އެމެރިކާގެ ސްކޫލެއްގައި ބަޑި ޖަހާ ހަތަރު ކުދިން މަރާލި ކުޑަކުއްޖާ އީތަން ކްރަމްބްލީގެ މަންމަ ޖެނިފާ ކްރަމްބްލީ އާއި ބައްޕަ ޖޭމްސް ކްރަމްބްލީ، ހުކުމް އިއްވުމުގެ ޝަރީއަތުގައި
މިކަމުގައި ދިވެހިން ނަމޫނާއަކަށް ދެން ނަގަންވީ އެމެރިކާ
އެމެރިކާގެ އިޖުތިމާއީ މައްސަލަތަކުގެ ހާލަތު އެނގޭ މީހުންނަށް ވެސް، މި ފަހުން އެ ގައުމުގައި ކުރި ދެ ޝަރީއަތަކުން ހައިރާންކަން ގެނެސްދިނެވެ. އެއީ މީގެ ކުރިން އެމެރިކާގައި ފެނުނު މަންޒަރެއް ނޫނެވެ. އެކަމަކު ބަޑި ބޭނުންކޮށްގެން މީހުން މެރުމުގެ ނުރައްކާ ބޮޑު އެމެރިކާގައި ކުޑަކުދިން ވެސް އެ އަނިޔާވެރިކަމުގެ ތެރެއަށް ވަންނަ ވަނުމުގައި ބެލެނިވެރިން ޒިންމާކުރުވުން ނޫން ގޮތެއް ދެން ނެތްކަން އެނގުނީ އެވެ.
މައްސަލައިގެ ހުލާސާ: އުމުރުން 15 އަހަރުގެ އީތަން ކްރަމްބްލީގެ އަހުލާގީ/ނަފުސާނީ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އޭނާގެ ބައްޕަ ޖޭމްސް ކްރަމްބްލީ އާއި މަންމަ ޖެނިފާ ކްރަމްބްލީ، 21 ނޮވެމްބަރު 2021ގައި ސްކޫލަށް ހާޒިރުކުރި އެވެ. އެމެރިކާގެ މިޝިގަން ސްޓޭޓްގެ ޑެޓްރޮއިޓްގައި ހުންނަ އެ ސްކޫލަށް ބެލެނިވެރިން ގެންގޮސް ކައުންސިލަރަކު ވާހަކަ ދެއްކީ ޓީޗަރަކަށް އެ ދުވަހު އީތަންގެ އަތުން ފެނުނު ކުރެހުމަކާ ގުޅިގެންނެވެ. އޭގައި ކުރަހާފައި އޮތީ ބަޑި އާއި ވަޒަންތަކެވެ. ލިއެފައި ވަނީ 'ހުރިހާ ތަނެއްގައި ލެޔެވެ. އެ ހިޔާލުން އަހަރެން ސަލާމަތެއް ނުވި އެވެ. އެހީތެރިކަން ބޭނުމެވެ،" މިހެންނެވެ.
ކައުންސިލަރު ދެއްކި ވާހަކަތަކަށް އަޅާލުމެއް ނެތި މަންމަ އާއި ބައްޕަ އެދުނީ އީތަން ސްކޫލްގައި ބަހައްޓާށެވެ. އެމީހުން މަސައްކަތަށް ދާން ޖެހޭތީ ވީހާވެސް އަވަހަކަށް ސްކޫލުން ނުކުންނަން އެ މީހުން ތިބީ ބޭނުންވެފަ އެވެ.
ސްކޫލްގެ މުވައްޒަފުންނާއި މައިންބަފައިންނަށް ވެސް އެދުވަހު ނުކުރެވުނު ކަމަކީ، އީތަންގެ ދަބަސް ބަލައިފާސްކުރުމެވެ.
އެ ދަބަހުގައި އޭރު ބަޑިއެއް އޮތެވެ.
އީތަން ދިޔައީ ކްލާހަށެވެ. އޭގެ ފަހުން ސްކޫލް ތެރޭގައި ވަކި ގޮތެއް ނުބަލައި ބަޑިން ހަމަލާދިނެވެ. ހަތަރު ދަރިވަރަކު މަރުވެ، ހަތް ދަރިވަރަކު ޒަހަމްވި އެވެ.
އީތަން ވަނީ މައާފު ނުލިބޭ ގޮތަށް އުމުރަށް ޖަލަށް ލައިފަ އެވެ. ޖޭމްސް އާއި ޖެނިފާގެ ވަކި ދެ ޝަރީއަތެއް އޮތެވެ. ދެ ޝަރީއަތުގައި ވެސް އެ ދެ މީހުންނަށް ޒިންމާއިން ރެކެވޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން މި މަހު 8 ވަނަ ދުވަހު ދެ މީހުން ވަނީ 10 އާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. ދިހަ އަހަރު ފަހުން މައާފު ލިބޭތޯ ހުށައެޅުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު މައާފު ނުލިބިއްޖެ ނަމަ 15 އަހަރު ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ.
ގާތިލަކަށް އީތަން ބަދަލުވުމުގައި ޖޭމްސް އާއި ޖެނިފާގެ ޒިންމާ އޮތް ކަން ޝަރީއަތަށް ވަރަށް ބޮޑަށް ސާބިތުވި އެވެ. އެއް ކަމަކީ އީތަންގެ ނަފުސާނީ މައްސަލަ ހުރިކަމާއި އޭނާއަށް ފަރުވާ ބޭނުންވާ ކަމަށް ދަރިފުޅު ތަކުރާރުކޮށް ބުނަމުން ދިޔައިރު ވެސް އަޅާނުލުމެވެ. އޭނާގެ ނަފުސާނީ މައްސަލަތައް އެނގޭ ގޮތަށް، ފޮތެއްގައި ލިއަމުން އަ އެވެ. މި ހާލަތުގައި ދަރިފުޅު ހުއްޓާ އޭނާއަށް ހަދިޔާއަކަށް ޖޭމްސް ގަނެދިނީ ބަޑިއެކެވެ. ސްކޫލްގައި ހަމަލާދިނީ އެ ބަޑި ބޭނުންކޮށްގެންނެވެ.
އީތަންގެ ފޮތުން އެނގުނީ ބަޑި ޖަހައި މީހުން މަރަން އޭނާ ރާވަމުން އައި ކަމެވެ.
"އަހަންނަށް އެހީތެރިވުމާ ބެހޭ އެއްވެސް ކަމެއްގައި މައިންބަފައިން އަޑެއް ނާހަ އެވެ،" އީތަން ލިއުނެވެ.
ހަމަލާގައި މަރުވި ހަތަރު ކުދިންގެ މަރުގެ ޒިންމާ ވަކިވަކިން ނަގަން ޖެހޭ ކަމަށް ބުނެ ދައުލަތުގެ ވަކީލުން ވަނީ ޖޭމްސް އާއި ޖެނިފާގެ މައްޗަށް ދައުވާކޮށްފަ އެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އަނިޔާވެރި އަމަލެއް ހިންގަފާނެކަމުގެ ނިޝާންތައް ދަރިފުޅުގެ ކިބައިން ފެނުނު އިރު ވެސް މައިންބަފައިން ކުރި ކަމަކީ ހަތިޔާރު ލިބޭ ގޮތް ހެދުމެވެ.
ބަޑި ގަނެދިނީ ބައްޕަ އެވެ. ހަމަލާގެ ދުވަސްކޮޅެއް ކުރިން އެ ބަޑި ހިފައިގެން ބަޑި ޖަހާ ތަނަކަށް އީތަން ގޮވައިގެން ދިޔައީ މަންމަ އެވެ. ދައުލަތުގެ ވަކީލުން ބުނާ ގޮތުގައި އެއީ އެފަހަރުގެ ކްރިސްމަސްގެ ހަދިޔާއަކަށް އީތަންއަށް ދިން ބަޑިއެކެވެ.
ރާއްޖޭގައި ބަޑިއެއް ނުގެންގުޅެ އެވެ. އެކަމަކު ވަޅި އާއި ކަތިވަޅި އާއި ބޮޑެތި މަރުތެޔޮ ލިބެން ހުރެ އެވެ. އެ އެއްޗެހި ބޭނުންކޮށްގެން ކުޑަކުދިން ވަނީ މީހުން މަރާފަ އެވެ. އޭގެ ތެރެއިން އެއް މިސާލަކީ 31 ޖުލައި 2017ގައި މަރާލި މުހައްމަދު އަނަސް އެވެ. އޭނާއަށް ވަޅިން ހަމަލާދިނުމުގައި އިސްކޮށް ހުރީ ކުޑަކުއްޖެކެވެ. އެ ކުށް ސާބިތުވެ 18 އަހަރަށް ޖަލަށް ލާން ވެސް އޮތީ ހުކުމްކޮށްފަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ އަދަބު 10 އަހަރަށް ލުއިކޮށްދީފަ އެވެ.
ސުވާލަކީ އެ ލުއި ދިނީ ކީއްވެގެން ހެއްޔެވެ؟ ޔަގީނުން ވެސް އިންތިހާބާ ދިމާކޮށް އެ ކުއްޖާގެ އާއިލާގެ ވޯޓު ހޯދުމުގެ ނިޔަތް އޮންނާނެ އެވެ. ސިޔާސީ މީހުން އަބަދުވެސް ތިބެނީ އެކަހަލަ 'ހިތްހެޔޮކަން' ދައްކަން ތައްޔާރުވެގެންނެވެ. މައިންބަފައިން ދުވަނީ ކުށްވެރި ދަރިން އަވަހަށް ސަލާމަތްކުރާށެވެ. ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ނަމަވެސް، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ނަމަވެސް މެ އެވެ.
މީހަކު މަރާ ހިސާބަށް ކުޑަކުއްޖެއްގެ އަމަލްތައް ދާނީ އެއް ދުވަހަކުންނެއް ނޫނެވެ. މައިންބަފައިން ތިބި ކުއްޖެއް ނަމަ އެމީހުންނަށް އެކަން އެނގޭނެ އެވެ. އެހެންކަމުން މިކަހަލަ ބޮޑެތި މައްސަލަތަކުގައި މައިންބަފައިން ޒިންމާކުރެވޭނެ ގޮތަށް ހަދަން އެބަ ޖެހެ އެވެ. ދަރިންނަށް އަޅާނުލައި އުޅޭ މައިންބަފައިންނާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކެއް ވެސް ހުންނަން ޖެހޭނެ އެވެ.
ކުޑަކުދިން ކުށުގެ ތެރެއަށް ވަންނަން ފުރުސަތު ލިބެނީ ތަރުބިއްޔަތުގައި މައްސަލަތައް ހުރެގެން ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. ބުލީކުރާ ކުދިންގެ އަމަލްތަކަށް މައިންބަފައިންނާ ހަމައިން ފިޔަވަޅު ނޭޅޭ ނަމަ، ދަރިފުޅަށް އެ ދެނީ އެހެން ކުށްތަކަށް އަރައިގަންނަން ވެސް މިނިވަންކަމެވެ. ކުޑަ ކުށެއް ކަމަށް ބަލައިގެން ތިއްބައި، ދެން ވަންނަނީ ކުށުގެ ވެއްޓަށެވެ. އެއީ އެހެން މީހުންނާ މެދު އޮންނަން ޖެހޭ ކުލުނާއި ލޯބިން ކުދިން ދުރުކޮށް، ހިތްހަރުކޮށްލާ މާހައުލެވެ.
އެމެރިކާގައި ބަޑި ގެންގުޅުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެކެވެ. އެކަމަކު ކުޑަކުއްޖަކަށް ބަޑި ހޯދައިދީ، އެ ބަޑި ބޭނުންކުރެވޭނެ ފުރުސަތު ދިން މަންމަ އާއި ބައްޕަ އެ ތިބީ ދަަރިފުޅުގެ އަމަލަށް ޒިންމާކުރުވައިފަ އެވެ. އެމެރިކާގައި މުޅިން އާ ކަމެކެވެ. ނަމަވެސް އެއީ ރަނގަޅު ފެށުމެއް ކަމަށް، އެމެރިކާގެ ތަޖުރިބާކާރުން އެއްބަސްވެ އެވެ.
ރާއްޖޭގައި ކުޑަކުދިންގެ ފަރާތުން ނުރައްކާތެރި ކުށްތައް ތަކުރާރުކޮށް ފެންނަ އިރު މިހާރު މި އޮތީ އެމެރިކާއިން ނަމޫނާ ނަގަން ޖެހިފަ އެވެ. އާއެނކެވެ. ވަކި ކަހަލަ ކުށްތަކުގައި މައިންބަފައިން ޒިންމާނުކޮށް ތިބެން މިހާރު ހެޔޮނުވާނެ އެވެ. އެއަށް ވުރެ މި މުޖުތަމައުގެ އަނިޔާވެރިކަން މި އޮތީ ބޮޑުވެ އެވެ.
ކޮމެންޓް (4)
ފެރީނިޒާމް
މެކްބުކް
އިސްމާލު
ޢާދަމް