މާލޭގެ އެންމެ އުސް އިމާރާތް ދަރުމަވަންތަ ހޮސްޕިޓަލް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
އެއީ ތެދެއް، ތަޖުރިބާކާރު މީހުން ހޮވައިގެން ވީ ވަކި ކޮން ކަމެއް؟
އަޅުގަނޑު މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ. އެއީ މީގެ ހަތް އަހަރު ކުރި އެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަމުން ދިޔަ ދުވަސްވަރެވެ. އުމުރުން 13 އަހަރުގެ ދަރިފުޅު ގޮވައިގެން ހަވީރު ސައިކަލް ދުއްވާލަން ދާ ކޮންމެ ފަހަރަކު އެ އިމާރާތުގެ ކައިރިން ހުރަސްކުރެވޭ ގަޑީގައި ހިނިއާދެ އެވެ. އެކަމާ ދަރިފުޅު ސުވާލުކުރެ އެވެ. ކޮންމެވެސް ޖަވާބެއް ދެމެވެ. އެކަމަކު ހަގީގަތުގައި އެއީ ބޭއިހުތިޔާރުގައި އަޅުގަނޑު ކައިރިއަށް އެ ދުވަސްވަރު އަންނަ ހިނިގަނޑެކެވެ. އޭގެ ސަބަބަކީ ރީތި، ބޮޑު އިމާރާތެއް ރައްޔިތުންނަށް ދައްކާފައި އޭގެ ފަހަތުން ސަރުކާރުގެ ވެރިން ހިންގާ ކޮރަޕްޝަން އާންމު ގިނަ މީހުން ގަބޫލުނުކުރާތީ، ދިވެއްސެއްގެ ހައިސިއްޔަތުން އަމިއްލަ ނަފުސު ގަންނަ ބޮޑު ލަދެވެ.
މާލޭގައި ހަދާ އެންމެ އުސް އިމާރާތަށް ވަކިވަކިން އަގު ހޯދި އެވެ. އެ އަގުތައް ފަހުން އާންމުވި އެވެ. މިސާލަކަށް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީން ހުށައެޅީ 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އެވެ. އެކަމަކު މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށެވެ.
ރީތި ދަރުމަވަންތަ ހޮސްޕިޓަލް އެހުރީ ފެންނާށެވެ. އެތައް ކިލޯމީޓަރެއްގެ ދުރުން މާލޭގެ މަލަމަތި ކުރަހާލަދޭ ފުރަތަމަ ނިޝާނަކީ ވެސް އެވެ. މުޅި ދެކުނު އޭޝިއާގައި ވެސް އެހާ ރީތި ހޮސްޕިޓަލެއް މަދުވާނެ އެވެ.
ސާފު ސަރުކާރެއް ހިންގުމުގެ ވާހަކަ އަންނަނީ މިހާ ހިސާބުންނެވެ. ޒުވާން ގާނޫނީ ވަކީލް އިޖްލާޒް އަބްދުއްރަޝީދުގެ ވާހަކައަށް އަޅުގަނޑަށް އެއްބަސްވެވެނީ ވެސް އެހެންވެ އެވެ. ތަޖުރިބާ ހުރި، ސިޔާސީ ގޮތުން އެންމެ މޮޅެތި ސިކުނޑިތަކުގެ މީހުންނަށް ރާއްޖޭގެ ވެރިކަން ދީގެން މި ހާސިލްވީ ކޮން ކަމެއް ހެއްޔެވެ؟
އިޖްލާޒްއަކީ ރާއްޖޭގެ ސިޔާސީ ކަންކަން ދާ މިސްރާބާ މެދު އުއްމީދު ގެއްލިފައި ތިބި ޒުވާނުންގެ ތެރެއިން އެކެކެވެ. މެލޭޝިއާއިން ގާނޫނީ ރޮނގުން މަތީ ތައުލީމް ހާސިލްކޮށްގެން ހުރި އުމުރުން 28 އަހަރުގެ ވަކީލުގެ ވާހަކަ އިއްޔެ އާއި މިއަދު އަޅުގަނޑު މި ލިޔަނީ އޭގެ މުހިންމުކަން ވިސްނޭތީ އެވެ. އަޅުގަނޑުގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'އަށް ފުރުސަތު ދިނުމުން އޭނާ ދެއްކި ވާހަކަތަކުގެ ތެރޭގައި ފާހަގަކުރި އެއް ކަމަކީ އާ ބަޔަކަށް ގައުމު ހިންގަން ފުރުސަތު ލިބެން ނެތުމެވެ.
އާ ބަޔަކީ އިންތިހާބުތަކުގައި ދިވެހިން ގަބޫލުކުރާ ދެ އިހުތިޔާރު ނޫން އެހެން ބައެކެވެ. މިހާތަނަށް ދިވެހިން ވެރިކަމާއި ރައްޔިތުންގެ މަޖިލިސް ވެސް ދެމުން މި އަންނަނީ އެމްޑީޕީ އާއި ޑީއާރުޕީ/ޕީޕީއެމް/ޕީއެންސީ އަށެވެ. ފަހުން މި ބުނި ތިން ޕާޓީ ނިސްބަތްވަނީ އެއްބަޔަކަށެވެ.
ސިޔާސީ ދާއިރާގައި ޒުވާނުން އެބަ އުޅެ އެވެ. ރައްޔިތުންގެ މަޖިލިހުގައި ވެސް ޒުވާނުން ހިމެނެ އެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި ވެސް ޒުވާނުން ތިބެ އެވެ. އެކަމަކު ގިނަ ފަހަރަށް އެ ފުރުސަތު ލިބެނީ މިހާރު ވެސް ވަކިހިއްޕާލާފައި އޮންނަ ސިޔާސީ ޕާޓީއެއްގެ ތެރެއިންނެވެ. އެފަދަ ނުފޫޒެއް ނެތް ނަމަ ތިބެން ޖެހޭނީ ކުޅިބަލާށެވެ.
"ސިޔާސީ ކަންކަމުގައި ވަރަށް ގިނައިން އަޑުއިވޭނެ ކަންނޭނގޭ ތަންކޮޅެއް ހަގު ކެންޑިޑޭޓަކު އިންތިހާބަކަށް ކުރިމަތިލައިފިއްޔާ އޭނާގެ ތަޖުރިބާއެއް ނެތޭ، އޭނާއަކީ ނުލާހިކު ކުޑަކުޑަ ކުއްޖެކޭ، އޭނާއަށް ކޮން އެއްޗެއްހޭ އެނގޭނީ،" އަޅުގަނޑު ކުރި އެއް ސުވާލުގެ ޖަވާބުގައި އިޖްލާޒް ބުންޏެވެ.
"އެހެންނަމަވެސް ތަޖުރިބާ ހުރި މީހުން ހޮވައިގެން ވެސް އަޅުގަނޑުމެންނަށް ވަކި ވީ ކަމެއް ނެތް."
އެއީ ޒުވާނުންނާ ގުޅިފައި ހުރި ކަންކަމަށް އެއްވެސް ސަރުކާރަކަށް މާ ބޮޑު ހައްލެއް ނުގެނެވުމުގެ ޝަކުވާ އެވެ.
ސާފު ސަރުކާރެއް ނުފެންނަކަމުގެ ޝަކުވާ ވެސް އޮތީ އެވެ. ކޮރަޕްޝަންގެ އަމަލްތައް، އާ ގާނޫނުއަސާސީގެ ފަހުން، ހައްދުން ނެއްޓިއްޖެ އެވެ. ތަހުގީގު ނުކުރިޔަސް، ހައްޔަރުނުކުރިޔަސް، ޝަރީއަތަށް ނުގެންދިޔަސް، ނުވަތަ ޝަރީއަތުން ސާބިތު ނުވިޔަސް، އެ ހަގީގަތް އޮތީ އެހެންނެވެ. ކޮރަޕްޝަންގެ ކޮންމެ އަމަލެއް ހިންގަނީ އެމްއެމްޕީއާރުސީގެ 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު ގޮތަކަށެއް ނޫނެވެ. ވެރިންގެ ޖީބަށް މިލިއަނުން ރުފިޔާ ވަންނާނީ، ދަރުމަވަންތަ ހޮސްޕިޓަލް ފަދަ މަޝްރޫއުތަކުންނެވެ.
ސާފު ސަރުކާރެއްގައި ވަޒީފާ ދޭނީ ސިޔާސީ ފިކުރު ދިމާވާ އެކަމަކު ގާބިލް މީހުންނަށެވެ. ނަމަވެސް ރާއްޖޭގައި ވަޒީފާތައް ބަހަނީ އެހެން ބެލުމެއް ނެތި، ހަމައެކަނި ސިޔާސީ މަންފާއަށެވެ.
"މިވީހާ ތަނަށް އައިއިރުގައި އަޅުގަނޑުމެންނަށް ފެނިގެންދަނީ ހަމަ އެއް ބައެއް. އެކި ނަންނަމުގައި އެއް ކަންތައްތަކެއް ކުރާތަން މި ފެންނަނީ،" އިޖްލާޒް ބުންޏެވެ.
"ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ކޮރަޕްޝަން އެބަ އޮވޭ. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ނެޕޮޓިޒަމް [ތިމާގެ މީހުންނަށް އިސްކަންދިނުން] އެބަ އޮވޭ. ކްރޮނިޒަމް (ރަހުމަތްތެރިންނަށް އިސްކަންދިނުން) އެބަ އޮވޭ. މޮޅު ލިބެނީ ހަމ އެއް ބަޔަކަށޭ. އެ ޕާޓީގެ އެންމެ ކޮއިލު ތެރޭގައި ތިބޭ މީހުންނަށޭ މޮޅު ލިބެނީ."
މިހާރު ވެސް ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކަށް ކުރިމަތިލައިފިއްޔާ، ކޮންމެވެސް މީހެއްގެ އެހީތެރިކަމެއް ނެތި، ނުލިބެ އެވެ. ތައުލީމާއި ތަޖުރިބާ ހުއްޓަސް، ނުފޫޒެއް ނެތް ނަމަ، އެ މީހަކު މި ނިޒާމުގެ ތެރެއިން ބާކީވަނީ އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެއް ޕާޓީއަކަށް ލިބިއްޖެ ނަމަ އެ ފުރުސަތު އާދައިގެ މީހުންނަށް އަދި މާ ބޮޑަށް ހަނިވެ އެވެ.
މިހާރު އެންމެ ހިތާމަކުރަން ޖެހޭ ކަމަކީ ދައުލަތުގެ ތެރޭގައި ހުރި ހިނާޔާތުގެ ކަންކަން އާންމުންނަށް ވަރިހަމަވުމެވެ. އެ ވާހަކަ ދައްކަން، އެވާހަކަ އަޑުއަހަން ވެސް ބޭނުމެއް ނުވެ އެވެ. އެހެންކަމުން ސާފު ސަރުކާރާއި ސާފު ދައުލަތެއް ހިންގުމުގެ ސިފަ ރާއްޖޭގައި މިދަނީ ނެތެމުންނެވެ.
ގިނަ ރައްޔިތުން މިހާރު ނުވިސްނަ އެވެ. އެ މީހުންނަށް ރީތި އިމާރާތްތަކާއި ބްރިޖްތައް ފެނުނީމާ ފުދެ އެވެ. އެ މަޝްރޫއުތަކަށް ތައުރީފްކުރީމާ އެ ނިމުނީ އެވެ.
ކޮމެންޓް (2)
ސައިމާ
ސިކުނޑި