މަޖީދީމަގުގައި ޕާކުކުރުން މަނާކުރަން ދަމާފައި ހުރި ރޮނގު މަތީގައި ސައިކަލުތަކެއް ޕާކުކޮށްފައި: ފަނޑިޔާރު މަހާޒްގެ އެއް މިސާލު ދެއްކެވީ ގޮތެއް ނެތް ޕާކްކުރުންތަކުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފަނޑިޔާރު މަހާޒްގެ ވާހަކަތަކުން ސިފަވި ދިވެހި މުޖުތަމައު

ސުޕްރީމް ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރު އެއް މިސާލު ދެއްކެވީ ސޯޝަލް މީޑިއާގައި ލައިކްސް ހޯދާށާއި ޝެއާކުރުން އިތުރުކުރަން އާންމުން 'ވަންނަ ޒުވާބުތަކުން'

"އަޅުގަނޑުމެން ހެނދުނުގައި ތަޅާނީ ހުތް އަނބު، މެންދުރުގައި ގިތި ފަޅޯ، ހަވީރުގައި އަޅުގަނޑުމެން ބަލާނީ ކުރިން ތެޅިތެޅުންތަކަށް ލިބުނީ ކިތައް ލައިކްތޯ، ކިތައް ބޭފުޅުން ޝެއާކުރެއްވިތޯ."

މިއީ އިލްމު ހޯދިޔަސް އެއާ ދުރު އަދި މައުލޫމާތުގެ ގޮތުން ވެސް ދުރު ދިވެހި މުޖުތަމައުގެ މިހާރުގެ އާންމު ހާލަތުގެ ވަރަށް ކުޑަކުޑަ މިސާލެކެވެ. ސޯޝަލް މީޑިއާގައި އޮންނަނީ އެކި މީހުންގެ ކަންކަމަށް ހަޖޫޖަހާ، މަލާމާތްކޮށް ފުރުއްސާރަކުރުމެވެ. އެ މުޖުތަމައުގެ މިސާލު، ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ މީހުންގެ އަދަދަށް ބެއްލެވުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ގެންނެވި ގޮތް ކިތައްމެހާވެސް ފުރިހަމަ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި

އުމުރުން 39 އަހަރުގެ އަދި ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރުގެ އެ ވާހަކަ އައީ މިދިއަ ހަފުތާގައި އޮތް އިސްލާމިކް ޔުނިވަސިޓީގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވަމުންނެވެ. މަތީ ތައުލީމުގެ ސެޓްފިކެޓްތައް ހިފައިގެން ތިބި، އެތައް ސަތޭކަ ދަރިވަރުންގެ ކުރިމަތީގަ އެވެ.

އަހަރެމެން ދައްކާނީ ބޭރު ދުނިޔޭގެ ވާހަކައެއް ނޫނެވެ. އަހަރެމެން ދައްކަން މި ޖެހެނީ އަހަރެމެން ނިސްބަތްވާ މުޖުތަމައުގެ ވާހަކަތަކެވެ. މިއީ ލިޔަންކިޔަން ނޭނގޭ ދިވެހިންގެ ނިސްބަތް އާބާދީގެ ހަތަރު ބައިކުޅަ އެއްބައިގައި ހުރި އިރު ހިންގި 'އަސާސީ ތައުލީމު'ގެ ދުވަސްވަރެއް ނޫނެވެ. ލަވަކިޔުންތެރިޔާ މަރުހޫމް އަބްދުﷲ ހަސަންގެ ލަވާގައި ބުނާ 'ހާށަވިޏައްޔާ ނޫނާ ރާއާ ބާއާ، ޅަވިޔަނި ކާފާ އަލިފާ ވާވާ މީމު' ދަސްކުރާ ޒަމާނެއް ވެސް ނޫން މެ އެވެ. އަސާސީ ތައުލީމުގެ ބަދަލުގައި ބޭބީ ނާސަރީ އާއި އެލްކޭޖީ އާއި ޔޫކޭޖީ އާއި ޕްރައިމަރީ އާއި ސެކަންޑަރީ އާއި ހަޔާ ސެކަންޑަރީ، ދެން އޭގެ ފަހުން ޑިގްރީއަށް، ރާއްޖޭގައި ތިބެގެން ދިވެހިން މި އަންނަނީ ކިޔަވަމުންނެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 24 ފެބްރުއަރީ 10ގައި ފެށި އަސާސީ ތައުލީމު ޕްރޮގްރާމްގައި ރަށެއްގައި ބަޔަކު ލިޔަންކިޔަން ދަސްކުރަނީ: މި ޕްރޮގްރާމް ފެށިއިރު ރާއްޖޭގެ ކޮންމެ ހަތަރު މީހަކު އެކަކަށް ލިޔަންކިޔާކަށް ނޭނގޭ

އެކަމަކު މި ތައުލީމުގެ ތެރެއިން އެތައް ހާސް ޒުވާނުންނެއް މުޖުތަމައުއަށް ނުކުތް އިރު މިއަދުގެ އަހުލާގީ ފެންވަރު ހުރީ ކޮން ހިސާބެއްގައި ކަން، ކޮފީއެއް ބޯލަން ނުވަތަ ކެއުމެއް ކާން ތަނެއްގައި އިށީނުމާ އެކު ވެސް، ގިނަ ފަހަރަށް އޮންނާނީ، އެނގިފަ އެވެ. ކައިރީގައި ޒުވާނުންގެ ބަޔަކު ތިބި ނަމަ، ސިނގިރޭޓްގެ ދުންތަކުން، ނޫން ނަމަ ވޭޕްގެ ދުންތަކުން ފުރާލަނީ އެވެ. އެއީ ދުންފަތުގެ އިސްތިއުމާލްކުރުން މަނާ ކަމަށް ބުނެ  ލިއުންތައް ހަރުކޮށްފައި ހުއްޓަސްމެ އެވެ. ދެން އެމީހުންގެ ވާހަކަތައް ހުންނާނީ، ކައިރީގައި ތިބޭ ބަޔަކާ މެދު ކުޑަކޮށް ވެސް ވިސްނާލުމެއް ނެތި، ނަގޫ އަނބުރައިފަ އެވެ. ނުވަތަ 'ޅ' އަކުރަށް ނިމޭ ހުތުރު ބަސްތަކަކީ އެ މީހުންގެ އެންމެ އާންމު ބަހުރުވަ އެވެ.

ފަނޑިޔާރު މަހާޒު ފުރަތަމަ ގެންނެވީ ރާއްޖޭގެ އެކި ކޮލެޖް/ޔުނިވަސިޓީތަކުގައި މަތީ ތައުލީމު ހާސިލްކުރަމުން އަންނަ މީހުންގެ އަދަދެވެ. އެގޮތުން 2022ގައި 29،000  ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަން ފެށި އެވެ. މިއީ ފަނޑިޔާރު މަހާޒް ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ އަހައްމިއްޔަތުކަން އަަހަރެމެންގެ ތެރޭގައި އޮތްކަމުގެ ހެއްކެކެވެ.

"މި ވިސްނުމުގެ މައްޗަށް ތަރުތީބުވެގެން މި އަންނަ ކަމަކީ އެހެން ވެއްޖެ ކަމުގައި ވާ ނަމަ މިި މުޖުތަމައުގެ އަހުލާގީ ފޭރާން ރަނގަޅުވާން ވާނޭ. މި މުޖުތަމައު ހޭލުންތެރިވާންވާނޭ،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

މިއަދުގެ އަހުލާގީ ފެންވަރު ދައްކައިދެނީ ސޯޝަލް މީޑިއާގެ ތެރެއިން

އެކަމަކު "ކަން އޮތީ އެހެންތޯ"އޭ ސުވާލުކުރެއްވުމަށް ފަހު އޭނާ ދެއްކެވީ މޮބައިލްފޯނުގެ ވާހަކަ އެވެ. އަހަރެމެން މި ގެންގުޅޭ ކޮންމެ ފޯނެއްގައި އިލްމީ ގޮތުން ނުވަތަ ދިރިއުޅުމުގައި ބޭނުންހިފިދާނެ މައުލޫމާތެއްގެ މައްޗަށް ބިނާވެފައިވާ އެޕްލިކޭޝަންތައް ބައިވަރެވެ. އެކަމަކު އެއިން އެއްޗަކުން ތިމާގެ ސިކުނޑިއަށް ތާޒާކަމާއި އާރޯކަން ގެނައުމުގެ ބަދަލުގައި ހެނދުނާއި މެންދުރާއި ހަވީރާއި ރޭގަނޑު ވެސް މި އޮންނަނީ ތާކުންތާކު ނުޖެހޭ ކަންކަމާ ބަހުސްކުރުމާއި ލައިކްސް ހޯދުމާއި ޝެއާ އިތުރުކުރާނެ ގޮތްތަކަށް ވަގުތު ހުސްކުރުމެވެ.

ސޯޝަލް މީޑިއާގެ ޒުވާބާއި އެކަކު އަނެކަކާ 'ތަޅާފޮޅުމުން' ބޭރުވެލާފައި، ފަނޑިޔާރު މަހާޒް ދެއްކެވި އެހެން ދެ މިސާލަކުން ވެސް ދިވެހި މުޖުތަމައު އޮތް ހާލަތު އެނގޭނެ އެވެ. 

"މިސްކިތްތަކުގެ ދޮރުފަތްތަކެއް ނެތް ނަމަ އަޅުގަނޑުމެން ނަމާދަށް ގޮސް ސައިކަލް ޕާކްކުރީހީީ މިހުރާބާއި މިންބަރާ ދެމެދު،" އޭނާ ވިދާޅުވި އެވެ.

"ފިހާރަތަކަށް ވަންނަން އަޅުގަނޑުމެން ސައިކަލްގައި ގޮސްފިކަމުގައިވާ ނަމަ، ވަދެވޭ ނަމަ އަޅުގަނޑުމެން ސައިކަލް ޕާކްކުރާނީ ސޭޓާއި ކައުންޓަރާ ދޭތެރޭގައި. މިކަހަލަ މިސާލުތައް މިރޭ ކިތައްމެހާ ވެސް ދެއްކިދާނެ."

ރާއްޖޭގައި ބޭއްވި މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ އޯޕަން ޑޭއެއް ކުރިއަށް ދަނީ: ރާއްޖޭގައި 2022ގައި 29،000 ދަރިވަރުން މަތީ ތައުލީމަށް ރަޖިސްޓްރީކުރި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެއީ ދޮގެއް ނޫނެވެ. މާލޭގައި ޕާކްކުރުމުގެ އަހުލާގީ މިންގަނޑު ވެސް އޮތީ ގޮތެއްފޮތެއް ނެތް ބައެއްކަން ދޭހަވާ ގޮތަކަށެވެ. ތަންކޮޅެއް ދުރުން ޖާގަ ލިބެން އޮތަސް ބޭނުންވާނީ އެ ވަންނަން ޖެހޭ ތަނެއްގެ ކުރިމަތީގައި ބަހައްޓާށެވެ. ޕާކްކުރުން ހަމަޔަކަށް އަޅުވަން ކަމެއް ކުރާ ނަމަ ސޯޝަލް މީޑިއާގައި ފަށާނީ އަނެއް ހަނގުރާމަ އެވެ. 

އާއެނކެވެ. ސްކޫލް ނިންމާ ކުދިންނާއި މަތީ ތައުލީމު ހާސިލްކުރާ ދިވެހިންގެ އަދަދު އެތައް ހާހެކެވެ. އެ އަދަދު ގްރާފަކުން ދައްކާ ނަމަ ރޮނގު އަރާނީ މައްޗަށެވެ. އެކަމަކު ފަނޑިޔާރު މަހާޒް ސިފަކުރެއްވި ގްރާފްގެ އަހުލާގީ ރޮނގަށް އަހަރެމެން ބަލައިފި ނަމަ، އޭނާގެ ވާހަކައަށް ދޭން ޖެހޭނީ 100 އެވެ. އެއީ މުޅިން ތެދެވެ.

"މި ގްރާފްގައި އަޅުގަނޑުމެންގެ އަހުލާގީ މިންގަނޑު ހިމަނައިފި ކަމުގައި ވާ ނަމަ އޭގެ ރޮނގު މި އަންނަނީ މަތިން ތިރިއަށް. ސީދާ އޮލަނބަށޭ ނުދަންނަވާނަން، އެހެންނަމަވެސް އިއްތިފާގުވެވޭ އެއް ހިސާބަކީ އަޅުގަނޑުމެންގެ މި އަހުލާގީ ލައިން މި އަންނަނީ ހަމަ ތިރިއަށް،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

އަހަރެން ކުޑައިރު، 1970 އާއި 1980ގެ އަހަރުތަކުގައި، އަވަށްޓެރި އެއް ބަޔަކު އަނެއް ބަޔަކާ ޒުވާބުކުރަނީ އެންމެންގެ ކުރިމަތީގަ އެވެ. ހެއްދެވި ނުހެއްދެވިއަށް ވެސް ގޮވާނެ އެވެ. އެކަމަކު ދެން އުފެދުނު ޖީލުގެ ޒުވާނުންނަށް އެއީ ހުތުރު ކަމެއްކަން އެނގި، އެ ޒުވާބުތަކާ ދުރަށް ދިޔަ އެވެ. އެ ޒުވާބުތަކުން މައިންބަފައިން ވެސް ދުރުކުރުވި އެވެ.

ހިތާމައަކީ އޭރަށް ވުރެ އަދި މާ ނުބައި، މާ ހުތުރު ޒުވާބުތައް މިހާރު ގިނަވެއްޖެ ކަމެވެ. އަވަަށްޓެރިން މަގުމައްޗަށް ނުކުމެ، ނުވަތަ ހާމައަށް އޮންނަ ގޯތިތެރޭގައި ކުރާ ޒުވާބުތަކެއް ނޫނެވެ. މިއަދު ޒުވާބުކުރަނީ އަތުގައި އޮންނަ ފޯނު މެދުވެރިކޮށެވެ. އެކަމަކު އޭރަށް ވުރެ މި ޒުވާބުގެ އަޑު ގަދަވެފައި، ފެތުރޭލެއް މާ އަވަހެވެ. މީހުންގެ އަބުރު ކަތިލަނީ އެހާމެ ފަސޭހައިންނެވެ. ނުބެހޭ ކަންކަމުގެ ތެރެއަށް އެތައް ބަޔަކު ވައްދަން ނަގަނީ ސިކުންތުކޮޅެކެވެ.

އެކަމަކު ވިސްނާލުން ހުއްޓެވެ. ތިމާއަށް ލިބޭ ކޮންމެ ހައްގެއް ބޭނުންހާ ގޮޮތަކަށް ބޭނުމެއް ވެސް ނުކުރެވޭނެ އެވެ.

ފަނޑިޔާރު މަހާޒް އެކަން މިފަހަރު އެންގެވީ ސުޕްރީމް ކޯޓުގެ ޝަރީއަތުގައި އިންނަވައިގެންނެއް ނޫނެވެ. ދަރިވަރުންތަކެއްގެ ކުރިމަތީގައި، އާންމު ތަނެއްގައި ހުންނަވަ އެވެ.

"ތިމާއަށް ހައްގެއް ލިބޭ ކަަމަށް ވާ ނަމަ އެ ހައްގާ ގުޅިގެން ވާޖިބެއް އުފެދޭކަން ހަނދުމަފުޅު ބަހައްޓަވާ. ބަސް ބުނުމުގެ ކުރިން އެ ބަސް މި ބުނަނީ ކޮން ފަރާތަކާ، ކޮން ވަގުތެއްގައި، ކިހިނެއް ވެގެންކަން، އެ ބަސް ބުނުމުގެ ސަބަބުން އަނެކާއަށް ކުރާނީ ކޮން އަސަރެއްކަން، ތިިމާއަށް ލިބޭނީ ކޮން ފައިދާއެއްކަން، މި ބަސް ނުބުނެ ފަރުޖެއްސޭކަން، ވިސްނާ ފިކުރުކުރަން ޖެހޭނެ،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

"މި މުޖުތަމައުގެ ބަދަލު އުފެދިގެން މި އަންނަނީ ތިމާމެންގެ ނަފުސަށް ގެންނަ ބަދަލުން. އަމިއްލަ ނަފުސު އިސްލާހުކުރުން."

އަހަރެމެން އަޑުއަހާނެ ބާވަ އެވެ؟ އަހަރެމެން ވިސްނާނެ ބާވަ އެވެ؟ އަހަރެމެންނަށް އަހަރެމެންގެ ހުރި ނުބައި ސިފަތައް އެނގޭނެ ބާވަ އެވެ؟ ވަގުތު މި ހޭދަކުރެވެނީ ކޮން ކަމެއްގައިކަން ދެނެގަނެވޭނެ ބާވަ އެވެ؟

ކޮމެންޓް (3)

ޢަބްދުﷲ

12 ޖޫން 2024
ކުރީގައި ތައުލީމާއި އެކު ތަރުބިއްޔަތު އޮންނާނެ، މިހާރު ތަޢުލީމަށް އިސްކަން ދީފައި ތަރުބިއްޔަތު ބޮލާލައި ޖަހައިފި.
5 0

ރަދީފްއޮފިޝަލް - ސްކިޑް

11 ޖޫން 2024
ދިވެހިން ވަނީ ވަރަށް ބޮޑު ހަލާކެއްގެ ތެރޭގަ. މޫސާ ލަތީފްގެ މި ރިޕޯޓްގަ ހުރީ މުޅިންވެސް ތެދު ހަގީގަތް. ފިހާރަކަށް ވަންނަން ދޮރު މި ހުޅުވީ އަހަރެން އެކަމަކު އެދޮރުން ނިކުތީ އެހެންމީހެއ.ްއެކަމުގަ ވެސް އަހްލާގެއް ނެތް. ދިވެހިންގެ ވަކި ރަނގަޅި މ ިވެނިކަމެކޭ ބުނަން ދަތިވާހިސާބަށް ކަންކަންވީނ ގޮސްފަ. މީގެ އެންމެ ރީތި މިސާލެއް ފެނުނީ ކުރީގެ ހުޅުމާލެ ފެރީޓާމިނަލުން. ފެރީގަ ދަތުރުކުރި ޒަމާނުގަ އެތަނުގެ ދޮރު ހުޅުވާލީމަ ފެރީއަށް އަރަން އަހަރުމެން ދުއްވައިގަންނަ ގޮތް އެންމެ ވައްތަރީ ކުކުޅު ކޮށިން ނުވަތަ ބަކަރި ކޮށިން ނިކުންނަށް ބަކަރިތައް ދުއްވައިގަންނަ މަންޒަރު.މިއީ ދޮގެއް ނޫންކަން އެދުވަހުގެ މަންޒަރުތަކުން ހާމަވާނެ. ދެން އަނެއް ކަމަކީ ކިއު ހަދައިގެން ހިދްމަތް ހޯދުން އެއީ އަހަރުމެންނާ ބީރައްޓެހިކަމެއް. އަދަބު އަހްލާގް ކިޔަވަދޭން ސްކޫލްތަކުން ޖެހޭ.ވ.ވެދުން
5 0

އަޔާން

12 ޖޫން 2024
@ރަދީފްއޮފިޝަލް - ސްކިޑް ކިއު ހެދުމަކީ އެއިރެއްގަ އެކަމެއް ހިންގަން ތިބޭ ބައެއް ނޫނީ ސަރުކާރެއްގެ ނާގާބިލްކަން ކަމަށް ދިވެހިންނަށް ބަޔަކު ވިސްނާދީފަ އޮންނަނީ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް