އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި އިރު އެމަނިކުފާނުގެ ދިފާއުގައި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން އަޑުއުފުލަނީ

ކޮލަމް

ހެޔޮނުވާނެ، ދެން އެމްއެމްޕީއާރުސީގެ ވާހަކަ ނުދައްކަމާ!

ޕީޕީއެމް އަލުން ވެރިކަމަށް އައީ އެ ބޮޑު ހިޔާނާތާ މެދު ލަދުވެތިވެ، ރައްޔިތުންގެ ކިބައިން ކުޑަމިނުން މައާފަށް ވެސް ނޭދި. އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ނިންމާލީ އެ ހިޔާނާތުގައި ރައްޔިތުންނަށް ކުޑަ ވެސް އިންސާފެއް ހޯދައިނުދެވި
16 ޖުލައި 2024
2

އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލައި، އޭގެ ބައިވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން ރައްޔިތުން އެކަން ގަބޫލުކުރާނެ ހެއްޔެވެ؟ އަޅުގަނޑު ހިމެނޭނީ މި ސުވާލުގެ ޖަވާބަކަށް ނޫނެކޭ ބުނާ ދިވެހިންގެ ތެރޭގަ އެވެ.

އަނެއްކާވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫއު ތިލަވީ މި މަހު ހަތް ވަނަ ދުވަހު ޕީއެންސީގެ ޖަގަހާގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. 

"އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، އެ މީހަކަށް ދޭން ޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ، އެ ފައިސާ ރައްޔިތުންނަށް ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެއީ އެހެން ދެވަނަ ބޭފުޅަކަށް ފޮނުއްވި އިންޒާރެއް ނޫނެވެ. އެ ބަސްފުޅު ގޮސް އެ ޖެހެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގައިކޮޅުގަ އެވެ. ޔާމީނަށް އެކަން އެނގިވަޑައިގަނެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ދެ ދައުވާއެއްގެ ހުކުމާ އެމަނިކުފާނު އޮތީ ކުރިމަތިލައްވައިފަ އެވެ. އެއިން ކޮންމެ ޝަރީއަތަކާ ދިމާކޮށް ޕީޕީއެމް/ޕީއެންސީން ގޮވީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އެ ދެ ޕާޓީގެ މައިގަނޑު މަސައްކަތަކަށް ކުރިން ވެފައި އޮތީ ޔާމީން ސަލާމަތްކޮށް، އެ ހުރިހާ ދައުވާއެއްގައި، އެމްޑީޕީ އާއި ޕްރޮސިކިއުޓަ ޖެނެރަލް އާއި ފަނޑިޔާރުންނަށް ފާޑުކިޔުމެވެ. އެހެން ގޮތަކަށް ބުނާ އެ ހިޔާނާތާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ މީހަކަށް ކުރާ ކޮންމެ ދައުވާއަކީ ވެސް ސިޔާސީ ކަމަކަށް ހެދީ އެވެ. 

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު (ވ) އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު: އެމްޑީޕީގެ ސަރުކާރަށް ކުރެވުނު ވަރަކީ ދެ ބޭފުޅުން މިނިވަންކުރުން

ހަގީގަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައްޔިތުންނަށް އިންސާފު ހޯދައިދެއްވޭނެ ސިޔާސީ ލީޑަރެއް މި ވަގުތު ނެތް ކަމެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތުގެ މައްސަލަ އެޖެންޑާގެ އެންމެ ކުރިއަށް ލައްވައިގެންނެވެ. މިހާރުގެ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައި އޮތީ އޭނާގެ ޕީޖީކަމުގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައި އޮތީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ކަމަށެވެ. ފަސް އަހަރު ނިމިގެން އެ ދިޔައީ އެ އިންސާފު ރައްޔިތުންނަށް ހޯދައިނުދެވުނު ތަނުގައި އެ ވައްކަމުގައި އެންމެ އިސްކޮށް ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަން ވެސް ކޮށްފަ އެވެ.

ރައްޔިތުން ފޫހިވެއްޖެ އެވެ. ރައްޔިތުންނަށް އެނގެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ދިވެހި ވެރިކަމުގެ ސިފަތަކުގެ ތެރެއިން ބައެކެވެ. އެ ސިފައާ ނުލައި އެއްވެސް ސަރުކާރަކަށް ވެރިކަމެއް ނުކުރެވެ އެވެ. އެހެންކަމުން ވެރިކަމަށް އަލަށް އަންނަ ބަޔަކު އެ މައުލޫއުގައި އަތްލާން އުޅޭނީ ސިޔާސީ އެހެން މަގުސަދެއް އޮވެގެންކަން ވެސް، ރައްޔިތުންނަށް އެނގެ އެވެ.

ރައީސް މުއިއްޒުގެ އިންޒާރާ އެކު ވެސް ޔާމީންގެ ކަންބޮޑުވުމެއް ނެތެވެ. މިދިއަ ބުރާސްފަތިދުވަހުގެ ރޭ އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ނޫސްވެރިޔަކު އެ ސުވާލުކުރުމުން ޖަވާބު ދެއްވި އެވެ. އެ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ އެމްއެމްޕީއާރުސީގެ ވާހަކަ ރައީސް މުއިއްޒު ގެންނެވުމުން "މުއިއްޒު ވަށައިގެން ތިބި މީހުން މާ އުފާވިހެން" ހީފުޅުނުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.

އެކަން އޭގެ ފަހުން ސޯޝަލް މީޑިއާގައި ފެތުރުނު ފޮޓޯތަކުން އެނގެ އެވެ. އަދީބާ އެކު އުފާކުރައްވަމުން ގެންދެވީ މިހާރުގެ ސަރުކާރުގައި ވެސް ހިމެނޭ ވެރިންނެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަށް މި ސަރުކާރަށް ވެސް އިންސާފު ހޯދައެއް ނުދެވޭނެ އެވެ.

ކުރީގެ ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވުމަށް ފަހު ޕީއެންއެފް އިން ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިންސާނީ އެންމެ ރިވެތި އެއް ސިފައަކީ ކުށެއް ކުރެވިއްޖެ ނަމަ މައާފަށް އެދުމެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިއަދާ ހަމައަށް ވެސް ޕީޕީއެމްގެ ބޭފުޅަކު މައާފަށް އެދިވަޑައިގެންފައެއް ނުވެ އެވެ. ތިމަންނަމެންގެ ވެރިކަމުގައި އެ ލައްގަނޑު ޖެހިފައި އޮތް ކަމާއި އެކަމާ ހިތާމަކުރައްވާ ކަމަށް، ޔާމީން ވެސް ވިދާޅެއް ނުވެ އެވެ. އެމަނިކުފާނު އަބަދުވެސް ވާހަކަފުޅު ދައްކަވާނީ ބޭންކްތަކާއި އެމްއެމްއޭ ގޯސްކުރައްވަ އެވެ. އެރޭ ވެސް އެ ވާހަކަފުޅު ތަކުރާރުކުރެއްވި އެވެ. ތެދެކެވެ. އެ ދެ ފަރާތުގެ ބޮޑު އިހުމާލުތަކެއް ވެސް އޭގައި ހިމެނެ އެވެ. އެކަމަކު އޭގެ މާނައަކީ އެ ހިޔާނާތާ މެދު ރައްޔިތުންގެ ކިބައިން ފުރަތަަމަ ދުވަހު ވެސް މައާފަށް އެދިވަޑައިގަތުމަށް ޔާމީނަށް އޮތް ފުރުސަތު ދޫކޮށްލެއްވުމެއް ނޫނެވެ.

ރައްޔިތުން ގަބޫލުކުރެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެމްޑީޕީގެ ސަރުކާރަށް ނުބެލުނު އިރު އެކަން ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް އަދި އަމުދުން ނުކުރެވޭނެ އެވެ. ނަމަވެސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އަދިވެސް އެ މައްސަލަ، އެމްޑީޕީއަށް ވެސް، ޕީއެންސީއަށް ވެސް، ބޭނުންކުރެވެން އެބަ އޮތެވެ.

ރައްޔިތުންނަށް އެކަން ވެސް އެނގެ އެވެ.

ކޮމެންޓް (2)

ކަލާވެލާ

17 ޖުލައި 2024
މި ފައިސާތަކަށް ވީ ގޮތް އެނގޭނެ، ރާޅުގަނޑު ސަރަހައްދަށްގޮސް މައްޗަށް ބަލާލީމާ؟
0 0

ޔާނު

16 ޖުލައި 2024
އިބޫ އަށް ދެވަނަ ދައުރު ނުލިބުނު އެއް ސަބަބު، އަދީބާއި ޒިޔަތު ދޫކޮށްލުން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް