ޓުވިޓާގެ ވެރިޔާ އީލޮން މަސްކު (ފޮޓޯ/ގެޓީ އިމޭޖެސް)
ބިލު ނުދައްކައިގެން ޓުވިޓާ ގޮވައިގެން 6 ކުންފުންޏަކުން ކޯޓަށް
ސޯޝަލް މީޑިއާ ކުންފުނި ޓުވިޓާއިން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުންޏާ ދެކޮޅަށް މި ހަފްތާގައި ވެސް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
ޓުވިޓާ ގޮވައިގެން މިފަހަރު ކޯޓަށް ގޮސްފައި ވަނީ ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓު ކުރަމުން އަންނަ ރައިޓާސް އިންކް އިންނެވެ. މިއީ މީގެ ހަތަރު މަސްދުވަސް ކުރިން 44 ބިލިއަން ޑޮލަރަށް އީލޮން މަސްކު ޓުވިޓާ ކުންފުނި ބައްލަވައިގެންނެވި ފަހުން ކޮންޓްރެކްޓާ ހިލާފުވެ، ފައިސާ ނުދެއްކުމުގެ ސަބަބުން ޓުވިޓާ ގޮވައިގެން ކޯޓަށް ދިޔަ ހަ ވަނަ ކުންފުންޏެވެ.
ޓެސްލާ އާއި ސްޕޭސްއެކްސްގެ ސީއީއޯ މަސްކު ޓުވިޓާ ކުންފުނި މިދިޔަ އޮކްޓޯބަރު 27ގައި ބައްލަވައިގެންނެވީ އެތައް ބިލިއަން ޑޮލަރެއްގެ ޓެސްލާ ހިއްސާ ވިއްކާލައި 13 ބިލިއަން ޑޮލަރުގެ ލޯނެއް ވެސް ނެންގެވުމަށް ފަހު އެވެ.
އެ ފަހުން ޓުވިޓާއާ ދެކޮޅަށް ކޯޓަށް ވައްދާފައިވާ ފައިސާ ނުދެއްކުމުގެ މައްސަލަތަކަކީ:
-
1-
ކޮލަމްބިއާ ރެއިޓް ކުންފުންޏަށް، ޓުވިޓާގެ ސެންފްރެންސިސްކޯގައި ހުންނަ އޮފީހުގެ ކުލި ނުދެއްކުމުގެ މައްސަލައެއް
-
2-
ޕްރައިވެޓް ޖެޓްގެ ހިދުމަތްތައް ފޯރުކޮށްދޭ ޕްރައިވެޓް ޖެޓް ސާވިސަސް ގްރޫޕަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ މައްސަލައެއް
-
3-
އިވެންޓުތަކާއި ޕްރޮޑަކްޝަންތައް ރާވާ ބްލޫޕްރިންޓް ސްޓޫޑިއޯސް ޓްރެންޑަސްއަށް ފައިސާ ނުދެއްކުމުގެ މައްސަލައެއް
-
4-
ކޮންސަލްޓަންޓް ކުންފުނި އިނިސްފްރީ އެމްއޭއަށް ފައިސާ ނުދެއްކުމުގެ މައްސަލައެއް
-
5-
ގާނޫނީ ހިދުމަތްތަކާއި ކޮންސަލްޓިން ހިދުމަތް ފޯރުކޮށްދޭ އެނޭލިސިސް ގްރޫޕަށް ފައިސާ ނުދެއްކުމުގެ މައްސަލައެއް
-
6-
މި ހަފްތާގައި ރައިޓާސް އިންކް އިން ވެއްދި ފައިސާ ނުދެއްކުމުގެ މައްސަލަ
ރައިޓާސް އިންކް އިން ކެލިފޯނިއާގެ ސުޕީރިއާ ކޯޓަށް ވައްދާފައިވާ މައްސަލައިގައި ޓުވިޓާގެ ފަރާތުން 113،856 ޑޮލަރު ނަގައިދިނުމަށް ވަނީ އެދިފަ އެވެ.
މީގެ އިތުރުން ވެސް، ބުރާސްފަތު ދުވަހު ބައެއް މީޑިއާތަކުން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ޓުވިޓާގެ މުވައްޒަފުން ބޭނުންކުރަމުން އަންނަ މުވާސަލަތީ ސޮފްޓްވެއާ ސްލެކްގެ ހިދުމަތް ވެސް މިހާރު ވަނީ ފައިސާ ނުދެއްކުމުގެ ސަބަބުން މެދުކެނޑިފަ އެވެ.
ޓުވިޓާގެ ޕްރޮޑަކްޓް، ޓްރަސްޓް އެންޑް ސޭފްޓީގެ ވައިސް ޕްރެޒިޑެންޓް އެއްލާ އާވިން ސީއެންބީސީއަށް ނޫހަށް މިކަމާ ބެހޭ ގޮތުން، ފޮނުއްވި އީމެއިލެއްގައި "ކޯޓުގައި ހިނގަމުން އަންނަ މަައްސަލަތަކާއި ޓުވިޓާގެ މާލީ ހާލަތާ ބެހޭ ގޮތުން ދެކެވެމުން އަންނަ ވާހަކަތަކަށް އަހަރެމެން ކޮމެންޓެއް ނުކުރަން" ކަމަށް ވަނީ ވިދާޅުވެފަ އެވެ.