ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހުންނަ ހައިވަކަރު މަގުގެ ބޮޑު ބައެއް ވަނީ ޕާކިންއަށް ނަގާފައި (ފޮޓޯ/ދައުރު)

ހުޅުމާލެ

ސިފައިންނާއި ފުލުހުންނަށް ގެދޮރު ދިނަސް މި މަގު ދީގެން ނުވާނެ

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާފައިވާ ފްލެޓް ސަރަހައްދުގެ އެއް މަގުގެ އެއް ފަޅި ކަހަލަ ގޮތަކަށް ޕާކިންއަށް ވަނީ ހުސްކޮށްފައި
28 އޭޕްރީލު 2024
17

މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑަށް، ނުދަންނަ މީހެއްގެ، ފޯނު ކޯލެއް އަ އެވެ. އޭނާ ފުރަތަމަ ވެސް އެހީ 'މީގެ އަހަރުތަކެއް ކުރިން މުންނާރު ކައިރީގައި ހިނގި އެކްސިޑެންޓް ހަނދާން ހުރިތޯ' އެވެ.

އާނއެކެވެ. ހަނދާން އެބަ ހުއްޓެވެ. އެއީ 1990ގެ އަހަރުތަކުގެ ކުރީކޮޅެވެ. ރޭގަނޑު ދަންވަރު ސައިކަލް އެކްސިޑެންޓް ހިނގީ އެ ސަރަހައްދުގެ މަގު ހެދިއިރު މުންނާރު ކައިރިން މަގަށް މާ ބޮޑު ބައެއް ނެރެފައި ހުރުމުންނެވެ. މުންނާރު ވައްކޮށް ހުންނަ އިރު އެ ބައި އޮތީ މަގަށް ސީދަލަށް ވާ ގޮތަށެވެ. އެއްޗެއް ދުއްވާފައި ދާއިރު މުންނާރު ކައިރިން މަގަށް ސީދާކުރަން އުޅެފި ނަމަ އެބައިގައި ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެރޭ ސައިކަލް ދުއްވީ އޭރު މާލޭގައި ބޮޑެތި ސައިކަލް ގެންގުޅުނު މަދު މީހުންގެ ތެރެއިން އެކެކެވެ. ބާރު ސްޕީޑްގައި ދިޔަ ސައިކަލް ޖެހުނީ މަގަށް ނުކުމެފައި އޮތް ބައިގަ އެވެ. ވެއްޓި އޭނާ ވަގުތުން މަރުވީ އެވެ.

މި ނުރައްކާތެރި އެކްސިޑެންޓަށް ފަހު އެތަންކޮޅު ސީދަލަށް ބެހެއްޓުމުގެ ބަދަލުގައި ވައްކޮށްލި އެވެ.

އަޅުގަނޑަށް ފޯންކުރި މީހާ ބުނީ ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާފައި ހުރި ފްލެޓްތައް ކައިރީގައި ވެސް ދުވާރު ހަދާފައި ހުރީ އެގޮތަށް ކަމަށެވެ. ނުރައްކާތެރި އެކްސިޑެންޓެއް ކޮންމެ ވަގުތަކު ވެސް ހިނގާފާނެ ކަމަށް ވެސް ބުންޏެވެ. އޭނާ އެދުނީ 'މޫސަ ގޮސް ބަލާލައިފައި އެއްޗެއް ލިޔެދޭށޭ' އެވެ.

މި ފޮޓޯގައި އެވަނީ ފުލުހުންގެ ފްލެޓްތައް ސައިމާ ހިނގުމަށް ނިމޭ ކޮޅުގެ ދުވާރު މާ ބޮޑަށް މަގުމައްޗަށް ނެެރެފައި އޮތް ތަން (ފޮޓޯ/ދައުރު)
މިއީ ޕާކިންއަށް ހުސްކުރާ ސަރަހައްދުގައި ހުރެފައި ދުވާރު ނިމޭ ކޮޅަށް ބަލައިލުމުން ފެންނަ ގޮތް (ފޮޓޯ/ދައުރު)

އަޅުގަނޑު ދިޔައިމެވެ. އެކަމަކު ހައިވަކަރު މަގުގެ ގާތްގަނޑަކަށް މެދާ ހިސާބަށް ދާވަރަށް ފުޅާކޮށް ދުވާރު ހަދާފައި ވަނީ އެ މަގަށް ވާ ގޮތަށް ބޮޑު ޕާކިން ޒޯނެއް ނަގާތީ އެވެ. މިއީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ހިސާބެއްގައި މިހާތަނަށް ހަދާ އެންމެ ބޮޑު ޕާކިން ޒޯނެވެ.

ފުލުހުންނާއި ސިފައިންނަށް ޖުމްލަ ހަ ޓަވަރު ވަނީ އިމާރަތްކޮށްފަ އެވެ. މީހުންނަށް ވަދެވޭ ވަރަށް ތަން ނިންމަން 10 އަހަރަށް ވުރެ ގިނަ ދުވަސް ނެގި އެވެ. މިއީ ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ސަރުކާރުން ދިން އެންމެ ބޮޑު ބޯހިޔާވަހިކަމެވެ.

އިއްޔެ އޮތް ސިފައިންގެ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ދިވެހި ސިފައިންނަށް އުފާވެރި ހަބަރެއް ދެއްވި އެވެ. އެއީ ދިގު މުއްދަތެއްގައި ސިފައިންގެ ތެރޭގައި ހިދުމަތްކޮށް، ރިޓަޔަކުރާ ހިސާބަށް ދިއުމުން ގެދޮރު މިލްކުކުރެވޭނެ ނިޒާމެއް ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާކަމުގެ ހަބަރެވެ.

ސިފައިންނާއި ފުލުހުންނަށް ގެދޮރު ދެވިދާނެ އެވެ. ނުދޭންވީ ހައިވަކަރު މަގު ކަހަލަ ބޮޑު މަގެކެވެ. އެކަމަކު މިހާރު މި އޮތީ އެ މަގު ވެސް ދީފަ އެވެ. ސިފައިންގެ ފްލެޓްތައް ކައިރީގައި ކާރު ޕާކްކުރަނީ ވެސް ހުރަހަށެވެ. މާނައަކީ ހުރަހަށް ކާރު ޕާކްކުރެވޭ ވަރަށް ޕާކިން ޒޯން ބޮޑުކޮށްފައި އޮތުމެވެ.

ހައިވަކަރު މަގުގެ ހުޅަނގު ފަރާތުގައި ހުރީ އިންޑަސްޓްރިއަލް ޒޯނުގެ ބިންތައް. މިއީ ކުލި ދައްކައިގެން ކުންފުނިތަކުން ބޭނުންކުރާ ބިންތަކެއް (ފޮޓޯ/ދައުރު)

ފްލެޓްތައް ކުރިމަތީގައި އެ އޮތީ ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯން އެވެ. ބޮޑެތި ކުންފުނިތަކުގެ ގުދަންތަކެވެ. ބޮޑެތި ވެހިކަލްތައް އާންމުކޮށް ދުއްވާ ހަދާ ހިސާބެކެވެ. އެޗުޑީސީއަށް އާމްދަނީ ލިބޭ އެންމެ މުހިންމު ބަޔަކީ އެ ސަރަހައްދުގައި ހުރި ބޮޑެތި ބިންތަކުން ދައްކާ ކުއްޔެވެ.

ވިޔަފާރީގެ ހަރަކާތްތަކަށް ހާއްސަ ސަރަހައްދަކަށް ވެސް ވުމާ އެކު މަގުތަކުގެ ޖާގަ ވަރަށް މުހިންމެވެ. އެހެންކަމުން ސިފައިންނާއި ފުލުހުންގެ ކާރުތައް ހުރަހަށް ހުރަސްކުރެވޭ ވަރަށް ޕާކިން ޒޯން ނެގުމަކީ، ވަކި ބަޔަކަށްޓަކައި އެހެން މީހުންގެ މަތިން ހަނދާން ނައްތާލުން ކަމަށް ބަލަމާ ހިނގާށެވެ. 

ހުޅުމާލޭގެ އާބާދީ އާއި ވިޔަފާރީގެ ހަރަކާތްތައް ވެސް ދަނީ ބޮޑުވަމުންނެވެ. މަގެއްގައި ހަދާ ޕާކިން ޒޯނަށް ވެސް ޖާގަ ދޭންވާނީ ކުރިމަގުގައި ކުރިމަތިވާނެ އުނދަގޫތަކަށް ވެސް ވިސްނައިފަ އެވެ. އެއީ ސިފައިންނާއި ފުލުހުންނަށްޓަކައި އާދަޔާ ހިލާފު ގޮތަކަށް ބައްޓަންކޮށްގެންވާނެ ކަމެއް ނޫނެވެ. ފުލުހުންނާއި ސިފައިންނަށް ވެސް މަގުގެ ހައްގު އޮންނަން ޖެހޭނީ އާންމު އެހެން މީހުންނެކޭ އެއްގޮތަށެވެ. މިހާރު ވެސް ސަލާމަތީ ބާރުތަކުގެ މީހުންނަށް ދައުލަތުން ކުރާ ހޭދަ އާންމު އެހެން ފަރުދުންނަށް ވުރެ ބޮޑެވެ. މިސާލަކަށް ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ދީފައި އެހުރީ އާންމުންނަށް ފްލެޓް ދޭ އަގަށް ވުރެ މާ ކުޑަކޮށެވެ.

ހުޅުމާލޭގެ މި ސަރަހައްދުގެ މަގުތައް ބޮޑުކޮށް ހަދާފައި ހުރީ އިންޑަސްޓްރިއަލް ޒޯނަކަށް ވަތީ ދަތުރުފަތުރަށް ފަސޭހައަކަށް (ފޮޓޯ/ދައުރު)

މިކަހަލަ އެތައް ބައިވަރު އިނާޔަތްތަކެއް ސިފައިންނާއި ފުލުހުންނަށް ދީގެން ބަޔަކު މައްސަލައެއް ނުޖައްސަ އެވެ. އެކަމަކު ހައިވަކަރު މަގު މި ގޮތަށް ދެންޏާ އޭގައި ޝަކުވާ ހުންނާނެ އެވެ. ފުލުހުންނާއި ސިފައިންގެ އަމިއްލަ ކާރުތައް ޕާކްކުރަން، އާންމު އެހެން މީހުން ފަދައިން، ހުޅުމާލޭގެ އެކި ހިސާބުތަކުން ހުސް ޖާގަ ހޯދަންވީ އެވެ. އެއީ މުހިންމު ބޮޑު މަގަކުން ބޮޑު ޖާގައެއް ދީގެން ހަމަޖައްސަން ޖެހޭ އިންތިޒާމެއް ނޫނެވެ.

އަޅުގަނޑަށް ފޯނުކުރި މީހާ ކަންބޮޑުވީ ދުވާރުގެ ނިމޭ ކޮޅު މާ ބޮޑަށް މަގަށް ނެރެފައި އޮތުމުންނެވެ. އަޅުގަނޑު ގޮސް ބެލުމުން އެނގުނީ އެގޮތަށް ފުޅާވެފައި އެ އޮތީ ޕާކިން ޒޯން ބޮޑުކުރާތީ ކަމެވެ. އެކަމަކު ބޭއިންސާފު އުސޫލެއްގެ ތެރެއިންނެވެ. 

ކޮމެންޓް (17)

profile-image-placeholder

މޫސަބެއާ

29 އޭޕްރީލު 2024
ތިޔަމަގުގެ ނިމޭކޮޅު ނުފެނުނީތޯ އަދުން ހުސޭނައް ވިޔަފާރިކުރަން ދީފައިވާ ސަރަހައްދު. އެބައިވެސް ހަބަރެއްގަ ލިޔަން ކެރޭ މީހަކު ނެއް

ކަޕި

29 އޭޕްރީލު 2024
ތީ މާލޭ މަގުތައް ޕާރކިންގ އަށް ވިއްކީމަ. އެޗް.ޑީ.ސީ އިން އެގޮތައް ވިއްކަން ހަދާފައި ހުރި ތަންތަން، ސިފައިނާއި ފުލުހުނަށް ހާއްސަ ތަނެއް ނޫން ސިފައިންގެ ފުލެޓް ތިރީގައި ހު ޕާރކިންތައްވެސް ތިތަނާއި ހެދި ބުލޮކް ވާނެ

ޢިއްސެ

29 އޭޕްރީލު 2024
މީހަކު ޚަބަރެއް ޖަހާއިރަށް މޮޔަނުވެބަލަ ތިމަގު ހަދައިގެން އުޅެނީ އެޗްޑީސީ ތިމަގު ތިހެން ހަދައިގެން އެންމެ އުނދަގޫ ވަނީވެސް ތިފުލެޓްގައި ދިރިއުޅޭ މީހުންނަށް، ތިތާ މަގުމަތީގައި ޕާކު ކޮށްފަ ހުރި ހުރިހާ ވެހިކަލަކީ ސިފައިންނާ ފުލުހުން ބޭނުންކުރާ ވެހިކަލެއް ނޫން… ސެކިއުރިޓީ ޒޯނެއްވީމަ ގިނަބަޔަކު ބަލަނީ އެމީހުންގެ ވެހިކަލު ބާއްވަން.. ބަޔަކު މޭކަރައިގެން އުޅެނީ

އާލަމް

28 އޭޕްރީލު 2024
ހަދަންވި ގޮތަކީ އެތަނުން ޖާގައެއް ހުސްވާއިރަށް ކޮންމެމީހަކުވެސް އެތާގަ ޕާރކް ކުރަންވީ ވަކި އެމީހުންނަކަށް އެކަނި އެތަންބޭނުން ކުރެވިގެން ނުވާނެ

އަހުމަދު55

28 އޭޕްރީލު 2024
@އާލަމް ހަދަންވީ ގޮތަކީ ހަސަދަވެރިކަމުން ސަލާމަތްވާންވީ އެއީ ބައްޔެއް ބުރޯ

ޙުއްތު

29 އޭޕްރީލު 2024
@އަހުމަދު55 ޙުޅުމާލެ އެހެން ސަރަހައްދު ތަކުގައިވެސް ކާރުޕާކު ކޮށްފައި އެބަހުރި، ކާރު ނާގާފަ ދަނީ ޒޯނުގަ ސައިކަލު ހުރަހަށް ބަހައްޓާފަ

އާލަމް

28 އޭޕްރީލު 2024
ތިޔަވާހަކަ ދެން ދައްކާނެކަމެއްނެތް މިޤައުމުގައި ތިޔަބަޔެއްގެ ޝާމިލްނުވާ އެއްކަމެއްނެތް ނުޤަވައިދުން ދުއްވާ ކާރުތަށް ނަހަމަ ޑޮލަރުވިއްކުން މަސާޖުޕާލާތަކުގެ ހިއްސާ ސައްޙަނޫން މީހުންއެތެރެކުރުން ބަންގާޅިންގެ ހުރިހާ ވިޔަފާރިއެއްގެ ހިމާޔަތުގަ މިހެންގޮސް ކިޔާނެކަމެއްނެތް

ޔޫނޯ

28 އޭޕްރީލު 2024
ކުއްޔަދިނަސް އޯކޭ ،އެ ބޮޱު މަގުގަ އެމީހުންގެ ކާރުތަކާ ހެދި ދުއްވޭ ވަރެއް ނޫން؟ އެތާގެ ދިރިއުޅޭ މީހުންނަށް ދެ ފުލޯ ޕާކިންނަށް ދީފަ އޮންނަނީ. 10 ޖެނަރަލުންގެ ކާރު ވަންދަން 10 ގަރާޖު ދީފަ އިނީ.

ބެއްޔާގެ ދަރި

28 އޭޕްރީލު 2024
ތިޔަ މަގު ވެސް މެނޭޖްކުރަނީ ހަމަ އެޗްޑީސީން، ތިޔަތަނުން ސިފައިންނަށް ހާއްސަ ޕާކިން ދޭ ނަމަ އެއީ އެޗްޑީސީގެ މައްސަލައެއް. ހީވާ ގޮތުން ތިޔަ އިމާރާތްތައް ހުރީ ސައިކަލްތައް ޕާކްކުރެވޭ ގޮތަށް ޕާކިން އޭރިޔާއާ އެކު ހަދާފައި

ޢަލިފު ހާ

28 އޭޕްރީލު 2024
ތިޔަ މަގަކީ ސިފައިންނާ ފުލުހުނަށް ދީފައިވާ ތަނެއް ނޫން. ތިޔައީ އެޗް. ޑީ ސީ އިން ކުއްޔަށް ދޭ އެޗް. ސީ ގެ ލޮޓެއް. ޥަރަށް ސަލާން.

ވައި ޒެޑް

29 އޭޕްރީލު 2024
@ޢަލިފު ހާ ނޭންގޭ ވާހަކަ ނުދައްކާ. އެއީ ހަމަ ފުލުހުންނާ ސިފައިންގެ ވެހިކަލްތަކަށް ޕާކިން ދޭން ކޮށްގެން އުޅޭ ކަމެއް

އަހުމަދު55

28 އޭޕްރީލު 2024
ތީ އެޗުޑީސީއިން ސްލޮޓުވިއްކާގެން ލާރިހޯދަން ކޮއްގެން އުޅޭކަމެއް ކަމަށް ވަނީ. ދޮގުތެދު ބަލާފަ ހަބަރު ލިޔޭ

އާލަމް

28 އޭޕްރީލު 2024
@އަހުމަދު55 ތިޔަތަން ހަދަން އޯޑަރއައީ ކުރީސަރުކާރުން ވޯޓް ދުވަސްވަރު ތިޔަމަގު ހަދަންއުޅުނު އިސްމީހާއަށް ކުއްލި އޯޑަރއެއްއައީ ވިނަރެސް ޕުލެޓްތަކުގެ މަސައްކަތުގައި އުޅެނިކޮށް ދެން ވަގުތުން ތިޔަކަންފެށީ ބޮޑުމަގު ގެ އެއްފަޅި އެމީހުންނަށް ދިނުމަށް އޯޑަރއައީ ރައީސް އޮފިހުން އެނގިގެން މިބުނަނީ

ސިރާޖު

28 އޭޕްރީލު 2024
ރާއްޖެ މީ ސުރަސްމީ މިލިޓަރީ ސަރުކާރެއް ހިނގާ ތަނެއްކަން މޫސައަށް ނޭނގުނީ ތީ އަހަރެން ވަރަށް ދެރަވަން. އެކަން އެނގޭނަމަ އެގޭނެ އެމީހުން އާއްމުންނަށް ނުބަލާ އެމީހުން ހިތައްއެރި ގޮތަކަށް ހިތައްއެރި ކަމެއް ކުރާނެކަން

ކޮޕް ހަސަނު

28 އޭޕްރީލު 2024
މީ ނޫހަކުން ދެކެން ވަރަށް އުއްމީދު ކޮށްގެން ހުރި ހަބަރެއް. ދައުރު ނޫހަށް ބޮހޮތު ޝުކުރިއްޔާ

އެނީ

28 އޭޕްރީލު 2024
މި % ގެ ވާހަކައެއް. ބޮޑު ސިންގާ ފުޅާމަގެއްގެ ދެބައި ކޮށްފަ އެއްބައި ފުލުހުންނާއި ސިފައިން އެމީހުންގެ ކާރުތައް ޕާކު ކުރަން. މި ދުއްވާ މީހުންނަށް ބޮޑު އުދަގުލެއް. ފްލެޓްވެސް އެމީހުންނަށް، މަގުވެސް އެމީހުންނަށް، ޑަބަލް އިންސުއަރެންސް ވެސް އެމީހުންނަށް. ސާބަހޭ ޤައުމު

އާލަމް

28 އޭޕްރީލު 2024
@އެނީ ޑަބަލްއިންސުއަރެންސް ދީފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުންވެސް ނުދޭގޮތަށް! ޓްރީޓޮޕް އާއި އޭ.ޑީ.ކޭ ގެ ހުރިހާ ޚަރަދެއް ކަވަރކުރަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ސަރުކާރުން ދައްކާފައިސާއިން ސިފައިންނާއި ފުލުހުންގެ އާއިލާއެއްގައި މިހާރުނެތް ބޮޑުވާއިނގިލީގެ ހުޅުވެސް ބަދަލުނުކުރާ ކާކު މިވާހަކަ އަޑުއަހަނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް