އާއިލާ ދަރާވިކިފައި، އެކަމަކު ބޭރަށް ފެންނަނީ އެހެން މަންޒަރެއް
އެންމެ ފަހުން މި ޖެހުނީ ބައްޕައާ ޒުވާބުކުރާށެވެ.
މުޅި އާއިލާ ދަރާވިކިއްޖެ އެވެ. މިއީ އަދި އެންމެ ރަނގަޅު ޖުމްލައެއް ނޫނެވެ. އެހެން ކުދިންނަށްޓަކައި އާއިލާގެ ބޮލުގައި ބޮޑު ދަރަނިތަކެއް އެޅުވީ އެވެ. މަތިމައްޗަށް ލޯނު ނަގައި، ނުދެއްކޭ ވަރަށް އާއިލާގެ މާލީ ދިޔަ ފެލައިލީ އެވެ.
ރަނގަޅަށް ހުރީ އެންމެ ކުއްޖެކެވެ. ކުރިމަގަށް ވިސްނައިގެން ދިރިއުޅުން ބިނާކޮށް އުޅެމުން އަންނަނީ އޭނާ އެވެ. އޭނާގެ އަތުގައި ފައިސާ ހުންނާނެކަން އެންމެންނަށް ވެސް އެނގެ އެވެ. އޭނާ މަސައްކަތްކުރަމުން އަންނަނީ ބުރަކޮށެވެ. ދިރިއުޅުން ކޮޅަށް ޖެހޭނީ ދާއޮހޮރުވައިގެންކަން އޭނާއަށް އެނގެ އެވެ.
ބައްޕަ ބުނީ އޭނާގެ އަތުގައި ހުރި ޑޮލަރުކޮޅު ދިނުމަށެވެ. ޑޮލަރުން ދައްކަން ޖެހޭ ލޯނަށް ފައިސާ ނުދެއްކި، ބައްޕަގެ ފިކުރު ދަނީ ބޮޑުވަމުންނެވެ. ގޭ އެހެން އެއްވެސް މީހެއްގެ އަތުގައި ލާރިއެއް ނެތެވެ.
"ތިކަމެއް ނުވާނެ،" އޭނާ ބުންޏެވެ.
"ދަރިފުޅަށް ޖެހޭނީ ބައްޕައަށް ދޭން. އެނޫން ގޮތެއް ނޯންނާނެ،" އެއީ ބައްޕަގެ އަމުރެވެ.
"އަހަރެންގެ އަތުގައި ހުރީ އަހަރެން މަސައްކަތްކޮށްގެން ހޯދި ފައިސާ. ގޭ އެހެން އެންމެން އެ އުޅެނީ ބައްޕަ ފެލައިގެން. މަށެއް ނުހޯދަން ބައްޕަ އަތުން ލާރިއެއް. އެންމެ ރުފިޔާއެއް ވެސް،" އޭނާ ބުންޏެވެ.
"ގޭގައި އެއްޗެއް ދެވެން ހުރި މީހަކީ ވެސް ތިއޭ. އެއީ ވެސް ނަސީބެއް ކަމަށްނު ބަލަން ޖެހޭނީ. އެހެންވެ މި ބުނަނީ ބައްޕައަށް މިދިއަ ތިން މަހުގެ ލޯނު ދައްކައިދޭށޭ،" ދަރިފުޅަށް ތައުރީފު ވެސް ކުރަމުން ބައްޕަ ބުނެލި އެވެ.
"ބައްޕައަކަށް ނުޖެހޭނެ ނެތް ފެންވަރުގައި ތަންތަން ހަދާކަށް. ބައްޕައަށް އުޅެވޭވަރު ވީމާ އެ ނިމުނީ. ބޮޑެތިވެފައި ތިބި ބަޔަކު ކަންނެތްކޮށްފައި، އެ މީހުން ދިފާއުކޮށްފައި، އާއިލާ ރޫޅުނަނުދޭނަމޭ ބުންޏަކަސް އަދި ކަމަކުނުދާނެ،" ވިސްނައިދިނުމުގެ ގޮތުން އޭނާ ބުންޏެވެ.
"އާއިލާ ތެރޭގައި ހުންނަ މައްސަލަތައް މީހުންނަށް އެނގިގެން ނުވާނެ. އާއިލާގެ ކޮންމެ މީހަކު ވެސް ވާނީ އެއް ލެޔަކަށް. އެ ނޫން ގޮތަކަށް ބައްޕައަކަށް ވިސްނޭ،" ބައްޕަ ބުންޏެވެ.
"އެހެންވީމާ ބައްޕަ ގޮސް އެމީހުން ކައިރީގައި ބުނަންވީނު ޑޮލަރު ހޯދާށޭ. ދެން ނެތޭ އެނޫން ގޮތެއް. ބައްޕައަށް އެހީވެވިއްޖެއޭ. ކަލޭމެން އެންމެންނަށޭ ގެތައް ހަދާފައި އެހުރީ. އެ ތަންތަނުގެ ލޯނު ދެން ކަލޭމެން އެންމެން ވެގެން ދައްކާށޭ،" ނަސޭހަތުގެ ރާގެއްގައި އޭނާ ބުންޏެވެ.
"ތިހެން ނުވާނެތީއެއްނު ދަރިފުޅު ކައިރިއަށް މި އައީ. އެމީހުންގެ ނެތޭ ހިތްވަރެއް. އަމިއްލައަށް ދިރިއުޅުން ކޮޅަކަށް ނުޖެހުނު. އުޅެނީ އަމިއްލަ ގޭގައި. ކުއްޔެއް ދައްކާކަށް ނުޖެހޭ. އެކަމަކު އަތުގައި ލާރިއެއް ނުހުރޭ،" ބައްޕަގެ ދުލުން ހަގީގަތް ބޭރުވި އެވެ.
"ތި ގޮތަށް ތި މީހުން ގެންގުޅުނީ ބައްޕައެއްނު. މިއަދު ދަރައިގެން، ލޯނުތައް ނުދެއްކޭ ހިސާބަށް ދިޔައިމާ ވެސް އެ މީހުން ޒިންމާދާރެއް ނުކުރެވޭ. ގެތައް ހެދީ ލޯނު ނަގައިގެން. އެކަމަކު އުޅެނީ ދަރަންޏެއް ނެތް ބަޔަކަށް ހެދިގެން. ބައްޕަގެ ހެޔޮކަމޯ! އެކަމަކު އެއީ ހެޔޮކަންތަ؟ ބައްޕައަށް ނެތް ނޭވާއެއް ލެވޭކަށް ދަރަންޏާ ހެދި. ކޮންމެ މަހަކު ވިސްނަނީ ދަރަނި ދެއްކޭނެ ގޮތެއް. ފައިސާ އެބަ ހުރިތޯ. ކުލިން އެވަރު ލިބޭތޯ. ކުލިތައް ބަރާބަރަށް މީހުން ދައްކާތޯ. މިއަށް ކިޔާނީ ނެތް ފެންވަރުގައި އުޅުން. ކަންދެއްކުން. ވަރަށް މުއްސަނދި އާއިލާއެކޭ އެހެން މީހުން ލައްވާ ބުނުވުން،" އޭނާގެ ހިތްހަމަނުޖެހުން އޮއްސާލި އެވެ.
"ތި ހުރިހާ ވާހަކައެއް ނުދައްކާ ބައްޕައަށް ދީބަލަ 60،000 ޑޮލަރު،" ވާހަކަ ކުރުކޮށްފައި ސީދާ ޕޮއިންޓަށް ބައްޕަ ދިޔަ އެވެ.
"ތި ހުންނަނީ ބުނެލަން ފަސޭހަ އަދަދު. އެކަމަކު ބައްޕައަށް އެނގޭތަ އަހަރެންގެ އަތުގައި ހުރި އެއްޗެއް އެގޮތަށް އެ ހުރީ ކިހާ މަސައްކަތެއްކޮށްގެންކަން؟ އެއީ އަހަރެންގެ ސިކުނޑިން ދިޔަ ފެލައިގެން، އަަރާމެއް ނެތި ކުރި މަސައްކަތޭ. އެއީ އަމިއްލަ ދިރިއުޅުން ކޮޅަށް ޖަހަން ނޭނގޭ ބަޔަކަށް ހިލޭ ދޭން ހޯދާ ފައިސާއެއް ނޫނޭ. މީހުން ބުރަ މަސައްކަތުން ހޯދާ އެއްޗެއްގައި އަގު ހުންނާނެ. އެއީ ފެލައިގެން، މަޖުބޫރުކޮށްގެން އަތުލެވޭނެ އެއްޗެއް ނޫން،" އޭނާ ބުންޏެވެ.
"ކޮއްކޮމެން ބުނީ ރަނގަޅަށް. ދަރިފުޅު އަތުން އެއްޗެއް ނުލިބޭނެ،" ދިފާއުވާން ބައްޕަ ބުންޏެވެ.
"ތި ބުނީ ދެން އެންމެ ރަނގަޅު ވާހަކަ. އަހަރެން އެއްޗެއް ނުދޭނެއޭ، އެހީއެއް ނުވާނެއޭ. ބަލަ ބައްޕަގެ ބޮލުގައި އެޅިފައި އޮތް ދަރަނި އެނގޭ ހަމައެކަނި މީހަކީ ވެސް އަހަރެން. އެހެން މީހަކު ބަލާތަ އެކަން؟ ނުބަލާ. އަހަރެންތާ މިހާރު ވެސް ބައްޕައަށް ކޮންމެ މަހަކު އެ ދޭ އެއްޗެއް ދެނީ. އެއަށް ވުރެ ވެސް ގިނައިން ހުންނާނެ ބައްޕައަށް ދީފައި. އަހަރެން މި އުޅެނީ ވެސް ބައްޕަގެ ގެޔަކު ނޫން. އަމިއްލައަށް. ދެން އާއިލާގެ އެންމެން ނަގަން ޖެހޭ ޒިންމާއެއް އަހަރެންގެ ބޮލަށް އެކަނި އައިސްގެން ނުވާނެ. އެ މީހުން ކައިރީގައި ބުނޭ ކަލޭމެންގެ ބޭބެ މިހާރު ވެސް ބައްޕައަށް އެހީވެއޭ. އޭނާއަށް މަޖުބޫރުކޮށްގެން އެއްޗެއް ނުހޯދާނަމޭ. ކަލޭމެން ކޮންމެވެސް ގޮތަކުން އެ ބައި ހަމަޖައްސައިދޭށޭ،" އޭނާ ބުންޏެވެ.
"ތިކަން ނުވާނެތީތާ އެންމެން ބުނީ ދަރިފުޅުގެ އެހީއަށް އެދޭށޭ. ނުދިނަސް ގޮސް ބުނާށޭ،" ބައްޕަ މަޑުމަޑުން ބުނެލި އެވެ.
"އެމީހުން ކައިރީގައި ބުނޭ ނުދިނަސްއޭ، ދިނަސްއޭ ނުކިޔާށޭ. ބޭބެ މި އުޅެނީ ބޭބެގެ އަމިއްލަ ދިރިއުޅުމޭ، އެހެން މީހަކަށް އުނދަގޫކުރާކަށް ނުދެއޭ، ނުވެސް ދާނެއޭ. މަސައްކަތްކޮށްގެންނޭ ފައިސާ ހޯދަނީ. ބައްޕަ އަތުން ލާރި ފެލައިގެން، ބައްޕަ އަތުން ކައިބޮއިގެން ނޫނޭ އުޅެނީ. ބައްޕަ ނެގި ލޯނުގައި އެޅި ތަންތަނުގައި ތި އުޅެނީ ވެސް ކަލޭމެންނޭ. އެ ލޯނުތައް ކަލޭމެން އެންމެން ދައްކާށޭ. ބައްޕައަށް ބޭބެ ދެއޭ ކޮންމެ މަހަކު ވެސް. އެކަމަކު 60،000 ޑޮލަރެއް ނުދޭނަމޭ. އެންމެން އެއަށް ފައިސާ ހޯދާށޭ. ހޯދީމާ ދެން އަހަރެން ދޭ އެއްޗެއް ދޭނަމޭ،" އޭނާ ވަރަށް ތަފުސީލުކޮށް އަމުނާލި އެވެ.
"ދީނުގައި އޮންނަނީ ބައްޕައާ ދިމާލަށް ތިހެން އެއްޗެހި ކިއަންތަ؟" އެންމެ ފަހުން ބައްޕަ ބުންޏެވެ.
"ތި ދައްކަނީ އަނެއް ވާހަކަ. މިއީ ދީނީ ކަމެއް ނޫނޭ. އަހަރެން މި ބުނަނީ މުޅި އާއިލާ ޒިންމާވާން ޖެހޭ ކަމެއްގައި އެކަކު ވެސް އަޅައެއް ނުލައޭ. އެންމެން އުޅުނީ ބައްޕަ ފެލައިގެންނޭ. މިކަހަލަ ދުވަހެއް އަތުވެދާނެ ކަމަށް ވިސްނާފައެއް ވެސް ނެތޭ. ބައްޕަ ދަރައިގެން ވެސް ގޭގެ ހަރަދުތައް ބަލަހައްޓާތީ އެންމެން އުޅެނީ ބައްޕަގެ އެހީގައޭ. ދީނީ ގޮތުން ބައްޕަ ބަލަހައްޓަން ޖެހޭނީ އަހަރެމެން އެންމެންނަށް. އެކަމަކު އެމީހުން މި ހުރިހާ ދުވަހަކު ބައްޕަ ހަމަ ފެލަނީ. މިދިއަ ބޮޑު ޗުއްޓީގައެއް ނޫންތަ އެންމެން އެއައީ ޔޫރަޕް ކުޑަކޮށްފައި. ކާކު ދިން ލާރިއެއް؟ އެވެސް މީހެއްގެ އަތުން ދަރަންޏަށް ނަގައިގެން ބައްޕަ ދިން ލާރި. ދެން ލޯނުތައް ނުދެއްކޭވަރު ވީމާ މިއައީ އަހަރެންގެ ކައިރިއަށް. ބައްޕަގެ އެހީއެއް ނެތި އުޅޭ މީހަކީ އަހަރެން. އެކަމަކު އަހަންނޭ ބައްޕައަށް އެހީވަނީ ކޮންމެ ފަހަރަކު ވެސް. އެހެންވީމާ ދީނީ ބައި މިކަމަށް ވެއްދޭކަށް ނެތެއްނު. އަހަރެން މި ބުނަނީ އަހަރެންގެ އަތުގައި ހުރި ޑޮލަރު، މުޅި އާއިލާގެ ދަރަނި ފިލުވާކަށް ނުދެއްކޭނެއޭ. ދަރަންޏަށް ޒިންމާވާން ޖެހޭނީ އެންމެންނޭ. އެއީ ބައްޕަ އައިސް އަހަންނަށް މަޖުބޫރުކޮށްގެން ދޭނެ އެއްޗެއް ނޫނޭ،" އޭނާ ބުންޏެވެ.
"ދެން ބައްޕަގެ ގެ ބޭންކުން ވިއްކާލިޔަސް ވަރިހަމަތަ؟" ބައްޕަ އެ ސުވާލުކުރީ ދެރަވެގެން އިނދެ އެވެ.
"އަހަންނަށް ވަރިހަމަ. ބައްޕަގެ ދަރަނި ސަލާމަތްވަންޏާ އެގޮތަށް ވެސް ހަދަންވީ. ދަރާވިކިގެން ތިބެ ރީތި މޫނެއް ނުދެއްކޭނެއެއްނު. ފެންވަރަށް ވުރެ މަތީގައި އުޅޭ ބަޔަކު ވަކި ހިސާބަކުން ޖެހޭނެ އަސްލު ފެންވަރަށް ވައްޓާލަން. އަހަރެމެންގެ އާއިލާއަށް އެކަން ވިސްނެން އޮތީ އެ ދުވަސް އައިސްގެން. ހުރިހާ ގެއެއް ވިއްކާލިޔަސް މަށަށް ވަރިހަމަ. ބައްޕަ ވަންނާނެ ތަނެއް ނެތިގެން އުޅޭކަށް ނުޖެހޭނެ. އެ ދުވަހެއް އަތުވެއްޖެއްޔާ އަހަރެން ހުންނާނެ. އެކަމަކު މި ހުރިހާ ދުވަހު ބައްޕައަށް އެންމެ ރުފިޔާއެއް ވެސް ދިއްކޮށްނުލާ ތިބި ބަޔަކަށް ފައިދާއެއްވާ ގޮތަށް އަހަރެންގެ އަތުން ފައިސާއެއް ނުލިބޭނެ. ބައްޕަ ކިތައްމެ ހަރުކަށިކޮށް ބުންޏަސް އެކަމެއް ނުވާނެ. އެއީ އަހަރެންގެ އަމިއްލަ މިލްކެއް. އެއަށް ހަދާނެ ގޮތް އެނގޭނީ އަހަންނަށް."
ބައްޕައަށް ދެން ބުނެވޭނެ އެއްޗެއް ނެތެވެ. މިހާ ހިސާބަށް ދިޔައީ އޭނާގެ ކުށުންކަން ހިތުގެ އަޑިން ގަބޫލުކުރެ އެވެ. ދަރިންނަށް ފަސޭހަ ދިރިއުޅުން ދަސްކޮށްދިނީ އޭނާ އެވެ. އެއްވެސް ކަމަކަށް ދަރިން ޒިންމާނުކުރުވައި އުޅެވޭނެ ގޮތަށް ކަންކަން ފަހިކޮށްދިނީ އޭނާ އެވެ. އަތުގައި އެއްޗެއް ނެތަސް ދަރައިގެން ވިޔަސް އެ ދަރިން ބޭނުންވާ ކަމެއް ކޮށްދިނީ އޭނާ އެވެ.
މިއަދު މި އޮތީ ދަރަނި ބޮޑުވެ ހަދާނެ ގޮތް ހުސްވެފަ އެވެ. އެހީއެއް ވެވޭނެ ހުރީ އެންމެ ދަރިއެކެވެ. އެކަމަކު އެ ދަރި އެހުރީ އޭނާގެ ގޮތުގަ އެވެ. އޭނާގެ މައްސަލައެއް ނެތެވެ. އޭނާ އެ ދެއްކީ ހަމަ ހައްގު ތެދު ވާހަކަ އެވެ. އެންމެން ނަގަން ޖެހޭ ޒިންމާއެއްގައި އޭނާ އެކަނި ގުރުބާނެއް ނުކުރެވޭނެ އެވެ.
ބައްޕައަށް އެ ހުރިހާ އެއްޗެއް ވެސް ވިސްނެ އެވެ.
ކޮމެންޓް (11)
ޖުބޭ
ރަދުން
ކާފަ
ދަރިފުޅު
ކާފަ
އައިޑިއާ
މަވެސްގޯސް
ގެވިއްކާލާދުވަހުއަހަރެންވަރަށްއުފާވާނެ.
އަލީ
ތެފައާސާ.
ސާބަސް