ހަނދު ވަށައި ބުރު ޖެހުމުގައި ތިން ހަފުތާ ހޭދަކޮށް ނާސާގެ އޮރާޔަން އުޅަނދު ދުނިޔެއަށް ކުރާ ދަތުރުގައި ނަގާފައިވާ ހަނދުގެ ފޮޓޯއެއް: މިރޭ ވަނީ ދުނިޔެއަށް އައިސްފައި (ފޮޓޯ/ނާސާ

އާޓީމިސް

އޮރާޔަން ސަލާމަތުން ޕެސިފިކް ކަނޑަށް ވެއްޓިގަނެފި

އެޓްމޮސްފިއާއަށް ވަންނަ ވަގުތުގެ ގަދަ ހޫނުން އުޅަނދު ސަލާމަތްކުރުމަކީ އޮރާޔަންގެ ޓެސްޓް ދަތުރުގެ އެންމެ މުހިންމު އެއް ބޭނުން
11 ޑިސެމްބަރު 2022

އިންސާނުން އަލުން ހަނދަށް ފޮނުވަން ނާސާއިން ހިންގާ އާޓީމިސް މިޝަންގައި ބޭނުންކުރާ އުޅަނދު، އޮރާޔަން، 26 ދުވަހުގެ ދަތުރަކަށް ފަހު ދާދި ދެންމެއަކު ސަލާމަތުން ޕެސިފިކް ކަނޑަށް ވެއްޓިގެންފި އެވެ.

'ވެއްޓިގެންފި' މި ބަސް މި ތަނުގައި ބޭނުން މިކުރަނީ އެއީ އޭގެ ޒާތުގައި ބާރެއް ނެތި އަމިއްލައަށް ވެއްޓޭ ވެއްޓުމާއި މިކަމާ ތަފާތުވުމުންނެވެ. މިއީ ކޮންޓްރޯލްކޮށްގެން ވަކި ގޮތަކަށް ކަނޑަށް އުޅަނދު ވެއްޓި ގަތުމެވެ.

ކުރިމަގުގައި އިންސާނުން ފޮނުވަން ބޭނުންކުރާ މި އުޅަނދު ހަނދު ވަށައި ތިން ހަފުތާއެއްހާ ދުވަހު ބުރު ޖަހައި، ފޮޓޯ ނަގައި އަދި އެހެން ވެސް މުހިންމު ޓެސްޓްތަކެއް ހެދުމަށް ފަހު، އެނބުރި ދުނިޔެއަށް އަންނަން އެޓްމޮސްފިއާގެ ތެރެއަށް ވަދެގަންނަ ވަގުތުގެ ހޫނުކަމުން އެ ސަލާމަތްކުރުމަކީ ވަރަށް މުހިންމު ޓެސްޓެކެވެ.

ގަޑިއަކު 40،000 ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރުކޮށް އެޓްމޮސްފިއާގައި އޮރާޔަން ޖެހުމާ އެކު އުފެދޭ ހޫނުމިން 3،000 ޑިގްރީއަށް އަރަ އެވެ. އެ ގަދަ ހޫނުން އުޅަނދު ސަލާމަތްކުރަން ބޭނުންކުރާ ހީޓްޝީލްޑްގެ ބާރު ދެނެގަތުމަކީ، އޭގައި އިންސާނުން ފޮނުވުމުގެ ކުރިން، މި ދަތުރުގައި ކުރަން ހަމަޖެއްސި އެންމެ މުހިންމު އެއް މަސައްކަތެވެ.

ޖައްވަށް ފޮނުވުމުގެ ކުރިން  އޮރާޔަން ތައްޔާރުކޮށްފައި: އިންސާނުން އަލުން ހަނދަށް ފޮނުވާނީ މި އުޅަނދުގައި

ޕެސިފިކް ކަނޑަށް ވެއްޓިގަންނަ އިރު ސްޕީޑް މައިތިރިކުރަން ބާރުގަދަ 11 ވައިކުޑަ އޭގައި ބޭނުންކުރެ އެވެ. ކަނޑަށް ވެއްޓުމާ އެކު އެ ނަގަން ހާއްސަކުރީ އެމެރިކާގެ މަނަވަރު ޔޫއެސްއެސް ޕޯޓްލޭންޑެވެ.

މިއީ މިހާތަނަށް 40 ބިލިއަން ޑޮލަރު (616 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވާ އާޓީމިސް މިޝަންގެ އެއް ވަނަ ދަތުރެވެ. ދެ ވަނަ ދަތުރު އިންސާނުންނާ އެކު ކުރާނެ ކަމަށް ލަފާކުރެވެނީ 2024 ގަ އެވެ. އަދި 2025 ނޫނީ 2026 ގައި އޮރާޔަންގައި އިންސާނުން ސީދާ ހަނދުގެ ބިމަށް ފޮނުވާނެ ކަމަށް ބެލެވެ އެވެ.

މީގެ 50 އަހަރު ކުރިން، 11 ޑިސެމްބަރު 1972ގައި އެޕޯލޯ 17ގެ ދެ އެސްޓްރޮނޯޓުން ހަނދުގައި ހިނގާފައިވާ ތަނުގެ ނިޝާން: މިއީ އެންމެ ފަހުން އިންސާނުން ހަނދުގައި ހިނގި ހިނގުން (ފޮޓޯ/ނާސާ)

މިއަދަކީ ހަނދާއި އިންސާނުންނާ ގުޅިފައި އޮތް މުހިންމު ދުވަހެކެވެ. މިހާތަނަށް ހަނދުގައި ހިނގި އެންމެ ފަހު އިންސާނާ ޔޫޖީން އެންޑްރޫ ކާނަން ހަނދުގައި ފައި ޖައްސާލިތާ މިއަދަށް، 11 ޑިސެމްބަރު 2022 އަށް އެވީ 50 އަހަރެވެ.

އެޕޯލޯ މިޝަންގެ އެޕޯލޯ 17ގެ އެ ދަތުރަށް ފަހު އިންސާނުން ހަނދަށް ގޮސްފައެއް ނުވެ އެވެ. އެކަމަކު ނާސާ އިން އެ މަސައްކަތް އަލުން ފަށަނީ ހަމައެކަނި ހަނދަށް އިންސާނުން ފޮނުވުމުގެ މަގުސަދަކު ނޫނެވެ. އެއަށް ވުރެ ދުރަށް، ޕްލެނެޓް މާސްއަށް އިންސާނުން ފޮނުވުމަކީ ވެސް، މި މަޝްރޫއުގެ ބައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް