރުތަކެއް ކުރިން އޭނާ ވެސް ވީ ގެއްލިފަ އެވެ. އަދި ހަމަ އެގޮތަށް ބަންދުވެ، އުއްމީދު ގެއްލިފައި ތިބި އެތައް ބަޔަކު އަދިވެސް އެ މާޔޫސްކަމުގެ ތެރޭގައި ތިބިކަން އޭނާ އަށް އެނގޭތީ ކިޔައިދޭން ބޭނުންވާ ވާހަކައެކެވެ.
ސިއްހީ އެކި ސަބަބުތަކާ ގުޅިގެން ދަރިމައިވުމުގެ ދަތުރުގައި ކުރިއަށް ނުދެވިފައި ނުވަތަ ކުރިއަށް ދާނެ ހިތްވަރު ލިބިފައި ނެތް މީހުންނަށް އޭނާގެ ވާހަކަ ކޮންމެވެސް ސިފައެއްގައި ހިތްވަރަކަށް ވާނެކަމުގެ އުއްމީދެއް އޭނާ އަށް އޮތީމަ އެވެ.
މިޒްނާ އަކީ ހަމައެކަނި އެންޑޯމީޓްރިއޯސިސްގެ ތަދާއި ވޭން ތަހައްމަލުކުރަމުންދާ އަންހެނެއް ނޫނެވެ. އެ ތަދާއި ވޭނުގެ ތެރޭގައި އުޅެމުން އޭނާ ވަނީ މި ހާލަތު މެދުވެރިވެފައިވާ އަންހެނުންނަށް އެހީވުމަށް 'އެންޑޯ މޯލްޑިވްސް'ގެ ނަމުގައި ޖަމްއިއްޔާއެއް ވެސް ވުޖޫދަށް ގެނެސްފަ އެވެ. އަދި މި ތަދާއި ވޭނާ ކުރިމަތިލައި އެ ހުރިހާ ގޮންޖެހުންތަކާ އެކުގައި އެންމެފަހުން ބަލިވެއިނދެ، މި ދަތުރުގައި މިހާރު އޭނާ ކުރިއަށް ދަނީ އޭނާގެ ތިން ކުދިން ވެސް ގޮވައިގެންނެވެ. އެ ކުދިންނާއި އެންޖީއޯގެ މަސައްކަތުން ހިތަށް ފިނިކަމެއް ލިބިފައިވިޔަސް އެންޑޯމީޓްރިއޯސިސްގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން އަދިވެސް ކުޑައެއް ނުވެ އެވެ.
"ރާއްޖޭގައި މިކަމުގެ ހޭލުންތެރިކަން ނެތުމުގެ މިންވަރު އޮތް ހިސާބަކީ، މިފަދަ ވޭނެއް ތަހައްމަލުކުރަމުންދާ މީހާއާ ދިމާލަށް ވެސް ވަރަށް ގިނަ މީހުން ބުނާނީ ތިއީއޭ އަންހެނަކަށް ވުމުގެ މާނައަކީ. އަންހެނުންނަށް ތިކަހަލަ ކަންކަން ދިމާވާނެއޭ. ކެތްކޮށްލާށޭ ޖެހޭނީ،" މިޒްނާ ކިޔައިދިނެވެ.
"އެކަމަކު ޕީރިއަޑް ޕެއިންގައި އާދަޔާހިލާފަށް ވޭން އަޅާ ނަމަ އެއީ އެއްގޮތަކަށް ވެސް އާދައިގެ ކަމެއް ކަމަށް ނިންމައިގެން އެ ވޭނުގައި އުޅޭކަށް ނުވާނެ ސިއްހީ އިތުރު ފަރުވާ ނުހޯދައި. އެންޑޯމީޓްރިއޯސިސް ނޫން އެހެން ކަމަކަށް ވެސް ވެދާނެ."
"އެހެންވީމަ ބޭސްގުޅައެއް ކާލައިގެން ތަދު ކަނޑުވާލައިގެން އެ ވާހަކަ ފޮރުވާލައިގެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތް. މި ވާހަކަ ވީހާ ވެސް ގިނައިން ދައްކަންވީ. ކިޔައިދޭންވީ."
އުމުރުން 17 އަހަރުގައި މިޒްނާ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް އަށް ޑައިގްނޯސްކޮށްފި އެވެ. އެކަމަކު އެންމެ ކުޑައިރުން ފެށިގެން ވެސް ތަދާއި ތުރާލުގެ މާހައުލަކަށް އުޅެބޮޑުވުމުން މިޒްނާ ބުނީ އެއްވެސް ކަމެއް އެންމެ ފުރަތަމަ މާ ބޮޑު ކަމަކަށް ނުވި ކަމަށެވެ. ނުވަތަ ދިރިއުޅުމުގެ ހާލަތު އަބަދުވެސް އޭނާ އެ ހުރިހާ ރިހުމަކަށް ތައްޔާރުކުރުވީ އެވެ. ހުރިހާ ކަމަކާ އެކަނި ކުރިމަތިލާން ދަސްކޮށްދިނީ އެވެ.
"އަޅުގަނޑަށް ގާތްގަނޑަކަށް ހަތަރު އަހަރުގައި މަންމަ އާއި ބައްޕަ ވަކިވެއްޖެ. އަޅުގަނޑު އުޅެބޮޑުވީ ބައްޕަގެ ބެލުމުގެ ދަށުގައި، މާމައާ އެކު. ހުރިހާ ކަމެއް އެކަނި ކުރަމުން އަމިއްލަ ދިރިއުޅުމުގެ ޒިންމާތަކާ ކުރިމަތިލަމުން ބޮޑުވީ،" މިޒްނާ ކިޔައިދިނެވެ.
"އެހެންވީމަ ކަމަށް ވެދާނެ ތަދު ކިތަންމެ އިހުސާސުވިޔަސް ނުވަތަ ކިތަންމެ މާޔޫސްވިޔަސް އަބަދުވެސް އެ ހުރިހާ ކަމަކާ ކުރިމަތިލައި ކުރިއަށް ދިއުމުގެ ހިތްވަރެއް އުފެދިފައިވަނީ."
މިޒްނާ އަކީ ޑިޒައިންކުރުމުގެ ސައިންސާއި އާޓުގެ ތަޖުރިބާކާރެކެވެ. ރާއްޖޭގައި ޕްރޮފެޝަނަލްކޮށް އެންމެ ފުރަތަމަ މަސައްކަތްކުރަން ފެށި އަންހެން އާކިޓެކްޓުންގެ ތެރޭގައި ހިމެނޭ ހުނަރުވެރިއެކެވެ. އަބަދުވެސް އެންމެ ކިޔަވަން ބޭނުންވި ދާއިރާއިން މާސްޓާސް ޕްރޮގްރާމަށް ކިޔަވަމުން ދިޔަ ދުވަސްވަރަކީ މިޒްނާ ކިޔައިދިން ގޮތުން ނަމަ އޭނާ އަށް ދިމާވެފައިވާ އެންޑޯމީޓްރިއޯސިސްގެ ފުރަތަމަ އަލާމާތްތަކުގެ ރަނގަބީލާއި ވޭން އެންމެ ގަދަވެގެންދިޔަ ދުވަސްވަރެވެ.
"ނަމަވެސް ޕޮލިސިސްޓިކްވީމަ އަދި ޑޮކްޓަރަކަށް ދެއްކިޔަސް އެންމެން ވެސް ބުނަނީ ޕޮލިސިސްޓިކްވީމަ އޭގެ ސަބަބުން ވާހާ ކަންކަމޯ އެއީ. އެހެންވީމަ އަސްލު މާ ބޮޑު ސަމާލުކަމެއް ނުދީ، ކިތަންމެ ތަދުވިޔަސް އެ ތަދަށް ކެތްކޮށްލައިގެން އުޅުނީ،" މިޒްނާ ކިޔައިދިނެވެ.
"[ޕެއިންފުލް ޕީރިއަޑާއި އެކްސެސިވް ބްލީޑިން އަދި ބަވްލް މޫވްމަންޓްގައި] އުނދަގޫވާން ފެށިއިރު ވެސް ވިސްނުނީ އެއީ މުޅިން ވެސް ސިއްހީ އެހެން ކަންކަމާ ގުޅިގެން ދިމާވާ ކަންތައްތަކެއް ކަމަށް. އެކަމަކު އޭރަކު އަދި ނުވެސް އެނގޭ އެންޑޯމީޓްރިއޯސިސް ކިޔާ ކަމެއް މިގޮތަށް އަންހެނުންނަށް ދިމާވާ ކަމެއް ވެސް،" ރަހިމުގެ ތެރޭގައި ހުންނަ ސެލްތައް ފުފިގެން ރަހިމުގެ ބޭރަށް ފެތުރި އަށަގަތުމުގެ ސަބަބުން ދަރިމައިވުމަށް ހުރަސްތަކެއް މެދުވެރިވާ ސިއްހީ މައްސަލަ، އެންޑޯމީޓްރިއޯސިސް އަށް އިޝާރާތްކޮށް މިޒްނާ ކިޔައިދިނެވެ.
"ޑޮކްޓަރަށް ދެއްކީމަ، އެއީ ޕޮލިސިސްޓިކް ކަމަށް ބަލައި ސިސްޓްތައް ކުޑަކުރަން ބޭސްތަކެއް ވެސް ދިން. އެކަމަކު އެންޑޯމީޓްރިއޯސިސް ސިސްޓަކީ އޭގެ އަމިއްލަ ޒާތުގައި ނެތިގެންދާ އެއްޗެއް ވެސް ނޫން. އެއީ ލޭތައް އެކުވެގެން ގޮސް ހެދިފައި ހުންނަ ސިސްޓެއް. ލޭގަނޑެއް އެއީ، ގުޅަގަނޑެއް."
މިޒްނާ ބުނިގޮތުގައި އެންޑޯމީޓްރިއޯސިސް އަށް އޭނާގެ އުމުރުން 26 އަހަރުގައި ޑައިގްނޯސްކުރިއިރު އޭގެ ވޭނާއި ރިހުމުގައި އުޅޭތާ ގާތްގަނޑަކަށް ހަތް އަހަރު ވެދާނެ އެވެ. އެކަމަކު އެންޑޯމީޓްރިއޯސިސްކަން ޔަގީންވުމަށް ފަހު ވެސް އޭނާ ބުނީ ކުރިއަށް ދާންވީ މަގު ދެން ވެސް އޭނާ އަށް ފަސޭހައިން ކޮށައިދޭނެ ބަޔަކު ނުވި ކަމަށެވެ.
"އަޅުގަނޑު ޑައިގްނޯސްވެގެން އެންގީ ސާޖަރީއެއް ހަދަން. ނަމަވެސް އެކަށީގެންވާ ހިދުމަތެއް ލިބެން ނެތްއިރު އެންމެ ރައްކާތެރިގޮތުގައި ފަރުވާ ހޯދާނެ ގޮތުގެ މާ ބޮޑު މައުލޫމާތެއް ވެސް ނުލިބޭ. ދެން އަޅުގަނޑު އަމިއްލަ އަށް ހޯދައި ބަލައިގެން ހަޒްބަންޑާ އެކު ލަންކާ އަށް ގޮސް ސާޖަރީ ހެދީ،" މިޒްނާ ކިޔައިދިނެވެ.
އޭނާ ބުނީ އެންޑޯމީޓްރިއޯސިސްގެ ސަބަބުން، ކުދިން ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިޝާރާތެއް އެންމެ ފުރަތަމަ ލިބިފައި ނެތް ކަމަށެވެ. އަނެއްކޮޅުން ކައިވެނިކޮށްގެން ވަރަށް ކުރީކޮޅު އޭނާ ބަނޑުބޮޑުވުމުން ހީކުރެވުނީ އެންޑޯމީޓްރިއޯސިސް މާ ބޮޑު ކަމަކަށް ނުވެސް ވާނެ ކަމަށެވެ.
ނަމަވެސް އެ ބަނޑަށް ތިން މަހުގައި ބައިގެންދިޔައީ އެވެ. މިޒްނާ ބުނީ އެ ތަޖުރިބާ އަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ހިތްދަތި ހަނދާނެއް ކަމަށެވެ.
"ކުއްޖަކު ނެތަސް، އެ ހުސްކަން ކުއްލިއަކަށް އިހުސާސްވުމާއި ދަރިއަކު ހޯދަން ބޭނުންވުން އިތުރުވެ މުހިންމުވީ ކުއްޖަކު ހޯދުން. ކުއްޖަކު ވަރަށް ބޮޑަށް ބޭނުންވާން ފެށީ. އަމިއްލަ ކުއްޖަކު ހޯދަން ބޭނުންވީ،" މިޒްނާ ބުންޏެވެ.
"އަޅުގަނޑަކީ އަބަދުވެސް ވަރަށް ކެރިއާ އޮރިއެންޓެޑް މީހަކަށްވީމަ ވަރަށް ގިނަ ވަގުތު އުޅުނީ ވަޒީފާގައި، ބިޒީކޮށް. އެކަމަކު ނެޗުރަލީ އަލަށް ޕްރެގްވެފައި އެ ބޭބީ ލޫޒްވި ހިސާބުން ނުވެސް ނިދުނު ރަނގަޅަކަށް. އެ ދަރިފުޅު މާ ބޮޑަށް މިސްވާން ފެށީ. އަދި ވަކިން ހާއްސަކޮށް ދިރިއުޅުމުގައި އެއްވެސް އިރަކު ނެތް ކުއްޖެއްގެ މަތިން ކުއްލިއަކަށް މިސްވާން ފެށީ."
އޭނާ ބުނީ އައިވީއެފް ހަދަން ނިންމީ އެ ހިސާބުން ކަމަށެވެ.
ފުރަތަމަ ތަޖުރިބާ ދިޔައީ ވަރަށް ވެސް ހިތިކޮށެވެ. ނަމަވެސް އޭނާގެ އުއްމީދެއް ނުގެއްލުނެވެ. ކުރިމަތިވި ހިތާމައާ އޭނާ ކެރިގެން ކުރިމަތިލީ އެވެ. އަދި ހާލަތު ބަދަލުވާނެ ކަމަށް ގަބޫލުކޮށް އެކަމަށް މަސައްކަތްކުރީ އެވެ.
"އައިވީއެފް ފެއިލްވިޔަސް، ހިތާމަ އާއި އެކަނިވެރިކަމާ ކުރިމަތިލުމަށް އަބަދުވެސް މީހާ އެންމެ ކުޑައިރުން ފެށިގެން ވެސް ތައްޔާރުވެފައި ހުރީމަ، ކޮންމެ ފަހަރަކު ވެސް އެ ހުރިހާ ހިތާމައަކާ ވެސް ކުރިމަތިލެވޭ އަމިއްލަ އަށް. އެއީ ކުޑައިރު ވެސް އެކަނި އުޅެ އެކަނި ހުރިހާ ކަމަކާ ކުރިމަތިލީމަ ކަމަށް ވެސް ވެދާނެ،" މިޒްނާ ކިޔައިދިނެވެ.
"ފުރަތަމަ އައިވީއެފް ފެއިލްވީމަ، ހިތްވަރު ދޫނުކޮށް، އަމިއްލަ އަށް ދިރާސާކޮށް، ސިއްހީ ގޮތުން ދުޅަހެޔޮ ލައިފްސްޓައިލެއް ބައްޓަންކޮށް ބެލީ ކިހިނެއް ހަދައިގެންތޯ އެންމެ ފުރިހަމަ އަށް އައިވީއެފް އަކަށް ވެސް ތައްޔާރުވެވޭނީ."
"ހަމައެކަނި ދުޅަހެޔޮ ލައިފްސްޓައިލެއް ހޯދުމުގެ އިތުރުން ސްޕިރިޗުއަލީ ވެސް މުޅި މީހާ ބަދަލުވެގެން ދިޔަ ދަތުރެއް އެއީ."
މިޒްނާ ބުނީ އެންމެ ބޮޑު ކަމަކީ އަދި އެންމެ މުހިންމު ކަމަކީ ވެސް އުއްމީދު ދޫކޮށްނުލުން ކަމަށެވެ. އޭގެ ނަތީޖާ ވެސް ވަރަށް ފޮންޏެވެ. ދެ ކުދިންނަށް އޭނާ ބަލިވެއިނީ ދެވަނަ އައިވީއެފް ތަޖުރިބާގަ އެވެ.
"އަޅުގަނޑަށް ވިސްނުނީ، އަޅުގަނޑަށް އޮތް ހަމައެކަނި އިހުތިޔާރަކީ ހިތްވަރުގަދަކޮށްގެން ކުރިއަށް ދިއުމޭ،" މިޒްނާ ބުނެލި އެވެ.
"ދުވަހަކު ވެސް ގިވްއަޕް ނުކުރަން އެންމެ ބޮޑަށް ދަސްވީ. ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް އެ ހާލަތުން އަރައިގަނެވިދާނެއޭ ހިތްވަރުކޮށްގެން ހަމަ ކޮންމެ މީހަކަށް ވެސް."
ކޮމެންޓް (1)
ރައްޒާގު