26 ފެބްރުއަރީ 2024: އެމްޑީޕީގެ 'މިސްރާބު ހަމަ މަގަމަށް' މަޖިލިސް ކެމްޕެއިން ލޯންޗުކުރުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

އެމްޑީޕީއަށް ބޮޑު ބައްޔެއް؛ ދެންވާނީ ކިހިނެއް؟

މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައިވުމާ އެކު، ރާއްޖޭގައި ޗެކްއެންޑް ބެލެންސް ސިސްޓަމެއް ގާއިމުކޮށް ރައްޔިތުންނަށް ހިދުތަމްކުރަން ބޭނުން ނަމަ، ޒިންމާދާރު އިދިކޮޅެއް ބޭނުންވާނެ

ފުޓްބޯޅައިގައި ވަރަށް އާންމު އުސޫލެކެވެ. ހާއްސަކޮށް ބޮޑެތި މުބާރާތްތަކުން ޓީމު ބަލިވުމުން ކުޅުންތެރިންނާއި ޓީމު ކެޕްޓަންގެ ބަދަލުގައި އެ ޒިންމާ ގިނަ ފަހަރަށް އުފުލާތަން ފެންނަނީ ޓީމުގެ ކޯޗެވެ. މެޗު ކުޅޭ އިރު ކޯޗު ހުންނަނީ ދަނޑުން ބޭރުގަ އެވެ. މެޗު ކުޅެނީ ކުޅުންތެރިންނެވެ. އެކަމަކު އިސްތިއުފާ ދޭން މި ޖެހެނީ' ނޫނީ އިސްތިއުފާ ދެނީ ޓީމުގެ ކޯޗެވެ. އެއީ އެކަން ވާން ވެސް ޖެހޭ ގޮތެވެ. އެހެނީ ޓީމު ދަނޑުގައި މެޗު ކުޅޭ އިރު ހުސް ތަން ނޫނީ ބާގަނޑުތައް ފާހަގަކުރެވޭނީ ކޯޗަށް ކަމަށް ވާތީ އެވެ. ދަނޑުމަތީގައި ކުޅުންތެރިން މެޗު ކުޅެމުންދާ އިރު ކުޅުންތެރިނަށް މުޅި ދަނޑެއް ނުފެންނާނެ އެވެ. އެ ކުޅުންތެރިއަކަށް ފެންނާނީ އެ ކުޅުންތެރިއެއްގެ މަގާމެވެ. އަދި ޓީމު ކުރިއަށް ކުޅެ، ފަހަތަށް ފައިބާން ޖެހޭ ފަދަ ދަނޑިވަޅުތަކުގައި އެކަމަށް އިރުޝާދޭ މީހަކީ ކޯޗެވެ.

ސިޔާސީ ކަންކަމަކީ ވެސް އެފަދަ ކަމެކެވެ. ޓީމަށް އިރުޝާދު ދޭނީ ޓީމުގެ ކޯޗެވެ. އެއީ ސިޔާސީ ޕާޓީއެއް ނަމަ އެ ޕާޓީއެއްގެ ލީޑަރެވެ. ނޫނީ ލީޑަރުންނެވެ. 

ސުވާލަކީ ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގައި އެ މަގާމު ފުރުއްވީ ކޮން ބޭފުޅެއްތޯ އެވެ؟ ނޫނީ ކޮން ބޭފުޅުންނެއްތޯ އެވެ؟ އަޅުގަނޑުގެ ނަޒަރުގައި އެ ކެމްޕޭންގައި ވެސް އެ މަގާމު، ފުރުއްވީ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތް، ކުރީގެ ރައީސް އަދި އެ ޕާޓީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވަނީ ކެމްޕޭން ލީޑް ކުރައްވައި، ސަޕޯޓަރުންނަށް ވަރުގަދަ މެސެޖުތަކެއް ދެއްވައިފަ އެވެ.

26 ފެބްރުއަރީ 2024: އެމްޑީޕީގެ 'މިސްރާބު ހަމަ މަގަމަށް' މަޖިލިސް ކެމްޕެއިން ލޯންޗުކުރުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އެޕާޓީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ނަމަވެސް އެ މެސެޖުތަކަކީ އާންމުން ބަލައިގަތް މެސެޖުތަކެއްތޯ ނުވަތަ ނޫންތޯ އެއީ އެހެން ސުވާލެކެވެ. އަޅުގަނޑުގެ ނަޒަރުގައި އެ މެސެޖުތައް ރައްޔިތުން ބަލައެއް ނުގަތެވެ. ނަތީޖާއަކީ ވެސް އެއީ އެވެ. ސޯލިހަށް ވެސް ހީފުޅުވީ ޕީއެންސީގެ ސަރުކާރުގެ ކުރީކޮޅު ރައީސް މުއިއްޒު ކުރެއްވި ބައެއް ކަންތައްތަކުގެ ސަބަބުން ރައްޔިތުން  'ސަރުކާރު ކެންޑިޑޭޓަށް' ވޯޓު ނުދޭނެ ކަމަށެވެ. ހާއްސަކޮށް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ 'ދޮގު ވިއްކައިގެން' ކަމަށް ކުރާ ތުހުމަތާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް ނިންމުންތަކަށް ރައީސް މުއިއްޒު ބޯނުލެންބެވުން ފަދަ ކަންކަމުގެ ސަބަބުންނެވެ. އަދި ފަސް މިނިޓުން ދެވޭ ހިސާބުގައި ފ. މަގޫދޫގައި އެއާޕޯޓެއް އަޅައި ނިމެނިކޮށް، އެ މަޝްރޫއު ފަސްކޮށްލުމަށް ފަހު، ކޮއްކޮއަށްޓަކައި ނިލަންދޫގައި އެއާޕޯޓެއް އަޅުއްވަން މަސައްކަތް ފެއްޓެވުމުންނެވެ. 

އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ރައްޔިތުން ތިބީ ރައްޔިތުން ބަދަލުކުރި ސަރުކާރަށް ބާރު ދޭ ގޮތަށެވެ. ސަރުކާރުގެ ކުރީކޮޅު މަޖިލީހުގެ ތެރެއިން، މެޖޯރިޓީ ބޭނުންކޮށްގެން ކުރި ކަންކަން ވެސް ރައްޔިތުން ބަލައިގަތްހެނެއް ހިއެއް ނުވެ އެވެ. އޭގެ ތެރޭގައި ބައެއް ވަޒީރުނަށް ރުހުން ނުދިނުމާއި 20 ވަނަ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެ ނަމަ ރައީސް މުއިއްްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ރައީސް ބޭރުކުރާނެ ކަމަށް ދެއްކެވި ވާހަކަފުޅުތަކީ ވެސް ސިޔާސީ ބުރަދަނެއް ނެތި، ޖަޒުބާތުގައި ދެއްކެވި ވާހަކަތަކެެއްކަން މި އޮތީ ވޯޓުގެ ނަތީޖާއިން ފެންނާށެވެ. 

ޕީއެންސީއިން ވަނީ މަޖިލީހުގެ 66 ގޮނޑި ކާމިޔާބު ކުރުމުގެ އިތުރަށް އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންގެ ގިނަ ގޮނޑިތަކާއި އެ ޕާޓީއަށް މަދަދުވާ  ޕާޓީތަކުން ހޯދި މަދު ގޮނޑިކޮޅާ އެކު، 93 މެންބަރުންގެ މަޖިލީހުގެ 77 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅަށް ކިރިޔާ ވެސް ބަހެއް މަޖިލީހުގައި ބުނެލަން ތިބޭނީ ގިނަވެގެން 16 ވަރަކަށް މެންބަރުންނެވެ.

މަޖިލީސް އިންތިހާބުގައި ޖުމްލަ ވޯޓު ދިން 212,990 މީހުންގެ ތެރެއިން 101,123 މީހުންގެ ވޯޓު ނުވަތަ، ވޯޓު ދިން މީހުންގެ %47 މީހުން ވަނީ ޕީއެންސީ ކެންޑިޑޭޓުނަށް ވޯޓު ދީފަ އެވެ. އެމްޑީޕީ ކެންޑިޑޭޓުންނަށް ދީފައިވަނީ 65,486 މީހުންގެ ވޯޓު، ނޫނީ %31 ވޯޓެވެ. 

އެޕްރީލް 22، 204: ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުން (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ 30,935 މީހުންގެ ތާއީދު ނުވަތަ މުޅި ވޯޓުގެ %15 ތާއީދު ހޯދައިފަ އެވެ. އެ ޕަސެންޓޭޖުން ވޯޓުދިން މީހުން އެ ގޮތަށް ވޯޓުދިނީ ސިޔާސީ ޕާޓީތައް ދެކެ ވެފައިވާ ފޫހިންކަމަށް، އެއް ނަޒަރަކުން އަންދާޒާ ކުރެވިދާނެ އެވެ. އެހެނަސް އަމިއްލަ ގޮތުން ވާދަކުރެއްވި ގިނަ ކެންޑިޑޭޓުންނަކީ ޕީއެންސީއަށް ތާއީދުކުރި ކެންޑިޑޭޓުން ކަމަށް ސުވާލު އުފެއްދި ދާނެ އެވެ. އެއީ އެ ބޭފުޅުން އިންތިހާބަށް ފަހު ކަން ކުރެއްވި ގޮތުންނެވެ. ކޮޅު ބަދަލު ކުރެއްވުމުންނެވެ. މަސް ދާނީ ފެން އޮތް ތަނަކަށޭ ބުނާ އުސޫލުންނެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އެ ބޭފުޅުންނަށް ވޯޓުދިން މީހުން ވޯޓުދިނީ ޕާޓީތަކަށް ވޯޓު ދޭން ބޭނުން ނުވާތީ އެވެ. ކޮޅު ބަދަލު ކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެވެ.

ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ލިބުނަސް އެ ވޯޓުގެ ޖުމްލައަކީ ރިޔާސީ އިންތިހާބަށް ވުރެ ދަށް ނަތީޖާއެކެވެ. ރިޔާސީ އިންތިހާބުގައި ޖުމްލަ ވޯޓުދިން 239,027 މީހުންގެ %54 މީހުން ޕީއެންސީ ކެންޑިޑޭޓަށް ވޯޓުދިން އިރު، ނިމުނު އިންތިހާބުގައި އެ އަދަދު އުޅެނީ %47 ގަ އެވެ. މިއީ %7ގެ ދަށްވުމެކެވެ. ނަމަވެސް އެ ޕޮއިންޓަށް އިތުރަށް ޒުވާބުދޭކަށް އަޅުގަނޑު ނެތީމެވެ. 

ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ކުރަން ފެށި ފަހުން މި ބޭއްވި ހަތަރު އިންތިހާބުގެ ތެރެއިން ތިން އިންތިހާބުގައި ވެސް އެއް ކަމެއް އެބަ ތަކުރާރުވެ އެވެ. ވެރިކަން ބަދަލު ކުރަނީ، އެއް ކަމަކަށް ވެރިކަމުގައި ހުންނަ ބޭފުޅަކަށް ނޫނެކޭ ބުނަންވެގެންކަން އެނގެ އެވެ. ކޮންމެހެން އިދިކޮޅު ކެންޑިޑޭޓް ހުށަހަޅާ މާ މޮޅު މެނިފެސްޓޯއަކަށް ބަލައިގެނެއް ނޫނެވެ. އަދި އެ ވަގުތު ތިމަންނައަށް ލިބޭ، ލިބެން އޮންނަ އެއްޗަކަށް ބަލައިގެން ކަމެވެ.

ޕީއެންސީއަށް މަޖިލިސް އިންތިހާބުގައި ލިބުނު ސުޕަ މެޖޯރިޓީގެ ކާމިޔާބީފާހަގަ ކުރުމަށް އާޓިފިޝަލް ސަރަހައްދުގައި ބޭއްވި ހަވާ އެރުވުމުގެ ތެރެއިން

ރައީސް މުއިއްޒަށް ލިބިވަޑައިގަތް ސުޕާ މެޖޯރިޓީގެ ބޭނުންކުރާނެ ގޮތެއް އަދި ނޭނގެ އެވެ. އެކަން އެނގޭނީ އެ މަނިކުފާނުގެ ސަރުކާރުން ކުރިއަށް ހުރި ދުވަސްތަކުގައި ކަންކަން ކުރައްވާ ގޮތެއްގެ މައްޗަށެވެ. ނަމަވެސް 'ހައްދެއް ނެތް ބާރު ފަސާދަވަނީ ވެސް ހައްދެއް ނެތި' އެވެ. އެއީ މުއިއްޒަށް އޮތް ވަރަށް ބޮޑު ޓެސްޓެކެވެ. 

އިދިކޮޅު ލީޑަރަކަށް ވާނީ ކޮން ބޭފުޅެއް؟

ޕީޕީއެމް/ ޕީއެންސީ ނަގާފައި މި ވަގުތަށް އޮތް އެންމެ މެންބަރުން ގިނަ ބޮޑު ޕާޓީއަކީ އިދިކޮޅު އެމްޑީޕީ އެވެ. ނަމަވެސް ދެ އިންތިހާބުން ބަލިވުމަށް ފަހު، އެ ޕާޓީގެ ލީޑަޝިޕް އަދި ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. އެ ފުރުސަތު އެ ޕާޓީގެ ތެރެއިން އެންމެ ބޮޑީ، ޗެއާޕާސަން ފައްޔާޒު އިސްމާއީލަށެވެ. އެހެނީ ކުލަ ޖެހުން އެންމެ ކުޑަ ބޭފުޅަކީ އޭނާ ކަމަށް ވާތީ އެވެ.  ދެން އެ ގޮނޑިއަށް ފައި ނަންގަވާނެ އަނެއް ބޭފުޅަކަށް ވާނީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އޭނާއަކީ ޑީއާރުޕީން ވަޑައިގަތް ބޭފުޅަކަށް ވާތީ ގޮންޖެހުންތަކެއް ހުރެދާނެ އެވެ.

26 ފެބްރުއަރީ 2024: އެމްޑީޕީގެ 'މިސްރާބު ހަމަ މަގަމަށް' މަޖިލިސް ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންަވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/އެމްޑީޕީ)

ސޯލިހުގެ ސިޔާސީ ކުރިމަގު ބައްޓަން ކުރައްވާނެ ގޮތެއް އަދި ނޭނގެ އެވެ. އެނގޭ ކަމަކީ މަޖިލިސް އިންތިހާބަށް ފަހު، އެމަނިކުފާނު ބަސްފުޅެއް ވިދާޅުނުވާ ކަމެވެ. އިހުތިޔާރު ކުރެއްވީ ހަނު ހުންނެވުމެވެ.

އަޅުގަނޑުގެ ނަޒަރުގައި އެމްޑީޕީއަށް ގެއްލުނު ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގެ ޒިންމާ ޔަގީނުން ވެސް އުފުލަން ޖެހޭ ފަރާތަކީ ފުރަތަމަ އެ ޕާޓީ އެވެ. އެއަށް ފަހު ސޯލިހެވެ. އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި އިތުރު ބޭފުޅަކު އެ ޒިންމާ އުފުއްލަވާކަށް ނުޖެހެ އެވެ. އެއީ އެ ދެ އިންތިހާބު ވެސް ލީޑް ކުރެއްވީ ރައީސް ސޯލިހު ކަމަށް ވާތީ އެވެ. އެހެން ކަމާ އެކު އެކަމުގެ ޒިންމާ ވެސް ނަންގަވަން ޖެހޭނީ އެމަނިކުފާނެވެ. ފަހަރެއްގައި ވެސް ފައްޔާޒު އާއި ޝާހިދެއް ނޫނެވެ

ޕާޓީގެ ހިންގުމުގެ އެންމެ އިސް ފަރާތަކީ ފައްޔާޒު ކަމަށް ވިއަސް، އެ ލީޑަޝިޕް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އޭނާގެ އަތްމައްޗަށް ދޫކޮށްލާފައި އޮތް ތަނެއް ނުފެނެ އެވެ. ފަހަރުގައި އެ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ރަނގަޅު ގޮތަކީ ސޯލިހުގެ ލީޑަޝިޕްގެ ދަށުގައި ޕާޓީ އަދި އޮތުންކަމަށް އެ ބޭފުޅުންނަށް ގަބޫލުކުރެއްވޭތީ ކަމަށް ވެދާނެ އެވެ.

ދެން އޮތް އަނެއް ސުވާލީ ފައްޔާޒާއި ޝާހިދު ޕާޓީގެ ލީޑަޝިޕުން އެއްފަރާތް ވެެއްޖެ ނަމަ، އެ މަގާމު އަދާކުރެވޭނެ، ޕާޓީ ހިންގޭނެ އިތުރު ބޭފުޅަކީ ނުވަތަ ބޭފުޅުންނަކީ ކޮބައިކަން ނޭނގުމެވެ. ތެދެކެވެ. ގޮޅި ހުސްވެއްޖެ ނަމަ އެ ގޮޅި ފުރާނެ ބަޔަކު ތިބެދާނެ އެވެ. އެހެނަސް ވަކިން ރަނގަޅު އެ ނޫން ގޮތެއް އޮތް ތަނެއް ވަކި ނުފެނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޑިމޮކްރެޓިކްސް ޕާޓީ، އެ މަނިކުފާނު 'ގުރުބާން' ކުރެއްވީ ވެސް އެމްޑީޕީގެ ލީޑަޝިޕާ ދޭތެރޭ އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުންނެވެ. އާ ޕާޓީއެއް އުފެއްދުމަކީ އެޅުނު ޅައެއްޗެއް ކަމަށް ފަހަރުގައި ވިސްނިވަޑައިގަތީ ކަމަށް ވެސް ވެދާނެ އެވެ. އެނގޭ ކަމަކީ، ނަޝީދުގެ މޫވްއާ އެކު، ނިމޭ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެންމެ ވަރުގަދަ ޕާލަމެންޓޭރިއަނުން ބޮކި ވެސް ޖަހާނުލައި ގެނބުނު ކަމެވެ. އެއީ ޑިމޮކްރަސީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ އެވެ. ނަމަވެސް އެމްޑީޕީ ގަންބާލުމަށް ނަޝީދަށް އެ ގޮތް ވެސް ރަނގަޅު ކަަމަށް އެ މަނިކުފާނުގެ އަމަލުތަކުން ދޭހަވެ އެވެ. ނަމަވެސް އެމްޑީޕީގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ޕާޓީއަށް ރިޔާސީ އިންތިހާބު ނުލިބުނީ ސޯލިހަށް ނަޝީދު ތާއީދުނުކުރެއްވުމުންނެވެ. އެހެން ކަމާ އެކު އެ ޕާޓީގެ އިސް ސަފުގެ ބޭފުޅުން އެ ފުރުސަތު ނަޝީދަށް އަނބުރާ ދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. 

ދެހާސްތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި ނަޝީދާއި ޔާމީން ސަލާމް ކުރައްވަނީ (ފައިލް ފޮޓޯ)

ރިޔާސީ އިންތިހާބުގައި ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކަށް ފުރުސަތެއް ނުލިބުނެވެ. އެހެން ކަމާ އެކު' ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފު، ޑިމޮކްރެޓްސްއާ އެއް މިންގަނޑަކުން އަޅުގަނޑު ނުމިނަމެވެ. އެހެނީ އެ ޕާޓީން ރަސްމީކޮށް އެއްވެސް ގޮނޑިއަކަށް ވާދަކުރުމުގެ ފުރުސަތު ނުލިބުމުގެ އިތުރަށް، ވޯޓުލާން 48 ގަޑިއިރަށް ވަގުތު ކުޑަތަންވީ އިރު ވެސް އެ މަނިކުފާނު ހުންނެވީ ހައްޔަރުގައި ކަމަށް ވުމުންނެވެ.  

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައިވުމާ އެކު، ރާއްޖޭގައި ޗެކް އެންޑް ބެލެންސް ސިސްޓަމެެއް ގާއިމުކޮށް ރައްޔިތުންނަށް ހިދުތަމް ކުރަން ބޭނުން ނަމަ ރަނގަޅު އިދިކޮޅެއް އޮންނަން ޖެހެ އެވެ. އެ މަސްއޫލިއްޔަތު އުފުލާނީ ކޮން ބޭފުޅެއް/ ކޮން ޕާޓީއަކުންތޯ އެވެ؟  އުންމީދު ކުރަނީ އެކަން ކައިރި މުސްތަގުބަލެއްގައި އެނގި ފާޅުވާނެ ކަމަށެވެ.

ކޮމެންޓް (2)

މަރުދުރު

30 އޭޕްރީލު 2024
ދެން ނަޝީދު ކިތަންމެ ފުއްޕިއަސް، އޭނާގެ ސިޔާސީ ހަޔާތް ޒަމާންގަނޑަކަށް އެ ދިޔައީ ގެއްލިގެންނެވެ. ޖަޒުބާތު ކުރިއަށް ނެރޭތީ ކަމަށް ވެދާނެ އެވެ. އޭނާގެ ސިޔާސީ ހަޔާތް ދެން ޖެހޭނީ ކަފުން ކުރާށެވެ. ފުރުސަތު އޮތީ އެމްޑީޕީ އިން ނުކުންނަ ލީޑަރަކަށް ނުވަތަ ޔާމީން އަށެވެ.
3 2

ޚާދިމް

30 އޭޕްރީލު 2024
ދިވެހިންނަށް ވިއްކީ ފައިސާ. ދިވެހިން ގަތީ ފައިސާ
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް