އިންޑިއާގެ ޓޫރިސްޓުންގެ ބަޔަކަށް ދާލު އެއާޕޯޓުން މަރުހަބާ ކިޔަނީ: އިންޑިއާގެ ޓޫރިސްޓުން ރާއްޖެ ބޮއިކޮޓްކުރަން ފެށުމުން ބޮޑު ގެއްލުމެއް ލިބުނު (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ޕީޕީއެމް/ޕީއެންސީގެ އެކްޓިވިސްޓުން ރާއްޖޭގެ އިގުތިސާދަށް ދިން ބޮޑު ގެއްލުން
އަތުގައި ފޯނެއް އޮތުމުން ހިތަށްއަރަނީ 'ދުނިޔެ މި އޮތީ ލިބިފައި' ކަމަށެވެ. އެކަމަކު އާންމުކޮށްލާ މެސެޖަކުން ދެން ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުމާ މެދު ވިސްނާލެވޭ ވަރަށް ވުރެ ތިމާގެ ކިބާގައި ދުނިޔޭގެ މައުލޫމާތު ދަށެވެ. ދުނިޔެ ހިނގާ ގޮތެއް ނޭނގެ އެވެ.
ހިތާމަހުއްޓެވެ. އެފަދަ ބޮޑު ގެއްލުމަކާ ދިވެހިން މި ތިބީ ކުރިމަތިލައިގެންނެވެ. ޕީޕީއެމް/ޕީއެންސީގެ ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ މީހުންނާ ބެހޭ ގޮތުން ލިއުނު ފެންވަރު ދަށް، ޒާތީ އަދި ނަސްލީ މެސެޖްތަކުން ދިވެހި އިގުތިސާދަށް ލިބުނު ގެއްލުން އެތައް ސަތޭކަ މިލިއަން ޑޮލަރަށް އެރުން ކައިރި އެވެ.
މިއަދު ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ވީ އެވެ. ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގެން އުފުއްލަވަން ފެއްޓެވި ޒިންމާތަކުގައި އެންމެ ބޮޑީ އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ގޮންޖެހުމެއްކަމެއް ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންނަކަށް ނޭނގެ އެވެ. އެ މީހުންގެ ހިތުގައި އޮތީ އިދިކޮޅުގައި އޮތް އިރު ރޯކޮށްލި އިންޑިއާއާ ދެކޮޅު އަލިފާންގަނޑެވެ.
'އިންޑިއާ އައުޓް' ހަރަކާތް ކުރިއަށް ދިޔަ އިރު ވެސް ރާއްޖޭގެ ޓޫރިޒަށް އޭގެ ސީދާ ގެއްލުމެއް ދިމައެއްނުވެ އެވެ. އިންޑިއާގެ ޓޫރިސްޓުން ބަރާބަރަށް އާދެ އެވެ. ފިލްމީ ތަރިންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބެލެވުނެވެ. ނުވަތަ ރިސޯޓްތަކުގެ ޕްރޮމޯޝަނަށް އެ ތަރިންގެ ބޭނުން އައީ ހިފަމުންނެވެ.
ޑިސެމްބަރު 2023 ނިމުނު އިރު ފުރަތަމަ ފަހަރަށް އިންޑިއާ މާކެޓް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނައަށް އަރައިފަ އެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރުގެ ނިޔަލަށް އިންޑިއާ އުޅެނީ ހަ ވަނައިގަ އެވެ. އެ މާކެޓުން ގެއްލުނު ނިސްބަތަކީ މައިނަސް %39 އެވެ. ޓޫރިސްޓުންގެ އަދަދުން ބަލާ ނަމަ 59،000 އެވެ.
އިންޑިއާ މާކެޓް
ޖެނުއަރީ - ސެޕްޓެމްބަރުގެ ނިޔަލަށް
2023: 149،587 - 2024: 90،389 (%39-)
އެކި ޓޫރިސްޓުން ޗުއްޓީ ހޭދަކުރާނީ އެކި ފެންވަރުގައި ކަމަށް ވާތީ މާލީ ގެއްލުމުގެ ސީދާ އަދަދު ހޯދަން އުނދަގޫވެދާނެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރަނގަޅުވާން އޮތް ބޮޑު މާކެޓަކުން ރާއްޖެ ބޮއިކޮޓްކުރުމުން ގެއްލުމުގެ މިންވަރު އެތައް ސަތޭކަ މިލިއަން ޑޮލަރަށް އެރުން އެކަށީގެންވެ އެވެ.
މި ގެއްލުމުގެ ވާހަކަ ސަރުކާރުން ވެސް އަދި ޕީޕީއެމް/ޕީއެންސީއަށް ސަޕޯޓްކުރާ މީހުން ވެސް ނުދައްކަ އެވެ. ތިބެނީ އެއީ ނުވާ ކަމަކަށް ހަދައިގެންނެވެ. އެކަމަކު ހަގީގަތަކީ ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އެންމެ ބޮޑު ދުވަސްވަރު ވެސް އިގުތިސާދަށް މިވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިނުވާ ކަމެވެ. މާލޭގައި ބޮޑެތި މުޒާހަރާތައް ހިނގައި، ސަލާމަތީ ބަރުތަކާ ދެމެދު ހަމަނުޖެހުން ކުރިއަށް ދިޔަ އިރު ވެސް އެކަންކަމާ ގުޅުވައިގެން އެއް ގައުމެއްގެ ޓޫރިސްޓުންގެ އަދަދު އެހާ ދަށަށް ގޮސްފައެއް ނުވެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންގެ ސަބަބުން އިގުތިސާދީ އެހާ ބޮޑު ގެއްލުމަކާ ކުރިމަތިވުމުގެ މާނައަކީ އަމިއްލަ ސަރުކާރަށް ވެސް އެތައް ގޮންޖެހުމެއް ދިމާވުމެވެ. މިސާލަކަށް އިންޑިއާއިން މަދުވި ޓޫރިސްޓުން ރާއްޖެ އައި ނަމަ މިހާރަށް ވުރެ ގިނައިން ޑޮލަރު ވެސް އިގުތިސާދަށް ވަދެފައި އޮންނާނެތާ އެވެ.
މިއަދަކީ އެ ހުރިހާ ކަަމަކާ މެދު ފުންކޮށް ވިސްނާލަން ރަނގަޅު ދުވަހެކެވެ. ފިލާވަޅު ލިބިގަނެ، ކުރިއަށް އޮތް ތަނުގައި ތިމާގެ ބޮޑާކަމާއި މޮޅުކަން ނުދައްކާ މަޑުން ތިބެވޭތޯ ބެލުން ބުއްދިވެރި އެވެ. ތިމާމެން މި އުޅެނީ އިގުތިސާދީ ލޮޅުންތަކަށް އެންމެ ބޮޑަށް ހުޅުވިފައި އޮތް އެއް ގައުމުގައި ކަން ވިސްނާލުން ހުއްޓެވެ. އިންޑިއާއަކީ އަތްލެވޭ ވަރަށް ވުރެ ބޮޑު، އިގުތިސާދީ ގޮތުން ބިޔަ، އަދި ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށް ގަބޫލުކުރާށެވެ.
އެންމެން ވެސް ބަލަންވީ އެ އިގުތިސާދުން ތިމާއަށާއި ރާއްޖެއަށް ނަފާ ލިބޭނެ ގޮތެކެވެ.
ހިތުގައި އޮތް ނަފުރަތާއި ސިޔާސީ ގޮތުން ތާށިވެފައި އޮތް، އެކަމަކު ހަގީގަތުގެ ނަޒަރަކުން ވިސްނާ ނަމަ، ތާކުންތާކު ނުޖެހޭ ރުޅީގެ އަލިފާންގަނޑުން ސަލާމަތްވެ، ހަމަހޭގައި ތިބެގެން މިކަންކަމާ މެދު ވިސްނާލަބަލާށެވެ! މިއަދު ރައީސް މުހައްމަދު މުއިއްޒަށް މާލީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް އެ ދެނީ އިންޑިއާއިންނެވެ. ސަރުކާރުގެ ފުރަތަމަކޮޅު 'ތިމަންނަމެންނަށް މިހާރު ވެސް 200 މިލިއަން 300 މިލިއަން ޑޮލަރު ހުރީ ހަމަޖެހިފައި' ކަމަށް ވިދާޅުވި މިނިސްޓަރުންގެ ބަސް ސީދަލެއް ނުވި އެވެ. އެ ފައިސާއެއް ނުލިބުނެވެ.
ގައުމުގެ މިނިވަންކަން ދެކެ ލޯބިވަނީ ހަމައެކަނި ތިމާމެން އެކަނި ކަމަށް ބަލައިގެންނުވާނެ އެވެ. ގައުމު ދެކެ އެންމެން ވެސް ލޯބިވެ އެވެ. ގައުމުގެ މިނިވަންކަމަށް އެހެން ބަޔަކު އަރއިގަންނަން އެކަކު ވެސް ނޭދޭނެ އެވެ. ނަމަވެސް ދުނިޔޭގެ ސިޔާސަތު ބަދަލުވަމުން ދާ ގޮތުން، މިނިވަންކަން ގެއްލޭނެ ކަމަށް އިއްޔެ ދުށް ކަންކަން މިއަދު ވަނީ ގައުމުގެ ސަލާމަތަކަށެވެ. ދަރާވިކުމަކީ އެންމެ ބޮޑު ލަދުކަމަށް ކާބަފައިން ވިސްނި ގޮތަށް ވިސްނައިގެން މިއަދު އުޅެވޭނެ ހެއްޔެވެ؟ އެންމެން އެ ގޮވަނީ 'ތިމަންނާއަށް ފްލެޓެކޭ، ގެއެކޭ' އެވެ. އެ ފްލެޓް އަޅާށާއި ތަރައްގީގެ އެހެން ކަންކަމަށް ދަރަންޏަށް ފައިސާ ނަގަނަގާ ދައުލަތް މި އޮތީ ދަރާވިކިފަ އެވެ.
ދަރައިގެން އުޅެން ލަދުގަތް ދިވެހިން ދުނިޔެ ދޫކޮށް ހިނގައްޖެ އެވެ. މިއަދު މިތިބީ ދަރައިގެން ދިރިއުޅެން އެންމެ ރަނގަޅު ކަމަށް ގަބޫލުކުރާ ދިވެހިންނެވެ.
އެކަމަކު އެ ދަރަނި ދެއްކޭނީ އިގުތިސާދު ހިންގައިގެންނެވެ. ސޯޝަލް މީޑިއާގެ ފަސޭހަ އަރައިރުމުގައި، އެކަމަށް ހުރަސް އެޅިގެން ނުވާނެ އެވެ. ހިތާމައަަކީ މިއަދުގެ ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުން އެ ރޮނގު ހުރަސްކުރިކަމެވެ. އޭގެ ނަތީޖާއަކީ މާލީ ގޮތުން ދިވެހި އިގުތިސާދަށް ބޮޑު ގެއްލުމެއް ދިނުމެވެ.
ލަދުގަނެ އެންމެންގެ ކިބައިން މައާފަށް އެދެން ޖެހޭވަރުގެ ގައުމީ ބޮޑު މައްސަލައަކަށް ނުވޭ ހެއްޔެވެ؟ މައާފަށް އެދުމަކީ ދެރަ ކަމެއް ކަމަށް ވިސްނޭ ނަމަ ދެން ވެސް މައިތިރިވެގެން ތިބޭށެވެ. ފޯނެއް އަތުގައި އޮތުމަކީ 'މަށަށް ދުނިޔެ ލިބުން ނޫން' ކަމަށް ގަބޫލުކުރާށެވެ. އޭގެ ބަދަލުގައި ފުރަތަމަ ކަމަކީ ދުނިޔެ ދަސްކުރުމެވެ.
ކޮމެންޓް (7)
ސީނުކަރަ
ޗައިނާ
ތެފައާސާ.
ހޮޅިބެ
ފެނެކެސް
މޫސަގެ ދަރި
ކޮސް