(ފޮޓޯ/ޖީއެސްއެމްއެރީނާ)

އެޕަލް އަދި ސެމްސަންގްއާ ވާދަކުރުމަށް ޝާއުމީން އަގުބޮޑު ފޯނެއް ލޯންޗުކޮށްފި

ޝާއުމީގެ ސްމާޓްފޯނު ވިޔަފާރި މިދިޔަ އަހަރު ވަނީ %26 ދަށަށް ގޮސްފައި

އަގުބޮޑު ފޯނުތަކުގެ މާކެޓުގައި ފައިހިއްޕާލާ އެޕަލް އާއި ސެމްސަންގްއާ ވާދަކުރުމަށް ޗައިނާގެ ފޯނު އުފައްދާ  ޝާއުމީން ވަރުގަދަ ފޯނެއް އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރެފި އެވެ. 

ޝާއުމީ 13 އަދި 13 ޕްރޯގެ ނަންދީފައިވާ މި ފޯނު ޝާއުމީން ފުރަމަ ލޯންޗު ކުރީ ޑިސެމްބަރު މަހު ޗައިނާ މާކެޓަށް އެކަންޏެވެ. އަދި މިހާރު އެކުންފުނިން މިވަނީ މި ފޯނު އެހެން މާކެޓުތަކަށް ލޯންޗުކޮށްފަ އެވެ. 

ޝާއުމީ 13 ޕްރޯގައި 6.73 އިންޗީގެ ސްކްރީނެއް ހުރެ އެވެ. އަދި މި ފޯނުގައި އިންނަނީ އެމެރިކާގެ ކުއަލްކޮމް ކުންފުނިން އުފައްދާ އެންމެ ފަހުގެ ސްނެޕްޑްރެގަން އަށް ވަނަ ޖެނެރޭޝަން ދެ ޗިޕްސެޓެވެ. ތިން ލެންސް ކެމެރާއެއް މިފޯނުގެ ފަހަތުގައި ހިމަނާފައިވާ އިރު، އަގުބޮޑެތި ފޯނުތަކުގައި ހުންނަ އަވަހަށް-ޗާޖުކޮށްލުން ފަދަ ފީޗާތައް މި ފޯނުގައި ވެސް ހިމެނެ އެވެ. 

ޝާއުމީ 13 ފެށޭ އަގަކީ 999 ޔޫރޯ އެވެ. އަދި މި ފޯނުގެ ޕްރޯ މޮޑެލް ފެށެނީ 1،299 ޔޫރޯ އިން ނެވެ. 

ދުނިޔޭގައި އެންމެ ގިނައިން މޯބައިލް ފޯނު އުފައްދާ ފަސް ކުންފުނީގެ ތެރެއިން މިދިޔަ އަހަރު ވިޔަފާރި އެންމެ ބޮޑަށް ދަށަށް ދިޔަ ކުންފުންޏަކީ ޝާއުމީ އެވެ. އަހަރުން އަހަރަށް އަޅާބަލާ އިރު މިދިޔަ އަަހަރު ޝާއުމީގެ ސްމާޓްފޯނު ޝިޕްމަންޓުތައް %26 ދަށަށް ދިޔަ އިރު އެކުންފުންޏަށް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވަނީ މާލީ ގެއްލުމަކާ ކުރިމަތިވެފަ އެވެ.

އެކު ޖުމްލަ މިދިޔަ އަހަރު ފޯނު އުފައްދާ ބޮޑެތި ކުންފުނިތަކުން 1.21 ބިލިއަން ފޯނު ޝިޕްކޮށްފައިވެ އެވެ. މިއީ 2013 ވަނަ އަހަރަށް ފަހު މި އަދަދު މިހާ ދަށްވި ފުރަތަމަ ފަހަރެވެ.

"އެޕަލްގެ އައިފޯނުގެ މަގުބޫލުކަން އިތުރުވުމާއި ހޮނޯ ބްރޭންޑު ވަރުގަދަ ވުމާ އަދި އެންޑްރޮއިޑް ފޯނުތައް އަވަސް އަވަހަށް ބަދަލުކުރާ ކަސްޓަމަރުން ގިނަ ވުމުގެ ސަބަބުން ޗައިނާގައި ޝާއުމީއަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި،" ޓެކްނޮލޮޖީ ސިނާއަތުގެ ދިރާސާތައް ހަދާ ޓެކްއިންސައިޓްސްގެ ނީލް މޯސްޓަން ސީއެންބީސީ ނޫހަށް މައުލޫމާތު ދެއްވި އެވެ. 

ހޮނޯ ބްރޭންޑަކީ މަޝްހޫރު ހުއާވޭ ކުންފުނީގެ ތެރެއިން އުފެދުނު އަދި މިހާރު ވަކިން އޮޕަރޭޓު ކުރަމުން އަންނަ މޯބައިލް ފޯނު އުފައްދާ ކުންފުންޏެކެވެ. 

ޝާއުމީ 13 ޕްރޯ (ވީޑިއޯ/ޝާއުމީ)

ދިރާސާތައް ހިންގާ ކެނޭލިސް ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ވިކުނު ފޯނުތަކުގެ ޖުމްލަ އަދަދުން 800 ޑޮލަރުން މަތީގެ އަގެއްގައި ވިކުނު ފޯނުތައް ހިއްސާ ކުރަނީ %18 އެވެ. މިއީ 2020 ވަނަ އަހަރު މިއަދަދު ހުރި %11 އާ ބަލާފައި ވަރަށް ބޮޑު ކުރިއެރުމެކެވެ.  އަގުބޮޑު ފޯނުތަކުގެ މާކެޓުގައި ފައިވިއްދާލުމަށް ޝާއުމީން މަސައްކަތް ފަށާފައި ވާއިރު މާކެޓު މި ހިސާބުގައި އެކުންފުނިން ވާދަކުރަން ޖެހެނީ މަޝްހޫރު އެޕަލް އާއި ސެމްސަންގް ކުންފުންޏާ އެވެ. ކެނޭލިސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަގުބޮޑު ފޯނުތަކުގެ މާކެޓުގެ %92 ކޮންޓްރޯލު ކުރަނީ އެޕަލް އާއި ސެމްސަންގް އިންނެވެ. 

ޝާއުމީގެ އިތުރުން ފޯނު އުފައްދާ ޗައިނާގެ އޮއްޕޯ ކުންފުނިން ވެސް ވަނީ އަގުބޮޑު ސްމާޓްފޯނުގެ މާކެޓަށް ނުކުމެފަ އެވެ. އޮއްޕޯ އިން ވަނީ 1،000 ޑޮލަރަށް ވުރެއް އަގުބޮޑު ފަތްޖަހާލެވޭ ފޯނެއް މިމަހު ލޯންޗުކޮށްފަ އެވެ. 

އޮއްޕޯ ފައިންޑް އެން2 ފްލިޕް (ފޮޓޮ/ޖީއެސްއެމްއެރީނާ)

ކޮމެންޓް (1)

ާއަލި

1 މާރިޗު 2023
ހޮނޯ ބްރޭންޑޭ.. ހެހެހެހެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް