ސޯޝަލް މީޑިއާ އިންފްލުއެންސަރު އަދި މޮޑެލް ކައިޒީން (ފޮޓޯ/ސޯޝަލް މީޑިއާ)
ކައިޒީން ބައްޕައަށް ހަދިިޔާއަށް ދިން ނާލު ބޯޓުގެ މައްސަލަ ކޯޓަށް
ސޯޝަލް މީޑިއާގެ ނުފޫޒުގަދަ ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) ބައްޕައަށް ހަދިޔާއަކަށް ގަނެދިން ދޯންޏެއް އޭނާގެ ނުރުހުމުގައި ބައްޕަގެ ނަންމަތީގައި ރަޖިސްޓްރީ ކުރުމުން، ކައިޒީންގެ ނަމަށް އެ ބޯޓު ބަދަލުކުރަން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ކައިޒީން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅު ބޯޓެއް ގަންނަން ލޯނެއް ނަގައިގެން 3.6 މިލިއަން ރުފިޔާ ދިނެވެ. އޭގެ ފަހުން ކައިޒީންގެ ބައްޕަ ވަނީ:
-
ކައިޒީންގެ ނުރުހުމުގައި ބޯޓު އަމިއްލަ ނަން މައްޗަށް ބަދަލުކޮށްފައި
-
މިކަން ކުރީ ރުހުން ހޯދުމެއް ނެތި
ތަފްސީލް - މި މައްސަލައިގައި ކައިޒީން އެދުނީ އޭނާގެ ނަމުގެ މައްޗަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކުރުމާ އެކީ، ވަކި ގޮތަކަށް މައްސަލަ ނިމެންދެން އޭނާގެ ރުހުން ނެތި ބޯޓު ކުއްޔަށް ދިނުމާއި ވިއްކާލުން މަނާކުރަން ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
މި ތުހުމަތުތަކަށް ރައްދު ދެމުން ކައިޒީންގެ ބައްޕަ ކޯޓުގައި ބުނީ، އޭނާ އެ ބޯޓު ގަތީ ކައިޒީން ބުނާ ގޮތަކަށް އޭނާގެ އެޖެންޓެއްގެ ގޮތުގައި ނޫން ކަމަށެވެ. މިކަން ސާބިތުވަނީ ބޯޓު ގަތުމުގެ އެއްބަސްވުމުގައި އޭނާގެ ނަން އޮންނާތީ ކަމަށް އޭނާ ކޯޓުގައި ފާހަގަކުރި އެވެ. އަދި އެ ބޯޓާ ގުޅޭ އެއްވެސް މުއާމަލާތަކާ ގުޅިގެން ކައިޒީންއަށް ހިމާޔަތް ލިބެން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ވަގުތީ އަމުރަށް ވަނީ އިންކާރުކޮށްފަ އެވެ.
ކޯޓުން ބުރަވީ ކައިޒީން ކޮޅަށެވެ. އެގޮތުން ނެރުނު ވަގުތީ އަމުރުގައި މި ބޯޓު ގަންނަން ފައިސާ ދިނީ ކައިޒީން ކަމާ މެދު ބަހުސެއް ނެތް އިރު، ބޯޓުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދެބަސްވުން ހައްލު ނުވަނީސް ބޯޓާ ގުޅޭ މުއާމަލާތެއް ހިނގައިފި އޭނާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމުގައި ދެކިގެންނެވެ.