މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ނަޝީދުގެ ފެކްޝަނުން ގައުމީ މަޖިލީހުގެ ބައްދަލުވުން ބޮއިކޮޓްކޮށްފި
އެމްޑީޕީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ބޮއިކޮޓްކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އިއްޒުއްދީން ސްކޫލްގައި މިރޭ 8:30ގައި ފެށި އެއް ބައްދަލުވުމަކީ، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެހެން ސިޔާސީ ޕާޓީތަކާ އެކު އެމްޑީޕީން ކޯލިޝަން ހެދުމާ މެދު މަޝްވަރާކޮށް، ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއީ މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ފޯރިގަދަ ޕްރައިމަރީއަށް ފަހު ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމެވެ.
-
އިތުރަށް ކިޔާލަން - ކޯލިޝަން ހެދުމާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ގޮތެއް ނިންމަނީ
އެނގުން މުހިއްމު - އެމްޑީޕީ ދެ ބައިވެ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ފެކްޝަނުގެ މެމްބަރުންގެ ކޯޅުންތައް ބޮޑެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވުމާ އެކު، މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންގެ މެދުގައި ވެސް މިހާރު ވަނީ ހިޔާލު ތަފާތުވުންތައް އިތުރަށް ބޮޑުވެފަ އެވެ.
ތަފްސީލް - ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުން ކަވަރުކުރަން ގޮސް ތިބި 'ދައުރު'ގެ ނޫސްވެރިން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ނަޝީދަށް ތާއީދުކުރައްވާ އެއްވެސް އިސް މެމްބަރަކު ބައިވެރިވެވަޑައެއްނުގަންނަވަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންނަކީ:
-
މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
-
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
-
ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް
-
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
-
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
-
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
-
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
-
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
ގަައުމީ މަޖިލީހުގައި 170 މެމްބަރުން ތިއްބަވާއިރު މިރޭގެ ބައްދަލުވުން ފެށިއިރު ވަޑައިގެން ތިއްބެވީ އެންމެ 60 އެއްހާ މެމްބަރުންނެވެ.