މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)

އަމީނީމަގު

އަމީނީމަގުގެ އީއައިއޭގެ ކަންބޮޑުވުންތައް ހައްލުކުރޭ؛ ފެން ހިންދާ ނިޒާމުގެ ކެޕޭސިޓީ ބޮޑުވާނެ: އަސްލަމް

21 ފެބްރުއަރީ 2023

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ފެން ހިންދާ ނިޒާމާ ގުޅޭ ގޮތުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް ހައްލުކުރަމުން އަންނަ ކަމަށް ވިދާޅުވެ، އެ މަޝްރޫއު ނިމޭއިރު އެ މަގުގެ ފެން ހިންދާ ނިޒާމުގެ ކެޕޭސިޓީ ބޮޑުވާނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެއްވައިފި އެވެ.

މައްސަލައިގެ ފެށުން - 'މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު'ގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮކްޓޯބަރުގަ އެވެ. ޖުމްލަ 84 މިލިޔަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުން އެނގުނު ގޮތުގައި:

  • އެ މަޝްރޫއު ކުރިއަށްގެެންދަން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދީފައިވަނީ އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތް އެއްކޮށް ފައިނަލް ނުވަނީސް

  • އަމީނީ މަގާއި އެ މަގުގައި ގާއިމްކުރާ ފެން ހިންދާ ނިޒާމުގެ ފައިނަލް ޑިޒައިންތައް އީއައިއޭއާ އެކު ހުށަހަޅާފައި ނުވާތީ އެ ނިޒާމު ފަރުމާކޮށް ނިމިފައި ނުވާ ކަމަށް ގަބޫލުކުރުމުގެ ޖާގަ އޮތް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިއުން ވެސް އެ މަޝްރޫއުއަށް އަމާޒުވި 

  • އެ މަގަކީ އަޑިގުޑަން ގިނަ، ވާރޭ ވެހޭ ކޮންމެ ފަހަރަކު ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާ މަގެއް؛ އެހެންކަމުން، މަގު ތަރައްގީ ކުރާއިރު ރަނގަޅު ފެން ހިންދާ ނިޒާމެއް ގާއިމްނުކޮށްފި ނަމަ، މަޝްރޫއުގެ މަގްސަދު އެއްވެސް ވަރަކަށް ހާސިލް ނުވާނެ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރި

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު އަސްލަމްއާ ސުވާލުކުރައްވަނީ (ފޮޓޯ/މަޖިލިސް)

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޕްލޭނިން މިނިސްޓަރު އަސްލަމް ހާޒިރުކޮށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ، އެ މަޝްރޫއުގެ ފެން ހިންދާ ނިޒާމާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ. އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އެ މަޝްރޫއު ނިމޭއިރު، އަމީނީ މަގުގެ ފެން ހިންދުމުގެ ކެޕޭސިޓީ ބޮޑުވާނެ ކަމަށެވެ.

ބުނީ ކީކޭ؟ - އަސްލަމް ވިދާޅުވީ:

  • މިހާރު އަމީނީ މަގުގެ ފެން ހިންދުމުގެ ނިޒާމު ހަދާފައިވަނީ "ގްރެވިޓީ ފްލޯއަކުން މަގުމައްޗަށް އެޅޭ ފެން ޕަމްޕް ސްޓޭޝަންތަކުން ޕަމްޕް އައުޓް ކުރާ ގޮތަށް" 

  • މިހާރު ގްރެވިޓީ ފްލޯގައި ފެން ފްލޯ ކުރަން އަޅާފައި ހުރި ހޮޅިތައް (ވަށަމިނުގައި 150 މިލިމީޓަރާއި 300 މިލިމީޓަރާ ދެމެދުގެ ހޮޅިތަކެއް)، ވަށަމިނުގައި 315 މިލިމީޓަރު ހުންނަ ހޮޅިތަކަށް ބޮޑުކުރާނެ

  • ޕަމްޕް ސްޓޭޝަންތަކުން ފެން ބޭރުކުރާ ހޮޅިތައް (ވަށަމިނުގައި 160 މިލިމީޓަރާއި 280 މިލިމީޓަރާ ދެމެދުގެ ހޮޅިތަކެއް) ވަށަމިނުގައި 315 މިލިމީޓަރު ހުންނަ ހޮޅިތަކަށް ބޮޑުކުރާނެ

  • އިތުރު ޕަމްޕް ސްޓޭޝަނަނެއް ގާއިމުކޮށް، ޕަމްޕުތަކުގެ ކެޕޭސިޓީ ބޮޑުކުރާނެ؛ މިހާރުގެ ކެޕޭސިޓީއަކީ 9 ކިލޯ ވޮޓު ކަމަށް ވާއިރު، މަޝްރޫއު ނިމޭއިރު 21 ކިލޯ ވޮޓަށް ބޮޑު ކުރެވޭނެ

"އޭރުން ގަޑިއަކު 1000 ކިއުބިކް މީޓަރުގެ ފެން މި ޕަމްޕް ސްޓޭޝަންތަކުން ބޭރުވާނެ. އެހެންވީމަ އީއައިއޭ ހެދިއިރު މި ތަފްސީލްތައް ލިބެން ނެތީމަ އީއައިއޭ ކޮންސަލްޓެންޓް ފާހަގަކޮށްފައިވަނީ މި ކަމަށް ރަނގަޅަށް އެޑްރެސްކުރަން އެ ބޭފުޅުން ލަފާ ދީފައި ވަނީ. އެ ލަފައާ އެއްގޮތަށް މި މަސައްކަތްތައް ދާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަސްލަމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް