އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ގުނަނީ (ފޮޓޯ/އަބްދުﷲ އިޔާން)

ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހަފްތާގައި

21 ފެބްރުއަރީ 2023

ވެރިކަން ކުރާ އެމްޑީޕީން މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިގަނެ، އަންނަ ހަފްތާއަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރަން ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ކުރީގެ މަޖިލިސް މެންބަރު ހާމިދު އަބްދުލް ގަފޫރް ހިމެނޭހެން އެ ފެކްޝަންގެ އިތުރު ތިން ބޭފުޅަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގައި ވަނީ:

  • ޕްރައިމަރީ ބޭއްވީ ގަވާއިދާ ހިލާފަށް ޕާޓީން 39،000 މެމްބަރުން ވަކިކުރުމަށް ފަހު ކަމަށް ވާތީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައި

  • އޭގެ ތެރެއިން އެއް މައްސަލަ ވަނީ ކޯޓަށް ބަލައިގެންފައި

ތަފްސީލް - ޕްރައިމަރީގެ މައްސަލަ ސިވިލް ކޯޓަށް ތިން މީހަކު ހުށަހެޅިއިރު، ސިވިލް ކޯޓުން ބަލައިގަނެފައިވަނީ އަލީ އަމްޖަދު ކިޔާ މީހެއްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލަ ތާވަލުކޮށްފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ހެނދުނު 10 އަށެވެ.

ފަސްމަންޒަރު - ޕްރައިމަރީގެ ކުރިން ޕާޓީގެ ދަފްތަރުން 39،000 މެމްބަރުން އުނިކުރި މައްސަލަ ކެމްޕެއިން ތެރޭގައި ވެސް ނަޝީދު ޖެއްސެވިއިރު، އެ މަނިކުފާނު ތުހުމަތުކުރައްވާ ގޮތުގައި ވަކިކުރީ އެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދޭނެ ކަމަށް ބެލެވޭ މީހުންނެވެ.

ނަޝީދު ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރެއްވި ނަމަވެސް، ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވާކަށް ނުނިންމަވަ އެވެ. އޭގެ ބަދަލުގައި ނަޝީދު ގެންދަވަނީ 'ފިކުރެއްގެ ދިރުން'ގެ ނަމުގައި ޕާޓީ ތެރޭގައި ވަކި ފެކްޝަނެއް ހަދަން ގޮފިތަކެއް އުފެއްދުމަށް މެމްބަރުން އެއްކުރައްވަމުންނެވެ.

އެނގުން މުހިއްމު - ޕްރައިމަރީ %61 އިން ކާމިޔާބުކުރެއްވި ރައީސް ސޯލިހަށް އެމްޑީޕީން ވަނީ މިދިޔަ މިދިޔަ ހުކުރު ދުވަހު ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް