ހުޅުމާލޭގެ އުތުރު ހުޅަނގު ކޮޅުގައި އޮތް 'ފިތުރޯނު ބަގީޗާ' ކޮށާލާފައި އިމާރާތަކަށް ބިން ތައްޔާރުކުރަނީ

އެ ފެހިކަން ނެތިއްޖެ، ރީތި ފޮޓޯތަކަށް ފުރުސަތު ވެސް ގެއްލިއްޖެ

ހުޅުމާލޭގެ އުތުރު ހުޅަނގު ފަރާތުގައި އޮތް ފިތުރޯނު ގަހުގެ ބޮޑު ފެހިކަން ނައްތާލައި، މިހާރު އަންނަނީ އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން
28 ސެޕްޓެމްބަރު 2024
2

"ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ އުތުރުން، އެސްޓީއޯގެ ނުނިމި ހުރި 'ބިރުވެރި ކިއްލާ'އާ ޖެހިގެން، އެ އޮތީ ހުޅުމާލޭގެ އެންމެ ރީތި ފެހިކަމެވެ. ހީވަނީ ޖައްގައްޔެއްހެންނެވެ. ދިގު ފިތުރޯނު ގަސްތަކުން މުޅި ތަން އޮންނަނީ ހިޔާވެފަ އެވެ. ތަން ސާފުކުރާނެ ބަޔަކު ނެތި، މުޅި ހިސާބުގަނޑުގެ ބިންމަތި ކުނިބުނިން ފުރިފައި އޮތަސް، ފޮޓޯތަކަށް އެ ފެހިކަމުން ގެނެސްދޭ ހިތްގައިމު މަންޒަރު އެންމެންނަށް ވެސް ރީއްޗެވެ. އެތަނަށް ބަލައިލުމުން ލިބޭ ހިތްހަމަޖެހުން ބޮޑުކަމުން، ބައެއް މީހުން މަގުމަތީގައި މަޑުކޮށްލައިގެން ވެސް ތިބެ އެވެ."

މިއީ 'މިހާރު' ނޫހުގައި، 26 އޮގަސްޓް 2020ގައި، އަޅުގަނޑު ލިއުނު 'މި ފެހިކަން، މި ނަލަކަން ކިހާ ދުވަހަކަށް؟" މަޒުމޫނުގެ އެއް ޕެރެގްރާފެވެ.

މިއީ މީގެ ހަތަރު އަހަރު ކުރިން އެ ސަރަހައްދު އޮތް ގޮތް --(ފޮޓޯ/މިހާރު)

އޭރު ވެސް އެ ވާހަކަ ލިއުނީ އެ ސަރަހައްދު ތަރައްގީކުރުމުގެ ޕްލޭން އެޗުޑީސީގައި އޮތްކަން އެނގިގެންނެވެ. ކޮންމެވެސް ދުވަހަކުން އެ ސަރަހައްދުގެ ގަސްތައް ޒަމާނީ ތަރައްގީގެ ކޮންމެވެސް އިމާރާތަކަށް ގުރުބާންކުރާނެކަން ޔަގީންވުމުގެ އިހުސާސްތަކެވެ.

މިއަދު މި ފެންނަނީ އެ މަންޒަރެވެ. މުޅި ސަރަހައްދު ކޮށަން ފަށައިފި އެވެ. ބައެއް އިމާރާތްތަކަށް ބިންގާ އަޅަން ކޮނެފި އެވެ. ކުރިއަށް އޮތް ތަނުގައި މުޅި އެ ބްލޮކްގައި ހަދާނީ ވިޔަފާރީގެ އެކި ތަންތަނެވެ.

އޭރު އެ ފެހިކަމުގެ ތެރޭގައި ބަޔަކު އާއިލީ ފޮޓޯތަކެއް ނަގަނީ (ފޮޓޯ/މިހާރު)

އެޗުޑީސީ ގޯސްކުރަނީއެއް ނޫނެވެ. އެޗުޑީސީއަށް ފައިސާ ބޭނުންވެ އެވެ. އެ ފައިސާ އެންމެ ޔަގީންކަމާ އެކު ލިބެން އޮތީ ހުޅުމާލޭގެ ބިން ވިއްކައިގެންނާއި ދިގު މުއްދަތަށް ކުއްޔަށް ދީގެންނެވެ.

'ފިތުރޯން ބަގީޗާ' ސަރަހައްދުން ބިން ދިނީ ކުރީގެ ސަރުކާރުން ނަމަ މިހާރުގެ އެޗުޑީސީ މެނޭޖްމަންޓަށް އެކަން ބަދަލުކުރަން އަމުދުން ކަމެއް ކުރެވޭކަށް ނޯންނާނެ އެވެ. ސަބަބަކީ މިދިއަ ރިޔާސީ އިންތިހާބުގައި މާލޭ މީހުންގެ ވޯޓު ހޯދުމުގެ މަގުސަދުގައި ހުޅުމާލޭ ފޭސް ދޭއްގެ ހުރިހާ ބިމެއް ކަހަލަ ގޮތަކަށް ގޯއްޗަށް ހުސްކުރުމުން އެޗުޑީސީއަށް އޮތް މާލީ ގޮންޖެހުމެވެ. އެއީ އެ ކުންފުންޏަށް ކުރިމަތިވި 10 ބިލިއަނެއްހާ ރުފިޔާގެ ބޮޑު ގެއްލުމެކެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ އެޗުޑީސީގެ ވިސްނުން ހުރީ ހުޅުމާލޭގެ ހުޅަނގު ފަރާތުގެ އެ ސަރަހައްދު ފެހިކޮށް ބާއްވާށެވެ. އެޗުޑީސީގެ ސިޔާސަތަކީ ކޮންމެ ސަރުކާރަކާ އެކު ބަދަލުވާ އެއްޗަކަށް ވުމާއި ވިޔަފާރިވެރިންނަކީ ކޮންމެ ގޮތަކުން ވެސް އެމީހުން ވިޔަފާރި ފުޅާކުރުމުގެ ވިސްނުން ހުންނަ ބަޔަކަށް ވާތީ، ގުދުރަތީ ރީތިކަމަށް ވުރެ އަމިއްލަ މުއްސަނދިކަން ބޮޑުކުރުމުގެ އެދުން އޮންނާނެ އެވެ. 

ހުޅުމާލެއަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ފެހި ސިޓީކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު އެ ސިޓީގެ އާބާދީ ބޮޑުވަމުން އަންނަ ގޮތަށް ބަލާއިރު ތިމާވެއްޓަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ފެހިކަން އަދިވެސް ބޮޑުކުރަންވީ އެވެ. 

ހުޅުމާލޭގެ އުތުރު ހުޅަނގު ކޮޅުގައި އޮތް 'ފިތުރޯނު ބަގީޗާ' ކޮށާލާފައި އިމާރާތްތަކެއް ހަދަނީ

މިހާރު ކޮށާލަމުން ދާ ސަރަހައްދަށް ވުރެ މާ ފެހިކަން ބޮޑު ސަރަހައްދެއް ފެރީ ޓާމިނަލް ކައިރީގައި އެބަ އޮތެވެ. އެކަމަކު އެ ބިމުގެ ބޮޑު ބައެއް ވެސް ދިވެހި ވިޔަފާރިވެރިޔަކަށް ދީފައިވާކަމުގެ ހަބަރުތައް މި ފަހުން ފެތުރުނެވެ.

ހަމައެކަނި އިމާރާތްތަކުން ފުރާނުލައި، ފެހިކަމަށް ހާއްސަ ސަރަހައްދުތަކެއް ހުޅުމާލޭގައި ބާއްވައިދިނުމަކީ އެތައް ބައެއްގެ އެދުމެކެވެ. އެގޮތަށް އެދޭއިރު ވެސް އެއީ ނުވާނެ ކަމެއްކަން އެނގެ އެވެ. އެއަށް ވުރެ ބޮޑަށް އުމުރާނީ ތަރައްގީގެ ފައިދާއަށް ވިސްނި، ސިޔާސަތުތައް ބަދަލުވެ އެވެ.

"'ފިތުރޯނު ބަގީޗާ' ތެރޭގައި ފޮޓޯ ނަގާ އަދި ފިނިކޮށްލަން މަޑުކޮށްލައިގެން ތިބޭ އެއްވެސް މީހަކު، އެތަން ކޮށާލައިފައި، ކޮންކްރީޓްގަނޑަކަށް ހަދާކަށް ނޭދޭނެ އެވެ. އެ ބޮޑު ހިޔާ، އެ ފެހިކަމުގެ ތެރެއިން ފޮޓޯތަކަށް ގެނެސްދޭ ހިތްގައިމު ކުލަތަކަކީ، ހުޅުމާލޭގެ ވަރަށް ހާއްސަ ސިފައެކެވެ،" މީގެ ހަތަރު އަަހަރު ކުރިން އަޅުގަނޑު ލިއުނީމެވެ.

ނަމަވެސް އެ 'ބަގީޗާ' ދެނެއް ނުފެންނާނެ އެވެ. އޭގެ ބަދަލުގައި ދެން އަންނާނީ އެކި އުސްމިނުގެ އިމާރާތްތަކެވެ. އެތަންތަނަށް އާންމުން ދާނީ ކާށާއި ބޯށާއި އެއްޗެހި ގަންނާށެވެ.

ގިނަ މީހުންގެ ނަޒަރުގައި މި ޒަމާނުގެ ބޮޑު ތަރައްގީއަކީ ވެސް އެއީ ދޯ އެވެ.

އަޅުގަނޑުގެ ރައްޓެއްސަކު އިއްޔެ އިނގިރޭސި ބަހުން ޅެމެއް ހަދައި، އޭނާގެ ފޭސްބުކްގައި އާންމުކުރި އެވެ. އެ ޅެމުގައި ބުނެ އެވެ:

މި ހޫނު ބިމުގައި، އަހަރެމެން ދަލުން ފޯވެ، އަނދަނީ އެވެ.

"އަހަރެމެންނަށް ހިޔާ ބޭނުންވެ އެވެ." އަހަރެމެން ހަޅޭއްލަވައި، ރޮމެވެ.

"އަހަރެމެންނަށް އިތުރު ގަސް ބޭނުންވެ އެވެ." އަހަރެމެން ޕްލޭން ހަދަމެވެ.

އެކަމަކު މަޑުކޮށްލަބަލާށެވެ! އެޕާޓްމަންޓްސްތަކަށް އިތުރު ބިން ބޭނުންވެ އެވެ.

"ގަހެއް އިންދަމާ ހިނގާށެވެ!" އެއް ދުވަހަކު އަހަރެމެން ވިސްނާފާނެ އެވެ.

އެކަމަކު އެމީހުން އައިސް ބުނެ އެވެ. "ނޯޕް، ތިކަމެއް ނުވާނެ އެވެ."

ހުޅުމާލޭގެ ފެހިކަމަށް ހާއްސަކޮށްގެން ތައްޔާރުކުރި ރިޕޯޓް

ކޮމެންޓް (2)

ބާއްޖު

1 އޮކްޓޯބަރު 2024
ހުޅުމާލެ ކޮންދުވަހަކު ސިޓީ އަކަށް ބަދަލުވި؟ ސަޕްރައިޒްޑްޓު ރީޑް ދެޓް އޮން ދައުރު!
0 1

ޖުއްބާ

28 ސެޕްޓެމްބަރު 2024
އާހިރު ނަތީޖާއަކީ މާލެއާއި ހުޅުމާލޭގެ ކުލީގެ އަގުތަކާ، ތަގައްޔަރުކަން އިތުރުވެ، މާލެކަހަލަ ކާރޫބާރޫ ބޮޑު ކޮންކުރީޓު ޖަންގައްޔަކައް ހުޅުމާލެ ވެގެންދިއުން. ދިވެހި ސަރުކާރު އުޅެނީ "ރާއްޖޭގެ ނާޒުކު ތިމާވެއްޓޭ" ކިޔައިގެން ޔޫރަޕުގަ ސަލާންޖަހަން.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް