12 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި: މި ކާރުގައި އެ އުފުލިކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ތެރެއިން ކުށް ސާބިތުވީ އެކެއްގެ މައްޗަށް
މި ތިން މިސާލުން އެކަނި ވެސް ދިވެހި ގައުމުގެ ހަލާކު ފެންނާނެ
ޖަލަށް އެއްޗެހި ވައްދައިދީ، ގައިދީންނާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، 73 މިލިއަން ރުފިޔާ، ކަރެކްޝަނަލް ސާވިސްގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް ޖަމާވި ވާހަކައިން އަސްލު ހައިރާންކަމެއް ނުލިބެ އެވެ. ޖަލަކީ ވަގު ވިޔަފާރި މުދާގަނޑެއްގެ ގޮތުގައި، ބައެއް ނޫސްވެރިން ކުރިންސުރެ ވެސް އައީ ސިފަކުރަމުންނެވެ. އެއީ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ އަތެއް އޮވެގެން ހިންގާ ކަމެއް ކަން ވެސް އެނގެ އެވެ.
ސަރުކާރުން މިވަނީ ފުރަތަމަ ފަހަރަށް އެ ބޮޑު ޖަރީމާގެ ހެކިތައް ތިލަކޮށްފަ އެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކަން އިއުލާންކުރައްވައި، ދެއްވި އިންޒާރު ވެސް ރަނގަޅެވެ.
"މިއަދުގެ ސަރުކާރުގައި ޔުނީފޯމު އެޅި އެއްވެސް އޮފިސަރަކު އެ ބައެއްގެ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާގެ ތެރޭގައި ފައިސާ ނަގައި ފައިސާއަށްޓަކައި އެ މީހާގެ ޔުނީފޯމު ވިއްކާލައިފި ނަމަ، އެފަދަ އަމަލެއް އަޅުގަނޑުމެން އެއްވެސް ވަރަަކަށް ޓޮލަރޭޓެއް ނުކުރާނަން،" އިހުސާން ވިދާޅުވި އެވެ.
ގައިދީންގެ ކަންކަމުގައި އުޅޭ 18 ވަރަކަށް މުވައްޒަފުންގެ އެކައުންޓްތަކަށް 73 މިލިއަން ރުފިޔާ ޖަމާކުރީ، ޖަލަށް ފޯނާއި މަސްތުވާތަކެތީގެ އެއްޗެހި ވައްދައިދީގެންނެވެ. ގައިދީންތަކުން ފުރިފައި އޮތް ޖަލަކީ 'މާފިޔާ ބާޒާރެކެ'ވެ. މިސާލަކަށް ދެ ހާހެއްހަ ރުފިޔާއަށް ލިބޭ ފޯނެއް ޖަލުގެ ގައިދީއަކަށް 30،000ރ. އަށް ވެސް ވިއްކާލެވެ އެވެ. މިއީ ގައިދީންނާއި އެ މިހުންގެ އާއިލާ އާއި ރައްޓެހިންނާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ގުޅިފައި އޮތް ވިޔަފާރިއެކެވެ.
އެ ތުހުމަތުކުރި 18 މީހުންގެ ތެރެއިން އެކެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ޖަމާވިކަން، މިހާތަނަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. އެ މީހުން މިހާރު ހައްޔަރު ވެސް ކޮށްފި އެވެ.
ޖަލުން ބޭރުގައި ދިވެހި މާހައުލު އޮތީ ވެސް، އަނެއްހެން ބަލާ ނަމަ، 'ހަލާކުވެ ކުނިވެފަ' އެވެ. ބޮޑެތި މައްސަލަތައް ކަމަށް ރައްޔިތުން ދެކޭ ކަންކަމާ މެދު މުއައްސަސާތަކުން ގެންގުޅޭ 'ސިޔާސަ ސިޔާސަތު' ވަރަށް ރަނގަޅަށް އެނގޭ ދެ މިސާލެއް ދައްކާ ނަމެވެ. އެއް މިސާލަކީ 119 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލި މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވި ދެ މީހުންގެ މައްސަލަ އެވެ. ދެވަނަ މިސާލަކީ ޑްރަގް ހުރި ފޮއްޓެއް މަތިންދާބޯޓުން ބާލައިގެން ޓާމިނަލުން ނެރުނުކަމުގެ ތުހުމަތު އެޅުނު އެމްއޭސީއެލްގެ ދެ މުވައްޒަފުންނާ ގުޅޭ މައްސަލަ އެވެ.
އެއް އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަކީ ދުނިޔެއަށް ބެލި ނަމަވެސް، ޑްރަގްގެ ބޮޑު ކޭހެކެވެ. ޑިސެމްބަރު 2021ގައި ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އޭގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދީ، ދުއްވާފައި ދިޔަ ޓެކްސީއެއް ބަލައި ފާސްކޮށްގެންނާއި، ހުޅުމާލޭގައި އޮތް އަމިއްލަ ކާރެއްގެ ތެރެއިންނާއި ތުހުމަތުކުރެވޭ މީހުންނަށް ނިސްބަތްވާ ސައިކަލަކުންނެވެ.
ކްރިމިނަލް ކޯޓުގައި ދައުވާކުރީ ގދ. ހޯޑެއްދޫގެ ތިން މީހެއްގެ މައްޗަށެވެ. ކުށް ސާބިތުވީ ޓެކްސީގައި ޑްރަގް އުފުލި އަލީ ޒުބައިރު، 52،ގެ މައްޗަށެވެ. އޭނާއާ އެކު ހަމަ އެ ޓެކްސީން އަތުލި އަހުމަދު ސުނައިނު އާއި ހުޅުމާލޭގައި ފުލުހުން ފާސްކުރި އަމިއްލަ ކާރު ނިސްބަތްވާ އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ސާބިތެއްނުވެ އެވެ.
ދަށު ކޯޓުން ކުށް ސާބިތުނުވާ މީހުންގެ މައްސަލަ ހައި ކޯޓަށް ގެންދިއުމުގެ ޒިންމާ އޮންނަނީ، މިނިވަން، މުސްތަގިއްލު ޝަހުސެއް ކަމަށްވާ ޕްރޮސިކިއުޓަ ޖެނެރަލްގެ އަތްމަތީގަ އެވެ. އެކަމަކު އިސްތިއުނާފް ކުރަން ލިބޭ ދެ މަސް ދުވަހުގެ މުއްދަތު ހަމަވާން ކައިރިވި އިރު ވެސް އިސްތިއުނާފްކުރުމާ މެދު ގޮތެއް ނުނިންމަ އެވެ. މިއީ ކިހިނެއް ވާ ކަމެއް ހެއްޔެވެ؟ މިހާ ބޮޑެތި މައްސަލަތަކުގައި، އަދި އެކަށީގެންވާ ހެކި ހުރި ކަމަށް ފުލުހުން ގަބޫލުކުރާ އިރު، ޕީޖީ އޭނާގެ މިނިވަންކަމުގެ ބޭނުން މި ހިއްޕަވާ ގޮތް ރަނގަޅުތޯ، ދިވެހިން އަމިއްލައަށް ސުވާލުކުރުން ހުއްޓެވެ. ޕީޖީގެ ޒިންމާއަކީ މިހާ ސީރިއަސް ކަމެއްގައި އެންމެ މަތީ ކޯޓާ ހަމައަށް ވެސް އެ މީހުން ގޮވައިގެން ދިއުން ކަމަށް، ސާފު ހިތަކާ އެކު ތިބި ރައްޔިތުން ގަބޫލުކުރާނެ އެވެ.
ދެން މި އޮތީ އާދަޔާ ހިލާފު އަނެއް މައްސަލަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 15 މާޗުގައި ޖެއްސި މަތިންދާބޯޓަކުން ރާއްޖެ އައި ޕާކިސްތާން މީހެއްގެ ފޮއްޓަށް ވީ ގޮތެވެ. އެ ފޮށި ބޯޓުން ބޭލުމުން އިންޓަނޭޝަނަލް އެރައިވަލް ޓާމިނަލްގެ ބެލްޓަށް ނުގެންގޮސް، އެމްއޭސީއެލްގެ ދެ މުވައްޒަފަކު ބައިވެރިވެގެން ފޮށި ގެންދިޔަ ކަމަށް ވަނީ ޑޮމެސްޓިކް ޓާމިނަލަށެވެ.
ޑްރަގް ހުރި އެ ފޮށި އެއާޕޯޓުން ނެރެން ރޭވިފައި އޮތް ކަމަށް ފުލުހުން ގަބޫލުކުރާ ރޭވުން އަޅުގަނޑަށް އެކަކު ކިޔައިދިނެވެ. ޑޮމެސްޓިކް ޓާމިނަލްގެ ލަގޭޖް ބެލްޓަށް އެ ފޮށި ލާން އުޅުނީ އެތެރޭގެ އުދުހުންތަކުގެ މަތިންދާބޯޓަކުން ވެސް މީހުން ފައިބައި ގަޑިއަކާ ދިމާކޮށެވެ. ނަމަވެސް އެ ދުވަހުގެ ޑްރަގް ފޮށި ގެންދިޔަ ވަގުތު ތަން އޮތީ ހުހަށެވެ. ދެން ހެދި ގޮތަކީ ލަގޭޖް ޓެގް ނައްޓާލާފައި، ޑޮމެސްޓިކް ޓާމިނަލް ތެރޭގައި ފޮށި ބެހެއްޓީ އެވެ. އެ ފޮށި ބޭރުކުރަން އެހެން މީހަކު ޓާނިމަލް ތެރެއަށް އުސޫލުތަކާ ހިލާފަށް ވެއްދި ވެސް މެ އެވެ. ކުރިން އެމްއޭސީއެލްގައި ވަޒީފާ އަދާކުރި އެ މީހާ ދެ ބުރަކަށް ޑޮމެސްޓިިކް ޓާމިނަލްގެ އެރައިވަލް ބަޔަށް ވެއްދި ކަމަށްވެ އެވެ. އެކަމަކު ޓެގް ނެތް ފޮއްޓަކަށް ވާތީ އެ ފޮށި ވަނީ އޭރު ޓާމިނަލްގެ ޑިއުޓީގައި ތިބި ބައެއް މުވައްޒަފުންގެ ސަމާލުކަމަށް އައިސްފަ އެވެ.
ބޭރުން ވަން މީހާ އެ ފޮށި ގެންދަން އުޅުމުން އެކަމާ ބެހޭ ގޮތުން ކުރި ސުވާލުތަކަށް ޖާވާބު ދޭން އުނދަގޫވި އެވެ. އެހެންކަމުން ޝައްކު އުފެދި ފުލުހުންނަށް އެންގި އެވެ.
އެ ފޮށީގައި 4.5 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ. ފޮއްޓާ ހަވާލުވާން ދިޔަ މީހާ އާއި މަތިންދާބޯޓުން އެ ފޮށި ބާލައި، ޑޮމެސްޓިކް ޓާމިނަލަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ ދެ މުވައްޒަފުންގެ އިތުރުން ޕާކިސްތާން މީހާ ވެސް ހައްޔަރުކުރި އެވެ.
ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން އެމްއޭސީއެލްގެ ދެ މުވައްޒަފު ވަނީ ދޫކޮށްލައިފަ އެވެ. ކޯޓުން ދޫކޮށްލުމުން އަނެއްކާވެސް ޒިންމާ މި އެޅެނީ ޕީޖީގެ ބޮލުގަ އެވެ.
މަތިންދާބޯޓަކުން ބޭލި ފޮއްޓެއް އެއާޕޯޓްގެ އެހެން ދިމާލަކުން ބޭރުކުރަން އުޅުމަކީ ކޮން ކަހަލަ ބޮޑު ނުރައްކަލެއް ހެއްޔެވެ؟ ނަމަވެސް އެކަން ކުރިކަމުގެ ތުހުމަތު އޮތް ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ޕީޖީގެ ހަމަޔަކީ އިތުރު ފިޔަވަޅު ނޭޅުމެވެ. ސަބަބަކަށް ދެއްކީ އޭގެ ތެރެއިން އެކަކު އެމްއޭސީއެލް އިން ވަކިކޮށްފައި ހުރުމާއި އަނެކަކުގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމެވެ.
ނަމަވެސް ތުހުމަތުގައި އެމީހުން އަތުލައިގަތް ފުލުހުންގެ ވާހަކަ ތަފާތެވެ. ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވީ އެގޮތަށް އެފަދަ މީހުން ދޫވުމަކީ 'ކުށްތަކުގައި ބައިވެރިވާ މީހުންނަށް ފަސޭހައިން ދޫވާނެ ކަމުގެ ޔަގީންކަމެއް ލިބުން' ކަމަށެވެ.
"ނުބައި މެސެޖެއް މިފަދަ މައްސަލަތައް އިސްތިއުނާފް ނުކުރުމަަކީ،" އޭނާ ވިދާޅުވި އެވެ.
މަތިންދާބޯޓުން ފޮއްޓެއް ބާލައިގެން އެހެން ދިމާލަކުން އެ ފޮށި ބޭރުކުރަން އުޅުނުކަން ފަޅާއަރައިގެން ބަޔަކު ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރެވެ. މި މައްސަލައިން އެނގުނީ މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ހިންގާ ފުޅާ މިންވަރެވެ. އެހެންކަމުން ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ އިސްތިއުނާފާ މެދު، އާދައިގެ ކުށްތަކުގައި ގެންގުޅޭ ހަމަތައް ފެއްތުން ގަބޫލުކުރަން ދައްޗެވެ.
މަސްތުވާތަކެތިން މިހާރު ވެސް މި ގައުމު މި އޮތީ ހަލާކުވެފަ އެވެ. އެ ވިޔަފާރީގެ ފައިސާ ނުވަންނަ ދިމާލެއް ދައުލަތުގެ ބާރުތަކުގެ ތެރޭގައި ނެތެވެ. އެހެންކަމުން ގާނޫނު ނެގެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިބި މީހުންގެ ވާޖިބަކަށް ވާން ޖެހޭނީ މި ބޮޑު މައްސަލާގައި ތުހުމަތުކުރެވޭ މީހުން ފަސޭހައިން ދޫކުރުމެއް ނޫނެވެ. އެއީ އެންމެ ހަރުކަށިކޮށް އަމަލްކުރަން ޖެހޭ އެއް ބާވަތުގެ ކުށެވެ. ޕްރޮސިކިއުޓަރުންގެ ބޮލުގައި އެނބުރެން ވާނީ ވެސް އެ ވިސްނުމެވެ.
އަޅުގަނޑު މި ދިން ތިން މިސާލާ މެދު ކިއުންތެރިން މަތިމަތިން ނަޒަރު ހިންގާލިޔަސް ދިވެހި ގައުމު މި އޮތީ ހަލާކުވެފައިކަން އެނގޭނެ އެވެ. ހަލާކުވެފައި އޮތް އެއްޗެއް އިތުރަށް ފުނޑެއް ދޫކޮށްލުމުގައި އޮންނާނީ ބިރުވެރިކަމެވެ. ކަރެކްޝަނަލްސް ސާވިސްގެ 18 މުވައްޒަފުންނާ މެދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ދެއްކެވި ވާހަކައިން، ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިދާނެ އެވެ. ނަމަވެސް ހައްޔަރުކުރުމަކީ މައްސަލައެއްގެ އެއް ބަ އެވެ. އޭގެ ފަހުން ކުރަން ޖެހޭ ކަންކަން އާންމުންނަށް ގަބޫލުކުރެވޭ ކަހަލަ ހަމައެއްގެ ތެރޭގައި ނެތް ނަމަ، އެ ވާނީ ގައުމު ފުނޑެއް ދޫކޮށްލުން ކަމަށެވެ.
ކޮމެންޓް (3)
ވަލީދާ ޢީސާ
ސިކުނޑި
ޖާނު