ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޭރުގެ ކެންޑިޑޭޓް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކުގައި: މުޅި ޖަލްސާ ޒީނަތްތެރިކޮށްފައި އޮތީ ޕީޕީއެމްގެ ކުލައިން

ޕީޕީއެމް

ޕީޕީއެމް އެންމެ ފަހުން ސިޔާސީ ޖަނާޒާއާ ދިމާލަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމަށް ނިސްބަތްވާ އެންމެ މެމްބަރަކު ވެސް ނީންނާނެ. އޭގެ މާނައަކީ ޕީޕީއެމްގެ ދުވަސް ދިއުން
25 އޭޕްރީލު 2024
4

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ؛ ޕީޕީއެމަށް ދިރުމެއް ދޭކަށް ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅެއްނުވެ އެވެ.

ދެން ސަރުކާރުގެ ތެރެއިން، އެކި ފެންވަރުގެ ބޭފުޅުންގެ ރައްދުގެ ވާރޭ ވެހިގަތެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ؛ ޕީޕީއެމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަގީގަތާ ހިލާފު ވާހަކަ ދައްކަވާ ރައްޔިތުންގެ ނަފުރަތު މި ސަރުކާރަށް އަމާޒުކުރުވަން މަސައްކަތެއް ނުކުރައްވާނެ އެވެ.

ރައީސް މުއިއްޒުގެ އިސް މުޝީރު އަދި ކުރިން ޔާމީންގެ ސިޔާސީ އެކުވެރިޔާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ؛ ޕީޕީއެމަށް ދިރުން ލިބޭނެ ގޮތް އެނގިވަޑައިގަންނަވާނީ ޕާޓީގެ ލީޑަޝިޕަށެވެ.

އެއީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަތަކެވެ. ސަރުކާރު ފަޅިން ކެންޑިޑޭޓުން ނެރުނީ މުޅިން ވެސް ޕީއެންސީގެ ނަމުގަ އެވެ. އިންތިހާބު ނިމުނު އިރު ޕީއެންސީ 66 ގޮނޑި ކާމިޔާބުކުރި އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރުންގެ ތެރެއިން ފަހަރަކު ބޭފުޅަކު ގުޅެމުން ގޮސް މިއަދާ ހަމައަށް ޕީއެންސީގެ އަދަދު 73އަށް ވަނީ އަރައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރެއްވި ހަ މެމްބަރަކު އިއްޔެ ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު ރައީސް މުއިއްޒުއާ އެކު: މަޖިލިސްގައި ދެން އޮންނާނީ މުޅިން ވެސް ޕީއެންސީގެ ނަން (ފޮޓޯ/ ޕީއެންސީ)

ދެން ޕީޕީއެމްގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ކުރިއަށް އޮތީ އެ ޕާޓީގެ ނަން މަޑުމަޑުން ގެއްލެމުން ގޮސް، ޑީއާރުޕީގެ 'ޖަނާޒާ' އައި ގޮތަށް އެ ނިމުމާ ބައްދަލުކުރާ ދުވަހެވެ.

ޕީޕީއެމް ކަހަލަ ސިޔާސީ ވަރުގަދަ ޕާޓީއަކަށް މިކަހަލަ ނިމުމެއް އަންނަ ގޮތަށް ސިޔާސީ ހަރަކާތުގެ މިސްރާބު ބަދަލުވުމަކީ ހިތާމައެކެވެ. 

މިދިއަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ފަހަތުގައި ވިއްދައިގެން ތިބީ ޕީޕީއެމްގެ ސަޕޯޓަރުންނެވެ. ޕީޕީއެމްގެ ފިކުރުގައި ބަހުސްތަކާއި ޒުވާބުތަކާއި އަރައިރުން ވާން ވެސް ޖެހިލުމެއް ނެތް ހަރަކާތްތެރިންނެވެ. އެކަމަކު އެ އެންމެންގެ ރިޔާސީ ކެންޑިޑޭޓް ނިސްބަތްވެވަޑައިގަތީ، ޕީޕީއެމްގެ ކޯލިޝަންގެ ކުޑަ ޕާޓީ ޕީއެންސީއަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ހަމައަށް ޕީޕީއެމަކީ ސަރުކާރު ނިސްބަތްވާ މައިގަނޑު ޕާޓީ އެވެ. އެކަމަކު އާ ރައްޔިތުންގެ މަޖިލިހާ އެކު އެ ފެށެނީ ޕީއެންސީގެ ވެރިކަމެވެ.

މި ހުރިހާ މައްސަލައެއް މި ދިމާވީ އެންމެ ބޭފުޅެއްގެ ސަބަބުންނެވެ؛ ޔާމީން އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭނެކަން ކަށަވަރުވުމުން ވެސް ނުވަތަ އޭގެ ކުރިން ވިޔަސް، ޕީޕީއެމްގެ ފަރާތުން ރިޔާސީ އެހެން ކެންޑިޑޭޓަކަށް ފުރުސަތު ނުލިބުނީ އެމަނިކުފާނު އެގޮތުގައި ހުންނެވުމުންނެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ނަން ހިއްޕަވައިގެން ޖަލުގައި ހުންނަވާފައި، ޕީއެންސީގެ ކެންޑިޑޭޓެއް ނެރެން އިރުޝާދު ދެއްވީ ވެސް އެންމެ ފަހު ވަގުތު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލުކުރި ދުވަހު އެމަނިކުފާނުގެ ގޭދޮށަށް އޭރުގެ އިންތިހާބީ ރައީސް މުއިއްޒު ވަޑައިގެން ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މާލޭ މޭޔަރު މުއިއްޒުގެ ސިޔާސީ ވިސްނުންފުޅު ޔާމީނަށް ވުރެ އޭރު އޮތީ މާ ކުރީގަ އެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓް އެމަނިކުފާނު ހޯއްދެވީ ޕީޕީއެމް ދޫކުރައްވައި އެ ދުވަހު ހެނދުނު ޕީއެންސީގެ މެމްބަރަކަށް ވެވަޑައިގެން އެ ދުވަހު ހަވީރު އޮތް ޕީއެންސީގެ ސެނެޓް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.

އޭރު ވެސް ޔާމީންގެ އޮތީ، މައުލޫމާތު ހުރި ބައެއް ބޭފުޅުން އަޅުގަނޑު ގާތު ވިދާޅުވި ގޮތުގައި، ޕީއެންސީން އިންތިހާބުގައި ވާދަނުކުރުމުގެ ނިޔަތެކެވެ. އެކަމަކު އޭރު ޔާމީންގެ އަތްޕުޅުން އެ ބާރު ގެއްލިއްޖެ އެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އާއި މުއިއްޒު ތިއްބެވީ އެކައްޗެއް ކިޔުއްވައިގެންނެވެ. ޔަމީން ގަބޫލުފުޅުނުވިޔަސް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށައަޅުއްވަން ނިންމަވައިގެންނެވެ. މައުލޫމާތު ހުރި ބައެއް މީހުން ބުނި ގޮތުން ނަމަ، މުއިއްޒުގެ ކެންޑިޑޭސީ ފޯމު 6 އޮގަސްޓްގެ ރޭ ކޮމިޝަނަށް ވެއްދި އެވެ. ޖެހިގެން އައި 7 އޮގަސްޓްގެ ހެނދުނު އިންތިހާބީ މައި މަރުކަޒަށް ވަޑައިގެން ކުރެއްވި ކަމަކީ މީޑިއާގެ ކުރިމަތީގައި ފޮޓޯއެއް ނެންގެވުމެވެ.

އާއެނކެވެ؛ އޭގެ ފަހުން މުޅި ކެމްޕެއިން ބިނާކުރެއްވީ ޕީޕީއެމްގެ މައްޗަށެވެ. ޔާމީނަށްޓަކައި ހުސް ގޮނޑި ވެސް ބެހެއްޓި އެވެ. އެކަމަކު ޔާމީންގެ ފަރާތްޕުޅުން ސަޕޯޓެއް ހޯއްދެއްވުމަށް ވުރެ ބޮޑަށް ރައީސް މުއިއްޒަށް ރަނގަޅުވާނީ ހުސް ގޮނޑީގެ ފޮޓޯއާ އެކު ޔާމީން ވެސް ދޫކޮށްލެއްވުންކަން، ޖަލުން ގެއަށް ޔާމީން ބަދަލުކުރި ދުވަހު އެނގިވަޑައިގަތެވެ. އެ ދުވަހުގެ ފޮޓޯތަކާއި ވީޑިއޯތަކަށް ނަޒަރެއް ހިންގާލާށެވެ. އިންތިހާބީ ރައީސަށް ވުރެ ބޮޑަށް ޔާމީން ސަމާލުކަން ދެއްވީ އެތަނުން ފެނިވަޑައިގެންނެވި އެހެން މީހުންނަށެވެ.

އެ 'އަޅާނުލެއްވުމު'ގެ ނަތީޖާއަކީ ޕީޕީއެމަށް ވުރެ ބޮޑަށް ޕީއެންސީ އައިގެން ކުރިއަށް ވަޑައިގަތުން ރަނގަޅުކަމަށް ރައީސް މުއިއްޒަށް ގަބޫލުފުޅުކުރެއްވުމެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނުގެ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރަނީ: މިހާރު އުފަލެއް އޮތް ކަމެއް ނޫން

އެކަމަކު ޕީޕީއެމްގެ މާ ބޮޑު ބޭނުމެއް ރައީސް މުއިއްޒަކަށް މިހާރަކު ނެތެވެ. އަދި ރައީސް ޔާމީނަށް އެ ޕާޓީ އަލުން ލިބިވަޑައިގަންނަވާނެ މަގެއް ވެސް ނެތް މެ އެވެ. އެކަން އެނގިވަޑައިގެން އަމިއްލަފުޅު ޕާޓީއެއް އެ ވަނީ އުފައްދަވައިފަ އެވެ.

ޕީއެންސީއަކީ 2018ގެ ރިޔާސީ އިންތިހާބުން ބަލިވުމާ އެކު ޔާމީނަށް ޕީޕީއެމް ގެއްލުމުގެ ފުރުސަތު އޮތުމުން އަވަހަށް އުފެއްދެވި ޕާޓީއެކެވެ. ޔާމީނަށް އެ ބިރު އޮތީ އެމަނިކުފާނުގެ ވެރިކަމުގައި، އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބާރުގެ ދަށުން ޕީޕީއެމް އަތުލެއްވުނީ ޝަރުއީ މަރުހަލާގެ ތެރެއިން ކަމަށް ވެފައި، އާ ވެރިކަމުގައި އަނެއްކާ މައުމޫނަށް ޕީޕީއެމްގެ ބާރު ހިނގައިދާނެތީ އެވެ. އެކަމަކު އެހެން ނުވުމުން ދެ ޕާޓީ އެކުއެކުގައި، 'ޔާމީންގެ ކުޑައިގެ ދަށުން' އައީ ހިންގަމުންނެވެ.

މިހާރު މިއީ ސިޔާސީ ގޮތުން އެހެން ދުވަހެކެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ނުކުތް ނަތީޖާއަކީ ޕީޕީއެމްގެ ބޭނުން ކެނޑުމެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ދެން އިވޭނީ މުޅިން ވެސް ޕީއެންސީގެ ނަމެވެ. އެހެންކަމުން މިހާރު ޕީޕީއެމްގައި ތިބި 31،000 މެމްބަރުން ވެސް ކުރިއަށް އޮތް ތަނުގައި ބަދަލުވާނީ ޕީއެންސީއަށް ކަމަށް ބަލަމާ ހިނގާށެވެ. ޕީޕީއެމަށް ދެން އޮންނާނީ ހަމައެކަނި ނަމަކާއި ހުސް ތޮށިގަނޑެކެވެ.

ސިޔާސީ އެކުވެރިކަން އޮތް ދުވަސްވަރު ޔާމީނާއި އަބްދުއްރަހީމް އަބްދުﷲ: ޔާމީން ގަބޫލުފުޅުނުވިޔަސް ރިޔާސީ އިންތިހާބަށް ޕީޕީއެމް/ޕީއެންސީން ކެންޑިޑޭޓެއް ނެރެން އަބްދުއްރަހީމް ހުންނެވީ ނިންމައިގެން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ނެތެމުން ދާ ގޮތުގެ ރަނގަޅު މިސާލެކެވެ. މި ހިތާމަވެރި ނިމުމާ ބޮޑެތި ޕާޓީތަކުން ކުރިމަތިލަނީ ޕާޓީއަށް ވުރެ ވަކި މީހަކު އިސްކޮށް، އެ މީހަކަށްޓަކައި ޕާޓީ ގުރުބާންކުރާތީ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ހޯއްދެވީ ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް އެ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް އަސާސީ ގަވާއިދަށް ކުއްލި ބަދަލެއް ގެނެސްގެންނެވެ. ޕީޕީއެމް/ޕީއެންސީގެ ގުޅިފައިވާ ސެނެޓުން އެ ބަދަލު ފާސްކުރަން އޮތް ބައްދަލުވުން ނިމުމުން ބޭރަށް ނުކުމެވަޑައިގެން އެއް ބޭފުޅަކު ވިދާޅުވި ކަމަށް ވަނީ ޔާމީން ބޭނުންފުޅުވި ގޮތަށް ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުން ނަމަ ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް 'ފެލާލީ' އެވެ.

އެ ބޭފުޅާ ވަނީ ނިމިދިއަ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވައި، އެ ގޮނޑި ވެސް ކާމިޔާބުކުރައްވައިފަ އެވެ. ޕީޕީއެމްގެ ކުރިމަގު 'ފެލާލެއްވި' ލީޑަރުގެ ބަދަލުގައި އެ މެމްބަރުގެ ކުރިމަތީގައި ހުންނެވީ އާ ރައީސް މުއިއްޒެވެ. އަދި ހިމާޔަތްކުރަން މިހާރު އޮތީ ޕީއެންސީ އެވެ.

ކޮމެންޓް (4)

profile-image-placeholder

ކޮބާ

27 އޭޕްރީލު 2024
ޕީޕީއެމް ފިކުރަކީ މިހެން އުފެދި ކުޑަވެ ބޮޑުވަމުންދާ އެއްޗެއް. އެމީހުންނަށް ވަކި ކުލައަކާއި ޕާޓީގެ ނަމެއް މުހިއްމެއް ނޫން. އެކަމަކު ލިޔުންތެރިޔާއަށް ވެސް އެނގޭނެ އެމްޑީޕީއަށް މިހެން ދިމާނުވާކަން

ޙަސީ

26 އޭޕްރީލު 2024
އާއެނކެވެ؛ އޭގެ ފަހުން މުޅި ކެމްޕެއިން ބިނާކުރެއްވީ ޕީޕީއެމްގެ މައްޗަށެވެ. ޔާމީނަށްޓަކައި ހުސް ގޮނޑި ވެސް ބެހެއްޓި އެވެ. އެކަމަކު ޔާމީންގެ ފަރާތްޕުޅުން ސަޕޯޓެއް ހޯއްދެއްވުމަށް ވުރެ ބޮޑަށް ރައީސް މުއިއްޒަށް ރަނގަޅުވާނީ ހުސް ގޮނޑީގެ ފޮޓޯއާ އެކު ޔާމީން ވެސް ދޫކޮށްލެއްވުންކަން، ޖަލުން ގެއަށް ޔާމީން ބަދަލުކުރި ދުވަހު އެނގިވަޑައިގަތެވެ. އެ ދުވަހުގެ ފޮޓޯތަކާއި ވީޑިއޯތަކަށް ނަޒަރެއް ހިންގާލާށެވެ. އިންތިހާބީ ރައީސަށް ވުރެ ބޮޑަށް ޔާމީން ސަމާލުކަން ދެއްވީ އެތަނުން ފެނިވަޑައިގެންނެވި އެހެން މީހުންނަށެވެ.

ސިކުނޑި

26 އޭޕްރީލު 2024
މިއީ މިހާރު އަހަރުމެން ކިޔައި ބައުވެފައި އޮތް ޅެމެކެވެ. މިކަމަކުގެ އަސްލަށް ރުޖޫޢަވާއިރު ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިކަން މިހެންވަނީ ހަގީގަތުގައިވެސް ޕާޓީއަށްވުރެ ވަކި މީހަކު އިސްކުރާތީއެވެ. ސިޔާސީ މީހުންވެސް އެކްޓިވިސްޓުންވެސް އަބަދުވެސް އިސްކުރަނީ ވެރިކަމަށް އަންނަ މީހާއެވެ. އެއީ ނަހަމަ ފައިދާއެއް ހޯދުމުގެ ނިޔަތުގައެވެ. އާޚިރު ނަތީޖާއަކީ، އަމިއްލަޔަށް ފޭހުނު އިލޮށި ލޮލަށް ހެރުމެވެ. ލިޔުންތެރިޔާގެ ދުރުމީގެ ފޯކަސް ބަދަލުކޮށްފިއްޔާ ފެންނާނީ ރައީސް އިބޫއެވެ. އެއީ މުއީޒަށް ދާދި އަވަހަށް އަންނާން އޮތް ދުވަހެކެވެ. އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެއެވެ. ޑިމޮކްރަސީއައި ސިޔާސީ ކަންކަމަށް ދިވެހިން ބާވެއްޖެ އެހެނަސް މައުމޫނު ވިދާޅުވާހެން ހަމަ ހަރާމްކޯރީ!

ޙަސަނާ

25 އޭޕްރީލު 2024
ފެލާލީ އޭ ބުނި ބޭފުޅާގެ ނަމަކީ ކޮބާ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް