ވަގުތު ފާއިތުވަމުން އަންނަކަމަށް އދ. ގެ ވެރިޔާ ގިޓެރޭސް ވަނީ ވިދާޅުވެފައި.

ތިމާވެށި

ވިހަ ގޭސްތައް ދޫކުރުން މަދުކުރުމަށް އދ.ގެ ވެރިޔާ ގޮވާލައްވައިފި

ދުނިޔެ ހޫނުވުމުގެ ސަބަބުން މިހާރު ވެސް އިއާދަ ނުކުރެވޭނެ ބަދަލުތަކެއް އައިސްފައިވާ ކަމަށް އައިޕީސީސީގެ އެންމެ ފަހުގެ ރިޕޯޓުގައިވޭ

ދުނިޔެ ހޫނުވުން ހުއްޓުވުމަށް އޮތް ފުރުސަތު ފަހަނައަޅާ ނުދަނީސް ސަރުކާރުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަޖުބޫރު ކުރުވާ "ހަޖަމުކުރަން އުނދަގޫ" ހަގީގަތްތައް ސައިއިންސްވެރިން ހާމަކުރުމަށް އދ.ގެ ވެރިޔާ ގޮވާލައްވައިފި އެވެ.

އެންޓޯނިއޯ ގިޓެރޭސް މިގޮތަށް ވިދާޅުވެފައި ވަނީ ދުނިޔޭގެ އެންމެ މަތީ ސައިންސްވެރިން ތިމާވެއްޓާ ބެހޭ ގޮތުން އެންމެ ފަހުން ޝާއިއު ކުރި ރިޕޯޓާ ގުޅޭގޮތުން މާހިރުންނާއި އޮފިޝަލުން ސްވިޓްޒަލޭންޑުގައި ހަފްތާއަކަށް ދިގުދެމިގެންދާނެ މަޝްވަރާތަކެއް ފައްޓާފައި ވަނިކޮށެވެ. 

މި މަޝްވަރާތަކުގައި ބައިވެރިވަޑައިގަންނަވާ މަންދޫބުންނާއި ވީޑިއޯ މެދުވެރިކޮށް މުހާތަބުކުރައްވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ގިޓެރޭސް ވިދާޅުވީ އިންޓަގަވަންމެންޓަލް ޕެނަލް އޮތް ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ނެރެފައިވާ ރިޕޯޓު "މިއަށް ވުރެއް މުހިންމު ދަނޑިވަޅަކު އައިސްފައި ނުވާނެ" ކަމަށެވެ. 

"ދުނިޔެ މިއޮތީ ބަދަލު ނުކުރެވިދާނެ ހާލަތެއްގެ ތުންފަތްމަތީގައި. ބައިނަލްއަގްވާމީ ގޮތުން އެއްބަސްވެވުނު ދުނިޔެ ހޫނުވާ މިންވަރު އިތުރުވާ މިންގަނޑުގެ ލިމިޓު ކަމަށް ކަނޑައެޅުނު 1.5 ޑިގްރީ ސެލްސިއަސްގެ ފަހަނައަޅާ ގޮސްދާނެ ހާލަތެއްގައި،" ގިޓެރޭސް ވިދާޅުވި އެވެ. 

އައިޕީސީސީގެ ރިޕޯޓުގައި ދުނިޔެ ހޫނުވުމާ ގުޅިގެން މިހާރު ވެސް ބަދަލު ނުކުރެވޭނެ ކަންތައްތަކެއް ހުރިކަން ގިޓެރޭސް މި ތަގްރީރުގައި ކުރެއްވި އެވެ. އަދި ބައިނަލްއަގްވާމީ އިގްތިސާދުން ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އިންތިހާ ބޮޑަށް އެހާމެ އަވަހަށް މަދުކޮށްގެން އަދިވެސް 1.5 ޑިގްރީގައި ހިފެހެއްޓިދާނެ ފުރުސަތު އޮތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް މިހާރު ވެސް ވިހަ ގޭސްްތައް ބޭރުކުރަމުން އަންނަ މިންވަރުން ދުނިޔޭގެ ހޫނުމިން މައްޗަށް ދާނެ މިންވަރު 1.5 ޑިގްރީގައި ނުހިފެހެއްޓޭނެ ކަމަށް ބައެއް ސައިންސްވެރީން ލަފާކުރެ އެވެ.

އައިޕީސީސީން ކުރިން ނެރެފައިވާ ހަ ރިޕޯޓުގެ މައްޗަށް އެކުލަވާލާ ނެެރެފައިވާ 7 ވަނަ ރިޕޯޓުގައި ދުނިޔެއަށާއި އިންސާނުންނަށް ހައްގު ގޮތް އިހްތިޔާރު ކުރުމަށް ސަރުކާރުތަކަށް ބޭނުންވާ "ތެދު ތަފްސީލީ ސައިންޓިފިކް ހަގީގަތްތައް" ހާމަކުރުމަށް ގިޓެރޭސް ގޮވާލެއްވި އެވެ. އަދި ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމަށް އޮތް މަގު "އުނދަގޫކަމުގައި ވިޔަސް ކޮންމެހެން ވެސް އެކަން ކުރަން ޖެހޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔެ ހޫނުވުން ކޮންމެހެން ވެސް ހުއްޓުވަން ވެއްޖެކަން ހަޖަމުކުރަން އުނދަގޫ ތެދު މައުލޫމާތުތަކުން ދައްކުވައިދީ." ގިޓެރޭސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް