ކޮލަމް

ރާއްޖޭގެ ސޯޝަލް މީޑިއާގައި ހަމަ އެއްވެސް މީހަކަށް ރައްކާތެރިކަން ނެތީތަ؟

ރާއްޖޭގައި މި ފެންނަނީ އަނިޔާ ލިބޭ މީހާއަށް އެއްވެސް އިހުތިރާމެއްނުކޮށް އެ މީހުންގެ ފޮޓޯ އާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުކުރާތަން
3 ސެޕްޓެމްބަރު 2024

އާދަމް އަތުހަރުގެ މަރާ އެކު އަސްލު ހާދިސާގެ މައްޗަށް މިހާރު މި އޮތީ އަނދިރި އެޅިފަ އެވެ. ޒުވާން އަންހެން ކުއްޖަކު ރަހީނުކުރި ކުރުން އެހާ ހިސާބުން ނިމުނީ އެވެ. ދެ އާއިލާއަށް ވެސް ހިތާމަ އެވެ.

އެކަމަކު ރަހީނުކުރުމުގެ އެ އަމަލާ ގުޅޭ ސޯޝަލް މީޑިއާގެ ހަރަކާތްތަކަށް ބަލާއިރު ބައެއް ދިވެހިންގެ ވިސްނުން ވަރަށް ހަނިކަން އެނގެ އެވެ. އަނެއް ބަޔަކަށް ނޭނގި ހާލަތުގެ ތަފުސީލުގެ ތެރެއަށް މާ ބޮޑަށް ވަދެވެނީ އެވެ.

ގެއެއްގެ ބޭރު ދޮރުން އެތެރޭގައި އެ އަންހެނާ ރަހީނުކޮށްގެން އަތުހަރު އިންނަތަން ފެންނަ ވީޑިއޯއަކީ އަސްލު މި އަމަލުގައި އަނިޔާ ލިބުނު މީހާ ބޭޒާރުކުރުމެވެ. މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކާއި އިންޑިއާ ކަހަލަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި މުޅިން މަނާ ކަމެކެވެ. ރާއްޖޭގައި ވެސް މީޑިއާގެ އެތިކްސްގައި ހިޔާމަތުގެ އެ މާއްދާތައް ހިމެނެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެއްޗެހި ޕޯސްޓްކުރާ އެންމެންނަކީ މީޑިއާގެ ހަމަތައް އެނގޭ، އެ މައުލޫމާތު ހޯދަން ވެސް ބޭނުންވާ ބައެއް ނޫނެވެ. އެ މީހުންނަށް އޮންނަނީ 'ލިބުމާއި ޖެހުމާ އެކުއެކީގައި ނިންމާލުމެ'ވެ.

ރަހީނުކުރުން ކަހަލަ ނުވަތަ ޖިންސީ އާއި ގެވެށި އަނިޔާގެ ބިރުވެރިކަން ތަޖުރިބާކުރާ މީހުންގެ ހިމާޔަތަށް ދުނިޔޭގެ ގައުމުތަކުގައި ހަރުކަށި ގާނޫނުތައް ހަދާފައި ހުރެ އެވެ. މިސާލަކަށް އިންޑިއާ ނަގާށެވެ. އެފަދަ ހާލަތެއް ރިޕޯޓް ކުރާ ނަމަ އަނިޔާ ލިބުނު މީހާގެ ނަން ވެސް ހާމައެއްނުކުރެވޭނެ އެވެ. އެމީހަކު މަރުވިޔަސް މެ އެވެ. ރަސްމީ މީޑިއާތަކުން އެ އުސޫލު ހިފަހައްޓަނީ ކޮންމެހެން ގާނޫނާ ހިލާފުވެގެން ފިޔަވަޅެއް އަޅާފާނެތީއެއް ނޫނެވެ. އަނިޔާ ލިބުނު މީހާ ހިމާޔަތްކުރުމަކީ ނޫސްވެރިންގެ ވެސް ޒިންމާއަކަށް ވާތީ އެވެ.

އަންހެންމީހާގެ ކަރުގައި ވަޅި ޖައްސަައިގެން ހުރެ ގެއިން ނެރެނީ: ހާމަކޮށްގެން ނުވާނެ އެތައް އެއްޗެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރޭ

މިކަމުގައި ބައެއް ފަހަރަށް ތަފާތު ހުރެދާނެ އެވެ. މިސާލަކަށް އަނިޔާ ލިބޭ މީހާ، އާންމު ހޭލުންތެރިކަމާއި މައްސަލައިގެ ބާވަތުން އާންމުންނަށް އިތުރު މައުލޫމާތު ފޯރުކޮށްދޭން އަމިއްލައަށް އިސްނަގައިގެން މީޑިއާއަށް ދޭ އިންޓަވިއުތަކެވެ. އޭގައި އޭނާ ފޮޓޯ އާއި ވީޑިއޯ ނަގައި އާންމުކުރަން އެއްބަސްވެއްޖެ ނަމަ އެގޮތަށް އެކަން ކުރެވިދާނެ އެވެ. އެކަމަކު މިއީ ކުރިމަތިވާ މައްސަލަތަކުގެ ނާޒުކު ކަމަށް ބަލާ ނަމަ ވަރަށް މަދު ފަހަރެއްގައި ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އެހެންކަމުން އާންމުކޮށް އެންމެން ވެސް ތަބާއަވެ، އިހުތިރާމްކުރަން ޖެހޭނީ އާންމު އުސޫލަށެވެ؛ އެފަދަ މީހުންނަކީ ކޮބައިކަން ސިއްރުކުރުމެވެ.

އަތުހަރު ވަޅިއާ އެކު އަންހެން މީހާ ހިފަހައްޓައިގެން އިން ވީޑިއޯއަކީ ރާއްޖޭގައި މިފަދަ ނާޒުކު، ބިރުވެރި ހާދިސާތައް ތަޖުރިބާކުރާ މީހުންގެ ހިމާޔަތަށް ސޯޝަލް މީޑިއާގެ ބައެއް ހަރަކާތްތެރިން ކުޑަކޮށް ވެސް ނުވިސްނާ ކަމުގެ ހެއްކެކެވެ. ނަމަވެސް މިއީ ކަމާ ބެހޭ އިދާރާތަކުން ހުއްޓުވަން ޖެހޭނެ އަމަލެކެވެ. އާ ގާނޫނުތަކާއި ގަވާއިދުތައް ހަދައިގެން ހުއްޓުވެން ޖެހޭނެ ވެސް ކަމެކެވެ. 

ބައެއް ދިވެހިން ހިންގާ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގެ އުނދަގޫ އެތައް ބަޔަކަށް ދަނީ ފޯރަމުންނެވެ. މީހަކު ބޭޒާރުކުރަން ވިޔަސް، އެއީ އާންމުންގެ މަސްލަހަތު ނުހިމެނޭ ކަމެއް ނަމަވެސް، އާންމުންނަށް ދޫކޮށްލަންވީ އެވެ. ފޫހިފިލުވަން ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާ އެހެން މީހުން އެފަދަ މަންޒަރުތައް ބަލައިގެން ހިތްހަމަޖައްސަންވީ އެވެ. އެ އެއްޗެހި  ޝެއާކޮށް އިތުރަށް ފަތުރަންވީ އެވެ.

ރަސްމީ މީޑިއާގައި ހެދޭ ގޯސްތަކަށް އަވަހަށް ފިޔަވަޅު އަޅަ އެވެ. މިސާލަކަށް އެފަދަ އަނިޔާއެއް ލިބޭ ކުއްޖެއް/މީހެއްގެ ފޮޓޯއެއް ޖެހިއްޖެ ނަމަ އަވަހަށް އެ ނަގަ އެވެ. ލިއުމުގައި އެފަދަ ކުށެއް އޮތް ނަމަ އެޑިޓްކުރެ އެވެ. އެކަމަކު ކާކުކަން ނޭނގޭ އެކައުންޓްތަކާއި ކާކުކަން އެނގޭ ގޮތަށް އެކަމަކު ސޯޝަލް މީޑިއާގައި ހަމައެކަނި މަޝްހޫރުވުމުގެ ނިޔަތުގައި އެއްޗެހި ޕޯސްޓްކުރާ މީހުންގެ އެ އެތިކްސްއެއް ނުހުރެ އެވެ. އެފަދަ ފަރާތްތަކުން ގަބޫލުކުރަނީ މިނިވަންކަމަކީ ހައްދެއް ނެތް ކަމެއް ކަމަށެވެ.

ޓެލެގްރާމްގެ ސީއީއޯ ޕަވެލް ޑްރޯވް: ފްރާންސުން ވަނީ އޭނާ ހައްޔަރުކޮށްފައި

ދުނިޔޭގައި މިހާރު ކަން ހިނގާ ގޮތް ނޭނގޭ ދިވެހިންނަށް އެހެން ހީވެދާނެ އެވެ. އެކަމަކު ސޯޝަލް މީޑިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ބައެއް ގައުމުތަކުން ވަނީ ފަށައިފަ އެވެ. ބްރެޒިލްގައި އެކްސް މަނާކޮށްފި އެވެ. ފްރާންސްގެ އެއާޕޯޓަކަށް މަތިންދާބޯޓު ޖެއްސިތަނުން ޓެލެގްރާމްގެ ސީއީއޯ ޕަވެލް ޑްރޯވް ވަނީ ހައްޔަރުކޮށްފަ އެވެ.

އެކްސް މަނާކުރަން ބްރެޒިލްގެ ފަނޑިޔާރަކު އަމުރު ނެރުއްވީ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމުގެ ގޮތުން ޖަވާބުދާރީވާނެ މީހަކު އައްޔަންކުރަން ބުނުމުން އެކްސްއިން އެކަން ނުކޮށްގެންނެވެ. ޕަވެލް ހައްޔަރުކޮށްގެން އުޅެނީ ޓެލެގްރާމްގައި ކުށުގެ އަމަލްތައް ހިންގާ ގްރޫޕްތަކާ ބެހޭ މައުލޫމާތު ދޭށާއި ނުރައްކާތެރި ކުށްތަކެއްގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ތުހުމަތުގަ އެވެ.

މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބައެއް މީހުން ބުންޏަސް ފްރާންސްގެ ރަސްމީ އިދާރާތަކުން އަޅައެއްނުލަ އެވެ. 

ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ގާނޫނާ ހިލާފު ކުށްތައް ހުއްޓުވަން ހަދާފައި ހުރި ބައެއް އުސޫލުތަކަށް ޓެލެގްރާމް ތަބައެއް ނުވެ އެވެ. އެހެންކަމުން ބައެއް ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު ހޯދަން، ރަސްމީ އިދާރާތަކަށް އުނދަގޫވެ އެވެ.

ރާއްޖޭގައި ވެސް ސޯޝަލް މީޑިއާއާ ގުޅޭ ބައެއް ކަންކަން ހަރުކަށިކުރަން ޖެހެ އެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އަޅުގަނޑު މަތީގައި ފާހަގަކުރި، އަނިޔާ ލިބޭ މީހުން ހިމާޔަތްނުކުރުމުގެ އަމަލްތައް ވަރަށް ތަފާތެވެ. އަނިޔާ ލިބޭ މީހުންގެ ފޮޓޯ އާއި ވީޑިއޯ އާއި އެމީހުންގެ މައުލޫމާތު އެންމެންނަށް ހާމަކުރުމަކީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫނެވެ. އެއީ ހަމަޔާއި އުސޫލުގެ ބޭރުން ހިންގާ އަމަލްތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް