ފުނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު މަމްދޫހުއަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލާގައި ފުލުސް ސްޓޭޝަން ކުރިމަތީ މުޒާހަރާކުރަނީ
ރައްޔިތުން ނުކުމެ ކުށަށް އެއްބަސްކުރުވުން، މިއީ ކޮން ޑިމާންޑެއް؟
މީގެ ދެ ރޭ ކުރިން ށ. ފުނަދޫގެ ބައެއް މީހުން 'ކެކިއަރައިގަތީ' ރައްޔިތުންގެ މަޖިލިހުގެ ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު މަމްދޫހުއަށް މީހަކު ސިހުރު ހެދިކަމުގެ އަޑުތަކާ އެކު އެވެ. ތ. ވިލިފުއްޓަށް ނިސްބަތްވާ އެ މީހާ ސިހުރު ހެދިކަމުގެ ހެކިތައް ވެސް ފެނުނު ކަމަށް ބުނެ، ފުލުހުން ލައްވާ އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
އެކަމަކު މި މައްސަލާގައި އަޅުގަނޑު ހައިރާންވީ ސިހުރު ހެދުމުގެ ތުހުމަތާއި އެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްގެންނެއް ނޫނެވެ. އެ ރަށުގެ ބައެއް މީހުން ފަހުން ފުލުހުންނަށް ކުރިމަތިކުރުވި ޑިމާންޑާ މެދުގަ އެވެ: ސިހުރު ހެދިކަމަށް އޭނާ އެއްބަސްވުމުގެ ކުރިން އެ ރަށުން ގެންގޮސްގެންނުވާނެ ކަމެވެ.
މިއީ ވަރަށް އާދަޔާ ހިލާފު އަދި އެހާމެ ނުރައްކާތެރި ޑިމާންޑެކެވެ. މިއީ ތަހުގީގުކުރުމުގެ އުސޫލުތަކާއި ތަބާއަވާން ޖެހޭ ހަމަތަކާ ވެސް މުޅިން ހިލާފު އެދުމެކެވެ. އަދި ހައްޔަރުކުރެވޭ މީހާއަށް ގާނޫނުއަސާސީން ލިބިދޭ ހައްގަށް ވެސް އަރައިގަތުމެވެ.
ގަދަކަމުން ކުށަށް އެއްބަސްކުރުވަމަކީ ރާއްޖޭގެ މިހާރުގެ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫނެވެ. ފުނަދޫގެ ރައްޔިތުންނާއި ހުރިހާ ދިވެހިން ވެސް ގަބޫލުކުރަން ޖެހޭނީ 'ގަދަކަމުން ކުށަށް އެއްބަސްކުރުވުމު'ގެ ނުބައި އާދައިން ރާއްޖެ ސަލާމަތްވީ އޭގެ ކުރިން ފުލުހުންނާއި ސިފައިންގެ އަނިޔާތަކާއި މަޖުބޫރީ ހާލަތުގައި އެތައް ދިވެހިންނަކަށް ނުހައްގުން ލިބުނު އަނިޔާތަކުގެ ކަޅު ސަފުހާ މާޒީއަށް ދޫކޮށްލަން ގާނޫނުއަސާސީގައި ހިމެނި ބައިތަކުން ކަމެވެ.
ނަމަވެސް ގާނޫނުއަސާސީގެ މުހިންމު ހައްގުތައް ދިވެހިންނަށް އެނގޭ މިންވަރާ މެދު ސުވާލު އުފެދެ އެވެ. ބައެއް ފަހަަރު އިންސާފު ގާއިމްކުރުމަކީ އެމީހަކު ހިތަށްއެރި ގޮތެއް ތުހުމަތުކުރެވޭ މީހާއަށް ހެދުން ކަމަށް ހީވާ ކަހަލަ މަންޒަރުތައް ރާއްޖެއިން ފެނެ އެވެ. މި ވާހަކަ މިހެން ދައްކާއިރު ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް އަދަބު ނުލިބޭ ކަމާއި އިންސާފު ގާއިމްކުރުން ލަސްވުމުގެ ޝަކުވާ ބޮޑުކަން، އަޅުގަނޑަށް ވެސް އެނގެ އެވެ. އެކަމަކު މިއީ ހަމައެކަނި ރާއްޖޭގައި ދިމާވާ މައްސަލައެއް ނޫނެވެ.
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުކުރެވޭ މީހާ ހަގީގަތުގައި ވެސް ސިހުރު ހެދީ ކަމަށް، މިސާލެއްގެ ގޮތުން، އަޅުގަނޑުމެން ބަލަމާ ހިނގާށެވެ. އެކަމަކު ސުވާލަކީ ތަހުގީގުގައި އޭނާ އެކަމަށް އެއްބަސްވާން ޖެހޭ ހެއްޔެވެ؟ ނޫނެކެވެ. ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ 'ނ'ގައި ބުނަނީ "ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެމީހަކަށް ލިބިގެންވާ ހައްގެއްކަން، އެމީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެމީހަކަށް ދޭންވާނެ' ކަމަށެވެ.
މިއީ މިހާރު ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި އޮންނަ މާއްދާއެކެވެ. އެކަމަކު ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ 53 މާއްދާ އާއި އެ މާއްދާތަކުގެ ދަށުގައި ހުރި އަކުރުތައް ފާސްކުރީ، ވަރަށް ފުންކޮށް ވިސްނައި، ރާއްޖޭގެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އޭގެ ހައްގެއްގެ މުހިންމުކަން ތިމާއަށް އެނގޭނީ އެފަދަ ހާލަތަކަށް ތިމާ ނުވަތަ ތިމާގެ އާއިލާގެ މީހަކު ވެއްޓުމުންނެވެ.
ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަށް ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ފުރަތަމަ ވެސް ކިޔައިދޭން ޖެހޭނީ، މަތީގައި ފާހަގަކުރި 48 ވަނަ މާއްދާގެ ނ. އެވެ. އެ ހައްގު އޭނާއަށް ބުނެނުދީ، ގަދަކަމުން އެއްބަސްކުރުވައިގެން ހިންގާ ތަހުގީގު، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ލާނީ ކުނިވަށިގަނޑަށެވެ. ނުވަތަ ފަނޑިޔާރު ނިންމާނީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް، ތުހުމަތުކުރެވޭ މީހާއަށް ނުދެވުނު ކަމަށެވެ.
ގަދަކަމުން ކުށަށް އެއްބަސްކުރުވަން ރައްޔިތުން ޑިމާންޑްކުރުމަކީ ގޯހެކެވެ. މިސާލަކަށް ފުނަދޫ ފުލުސް އޮފީސް ދޮށަށާއި ކޯޓު ދޮށަށް އެއްވި މީހަކާ ބެހޭ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ތުހުމަތުކުރެވޭ ކުށަށް ގަދަކަމުން އެއްބަސްކުރުވަން، އޭނާ އާއި އޭނާގެ އާއިލާ އާއި ރައްޓެހިން ބޭނުންވާނެ ހެއްޔެވެ؟ ނުވާނެ އެވެ.
ކުށުގެ ހެކި ހޯދުމާއި ދައުވާކުރުމާއި ޝަރީއަތް ހިންގުމަކީ ކަނޑައަޅާފައި އޮންނަ ވަކި ނިޒާމްތަކެކެވެ. އިންސާފު ނުލިބުމާއި އިންސާފު ލިބުން ލަސްވުމުގެ ޝަކުވާއާ އެކު ވެސް އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަންކަން ހުންނާނެ އެވެ. އެގޮތުން ބަލާ ނަމަ ފުނަދޫ ރައްޔިތުން ކުރި ޑިމާންޑަކީ ފުލުހުންނަށް ނުކުރެވޭނެ އަމަލެކެވެ.
ދެން އޮތީ ސިހުރުގެ ވާހަކަ އެވެ. މިއީ މިހާރު ރާއްޖޭގައި ދޭތެރެ ދޭތެރެއިން އުފެދޭ މައްސަލައެކެވެ. ސިހުރު ހަދާކަމުގެ ތުހުމަތާއި އެ ތުހުމަތުގައި އެތައް ބައެއްގެ ވިސްނުން ހަރާބު ވެސް އެބަ ވެ އެވެ.
ޑރ. މައުރޫފް ހުސެއިންއަކީ އަޅުގަނޑު ވަރަށް އިހުތިރާމްކުރާ ބޭފުޅެކެވެ. އޭނާއަކީ ދީނީ އިލްމުވެރިއެއް ނޫން ނަމަވެސް ދީނީ އިލްމާ ބެހޭ މައުލޫމާތާއި ދީނާ ބެހޭ ކަންކަމުގައި އަމިއްލަ ހިޔާލު ފާޅުކުރައްވާ ބޭފުޅެއް ވެސް މެ އެވެ.
ފުނަދޫގައި ދިމާވި މައްސަލައިގެ މައްޗަށް ބިނާކުރައްވައި އޭނާ އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓް މުހިންމެވެ. ޑރ. މައުރޫފްގެ ބަހުން ނަމަ އެހާ ބޮޑަށް ސިހުރު ގަބޫލުކުރުމަކީ "އިއުތިގާދު ދަށްވުމުގެ ނިޝާނެކެވެ."
ސިހުރަކީ ހަގީގަތެއް އޮތް އެއްޗެއް ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު "ރަށު ފެންވަރާއި ގައުމީ ފެންވަރުގައި އެކަންތައް ހިސާބަށް ވުރެ ބޮޑަށް ގަބޫލުކޮށް، އެެއިން ނުނެއްޓިގެން އުޅުމަކީ" މައްސަލައެކެވެ.
އެކަމުން ދައްކައިދެނީ، ޑރ. މައުރޫފް ވިދާޅުވި ގޮތުގައި، މާތް ﷲއަށް "އީމާން ވުމާއި އެ އިލާހަށް ވަކީލުކުރުމާއި އެ އިލާހުގެ އަމުރުފުޅާއި އިޒުނަފުޅާ ލައިގެން މެނުވީ ހަމަ އެއްވެސް ކަމެއް ނުވާނޭ ކަމާއި އެއްވެސް ފަރާތަކަށް ފައިދާއެއް ނުވަތަ ގެއްލުމެއް ވިޔަސް ފޯރުކޮށް ނުދެވޭނެ ކަމުގެ އިޢުތިޤާދު ދަށްވާ'ކަމެވެ.
"މި ކަމަށް ދަރު އަޅަނީ ދީނީ އިލްމަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ކަމުގައި ފެނެ އެވެ. ދީނީ އިލްމުވެރިން މިކަންތައް ހިސާބަށް ވުރެ ބޮޑުކުރުމުގެ ނަތީޖާއަކީ ދީންވެރިވުމުގެ އެއް ބަޔަކީ މިފަދަ ނަފްސާނިއްޔަތެއްގެ ތެރެއަށް ވަނުން ކަމުގައި އާންމުން ގަބޫލުކުރަން ފެށުމެވެ،" ޑރ. މައުރޫފް ލިއުއްވި އެވެ.
މިހާރު މި އޮތީ ސިހުރު ގަބޫލުކުރާ މީހުންގެ އަދަދު ގިނަވާން ފަށައިފަ އެވެ. ކިރިޔާ ކަމެއްވާ އިރަށް، ގެ އާއި ގޯތިތެރެ އާއި ކައިރީގައި ހުރި ގަސްތައް ބަލައި ފާސްކޮށް، ނުވަތަ ގަބުރުސްތާނު ވެސް ކޮންނަ ހިސާބަށް ބައެއް މީހުންގެ އަމަލްތައް ހިނގައްޖެ އެވެ.
ދެން މިފަދަ ބަޔަކަށް ގާނޫނުއަސާސީ އާއި އަސާސީ ހައްގުތައް ކިޔައިދީ، އޭގައި އޮތް އެއްޗެއް ވިސްނައިދެވޭނެ ބަޔަކު ނޫޅޭނެ އެވެ. ކިރިޔާވެސް އަޑެއް އަހާނީ 'ފެން ތަށި ކިޔަވައިދީގެން' އާމްދަނީ ހޯދާ މީހުންގެ ބަހެވެ. ހިތާމަހުރި ކަމަކީ އެފަދަ ގިނަ މީހުންނަކީ ޒަމާނީ ވިސްނުމާއި ޒަމާނީ ތަރައްގީ އާއި ޒަމާނީ މައުލޫމާތުގެ ބޭރުން އާންމުންގެ ބޮލަށް އެރިގެން އުޅޭ ބަޔަކަށް ވުމެވެ.
ކޮމެންޓް (10)
ހޯހޯ އަހުމަދު
ސަހާދެއް
އަޅި އަލީ
ފަންވަތް ލިޔެ ކަރުގައި އަޅާ
މާބޮޑަށް އިނގެނީ
ޒަމީލު
ވޱގދހދބދހޖދ
ތެފައާސާ.
ޢަލީ
ޙަސަނާ