ރައީސް މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި: ރާއްޖެއަށް މިނިސްޓްރީތައް ގިނަ (ފޮޓޯ/ރައީސް އޮފިސް)

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ އުވާލައި 70 މިލިއަން ސަލާމަތް ކުރެވިދާނެ

ދަނޑުވެރިކަމާ ބެހޭ ވަޒީރުގެ އިސްތިއުފާޔާ އެކު އެ މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލުމުން ހަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވި އުފެއްދުންތެރިކަން ރަނގަޅުކުރެވޭނެ
2 ޑިސެމްބަރު 2024

ދަނޑުވެރިކަމާއި ޖަނަވާރާ ގުޅޭ މިނިސްޓްރީގެ ވަޒީރު، ޑރ. އާއިޝަތު ރަމީލާގެ ސިއްހީ ހާލަތު ހުރި ގޮތުން އިއްޔެ އިސްތިއުފާ ދެއްވާފައިވާ އިރު އެ ވުޒާރާއަށް އާ ވަޒީރަކު ރައީސް އަދި ހަމައެއް ނުޖައްސަވަ އެވެ. އެހެން ނަމަވެސް ހަރަދު ކުޑަކުރަން ބައެއް ކުންފުނިތަކާއި ވުޒާރާތައް އެއްކޮށްލުމަށް ސަރުކާރުގެ ތެރޭ އަބަދު ވެސް މަޝްވަރާ ކުރެ އެވެ. ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގައި މިވަގުތު ވަޒީރެއް ނެތުމުން ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިއީ ދެ މިނިސްޓްރީއެއް އެއްކޮށްލުމަށް ރަނގަޅު ފުރުސަތެއް ނޫން ހެއްޔެވެ؟ 

މީގެ ކުރިން ހުރިހާ ސަރުކާރެއްގައި ކަހަލަ ގޮތަކަށް ދަނޑުވެރިކަމުގެ ކަންކަން ބަލަހައްޓަނީ ފިޝަރީޒް މިނިސްޓްރީގެ ދަށުންނެވެ. ދަނޑުވެރިކަމަށް ހާއްސަ މިނިސްޓްރީއެއް ނުހުރެ އެވެ. އެހެން ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު ނިންމެވީ ދަނޑުވެރިކަމަށް ހާއްސަ އިސްކަމެއް ދެއްވުމުގެ ގޮތުން ހާއްސަ މިނިސްޓްރީއެއް އެކަމަށް އުފެއްދެވުމަށެވެ.

އެގްރިކަލްޗާ މިނިސްޓަރު ރަމީލާ (ކ) ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި: ސިއްހީ ހާލަތު ހުރިގޮތުން ރަމީލާ ވަނީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައި (ފޮޓޯ/ރައީސް އޮފީސް)

ބަޖެޓުގެ ނަމްބަރުތަކަށް ބަލާއިރު މި ގޮތަށް ވަކި މިނިސްޓްރީއެއް ހެދުމުން ހަރަދުތައް ބޮޑުވެ އެވެ. އެގޮތުން އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ބަލާއިރު: 

  • އެގްރިކަލްޗާ މިނިސްޓްރީއަށް 75.6 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވޭ 

  • އެއީ މިއަހަރަށް ވުރެ 14.6 މިލިއަން ރުފިޔާ ބޮޑު އަދަދެއް  

މިނިސްޓްރީއަށް އެހާ ބޮޑު ބަޖެޓެއް ކަނޑައަޅާފައި އޮތް އިރު، އެ ބަޖެޓުގެ ބޮޑު ބައެއް ހަރަދު ވަނީ ސީދާ އެ މިނިސްޓްރީގެ މެންޑޭޑް ކަމަށްވާ ދަނޑުވެރިކަން ކުރިއެރުވުމާއި ޖަނަވާރުގެ ލާބަޔަށް މަސައްކަތް ކުރުމަކަށް ނޫނެވެ. ވަކި މިނިސްޓްރީއެއްގެ ގޮތުގައި އޮތުމުން ބޮޑު ބައެއް ހަރަދު ވަނީ އިދާރީ ހަރަދުތަކަށެވެ. އެގޮތުން: 

  • މިނިސްޓްރީގެ އިދާރީ ހަރަދުތަކަށް - 41.4 މިލިއަން ރުފިޔާ 

  • ދަނޑުވެރިކަން ކުރިއަރުވަން - 29.8 މިލިއަން ރުފިޔާ 

  • އެނިމަލް ވެލްފެއާ - 2.7 މިލިއަން ރުފިޔާ 

  • ރިސޯސް މެނޭޖްމަންޓް - 1.7 މިލިއަން ރުފިޔާ 

އެހެންކަމުން އިދާރީ ހަރަދުތަކަށް 43.1 މިލިއަން ރުފިޔާ ހަރަދުވާއިރު ސީދާ ދަނޑުވެރިކަން ކުރިއެރުވުމާއި ޖަނަވާރުގެ ލާބަޔަށް ހަރަދު ކުރެވެނީ 32.5 މިލިއަން ރުފިޔާ އެވެ. 

ކުރިން އޮންނަ ގޮތަށް ފިޝަރީޒް މިނިސްޓްރީ އާއި ދަނޑުވެރިކަމުގެ މިނިސްޓްރީ އެއްކޮށްލައި އެއް މިނިސްޓްރީއެއް ގޮތަށް ހިންގާ ނަމަ މި ހަރަދުތަކުގެ ބޮޑުބައި ސަލާމަތް ކުރެވޭނެ އެވެ. މިއީ ހަރަދުކުޑަކުރުމަށް ސިޔާސީ ހެޔޮ ނިޔަތް އޮތްކަން ސާބިތުކޮށްދެއްވަން ވެސް ރައީސްއަށް މިވަގުތަށް އެޅުއްވެން އޮތް ވަރަށް ރަނގަޅު ފިޔަވަޅެކެވެ. 

ފިޝަރީޒް މިނިސްޓަރު ޝިމާޔް: ދަނޑުވެރިކަމާއި މަސްވެރިކަމުގެ މިނިސްޓްރީ އެއްކޮށްލައިގެން އެއް ވުޒާރާއެއް އުފެއްދިދާނެ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެއަށް 22 މިނިސްޓްރީ މާ ގިނަ

ރާއްޖެއާ އަވަށްޓެރި އެހެން ނަމަވެސް 22 މިލިއަން މީހުންގެ އާބާދީއެއް އޮތް އަދި ބިމާއި ސަރަހައްދުގެ ގޮތުން ވެސް ބޮޑު ސްރީ ލަންކާގެ އާ ސަރުކާރު އެކުލަވާލީ 21 މިނިސްޓްރީއާ އެކު އެވެ. އެކަމަކު އެ ގައުމުގެ ގާނޫނުތައް އޮންނަ ގޮތުން 30 މިނިސްޓްރީ އެކުލަވާލެވެ އެވެ. އެކަމަކު ލަންކާގެ ރައީސް ފުރިހަމަ ބާރު ބޭނުން ނުކުރައްވާ 21 މިނިސްޓްރީއަށް ވުޒާރާތައް ކުޑަކުރައްވަން ނިންމެވީ ލަންކާ މާލީ ހާލަތުން އަރައިގަންނަން ކުރާ މަސައްކަތުގައި ހަރަދު ކުޑަކުރެއްވުމުގެ ގޮތުންނެވެ. އެކަން އަމަލީ ގޮތުން ދެއްކެވުމުގެ ގޮތުންނެވެ. 

އެހެން ނަަމަވެސް 500،000 އެއްހާ މީހުން ދިރިއުޅޭ އަދި ސަރަހައްދުގެ ގޮތުން ލަންކާއާ އަޅާބަލާ އިރު މާ ކުޑަ މި ރާއްޖޭގައި ސަރުކާރު އެކުލަވާލާފައި ވަނީ 22 މިނިސްޓްރީގެ މައްޗަށެވެ. މިއީ ރާއްޖެ ކަހަލަ ކުޑަ، ވަސީލަތް މަދު ޖަޒީރާ ގައުމަކަށް ވަރަށް ގިނަ ވުޒާރާ އެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށީ 19 މިނިސްޓްރީންނެވެ. ނަމަވެސް އޭރު ހައުސިން މިނިސްޓްރީގެ ވަޒީރު އިސްތިއުފާ ދެއްވުމުން ދައުރުގެ ވަކި ހިސާބަކުން ޕްލޭނިން އަދި ހައުސިން މިނިސްޓްރީ އެއްކޮށްލައި އެއް މިނިސްޓްރީއެއް އުފެއްދެވި އެވެ. އެހެންވެ، ކުރީ ސަރުކާރު ނިމުނު އިރު ހުރީ 18 މިނިސްޓްރީ އެވެ. 

ރައީސް މުހައްމަދު ސޯލިހުގެ ކެބިނެޓް: އެ ވެރިކަން ނިމުނުއިރު ވަޒީރުންގެ އަދަދަކީ 18 (ފޮޓޯ/ރައީސް އޮފިސް)

ކުރީގެ ރައީސް އަމަލުކުރެއްވި ގޮތަށް، ލިބުނު މި ފުރުސަތުގައި ދެ މިނިސްޓްރީއެއް އެއްކޮށްލައި ހަރަދުކުޑަކުރަން ކުޑަ ނަމަވެސް ފިޔަވަޅެއް އަޅުއްވަން މި ރައީސްއަށް މިއީ ރަނގަޅު ވަގުތެކެވެ. 

މީގެ އިތުރަށް މި ސަރުކާރުގައި ވެސް މެންޑޭޑްތައް އެއްކޮށްލައިގެން އެއް ވުޒާރާއިން ފުއްދާލެވޭނެ ވަރަށް ގިނަ މިނިސްޓްރީތައް އެބަ ހުއްޓެވެ. މިސާލަކަށް: 

  • 1-

    ޔޫތު އެންޑް ސުޕޯޓްސް މިނިސްޓްރީ އެއްކޮށްލުން 

  • 2-

    ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލެވޭނެ

  • 3-

    އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެއްކޮށްލުން 

  • 4-

    ގައުމިއްޔަތު މިނިސްޓްރީ އުވާލައި އެހެން މިނިސްޓްރީއެއްގެ ދަށަށް މަސްއޫލިއްޔަތު ބަދަލުކުރުން

  • 5-

    ލޯކަލް ސިޓީޒް މިނިސްޓްރީ އުވާލައި ޕަބްލިކް ވޯކްސް ފަދަ މެންޑޭޓްތައް އެހެން މިނިސްޓްރީއެއްގެ ދަށަށް ބަދަލުކުރުން 

ހަޔާ އެޑިއުކޭޝަން މިިނިސްޓަރު މާރިޔާ އަދި ލޯކަލް ސިޓީޒް މިނިސްޓަރު އާދަމް ޝަރީފް: އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެއްކޮށްލެވިދާނެ އަދި ލޯކަލް ސިޓީޒް މިނިސްޓްރީ އުވާލެވިދާނެ (ފޮޓޯ/ރައީސް އޮފީސް)

މި ބަދަލުތައް ގެނެވިއްޖެ ނަމަ 16 މިިނިސްޓްރީއަށް މި ސަރުކާރުގެ ވުޒާރާތައް ކުޑަކޮށްލެވޭނެ އެވެ. އޭރުން އިދާރީ އެތައް ހަރަދުތަކެއް ސަލާމްކުރެވޭނެ އެވެ. އަދި ދައުލަތުގެ ވަސީލަތްތައް މާ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް މަގުފަހިވެ ނަތީޖާ ނެރެން ވެސް ފަސޭހަވާނެ އެވެ. މިގޮތަށް މާލީ ވުޒާރާއިން ވެސް ލަފާދިންކަން އެނގިފައިވެ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވަނީ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމަށް މިވަގުތު ރައީސްގެ ވިސްނުންފުޅުގައި އަދި ނެތް ކަމަށެވެ. އެހެން ނަމަވެސް މިއީ އެކަމާ މެދު ވިސްނާލައްވަން ރަނގަޅު ވަގުތެކެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް